ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އަސްލަމް: އޭނާ ވަނީ ރައީސްގެ ދެ ވަނަ ދައުރަކަށް ތާއީދު ކުރައްވާފައި. -- ފޮޓޯ | ރައީސް އޮފީސް
14 ޖޫން 2022 - 12:47
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަވާނެ ކަމަށް ބެލެވޭ ސިޔާސީ ލީޑަރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވައި ހެޔޮވެރިކަމެއް ކުރެއްވޭނެ، އަހުދު މަތީގައި ދެމިހުންނެވޭނެ ވެރިއަކު ނެތް ކަމަށް ވިދާޅުވެ، ދެ ވަނަ ދައުރަކަށް އެ މަނިކުފާނަށް ތާއީދުކުރައްވާ ކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު އިއުލާންކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ވާދަކުރައްވާނެ ކަން އިއުލާންކުރެއްވީ މިދިޔަ ހަފުތާގަ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް ވެރިކަން ލިބޭނެ އަދި ގައުމަށް ވެސް އެންމެ ރަނގަޅު ގޮތަކީ ކޯލިޝަނަކާ އެކު އެ މަނިކުފާނު ދެ ވަނަ ދައުރަކަށް ނުކުންނެވުމެވެ.
ކެބިނެޓުގެ ވަޒީރުން މިއަދު ރައީސް އެންޑޯސްކުރައްވަން ފެއްޓެވުމުން އަސްލަމް "މިހާރު" އަށް ވިދާޅުވީ އެމްޑީޕީން އިންތިހާބަށް ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ތެރެއިން ވެސް އޭނާގެ ތާއީދު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށެވެ.
އެމްޑީޕީން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ދެން އިއުލާންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަނީ އަސާސީ ގަވާއިދުގައި އޮންނަ އުސޫލުން ކަމަށާއި ރައީސް ވާދަކުރައްވައި ކާމިޔާބީ ހޯއްދަވާނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެތެރޭގެ އިންތިހާބުގެ ކުރިން ވެސް 2023 ގައި ރައީސަށް ތާއީދުކުރައްވަން ނިންމެވީ ގައުމަށް ފައިދާ ހުރި ސަބަބުތަކެއް ހުރުމުން ކަމަށް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ކުރެއްވި ވެރިކަން މި ގައުމުގައި އިޔާދަވާކަށް އޭނާ ބޭނުން ނުވާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމާ އެކު ޔާމީން މިނިވަންވެފައި ހުންނެވުމުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ މިހާރު ބެލެވޭ ގޮތުގައި ޔާމީން ކަމަށާއި އެ މަނިކުފާނު ދެން ވެސް ބަލިކޮށްލެވޭނީ ސިޔާސީ ކަންކަމުގެ އިސް ސަފުން މިހާރު ފެންނަ ސިޔާސީ ލީޑަރުންނަށް ބަލާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އަޅުގަނޑު ބައިވެރިވާ ދެ ވަނަ ވެރިކަން މިއީ، ވަރަށް ގިނަ ކަންކަން ފެނިއްޖެ، ތަޖުރިބާތަކެއް ކުރެވިއްޖެ. ވާދަވެރި އިންތިހާބުތައް ބާއްވަން ފެށި ފަހުން، އެންމެ އަނިޔާވެރިކޮށް، މީހުން އެ މީހަކު ދެކެ އެންމެ ބިރު ގަންނަ ވެރިކަމެއް ކުރެއްވީ ރައީސް ޔާމީން. އަޅުގަނޑު ދެކެން ބޭނުންވާ ދުވަހެއް ނޫން، ރައީސް ޔާމީން އަނބުރާ މި ރާއްޖޭގެ ވެރިކަމަށް އައުމަކީ،" އަސްލަމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު އަސްލަމް ނޫސަްވެރިންނާ ވާހަކަ ދައްކަވަނީ.
