ކުރީގެ ރައީސް އަބްދުﷲ ޔާމީން، އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވަނީ--
03 ސެޕްޓެމްބަރ 2022 - 16:12
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ޕީޕީއެމް/ ޕީއެންސީން ވަރުގަދަކޮށް ޖެއްސި ކެމްޕެއިން، "އިންޑިއާ އައުޓް" މަޑުޖެހުނީ އެ ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގެ ސަބަބުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
އެ ހަރަކާތް ކުއްލިއަކަށް މަޑުޖެހުނީ ކީއްވެތޯ އާއި އެ ސަބަބަކީ ރައީސްގެ ގަރާރުތޯ "ސަންގު ޓީވީ" އިން ކުރި ސުވާލެއްގެ ޖަވާބުގައި ޔާމީން ވިދާޅުވީ "ހަމަ އެހެން އެއްވެސް ސަަބަބެއް ނެތް" ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގަރާރު ނެރުއްވީ ގާނޫނާ ހިލާފަށް ކަމަށާއި އެކަމަކު ރައީސް ގަރާރެއް ނެރުއްވައިފި ނަމަ، އެކަން ފުލުހުން ތަންފީޒު ކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
އިންޑިއާ އައުޓް ހަރަކާތް ހިންގުމަކަށް ރަށަކަށް ކުރި ދަތުރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ--
އެހެންވެ، އެ ހަރަކާތް ބޭއްވުމަށް މަގުތަކަށް ނުކުތުމުން ފުލުހުން ހުރަސް އަޅަމުންދާ ކަމަށާއި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެއީ ގާނޫނާ ހިލާފު ގަރާރެއް ކަމަށް ވިޔަސް އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް އޮތް ކަމަށް ވަންޏާ ފުލުހުން ތަންފީޒު ކުރާނެ. އެހެންވެ ރައްޔިތުން މުޒާހަރާއެއް ކުރިޔަސް ރައްޔިތުން އަޑުއުފުލަން ނުކުތީމަ ވެސް ފުލުހުން ރައްޔިތުންނާ މެދު ކަންތައް ކުރާ ގޮތް ކޮންމެ މުޒާހަރާއަކުން ފެނިގެންދޭ،" އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވިގޮތުގައި، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓިފައި އޮތީ އެ ހަރަކާތް ހުއްޓާލަން އިދިކޮޅުން ބޭނުންވެގެނެއް ނޫނެވެ. ހަމައެކަނި ސަބަބަކީ ގާނޫނީ ދަތިކަން ކަމަށް ވިދާޅުވި އެވެ.
"އެ ގަރާރު އޮތީމާ އިތުރު ހަމަނުޖެހުމަކަށް ދާން ބޭނުން ނުވީމާ އެ ހަރަކާތް ހުއްޓިފައި އޮތީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ގަރާރު އޮތްހާ ހިނދަކު "އިންޑިއާ އައުޓް" ހަރަކާތްތައް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތް ކުރިއަށް ދާނެ ކަމަށާއި އެކަމަކު އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅު ކުރައްވަން ބޭނުން ނުވަނީ ކަމަށެވެ.
"ރައީސް ކަމަށް ކުރިމަތިލަނީ ވެސް ގާނޫނު ތަންފީޒުކުރާ މީހެއް ކަމަށް ގަބޫލު ކުރެވޭތީ. ޕާޓީން ރިޔާސީ ޓިކެޓް ލިބިފައިވާ މީހަކަށް ކަނޑައެޅިގެން އެ ކަހަލަ ގަރާރެއް، އެއީ ގާނޫނާ ހިލާފު ގަރާރަކަށް ވިޔަސް ގާނޫނާ ހިލާފަށް ނުކުތުމަކީ ހަަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަނޑު އެ ކަމުގައި ނޫޅެނީ،" ޔާމީން ސީދާ އިސް ފެއްޓެވި ހަރަކާތާ މިހާރު އެ މަނިކުފާނު ދުރުގައި ހުންނެވި ސަބަބާ ގުޅޭ ގޮތުން ވިދާޅުވި އެވެ.
