ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި ސްޓްރޯބެރީ ފޮށިތަކެއް ވިއްކަން ބަހައްޓާފައި: މީގެ ފޮށްޓެއް މިހާރު 15-20 ރުފިޔާ އަށް ލިބޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
27 ޑިސެމްބަރ 2016 - 15:17
ސްޓްރޯބެރީ އާއި ކާބޯތަކެތީގެ ބައެއް ބާވަތްތައް މިސްރުން ގެންނަން ފެށުމުން، އެ ވައްތަރުތައް ރާއްޖޭގެ ބާޒާރުގައި ތިޔާގިވެ، ވަރަށް ބޮޑަށް އަގު ހެޔޮވެއްޖެ އެވެ.
ހާއްސަކޮށް، ސްޓްރޯބެރީ ވަނީ އާދަޔާ ހިލާފަށް އާއްމުވެފަ އެވެ. ކުރިން 70 ރުފިޔާ އަށް ލިބުނު ސްޓްރޯބެރީ ފޮށްޓެއް ބާޒާރުމަތީގެ ގިނަ ފިހާރަތަކުން މިއަދު 20 ރުފިޔާ އަށް ގަންނަން ލިބެ އެވެ. އިމާދުއްދީން ސްކޫލު ކުރިމަތިން ވާ ގޮތަށް އޮންނަ ބިމުގައި ވިޔަފާރިވެރިންގެ ޖަމިއްޔާ އިން ހިންގާ މާރުކޭޓުގައި އެ ވަރުގެ ފޮށްޓެއް 15 ރުފިޔާ އަށް ވެސް ވިއްކަ އެވެ.
އާއްމުކޮށް ރާއްޖެ އަށް މިސްރުން އެތެރެކުރާ ސްޓްރޯބެރީ ތިޔާގިވެ، އަގު ވެއްޓިފައި މި ވަނީ، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، މިއީ މިސްރުގައި ސްޓްރޯބެރީގެ މޫސުން ކަމަށް ވާތީ އެވެ. މީގެ މަހެއްހާ ދުވަސް ކުރިން ފެށުނު މޫސުން ކުރިއަށް އޮތް ދެ މަަސްދުވަހަށް ދެމިގެން ދާނެ ކަމަށް އެ ފަރާތްތަކުން ބުންޏެވެ.
"ހޯލްސޭލްކޮށް، ދެ ކިލޯ ބައިގެ ކޭހެއް މިހާރު އެބަ ލިބޭ 150 [ރުފިޔާ] އަށް. ކޮންމެ ކޭހެއްގައި އެބަ އިނދޭ 10 ފޮށި،" ވިޔަފާރިވެރިޔަކު ބުންޏެވެ.
ލޯކަލް މާރުކޭޓުގެ ގޮޅިއެއްގައި ސްޓްރޯބެރީ ފޮށިތަކެއް ވިއްކަން ބަހައްޓާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ ކުރިން ވެސް ރާއްޖެ އަށް ސްޓްރޯބެރީ އެތެރެ ކުރަނީ މިސްރުން ކަަމަށް ވިޔަސް، މިހާ ބައިވަރު އެއްފަހަރާ ގެނެސްފައެއް ނުވެ އެވެ. އޭގެ ސަބަބަކީ ރަނގަޅު ސަޕްލަޔަރަކު ނުލިބުމެވެ. އެކަމަކު، މިިސްރުގެ ރައްޔިތަކު މެދުވެރިގެން މި ފަހަރު ސްޓްރޯބެރީ އެތެރެ ކުރަން ފެށުމުން، މިހާރު ކޮންމެ ދުވަހަކުހެން އެ ގައުމުން ސްޓޮކް އާދެ އެވެ.