ޔާމީން މިހާރު ވެސް އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ދައްކަވަމުން ގެންދާ ވާހަކައަކީ، އަސްލަމް ވިދާޅުވި ގޮތުގައި، "ގިނަ މީހުންތަކެއް ޖަލަށް ލާ" ވާހަކަ އާއި "ޖަލުތައް ބޮޑުކުރަންޖެހޭ" ވާހަކަ އެވެ. އެފަދަ ބަދަލު ހިފުމުގެ ރޫހަކާ އެކު އަންނަ ވެރިކަމަކުން ރައްޔިތުންނާއި ގައުމަށް ކުރާނެ ފައިދާއެއް ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސަށް ތާއީދު ކުރައްވާ މައިގަނޑު ސަބަބެއްގެ ގޮތުގައި އަސްލަމް ދެއްކެވީ މި ވެރިކަމަށް އުފެއްދި ކޯލިޝަން ދެމެހެއްޓެވުމެވެ. މިއީ، ރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ވެރިކަން ފެށުނު ފަހުން ހުރިހާ އިންތިހާބެއް ވެސް ޕާޓީތައް އެކުވެގެން ކާމިޔާބުކޮށް ވެރިކަން ފަށައި، އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ރައީސް ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތީ ވެސް ކޯލިޝަނެއް ހައްދަވައި އެއްބަސްކިޔައިގެން. ރައީސް ޔާމީނަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ އެ ގޮތަށް. ރައީސް ސޯލިހަށް ވެސް ވެރިކަމަށް ވަޑައިގެންނެވުނީ އެ ގޮތަށް. މިހާތަނަށް ކާމިޔާބު ކަމާއެކު ކޯލިޝަން ހިންގެވުނީ ރައީސް ސޯލިހަށް،" އަސްލަމް ވިދާޅުވި އެވެ.
އިންތިހާބު ދުވަސްވަރު ކޯލިޝަން ޕާޓީތަކަށް އަހުދެއްވެ، ދެމިހުންނެވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށާއި އެހެން ބޭފުޅަކަށް އެކަމެއް ނުކުރެއްވުނު ކަމަށް ތަކުރާރުކޮށް އަސްލަމް ވިދާޅުވި އެވެ. އޭގެ މާނައަކީ ކޯލިޝަން ހެއްދެވި ބޭފުޅުންނަށް ވެސް އެ މަނިކުފާނަށް 2023 ގައި ވެސް އިތުބާރު ކުރެއްވޭނެ ކަން ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ތެރެއިން ގާނޫނުއަސާސީގައި ބުނާ 50 ޕަސެންޓަށް ވުރެން މަތިން ވޯޓު ހޯއްދެވޭނެ ކެންޑިޑޭޓެއް ނެތެވެ.
"އެމްޑީޕީން ނެރޭ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުކުރުމުގެ އެންމެ ފުރުސަތު އޮތީ ކޮން ބޭފުޅަކަށްތޯ ވިސްނާއިރު، އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް ސޯލިހް،" އޭނާ ވިދާޅުވި އެވެ.
ކޯލިޝަނަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވާ ވިސްނެވުމުން ކުރިއަށް ނެރުއްވިޔަސް ޖުމްހޫރީ ޕާޓީން އިންތިހާބަށް އަދި ގޮތެއް ނުނިންމަ އެވެ. އަދާލަތު ޕާޓީ އާއި އެމްއާރުއެމް ވެސް 2023 ގައި ވެސް އެމްޑީޕީއާ އެކު ދެމިތިބޭނެ ކަމެއް މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.
އަސްލަމް ވިދާޅުވީ ފުރަތަމަ ބުރުގައި ވަކިން ވާދަކުރެއްވުމަށް ފަހު، ދެ ވަނަ ބުރުގައި ކޯލިޝަން ހަދާ ނަމަ، ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި އެކަން ކުރެއްވޭނެ ޕާޓީތަކަށް ފަސޭހަ ބޭފުޅެއް ނެތް ކަަމަށެވެ.
