ޚަބަރު / ދިރާސީ އާ އަހަރު

އާ އަޒުމާއި އުއްމީދުތަކާ އެކު ދަރިވަރުންނަށް އުފާވެރި ދުވަހެއް

އަމީނިއްޔާ ސްކޫލަށް ދަރިވަރުންތަކެއް މިއަދު ވަންނަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޫލް ބަންދަށް ލިބުނު އެއް މަސް ދުވަހުގެ ޗުއްޓީގައި އިސްކަންދަރު ސްކޫލުގެ ޖައިޝާން ވަރަށް މަޖާ ނަގައިފި އެވެ؛ ދަތުރު ދިއުމާއި މަސް ބޭނުމާއި ދޯނި ދުއްވުމާއި ރައްޓެހިންނާ އެކު ކުޅިވަރު ކުޅުމުގައި ވަގުތުތައް ދިޔަ ގޮތެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެ ހުރިހާ ކަމަކުން ސިކުނޑި ތާޒާވެ، އޭނާ މިއަދު ހުރީ މާ އުފަލުންނެވެ.

ދިރާސީ އާ އަހަރެއްގެ ކިޔެވުން އަނެއްކާ ވެސް ފެށުނީ އެވެ. ސްކޫލު ފެށުމުގެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާ ހުރީ މިއަދަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ. ފޮތްތައް ހަމަކޮށް، އަހަރުގެ ޕްލޭން ވެސް ރާވާލައިގެންނެވެ.

"މަޖާކޮށް ނިމުނީ، ވަރަށް ސީރިއަސްކޮށް ކިޔަވަން އަޒުމް ކަނޑައަޅައިގެން ސްކޫލަށް މި އައީ. ޗުއްޓީ ހޭދަ ކުރި ރޫޓީން ބަދަލުކޮށް، ވަރަށް ބޮޑަށް ތައްޔާރު ވެސް ވިން،" މި އަހަރު ގްރޭޑް 10ގައި ކިޔަވާ ޖައިޝާން ބުންޏެވެ.

ޖައިޝާންއެކޭ އެއްގޮތަށް، ހެނދުނު 6:45 ގައި އަމީނިއްޔާ އާއި އަރަބިއްޔާ ސްކޫލްގެ ދޮރުމަތީގައިި ތިބި ދަރިވަރުން ވެސް ތިބީ އެ އަޒުމުގަ އެވެ. ސްކޫލުގެ ރަނގަބީލު ޖަހައި ގޭޓު ހުޅުވާނެ ވަގުތަކަށް އެ ކުދިން ތިބީ ބަލަ ބަލަ އެވެ. ސްކޫލު ކައިރި އަށް އާދެވުމާ އެކު ބައެއް ކުދިން ބެލެނިވެރިން އަތުން ފޮތް ދަބަސް އަތުލި އެވެ.

"ބެލް ޖަހަންދެން ވެސް މަޑެއް ނުކުރި. ބޭނުންވީ ހަމަ އެ ބަރު ދަބަސް އަޅުވައިގެން އަވަހަށް ވަންނަން،" ދަރިފުޅު ގޮވައިގެން، ސްކޫލު ދޮށަށް ގޮސް ހުރި އަރަބިއްޔާގެ ބެލެނިވެރިޔަކު ބުންޏެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް މިއަދު އެސެމްބްލީގައި މަޑުކޮށްލައިގެން.--- ފޮޓޯ: ނަސްރުﷲ ސޯލިހް

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް ބުނި ގޮތުގައި، އާ ފޮތްތަކާއި އާ ޔުނިފޯމުގެ އިތުރުން ވެސް އެންމެ ބޮޑު އުންމީދަކީ މި އަހަރު ވެސް ވަރަށް ގިނަ އާ ކަންތައްތަކެއް ދަސްވުމެވެ.

ގިނަ ކުދިންގެ މޫނު މަތިން މިއަދު ފެންނަނީ އުފާވެރި ކަމެވެ. އަނެއްކާ ވެސް އާ އަހަރާ ކުރިމަތިލީ އާ އުއްމީދުތަކަކާ އެކުގަ އެވެ.

"މި އަހަރުގެ ޓާގެޓަކީ މިދިޔަ އަހަރަށް ވުރެ ރަނގަޅު ނަތީޖާއެއް ހޯދުން. އެއާ އެކު އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ އިތުރު ހުނަރުތަކެއް ހޯދުން،" ޖަމާލުއްދީން ސްކޫލްގެ ގްރޭޑް ފަހެއްގައި ކިޔަވާ ދަރިވަރަކު ބުންޏެވެ.

