ރިޕޯޓް

ކޮންމެ ފަހަރަކު މި ނަސީބެއް ނުލިބޭނެ؛ ރައްކާތެރިކަން ކޮބާ؟

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި ވީޑިއޯގައި އެ މީހާ ފަރުވާއަށް ފަހު ހަރަކާތްކުރަނީ: އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޮޑު ދަގަނޑުބުރިއެއް ގަޔަށް ވަދެ، މާ ބޮޑު އަނިޔާއެއް ނުލިބި ފުރާނަ ސަލާމަތްވުމަކީ ވަރަށް ބޮޑު އަޖައިބެކެވެ. ނުވަތަ އެ މީހެއްގެ ނަސީބުގަދަ ކަމެވެ. އެކަމަކު އެ ނަސީބު ކޮންމެ ފަހަރަކު، ކޮންމެ މީހަކަށް ނުލިބިދާނެ އެވެ؛ އިމާރާތް ކުރާ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ ވަރާ ގުޅޭ ވާހަކަ ސީރިއަސްކަމާ އެކު ދެއްކެވެން ޖެހެނީ އެ ސަބަބަށްޓަކަ އެވެ.

އާރުސީސީން މާލޭގައި ހަދަމުން ދާ އިމާރާތެއްގެ މަތިން ވެއްޓުނު ދަގަނޑުބުރިއަކުން ޖެހި ބިދޭސީ މަސައްކަތްތެރިއަކަށް އިހަކަށް ދުވަހު އަނިޔާވި އިރު، އޭނާ ހުރީ އިމާރާތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހެލްމެޓް އަޅައި، ވެސްޓް ވެސް ލައިގެންނެވެ.

އެ މީހާ އަށް ލިބުނު އަނިޔާގެ ތަފުސީލު ދިނުމަށް މިދިޔަ ހަފުތާގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ، ބޮޑު އަނިޔާއެއް ނުލިބި އެ މީހާ ސަލާމަތްވީ، އޭނާގެ ގަޔަށް ދަގަނޑު ހެރުނު ގޮތުން އެއްވެސް މައި ގުނަވަނަކަށް އަނިޔާ ނުވާތީ އެވެ. ނަމަވެސް، ކޮންމެ ފަހަރަކު އެފަދަ ނަސީބެއް ނުލިބޭނެ ކަމަށާއި އެހެންވެ، ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ހަށިގަނޑު ފޫއަޅުވާލައި، ދަގަނޑެއް ވަތް ބިދޭސީ މަސައްކަތު މީހާއާ ގުޅޭ މައުލޫމާތު ދިނުމަށް އޭޑީކޭ ހޮސްޕިޓަލުން ބޭއްވި ނިއުސް ކޮންފަރެންސްގައި ދެއްކި، އެ މީހާގެ ހަށިގަނޑަށް ދަގަނޑު ވަދެފައި އޮތްގޮތް ފެންނަ ގޮތުގެ ތުރީޑީ ފޮޓޯއެއް ދައްކާލަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ބޮޑު އަނިޔާއެއް ލިބުމުން ހޮސްޕިޓަލަށް ދާ މީހަކަށް ފަރުވާދީ، އޭނާ ސަލާމަތްވުމުން އެ ހިސާބުން އެކަން ނިންމާލައިގެން ނުވާނެ އަފްއާލް ވިދާޅުވި އެވެ.

"އޭނާ އަށް ލިބޭ ގެއްލުމާއި އޭނާގެ ދިރިއުޅުމާއި ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރަންޖެހޭ ކަންތައްތަކާ އަދި މުޅި ގައުމުގައި ކުރާ ހުރިހާ މަސައްކަތްތަކަށް އޭނާގެ ފަރާތުން ލިބޭ ޕްރޮޑަކްޓިވިޓީ ވަރަށް ބޮޑަށް ގެއްލިގެން ދޭ މިފަދަ ކަންކަން ދިމާވުމުން،" އޭނާ ވިދާޅުވި އެވެ.

"އެކަން ދިމާވިޔަ ނުދިނުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި."

ގައިޑްލައިނާއި ގަވާއިދެއް: މިހާރު މައްސަލައަކީ ކޮބާ؟

އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަމާ ގުޅޭ ގައިޑްލައިނެއް، ކޮންސްޓްރަކްޝަން ދާއިރާގެ ފަރާތްތައް ތަމްސީލުކުރާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އި ހަދައި، އެ އަށް އަމަލުކުރަން އެންގި ފަހުން މިހާރު 12 އަހަރު ފާއިތުވެއްޖެ އެވެ. ޕްލޭނިން މިނިސްޓްރީން ވެސް އިމާރާތްކުރުމުގައި ގެންގުޅެން ޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދެއް 2019 ގައި އެކުލަވާލައި އަމަލުކުރަން ފެށި އެވެ.