ގާނޫނަށް އިހުތިރާމުކުރުމުގެ ގޮތުން އެ ހަރަކާތް މަޑުޖައްސައިލީ ކަމަށް ޔާމީން ވިދާޅުވިއިރު، އެ މަނިކުފާނު ކުރިން ތަކުރާރުކޮށް ވިދާޅަމުން ގެންދެވީ ގާނޫނަކުން ވެސް އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމުގެ ގަރާރެއް ނެރުއްވައިފަ އެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ، އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށާއި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށެވެ.
ރައީސް އެގޮތަށް ގަރާރު ނެރުއްވިއިރު، ރާއްޖޭގައި އުޅޭ އިންޑިއާގެ ޓީޗަރުންނާ ދިމާކޮށް ރަށުން ފޭބުމަށް ގޮވައި ސްކޫލުތަކުގެ ފާރުގައި ވެސް އިންޑިއާ އައުޓް ޖެހި މައްސަލައެއް ވަރަށް ބޮޑުވި އެވެ.
އެ ގަރަރާ ގުޅިގެން ފުލުހުން ވަނީ އިދިކޮޅުން ބާއްވަމުން ގެންދިޔަ އެއްވުންތައް ރޫޅާލައިފަ އެެވެ. އަދި ފަހުން އެ ހަރަކާތް ބޭއްވުމަށް އެއް ގޮތަކަށް ވެސް ޖާގައެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން މުނީރު
04 September 2022
ސިޔާސީ ލީޑަރުންނަކީ މިކަހަލަ ދެ އުޅިއެއް ނުވާ މީހުންނެވެ. އިންޑިޔާ އައުޓް ނުވެގެން ތެޔޮ ބޮލަށް އަރައިގެން އުޅުނު ޔާމީން އެކަން ފެއްޓީވެސް ސިޔާސީ ބޭނުމެއްގައެވެ. އަދި ހުއްޓާލީވެސް އެފަދަ ބޭނުމެއްގައެވެ. އެއްވެސް މިންވަރަކަށް އިޚްލާޞްތެރި ކަމާއެކު އިންޑިޔާ ސިފައިންބާލަންވެސް އަދި އިންޑިއާ އައުޓް ކުރާކަށްވެސް ޔާމީން އަދި ޕީޕީއެމް ބޭނުމެއް ނުވެއެވެ. މިއީ ހަމަ ކުޅެލި ކުޅިގަނޑެކެވެ. ޔާމީން ނުވަތަ އޭނާގެ ޕާޓީވެރިކަމަށް އަޔަސް އިންޑީޔާ އައުޓް ނުވާނެ
ރަށްފުށުމީހާ
04 September 2022
"އެ ގަރާރު އޮތްހާ ހިނދަކު "އިންޑިއާ އައުޓް" ހަރަކާތްތައް އެއްވެސް ގޮތަކަށް ކުރިއަށް ނުގެންދާނެތޯ ސުވާލު ކުރުމުން ޔާމީން ވިދާޅުވީ އިންޑިއާއާ ދެކޮޅު ހަރަކާތް ކުރިއަށް ދާނެ ކަމަށާއި އެކަމަކު އެ މަނިކުފާނު ރަށްރަށަށް ދަތުރުފުޅު ކުރައްވަން ބޭނުން ނުވަނީ ކަމަށެވެ." ރަށްރަށުގެ ރަށްޔިތުން މީނަ އަށް ވޯޓް ދޭ އިރު ވަރަށް ވިސްނާތި.
ބަޑިތަކުރު
04 September 2022
އެހެން މީހަކު ގަރާރެއް ނެރުނީމާ ޤާނޫނާ ޚިލާފު. ތިމާ ޤާނޫނު އަސާސީއާއި ދައުލަތުގެ އެހެން ބާރުތަކުގެ ހުރިހާ ބާރެއް އަތަށް ނެގުމަށް ގަރާރު ނެރުނީމާ އެއީ ހުރިހާ ޤާނޫނަކާ އެއްގޮތަށް. ދެކޮޅުޖެހޭ އެއްޗެއް ވެސް މިހާރު ނުކިޔޭތާއެވެ.
ބަޑިއެދުރޭ
04 September 2022
ކޮންއިރަކު ދެކޮޅުޖެހޭ އެއްޗެއް މީނާ ކިއީ؟؟
ޥަސް
04 September 2022
މީ ޤާނޫނު ހިގާ ޤައުމެއްނަމަ މިހާރު ފަޑިޔާރު ގެއަށް ނުފޫޒް ފޯރުވި މައްސަލަ ބަލަން ފަށާނެ.