- ދުނިޔޭގެ ހަވަނަ އަށް އެންމެ ގިނައިން ސްޓްރޯބެރީ ހައްދާ އަދި އެކްސްޕޯޓް ކުރާ ގައުމު
- 5،700 އަށް ވުރެ ބޮޑު ހެކްޓަރުގެ ބިމުގައި ސްޓްރޯބެރީ ހައްދާ
- އާއްމުކޮށް ހައްދަނީ އުތުރުގެ ސަރަހައްދުތަކުގައި
- ސްޓްރޯބެރީގެ މޫސުމަކީ ނޮވެމްބަރުން މާޗު މަހާ ދެމެދު
- ކޮންމެ މޫސުމަކު 255،000 ޓަނަށް ވުރެ ގިނަ އިން ހައްދާ
- އަހަރަކު 37،000 ޓަނަށް ވުރެ ގިނަ އިން އެކްސްޕޯޓް ކުރޭ
- އެންމެ ގިނަ އިން އެކްސްޕޯޓް ކުރަނީ ސައުދީ، ނެދަލެންޑަސް، އިނގިރޭސިވިލާތް އަދި ބެލްޖިއަމަށް
ކާބޯތަކެތީގެ ވައްތަރުތައް ރާއްޖެ އަށް އާއްމުކޮށް އެތެރެ ކުރާ އިންޑިއާ އިން ވެސް ކޮންމެވެސް ވަރަކަށް ސްޓްރޯބެރީ ގެނެ އެވެ. އެކަމަކު، އިންޑިއާ އިން އެހާ ގިނައެއްކޮށް ސްޓްރޯބެރީ ނުލިބެ އެވެ. މިސްރަކީ ޔޫރަޕަށް ވެސް އެންމެ ގިނަ އަދަދަކަށް ސްޓްރޯބެރީ ބޭރު ކުރާ އެއް ގައުމަށް ވާތީ، ދިވެހި ވިޔަފާރިވެރިންނަށް ވެސް މި ވަނީ ރަނުގެ ފުރުސަތެއް ލިބިފަ އެވެ.
"ކޮލިޓީގެ ގޮތުން ވެސް އެންމެ ރަނގަޅު ފެންވަރުގެ އެއްޗެހި މިއީ،" ރާއްޖެ އަށް ސްޓްރޯބެރީ އެތެރެ ކުރާ ކުންފުނިން ހޯލްސޭލްކޮށް ނަގާ ހަތަރު ދިވެހި ފަރާތުގެ ތެރޭގައި ހިމެނޭ އެކަކު މިއަދު ބުންޏެވެ.
ލޯކަލް މާރުކޭޓުގައި މީހަކު ލެޓިއުސް ބޮނޑިއެއް ގަންނަނީ: ލެޓިއުސް އާއި އެހެން ބައެއް ކާބޯތަކެތީގެ ވައްތަރުތައް ވެސް މިހާރު ވަނީ މިސްރުން ގެންނަން ފަށާފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުރި އަށް އޮތް ދެ މަސްދުވަހު ވެސް ރާއްޖޭގެ ބާޒާރުގައި ސްޓްރޯބެރީ މިހާ ތިޔާގި ވާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަދި އެހެން ބައެއް ވައްތަރުތަކުގެ ތަރުކާރީ އާއި މޭވާ އަދި ފަލަމަޑީގެ ބާވަތްތައް ވެސް މިސްރުން އެތެރެ ކުރަން މިހާރު ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ފޭރާއި މެންޑްރިން އާއި ވެލެންސިއާ އޮރެންޖު (އޮށް ނުހުންނަ ވައްތަރުގެ އޮރަންޖު) އާއި ކެބެޖާއި ބޮރޮކޮލީ އާއި ލެޓިއުސް އަދި ކައްޓަލަ ހިމެނެ އެވެ.
އަވަށްޓެރި އިންޑިއާ ފަދަ ގައުމުތަކުން އާއްމުކޮށް އެތެރެކުރާ އެ ބާވަތްތައް މިސްރުން ވެސް ގެންނަން ފެށުމުން، ބާޒާރުގައި އެ ތަކެތި ވަނީ ތިޔާގިވެފަ އެވެ. ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކުރިން 80-90 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކިލޯ ކިރައިގެން ވިއްކާ ބައެއް ބާވަތްތަކުގެ އަގު މިހާރު ވަނީ އެވްރެޖުކޮށް ކިލޯއެއް 50 ރުފިޔާ އަށް ތިރިވެފަ އެވެ.
"އިންޑިއާ އިން ގެންނަ އިރު ވަރަށް ބައިވަރު ވައްތަރުތައް އެއްކޮށް ގެންނާތީ ކޮލިޓީގެ މައްސަލަ އެބަ ދިމާވޭ. މިސްރުން މި ގެންނަނީ ހަމައެކަނި މި ވައްތަރުތައް. އެހެންވީމަ، ކޮލިޓީ މާ ރަނގަޅު ވާނެ،" ކުރިން ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.