ފަސް އަހަރުގެ ދައުރަށް ރައީސް ވެވަޑައިގަތް ފުއްދަވަމުން އެބަގެންދަވާ ކަަމަށާއި ދައުރު ނިމޭއިރު ބޮޑުބައި ހުންނާނީ ފުދިފައި ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އެއްވެސް ވެރިއަކަށް 100 ޕަސެންޓް ނުވާނެ، ވާނެ ކަމެއް ނޫން، ވީ ވެސް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ރާއްޖެއަށް ހަމަޖެހުމާއި އަމާންކަން ގާއިމު ކުރައްވައި، ހައްގުތައް ނިގުޅައިނުގަންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބުނު ހިސާބުން ދެން ކުރިމަތިވީ ކޮވިޑުގެ ނުރައްކާތެރި ދެ އަހަރު ކަމަށް އަސްލަމް ވިދާޅުވި އެވެ. ވައުދުތައް ލަސްވުމުގައި، ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް އެ ހާލަތު ވަދެ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީ، ވަގުތުތައް ހޭދަކުރަން ޖެހުނު ކަމަށް ވިދާޅުވި އެވެ.
"އިގްތިސާދީ ބޮޑު ލޮޅުމެއް އައީ ދެއްތޯ. އަދި މިހާރު މިއުޅެނީ ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ތެރޭގައި، އެއާއެކީ ވެސް އަންނާނެ ލަސްތަކެއް. ކޮވިޑު ނާންނަ ކަމަކަށް ނުހެދޭނެ،" އަސްލަމް ވިދާޅުވި އެވެ.
"ރައީސްގެ ލެގަސީއެއްގެ ގޮތަށް ފެންނަ އެއް ކަމަކީ ކޮވިޑް މެނޭޖް ކުރެއްވިލެއް ފުރިހަމަކަން. އެއްވެސް ވެރިއަކަށް އެ ކަން ކުރެއްވޭނެ އެންމެ ރަނގަޅު މިންވަރަށް މަޝްވަރާ އާއި ލަފާއާ އެކު، ހިކުމަތްތެރިކަމާ އެކު އެކަން ކުރެއްވި. އެއީ ވަރަށް ބޮޑު އެޗީވްމަންޓެއް. އެއްވެސް މީހަކު ބަނޑަކަށް ނުޖެހޭ، މީހުން މަރުވި ނިސްބަތް ވެސް އެހެން ގައުމުތަކާ އަޅާބަލާއިރު މަދު."
ބޯހިޔާވަހިކަމުގެ ވައުދު ލަސްވުމާ ގުޅޭ ގޮތުން ވިދާޅުވީ އެ ބަޔަކު ހިތްއެދޭ ވަރަކަށް ބޯހިޔާވަހިކަމުގެ ވައުދު ފުއްދުނު އެއްވެސް ސަރުކާރެއް މިހާތަނަކަށް ނެތެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ހިތުލެއްވި ވަރަކަށް އެ ކަން ނުކުރެއްވުނު ކަމަށް ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ސަރުކާރުގައި ފެއްޓެވި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތައް ނިމުނީ ރައީސް ވަހީދާއި ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި. ރައީސް ޔާމީން ފެއްޓެވި މަޝްރޫއުތައް އެ މަނިކުފާނަށް ނުނިންމެވުނު. އެކަން ކުރީ އަޅުގަނޑުމެންގެ މި ދައުރުގައި،" ނަޝީދުގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދައުރުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތައް ނިމޭނީ ދެން އަންނަ ދައުރުގަ އެވެ.
"ބޯހިޔާވަހިކަން ނިމޭނެ ޕަސެންޓެއް ދަންނަވާކަށް ނޭނގޭ. އަޅުގަނޑު ގަބޫލުކުރަނީ ފުދޭވަރެއްގެ ބޮޑު ލުއި ކަމެއް މާލޭގެ ރައްޔިތުންނަށް މި ދައުރުގައި ފުއްދޭނެ ކަމަށް. ގޯތީގެ ކަންކަން ވައުދުވެވަޑައިގެންނެވި ގޮތަށް ކުރައްވޭނެ،" އަސްލަމް ވިދާޅުވި އެވެ.
މާޒީވި ވެރިކަންތަކުގައި ވެރިކަމަކީ ވެރިމީހާގެ ގޮތުގައި ފެނުނަސް މި ވެރިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުހިއްމު ވަނީ ވެރިކަން ކަަމަށާއި ފާޑުކިޔަސް ކިޔަނީ ވެރިކަމަށް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދދދ2އ33
17 June 2022
މިއީ ދަފްތަރު މީހުންނަކީ މާލޭ ބައެއް ނޫންކަމަށް ބުނި މިނިސްޓަރ މިފަހަރު ދަފްތަރު މީހުން ޖެހޭނެ ވޯޓުން އެކަން ދައްކާލަން.. މިއަސްލަމަކީ އެންމެ ނާޤާބިލް މިނިސްޓަރ ..