ހުރިހާ ސްކޫލްތަކެއްގެ ވެސް ކިޔެވުން މިއަދު ފެށީ ހާއްސަ އެސެމްބްލީ އަކުންނެވެ. ގިނަ ސްކޫލްތަކުގައި މާބޮޑު ކިޔެވުމެއް ނެތެވެ. މިއަދު އޮތީ ދަރިވަރުންނާއި ޓީޗަރުން ތައާރަފްވެ އެކަކު އަނެކަކަށް ދަސްވުމެވެ.

ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންތަކެއް އެސެމްބްލީގައި: އާ އަހަރަށް ސްކޫލްތަކުން ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޫލްތައް 100 ޕަސެންޓް ތައްޔާރު!

ދަރިވަރުންނަށް މަރުހަބާ ކިޔަން ސްކޫލްތައް އޮތީ ޒީނަތްތެރިކޮށްފަ އެވެ. ސްކޫލްތައް ވަށައިގެން ފެންނަނީ ދަރިވަރުންނަށް ދީފައިވާ ނަސޭހަތާއި އިރުޝާދުގެ ލިއުންތަކެވެ. ސްކޫލްތަކުގެ ބޭރުން ފެންނަ އެ ލިއުންތަކުގެ އިތުރުން ވެސް ދަރިވަރުންގެ ކިޔެވުމާއި އިތުރު ހަރަކާތްތަކަށް ހާއްސަކޮށްގެން، ވަރަށް ގިނަ ކަންކަން ސްކޫލްތަކުން ވަނީ ރާވައިފަ އެވެ.

ދިރާސީ އާ އަހަރުގެ އަޒުމްތަކާ ގުޅޭގޮތުން އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވިދާޅުވީ ސްކޫލް ފެށުމުގެ މާ ކުރިން ވެސް ދަރިވަރުންގެ ކަންކަމަށް ސްކޫލް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށެވެ. ދަރިވަރުންނާއި ޓީޗަރުންނަށް ބޭނުންވާ ވަސީލަތްތައް ވެސް ހަމަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓީޗަރުން ހަމަ، ވަސީލަތްތައް ވެސް ވަނީ ފުރިހަމަ ވެފައި. އަބަދުވެސް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރަން،" ހުސައިން ވިދާޅުވި އެވެ.

އެ ސްކޫލުގެ މި އަހަރުގެ އެންމެ ބޮޑު އަމާޒަކީ، ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، އެކި މާއްދާތަކުން ދަށް ކުދިން ބަލައި އެ ކުދިންނަށް އެހީތެރިކަން ދިނުމެވެ. އެއާއެކު، ކުދިންގެ އަހުލާގު ރަނގަޅުކުރަން މިދިޔަ އަހަރަށް ވުރެ ވެސް ބޮޑަށް މި އަހަރު ސްކޫލުން މަސައްކަތް ކުރާނެ ކަމަށް އެނާ ވިދާޅުވި އެވެ.

"މި އަހަރަކީ ވެސް ވަރަށް ކާމިޔާބު އަހަރަކަށް ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ހުސައިން ވިދާޅުވި އެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލު ގޯތިތެރޭގައި މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ވެސް އަޒުމަކީ އެއީ އެވެ؛ އަހުލާގު ރަނގަޅު ދަރިވަރުންތަކަކާ އެކު ތައުލީމީ ރަނގަޅު ނަތީޖާއެއް ހޯދުމެވެ.

"މި އަހަރުގެ ވެސް އަމާޒަކީ ތައުލީމީ ގޮތުން އާ އުސްމިންތަކަކަށް ސްކޫލް ގެންދިއުން. އެއާއެކު ކުޅިވަރާއި އިތުރު ހަރަކާތްތައް ވެސް ރަނގަޅު ފެންވަރަކަށް ކުރި އަށް ގެންދިއުން،" އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ބ. އޭދަފުށީ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު ރަފީއު ވިދާޅުވި ގޮތުގައި އެ ސްކޫލުގެ ހުރިހާ ދަރިވަރުންގެ ނަތީޖާ ރަނގަޅުކޮށް، ފާހަގަކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދުމަކީ ވަރަށް ބޮޑު އަޒުމެކެވެ.