މީގެ ކުރިން ހާއްސަ ދުވަސް ދުވަހު ނުވަތަ ވަކި މުނާސަބަތުތަކުގައި އެކަނި ކައި އުޅުނު ސްޓްރޯބެރީ މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން އަންނަނީ ބޭނުން ކުރަމުންނެވެ. ފޮނި ކާތަކެތި ތައްޔާރުކުރުމުން ފެށިގެން ބަނޑުކެއުމަށް ވެސް ސްޓްރޯބެރީގެ ބޭނުން ހިފަ އެވެ. ފޭސްބުކާއި އިންސްޓަގްރާމް ފަދަ ސޯޝަލް ނެޓްވޯކުތަކަށް ވެސް ދިވެހިން އަންނަނީ ސްޓްރޯބެރީގެ ފޮޓޯތައް ލަމުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި "ދިވެހި ހެދިކާ އަށް ވުރެ ވެސް ސްޓްރޯބެރީގެ އަގު މި ވަނީ ހެޔޮވެފަ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު
29 December 2016
http://www.webmd.com/hepatitis/news/20160909/strawberries-hepatitis-outbreak މީ ކިހާ ވަރެއްގެ ތެދެއްބާ؟ ނޫނީ މިސުރުން ސްޓްރޯބެރީސް ގަދައަށް އެކްސްޕޯޓު ކުރާތީ އެކަމާ ހުޅނަގުގެ ޤައުމުތަކުން ޖައްސާލައިގެން ހިންގާ ކެމްޕޭނެއް ނޫން ބާވައޭ ވެސް ހިތަށް އަރާ އެބަ!
އަރީހާ
28 December 2016
މޭބިސްކަދުރު ތިގޮތައް ގެންނަން ފަށައިފިއްޔާ ބަނގުރާ ކައްކަން ފަށާފާނެ.
ޑެބުގިން
28 December 2016
ރަދީފް އެބުނީ ތެދެއް..ކޮންމެވެސް ބަޔަކު ގްރޭޕްސް އަގުހެޔޮށް ވިއްކަން ވެއްޖެ..
ވިސްނާ
28 December 2016
ތިކެމިކަލްތައް ނުޖަހާ ދިވެހި ދަނޑުވެރިންނަށްވެސް މިހާރު ދަނޑު ހެއްދޭކަމަކަށްނުވޭ. ދިވެހިން ދޮންކެޔޮ ދޮންކުރަން ދަޅިގަނޑަށް ފާހާނާ ދޮންނަފުޅިވެސް އަޅާ. ނެޗުރަލް ގަސްކާނާ އެކަނި ބޭނުންކުރަންވީ.
ނުރަބޯ
28 December 2016
ނުވާނެތިކަމެއް ދިވެހިވިޔަފާރިވެރިންނަކީ، މާލޭގައި ހިނގި ފެނުގެ ކާރިސާ އަށްފަހު ފެންފުޅިތަށް ފޮރުވައިގެން އަގުބޮޑުކޮށް ވިއްކިމީހުނެއްނު.....؟؟؟
ރަދީފް
28 December 2016
ކޮންމެވެސް ސަޕްލަޔަރަކު މެދުވެރިވެގެން މިގޮތަށް ގްރޭޕްސް (މޭބިސްކަދުރު)ގެ އަގު ހެޔޮވެއްޖެނަމަ ވަރަށް އުފާވާނެ. ވެދުން
އަމީން
28 December 2016
ދިވެހިން ކީއްވެ ކުންނާރު އެކްސްޕޯޓް ނުކުރަނީ.
އައިންތު
29 December 2016
މިއުޅެނީ ދިވެހިން ކާވަރަށް ވެސް ކުންނާރު ދިވެހިރާއްޖޭގައި ނުހެއްދިގެން ،ކިހިނެއް އެކްސްޕޯރޓް ކުރާނީ
ނަވާރަ
28 December 2016
މި ރެޓުން ދާނަމަ ދިވެހިން ސްޓްރޯބެރީ އަޝާރަ ޙަދާނެ. %100 ގެރޭ.
ވިހި
28 December 2016
ހައްހައްހާ، އަސާރަ ކިޔަން ނޭންގެންޔާ، ޖޭމް ހަދާނެ އޭ ލިޔުން ނަމަ، އަޝާރަ ނުޖަހާ. ހައްހައްހާ
ނޯނެމް
28 December 2016
އަޅޭ. މަ ބޭނުން މިސްރުގެ ސްޓްރޯބެރީ ދަނޑަކަށް ދާން.
ޗަންޕާ
28 December 2016
މަ ގެންގޮސްދީފާނަން. މަށަށް ގުޅާ. ނޫނީ ގެއަށް ޖައްސާލަ، ކުއްޖަކު ފިޮނުވިޔަސް ރަނގަޅުވާނެ ޕާސްޕޯޓް ދީފަ
މިނާން
28 December 2016
އަމިއްލަ ދަނޑެއް ހައްދަބަ ދޯ!!!
ސްޓޯބެރީ
28 December 2016
އަގުވެއްޓުނީމަ ދޯ އަހަރމެންނަށް ކެވޭނީ