އެކަމަކު، އަދިވެސް އެ ގަވާއިދާއި ގައިޑްލައިނަށް ސަމާލުކަން ނުދެވުމުގެ ކަންބޮޑުވުން އެބައޮތެވެ. އޭޑީކޭ ހޮސްޕިޓަލުން ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ.

މާލޭގައި ހަދަމުންދާ އިމާރާތެއްގައި މަތިން މީހަކު ދަގަނޑުތަކެއް ތިރިކުރަނީ: އިމާރާތްކުރާ ސައިޓުތަކުގައި ރައްކާތެރިކަން ކުޑަވުމުގެ ކަންބޮޑުވުން އަބަދުވެސް އޮވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މަސީގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ އެ އެސޯސިއޭޝަނުން ހަދާފައިވާ ގައިޑްލައިނަކީ ގާނޫނީ އެއްވެސް ބާރެއް ނެތް އެއްޗަކަށް ވުމުން، ބައެއް ގޮންޖެހުންތައް ކުރިން ދިމާވި ކަމަށެވެ. އެކަމަކު، އެސޯސިއޭޝަނުން ކުރި މަސައްކަތުން އެ ގައިޑްލައިނަށް ގިނަ ބަޔަކު އަހުލުވެރިކުރެވުނު ކަމަށާއި އަދި މިހާރު ސަރުކާރުން ހަދާފައި އޮތް ގަވާއިދާ އެކު، ރަނގަޅު އުސޫލުތަކެއް އެބަހުރި އަދުނާން ވިދާޅުވި އެވެ. މިހާރު އޮތް ކަންބޮޑުވުމަކީ އެ ގަވާއިދު ތަންފީޒުކުރުމުގައި ހުރި ހުރަސްތަކެވެ.

"މިހާރު އަޅުގަނޑުމެންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ އިންސްޕެކްޝަންތައް މަދުވުން. އެއީ ސައިޓްތައް ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ. އިންސްޕެކްޓް ކުރަން ޖެހޭނީ ގާނޫނީ ގޮތުން އެކަމަށް ބާރު ލިބިފައި އޮންނަ ބަޔަކު. އެއީ ފުލުހުން ކަމަށް ވިޔަސް ސިޓީ ކައުންސިލް ކަމަށް ވިޔަސް އަދި ކޮންސްޓްރަކްޝަންގެ ކަންކަން ބަލަހައްޓާ މިނިސްޓްރީން ވިޔަސް،" އޭނާ ވިދާޅުވި އެވެ.

"ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ފަރުދީ ޒިންމާއޭ، ހޭލުންތެރިކަމޭ ކިޔައިގެން ނުވެއް ނިންމޭނެ."

އަދުނާން ވިދާޅުވި ގޮތުގައި ޕްރޮޖެކްޓުތައް އެވޯޑްކުރާއިރު، އެ މަސައްކަތް ހިންގުމުގެ ތެރޭގައި މަސައްކަތު މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅު އަޅާނެ ގޮތާއި އެ ކަމަށް ކުރާނެ ހޭދަ ވެސް ހިމަނަން ޖެހެ އެވެ. އެކަމަކު ރާއްޖޭގައި އާންމުކޮށް ޕްރޮޖެކްޓުތައް ހަވާލުކުރަނީ އެންމެ ހެޔޮ އަގެއް ކިޔާ ބަޔަކަށް ކަމަކަށް ވާތީ، އަގުހެޔޮކުރުމުގެ ތެރޭގައި އެ ބައިތައް ނުހިމަނާ ބައެއް ފަހަރު ހުންނަ ކަމަށް ވިދާޅުވި އެވެ.

މާލޭގައި ހަދަމުންދާ އިމާރާތެއް: އިމާރާތްކުރާ ސައިޓުތަކުގައި ރައްކާތެރިކަން ކުޑަވުމުގެ ކަންބޮޑުވުން އަބަދުވެސް އޮވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"މިސާލަކަށް، [ރައްކާތެރިކަމަށް] ލަކުޑި ބެރިއެއް ތަނެއްގައި އަޅަންޏާ އެ ބެރި އޮންނަން ވާނެ [ލިޔެކިޔުމުގައި] ފެންނަން. ބެރި އަޅައިގެން އެކަން ކުރެވޭނީ. އެކަމަކު ބެރި އަޅާ މީހާ އެ ވަގުތު އިނީ ބޫޓަކަށް އަރައިގެންތޯ ހެލްމެޓު އަޅައިގެންތޯ، އޭނާ ކީހަން އުޅުނީ މޫނުގައި މާސްކެއް އަޅައިގެންތޯ، މި ކަންކަމެއް ނުހުރޭ އަގު ދޭއިރުގައި [ލިޔެކިޔުމުގައި] ފެންނާކަށް،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ޖެހޭ އަގު ހެޔޮކުރަން. އަގު ހެޔޮކޮށްގެން ނޫނީ ޕްރޮޖެކްޓް ނުލިބޭތީވެ. އަގު ހެޔޮކުރަން ހަދައިގެން މި ކަހަލަ ހިތާމަވެރި ކަންކަން މި އޮންނަނީ ދިމާވެފައި."