"އޯ ލެވެލް އާއި އޭ ލެވެލް އިން ވެސް ރަނގަޅު ނަތީޖާއެއް ހޯދުން އެންމެ ބޮޑު އަމާޒަކީ. އޭލެވެލް ހެދި ދަރިވަރެއްގެ ނަތީޖާ އިން ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު ކާމިޔާބީއެއް މި ސްކޫލަށް މިދިޔަ އަހަރު ލިބުނު. އެންމެން ގުޅިގެން އެ އަމާޒަށް ވާސިލްވުން ބޭނުމަކީ،" ރަފީއު ވިދާޅުވި އެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ-- ފޮޓޯ: ނަސްރުﷲ ސޯލިހް

ގާތްގަނޑަކަށް 30 އަހަރު ފަހުން، 2015 ގައި ގައުމީ އާ މަންހަޖު ސްކޫލްތަކަށް ތައާރަފްކޮށް، ތައުލީމީ ދާއިރާ މިހާރު އޮތީ ވަރަށް ރަނގަޅު މިސްރާބެއްގައި ކަމަށް ގިނަ ސްކޫލްތަކުން ދެކެ އެވެ.

ކުރިން ކިޔަވަދީ އުޅުނު ގޮތްތަކާ މުޅިން ހިލާފަށް، އާ ފޮތްތަކަކާ އެކު ވޭތުވެދިޔަ ދެ އަހަރު ކުދިންނަށް ވަނީ ކީ ސްޓޭޖް އެކެއް އަދި ދޭއް ތައާރަފްކޮށްފަ އެވެ. މި އަހަރު ކީ ސްޓޭޖް ތިނެއް ހާއްސަކޮށްފައި ވަނީ ގްރޭޑް ހަތެއްގެ ދަރިވަރުންނަށެވެ.

މާފަންނު މަދަރުސާގެ ދަރިވަރުންތަކެއް ކުލާހުގައި. -- ފޮޓޯ: ނަސްރުﷲ ސޯލިހް

އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ތައުލީމީ ދާއިރާ އަށް މުޅިން އާ ބަދަލުތަކަކާ އެކު މި އަހަރަކީ ވެސް ދަރިވަރުންނަށް ކާމިޔާބު އަހަރަކަށް ހެދުމަށް ގިނަ ކަންކަން ވަނީ ރާވައިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ހާއްސަ އެއް ކަމަކީ، ކިޔެވުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ވީހާ ވެސް ބޮޑަށް ދަރިވަރުން ކިޔެވުމަށް ޝައުގުވެރި ކުރުވުން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން ވެސް، ތައުލީ ދާއިރާގެ ޝިއާރު ކަމަށްވާ "އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ވައުދާ" އެކު ދަރިވަރުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ ދެއްވައިފަ އެވެ.

4 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 10%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފާރިސް

08 January 2017

ކުޑަ ކުދިންގެ ސްކޫލްގެ ނިޒާމް އުވާލަނިކޮށް ރާއްޖޭގެ ވަރަށް ބޮޑު މައްސަލަތައް ހައްލުވާނެ. ގެދޮރުގެ މައްސަލަ، އާއިލީ ގުޅުންތައް ހީނަރުވާ މައްސަލަ، މަގުތައް ތޮއްޖެހޭ މައްސަލަ..ޓީޗަރުން އެމީހުންގެ ޒިންމާ ރަގަޅަށް އަދާކުރިނަމަ މިއަދު މާލެ ސިގިރޭޓް ދުމުން ފުރިފަ ނޯންނާނެ. ތައުލީމުގެ ކުރިން ތަރުބިއްޔަތު ދިނުމަކީ ދީނުގަ އޮތް ތަރުތީބު.

The name is already taken The name is available. Register?

ޤައުމު

08 January 2017

ސްކޫލްތައް ހުޅުވުނު އިރުވެސް ބަސްދަތުރުތައް ނުފެށޭ!!!!!! ހުޅުމާލެއާއި ވިލިނގިލިން އަންނަ ސްކޫލްކުދިން ގޮވައިގެން ޓެކްސީތަކުގައި ދަތުރު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް.

The name is already taken The name is available. Register?