ާދުލެއް
04 September 2022
އިންޑިއާ އެމްބަސީހުރިތަނުން ވީގޮތެއްހެން ހާދަހީވެޔޭ
ސަ އީދު
04 September 2022
އިންޑި އާ އަ އުޓު. އިމަޖެންސީގަ،މާލެ ދެދުވަސް ފަހުން ބޭރަށް. މިތަނުން ދެވޭނެ ފަރުވާ އެ އްނެތް! އިމަޖެންސީގަ؟ އިންޑިޔާ އއިން.
ހަސަންދީ
04 September 2022
އިންދިޔާގެ އެއްވެސް ނުރައްކަލެއް އޮތީކީނޫން، އޮތީ ހަމަ އެކަނި އިންޑިޔާއަށް ކުރާ ތުހުމަތެއް އެއީ ނިމިދިޔަ އަނިޔާވެރި ކޮރޮޕްޝަން ހައްދުން ނެއްޓިފައިވާ ސަރުކާރު ދެވަނަ ދައުރަކައް ނުހޮވުނީ އިންޑިޔާއިން އޭރުގެ އިދިކޮޅު ފަރާތްތަކައް ފައިސާގެ އެހީތެރިކަން ދިން ކަމަށް ދެކޭދެކުން، އިންޑިޔާގެ ހަމައެކަނި އެދުން ވެރިކަމަކީ ޗައިނާ މިތަނައް އަތްގަދަ ކުރުން ހުއްޓުވުން ..
ސަލީމު އިދުރީސް
04 September 2022
ގާނޫނާ ހިލާފަ ތަނެއްގެ ފުޜާޅުން ޓިނުގަން ސިއިންނައް އެންގިއަސް ސިފައިން އެކަން ތަންފީޒު ކުރާނެތޯ؟
އެ ފައިސާ
03 September 2022
ޔާމީނަށް ކިޔޭ ނުކިޔޭ އެއް އެނގޭބާ! ޕީޕީއެމް ކުދިން ކުރަންވީ ކަމަކީ ޔާމީނުއަތަށް މައިކެއް ނުދިނުން. ހަމަދިނީ ބަރަހަނާ ވަނީ. ތިޔަ އިންޓަވިއުގެ ސަބަބުން ޔާމީނަށް ކުރާ ނަފުރަތު އަނެއްކާވެސް އިތުރުވެގެން ދިޔުން ނޫން ކަމެއް ނުވޭ.
އިދުރީސް ނަޢިމް
04 September 2022
ކަލޭތީ ދެން މާމޮޅު ވިސްނުންތެރި އިލްމުވެރި ހިލްމުވެރި ބޭކަލެއް އެހެންވެ ތިއުޅެނީ ތިމާގެ އަމިއްލަ ނަންޖަހާލައިގެން ކޮމެންޓެއްވެސް ކޮށްލަން ނުކެރިގެން..
ހެހެހެ
03 September 2022
އިންޑިޔާ އައުޓް ފެއިލްވީ!
އެމްސް
04 September 2022
އިންޑިއާ އައުޓަށްވުރެ ބަންގްލަދޭޝް އައުޓްވެސް މާމުހިއްމު، އެހެނީ އިންޑިއާއަކީ ކޮވިޑްގެ އެންމެދަތި ދުވަސްވަރުވެސް ރާއްޖެއަށް އެންމެބޮޑު އާމްދަނީއެއް އެޤައުމަކުން ލިބުނު ޤައުމު! އެންމެގިނަ ފަތުރުވެރިން ރާއްޖެއަށް އައި ޤައުމު! އެއާއި ދިމާއިދިކޮޅަށް ބަންގްލަދޭޝްއަކީ ރާއްޖެއިން އެންމެބޮޑު އާމްދަނީއެއް ބޭރުވާ އެއް ޤައުމު! ޤައުމެއްގެ އެންމެގިނަ ބަޔަކު މިރާއްޖޭގަ ތިބޭ ޤައުމު! ވަޒީފާތަކަށްވެސް ދިވެހިންނަށް އޮތް އެންމެބޮޑު ހުރަހަކީވެސް ބަންގްލަދޭޝް މީހުން!