އަދުނާން ވިދާޅުވީ ކޮންމެ ޕްރޮޖެކްޓްގެ ބީއޯކިއުގައި ވެސް ސޭފްޓީ އަށް ކުރާނެ ހަރަދު ހިމަނައި، އެ ކަންކަން ބަލައި މޮނީޓާކުރާނެ ގޮތްތައް ހިމެނުމަށް ގާނޫނާއި ގަވާއިދުތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށެވެ.

އާރުސީސީން މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓުނު އެ ދަގަނޑުބުރި، އެ މީހާގެ ހަށިގަނޑު އެއްކޮޅުން އަނެއްކޮޅަށް ފޫއަޅުވާލާފައި ދިޔައީ އެ އިމާރާތުގެ މަސައްކަތުގައި އުޅެނިކޮށް، މަތިން ބާރު އަޑެއް އިވިގެން ވައިގޮޅި އަށް އޭނާ ބޯދިއްކޮށްލި ތަނާ އެވެ.

މައްސަލައަކީ މައްޗަށް ބެލުންތޯ؟

އަދުނާން ވިދާޅުވީ އިމާރާތްތަކުގެ މަތީގައި މަސައްކަތްކުރާއިރު، މަތިން އެއްޗެހި ވެއްޓުނަ ނުދިނުމަށްޓަކައި އަޅަން ޖެހޭ އަށި އަޅާފައި ނެތުމަކީ އެ ހާދިސާ ހިންގަން މެދުވެރިވި ސަބަބަކަށް ވެދާނެ ކަމަށެވެ.

"ކުރިން ވެސް ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ސިމެންތި ގޯންޏެއް ވެއްޓިގެން މާލޭގައި ކުޑަކުއްޖަކު ނިޔާވީ. އޭރު ވެސް އެފަދަ ފިޔަވަޅުތައް ނޭޅި ހުރީ،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ސައިޓުގެ އިންތިޒާމުގެ މައްސަލައެއް އެ އުޅެނީ. އޭނާގެ ބެލުމުގެ މައްސަލައެއް ނޫން. އަޑެއް އިވިގެން އޭނާ އަދި މައްޗަށް ބެލިޔަސް، މަތިން އެއްޗެއް ނުވެއްޓޭނެ ގޮތަށް ފިލާ އަޅާފައި ހުރި ނަމަ އެ ހާދިސާ ދިމާނުވީސް."

އޭޑީކޭ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުގައި އިމާރާތްކުރާ ސައިޓުތަކުގައި ސޭފްޓީ އޮފިސަރުން ބޭތިއްބުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

"އަޅުގަނޑުމެން ހޮސްޕިޓަލުގައި ސާޖަރީތައް ކުރާއިރު ވެސް ތިބޭ ހެލްތު އެންޑް ސޭފްޓީ އޮފިސަރުން އެކަމުގެ ރައްކާތެރިކަން ކަށަވަރުކޮށް އެޑްވައިސް ދީ ކަންކަން ކުރުމަށް. އެއީ ކޮންސްޓްރަކްޝަން ސައިޓްތަކުގައި ވެސް އެޑަޕްޓްކުރެވިދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

އެ ދުވަހު، މަތިން ބާރު އަޑެއް އިވިގެން އެ ބިދޭސީމީހާ ވައިގޮޅި އަށް ބޯދިކޮށްލަން އުޅުނު ވަގުތު، އެކަން އެގޮތަށް ނުކުރުމަށް އަންގާނެ ސޭފްޓީ އޮފިސަރެއް ސައިޓުގައި ހުރި ނަމަ ނުވަތަ އަށި އަޅާފައި ހުރި ނަމަ އެކަން ދިމާނުވެ ސަލަމާތްވީސް ކަމަށް އެހެން ބައެއް ތަޖުރިބާކާރުން ވެސް ބުންޏެވެ. އަދި މިހާރުން ފެށިގެން ވެސް މަސައްކަތު މީހުން އެފަދަ ކަންކަމަށް ހޭލުންތެރިކުރުވުމަކީ އެފަދަ ހިތާމަވެރި ހާދިސާތައް ހިންގުން ހުއްޓުވިދާނެ ކަމެކެވެ.