ދެއަރސް

08 January 2017

ސްކޫލް ހުޅުވުން މީ ދެން އަންހެން ވެރިން ގެ އީދު އައީއެވެ. އެމެން ސްކޫލް ހުޅުވެން ވާއިރަށް ރީތި ހެދުން ގަނެގެން އަގު ބޮޑެތި ސެންޓާއި ޑްރީމް ގާރލް ފައިވާނާއި ބޮޑީ ސްޕްރޭ ގަނެގެން ރޭ ފަތިހު 4 އިން ފެށިގެން ހަމަ ފެންވަރަނީ ލަވަކިޔަމުން ސްކޫލް ދޮށަށް ދާހިތުން. މަމެންގެ ގޯތީގެ ދޮންތަ މެންވެސް ހީވަނީ އީދެއް އައިސް ގެން އުޅޭ ހެން ނެވެ. މަމެން ދޮންތަ އާއި އަންހެން ކޮއްކޮ ކައިރިން އަހާލިން އަނެއްކާ ޖަލްސާ އަކަށް ދާންހޭ ތިޔާ ތައްޔާރު ވެ މޭކް އަޕް ކުރަނީ. އެމެން ބުނަނީ ނޫނެކޭ މީ ހަމަ ސްކޫލް ދޮށަށް ދަރިފުޅު ލާން ދާން ވެގެން ނޭ އެމެން މިތައްޔާރު ވަނީ. ދެން މަމެން މަންމަ ކައިރިން އަހާލިން މަންމާ ހަމަ އެވަރު ކުރަން ޖެހޭހޭ ސްކޫލް ދޮށަށް ދާން. ދެން މަންމަ ވެސް ބުނީ ދެން ކޮބާހޭ މައްސަލަ އަކީ. މައްސަލަ އެއް ނެތެއް ނޫންހޭ. ތިއްތި ވެގެން ނޭ ޕޭރެންޓުން ވެސް ސްކޫލް ދޮށަށް ދާންވާނީ. ދެން ސިއްރު ސިއްރުން އަންހެން ކޮއްކޮ މަމެން ގާތު ބުނީ މިހާރު އެވެސް އޮންނަނީ ޓްރެންޑް އަކަށް ވެފައޯ. އެއީ އެއް އަންހެނަކަށް ވުރެން މޮޅަށް އަނެއް އަންހެން ޕޭރެންޓުން ހެދުން އަޅައިގެން ސްކޫލް ދޮށަށް ކުއްޖާ ބަލާ ދިއުން އެޔޯ މިހާރު ކަމަކީ. އެހެންވެޔޯ ދޮންތަ މެން އެވަރު އެ ދައްކާ ނަގަނީ. މަމެންނަށް ހަމަ އޯކޭ އިނގޭ މިގޮތް ވެސް. އެކަމަކު އެއީ ވޭސްޓް އޮފް މަނީ އޭ މަމެން ބުނަން ވެސް ނެތީމު އިނގޭ.

The name is already taken The name is available. Register?

ކަޓްމޭން

08 January 2017

ރާއްޖޭގެ ސްކޫލް ތަކުގެ ކިޔެވުން ފެށުން އެއީ އުފާވެރި ކަން ގެނެސްދޭނެ ކަމެކެވެ. ދެން މަމެން ބަލަން ބޭނުންވަނީ މިރާއްޖޭގައި މިހިރަ ނޭޝަނަލް ޔުނިވަރސިޓީ އާއި އަދި މިހިރަ ޓިވެޓް އިން ކިޔަވާދޭ ޓެކްނިކަލް މާއްދާ ތަކުގެ ކޮލިޓީ މަތިވެ މިޒަމާނަށް އެފެތޭނެ އުސޫލުން އެޔުނިވަރސިޓީގެ އިންޖިނިއަރިންގް ފެކަލް ޓީ އަދި ހޮސްޕިޓަލިޓީ ފެކަލްޓީ އަދި ސައެންސް ފެކަލްޓީ ކުރިއަށް ގެންދެވޭނެ ދުވަހެއް ދެކުމެވެ. އެ ފެކަލްޓީސް ތައް ހުޅުމާލެ އަށް ބަދަލު ކުރުމަށް ފަހު އެފަދަ ފެކަލްޓީސް ތައް ހިންގަންވީ ސިންގަޕޯރގެ ނޭޝަނަލް ޔުނިވަރސިޓީ އާއި އެކު ޖޮއިންޓް ވެންޗަރ އެއް ހަދައިގެން. އެއިރަށް މިކަން ރަނގަޅު މަގުން ހިނގާނީ. އެނޫންނަމަ މިރާއްޖޭގެ ސްކޫލް ތަކުން ނިމޭ ކުދިންނަށް ރިސޯރޓް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީފަންތީގެ ވަޒީފާ އެއް ނުލިބޭނެއެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރަކީ މިފަަދަ ކަންކަން ބަލާ ދިރާސާ ކޮށް ދިވެހިންނަށް ރިސޯރޓް ތަކުގައި ހުރި މެދު ފަންތިއާއި އަދި މަތީފަންތީގެ ވަޒީފާ ދޭން އެއްގޮތަކަށް ވެސް މަސައްކަތެއް ކުރާ މީހެއް ނޫނެވެ. ވެދާނެ މިކަމުން ކަޓެއް ނުލިބޭތީވެ އެކަން ނުކުރަނީ ކަމަށް ވެސް ދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454