އަބަދު ކުރެހުން ގޯސްކަމަށް
15 June 2022
ހއ ދިއްދޫގަ ޓާސަރީ ހޮސްޕިޓަލެއް އަޅަން ބުނެފަ ޚަބަރު ހުސްވެފަ އެވެސްދެން ހަމަ ވައުދު އަހްދުވެ ބާވަތެއްކަން ޔަގީން
މަބުނީ
15 June 2022
ނުހޮވޭނެކަން ޔަޤީން ދެން އޭގެ ފަހުން ރާގު ބަދަލްވެ ހަމައަކަށް އެޅިދާނެ
އަލީ ޒާހިރު
15 June 2022
ކޮބާ ޖީވަން ޝާހިދު ދުނިޏޭގެ ރައީސްގެ ބަސް؟
ޔޫ
15 June 2022
އަހުދުލް ވައްކަން
ރޯނު އެދުރ
15 June 2022
ތި އީ އާއިލާ މީހުނަށާ ރައްޓެހިންނަށް ފޭސް 2 ގެ 39 ފްލެޓް އިއްތިފާގުން ބަހާލި ވަޒީރު، ތި ގޮލާ ތީ އެއްވެސް ވަރަކަށް ކަމެއް އެނގިގެން ވަޒީފާ ދީފަ ހުރި މީހެއްނޫން،
ބޮޑުމީހާ
14 June 2022
ކެކެކެ. އަސްލަމު ކަލޭ މަށަށް ފެނޭ ރަށުތެރޭން ކޮންމެސް އެހެން ކަމަކާ ވާހަކަ ދައްކަން. ކަލޭ އަނގަހުޅުވީމަ ރައްޔިތުން އަރާނީ ރަތަށް. ކަލޭގެ އޮންނަނީ ބޮޑު އަނގައެއް. ވާކަމެއް ހަރާމުން ހަރާން.
އަހުދޯލަ
14 June 2022
އަހުދޭ؟ އަސްލަމް ކަލޭ އެންމެ ރަނގަޅީ ތިވާހަކަ ދައްކަން. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަލޭގެ ސަރުކާރުން ބިންގާ އަޅާ ނިންމި އެންމެ ފުލެޓޭއްގެ ވެސް މަށަށް ނިކަން ދައްކާލަބަލަ.ކަލޭމެންގެ ކަމަކީ ރިސޯޓު މަހުޖަނުން އިތުރަށް މުއްސަދިކޮށް މެދުފަންތީގެ ވިޔަފާރިތަކާ އާއްމުން ފުޑާލުން ޓެކްސާ ޖޫރިމަނާއާ އޭތިމީތި ނަގައިގެން. އަހަރުމެންގެ ދިޔަ ފެލައިގެން ސަރުކާރު ހިންގާފަ އެވަރުން ނުވެގެން އަދި އެތައް ކޮރަޕްޝަނެއް ހިންގާ!
އަހުދުބޯ
14 June 2022
އަހުދުމަތީގައޭ؟ އެތައްބައެއްގެ ބުރަމަސައްކަތާ ދާއޮހޮރުވުމާ އެތައްބައިވަރު ރިސްކެއް ނަގައިގެން، ވިސްނާލާ ބައިވަރު ވަގުތު މަގުމަތީ ތިބެގެން ފައްކާކުރި ޕާޓީ “އެމްޑީޕީ” ތިބުނާ އަހުދުމަތީ ދެމިހުރި މީހާގެ ލީޑާޝިޕްގައި އެދިޔައީ ފުނޑިގެން. ތިބޭ އަހުދު މަތީގަ، ދުވަހަކުވެސް ވޯޓެއް ނުދޭނަން!
އަޖައިބެއް
14 June 2022
މާލޭ މީހުންނަށް އެކަނިތޯ ބޯހިޔާވެހިކަން ބޭނުންވަނީ. އެހެންވީރު މާލޭ މީހުންގެ ވޯޓުން ހޮވިގެންތިބޭ