7 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތުނިޔަ

04 October 2022

ﷲގެ ކުޅަދުންވަންތަކަން! ތިމީހާގެ އިހުސާސްތަށް މިނޫހުން ކިޔާލަން ލިބޭނެކަމަށް އުއްމީދު ކުރަން.

The name is already taken The name is available. Register?

ތައްތީ

03 October 2022

ކަމެއް ދިމާވާން އޮތީމަ އެކަން އެވީ، އެހެން ނޫންނަމަ އާރުސީސީ ސައިޓެއްގައި އެކަހަލަ ކަމެއް ނުހިނގާނެ. އާރުސީސީއަކީ ސައިޓުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަކޮށްގެން ސައިޓް އިންޖިނިއަރުގެ އިތުރަށް ސޭފްޓީ އިންޖިނިއަރުންނާއި ސައިޓްތަކުގައި ލޭބަރުންގެ އިތުރުން ސީދާ އެކަމަށް ހާއްސަކޮށް ސޭފްޓީ ލޭބަރުން ގެންގުޅޭ ކުންފުންޏެއް. ރާއްޖޭގެ 90 އިންސައްތަ ކުންފުނިތަކުންވެސް އާރުސީސީއިން އަޅާ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނުއަޅާނެ.

The name is already taken The name is available. Register?

ﷲ‫أكبر

03 October 2022

هذا أكتب ﷲގެ ހަޒްރަތުގައި އެކަން ވަނީ ލިޔެވިގެން ކޮން ނަސީބެއްގެ ވާހަކައެއް ތިޔަ ދައްކަވަނީ

The name is already taken The name is available. Register?

އެމްސް

03 October 2022

"އޭނާ ހުރީ އިމާރާތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ހެލްމެޓް އަޅައި، ވެސްޓް ވެސް ލައިގެން" ކަމަށް އާރޓިކަލްގަ އެބައޮތް! އެކަމަކު ސުރުޚީގަ މިއޮތީ، "ރައްކާތެރިކަން ކޮބާ؟"

The name is already taken The name is available. Register?

ޖުހާނާ

03 October 2022

އޭނާ އެ އެއްޗެހި އަޅައިގެން ހުއްޓަސް، ސައިޓުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ނެތް ވާހަކަ ޚަބަރުގައި އެއޮތީ. ކޮމެންޓް ކުރަނީ އެއްޗެހި ރަނގަޅަށް ކިޔާފައެއް ނޫންދޯ؟

The name is already taken The name is available. Register?

އެމްސް

03 October 2022

ހިންގޭނީ ހިންގޭގޮތަށް ހެދިފަ ހުންނަ ޤަވާޢިދު! މަގުމައްޗަށް ނަމަ އިމުން ބޭރަށް ޢިމާރާތް އެބަ ނެރެވޭ! މަގުމަތީގަ ފެންސް އެބަ ޖެހޭ! ދުވާރުން ހިނގާފަ ނުވަތަ މަގުން ދުއްވާފަ ދާމީހާ ބޮލަށް ޢިމާރާތުން ފެންތިކި އެބަ ތަޅާ! މިއީ ހައްތާވެސް އިމުން ބޭރަށް، މަގުމައްޗަށް ޢިމާރާތް ނެރެފަ ހުންނާތީ ވާހާ ކަންކަން! މާދަން ނޫން ކަންނޭނގޭ އެއަރކޮންޑިޝަންގެ ބޭރު ޔުނިޓެއް މަގުމަތިންދާ މީހެއްގެ ބޮލަށް ވެއްޓޭނީ! ޤަވާޢިދުތައް ހެދިފަ ހުރީކީ ސަލާމަތަށް ވިސްނައިގެނެއް ނޫން!

The name is already taken The name is available. Register?

އިސްލާހުބެ

03 October 2022

އުޑާ ބިމާ ދެމެދުގައިވާހާ އެއްޗެއް އިސްވެދިޔަ މިސާލަކާނުލާ ޚަލްޤް ކުރެއްވެވި ﷲ ސުބުޙާނަހޫ ވަޠަޢާލާގެ ކުޅަދުންވަންތަ ކަމާއެވެ. ﷲ އުފެއްދެވި ކޮންމެ އެއްޗެއްވެސް މިދުނިޔެއިން ނުކުމެދާނީ ﷲ މިންވަރު ކުރައްވާފައިވާ މިންވަރަށް ކަނޑައަޅުއްވާފައިވާ ހުރިހާ ކަމަކާއި އެއްޗެއް ލިބިގެން ކަމުގައި ވަޙީ ކުރެއްވެވި ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ. މިއީވެސް ބުއްދީގެ އަހުލުވެރިންނަށް އިބުރަތެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454