ގަތަރުން ވޯލްޑް ކަޕަށް ހާއްސަކޮށް ހެދި ލުސައިލް ސްޓޭޑިއަމްގެ އެތެރެ --
18 އޮކްޓޯބަރ 2022 - 12:17
އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕްގެ މެޗުތައް ފެންނަ ޕެކޭޖު 5،000 ޑޮލަރުގެ އަގަކަށް ރިސޯޓުތަކަށް ވިއްކަން މީޑިއާ ނެޓުން ނިންމައިފި އެވެ.
ވޯލްޑް ކަޕްގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައި ވަނީ އިންޑިއާގެ 'ވަޔާކޮމް18' އިންނެވެ.
ރާއްޖޭގެ މީޑިއާ ނެޓުން ވަނީ އެއް މިލިއަން ޑޮލަރުގެ އަގަކަށް ރާއްޖޭގެ ރީބްރޯޑްކާސްޓިން ރައިޓްސް އެ ކުންފުނިން ގަނެފަ އެވެ. މީޑިއާ ނެޓުން ނިންމާފައި އޮތީ ގިނަ ވެގެން ތިން ޗެނަލަކަށް ރައިޓްސް ވިއްކާލާށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މީޑިއާ ނެޓުން ވޯލްޑް ކަޕް ޕެކޭޖު ރިސޯޓުތަކަށް ވިއްކަނީ 5،000 ޑޮލަރު (77،000ރ.) އަށެވެ.
މީޑިއާ ނެޓުން ވޯލްޑް ކަޕްގެ މެޗުތައް ދައްކާ ޗެނަލްތައް ރިސޯޓުތަކަށް ފެންނާނީ އެ ޕެކޭޖުގެ ދަށުންނެވެ. އެއީ މީޑިއާ ނެޓުގެ ދަށުން ހިންގާ އައިސް ޓީވީ އާއި ޕީއެސްއެމްގެ ޔެސް ޓީވީ އަދި ރާއްޖެ ޓީވީ އެވެ.
އެނގިފައިވާ ގޮތުގައި، ޕީއެސްއެމާއެކު، ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމުގައި މީޑިއާ ނެޓުން މިއަދު ސޮއިކުރާނެ އެވެ. އެހެންވެ، ދައުލަތުގެ މީޑިއާގެ ޔެސް ޗެނަލުން ވޯލްޑް ކަޕްގެ މެޗުތައް ފެންނާނެ އެވެ.
ޕީއެސްއެމުން ވަނީ 'ވަޔާކޮމް18' އަތުން ވަކިން ރައިޓްސް ގަންނަން ވެސް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ކުންފުނިން ރައިޓްސް ވިއްކަނީ ދެ މިލިއަން ޑޮލަރަށް ކަމަށް ވުމުން، އެ އަގު މާ ބޮޑުވެ، ރާއްޖޭގެ ތިން ކުންފުންޏަކުން ގުޅިގެން ފައިސާ ދައްކާ ގޮތަށް އެއްބަސްވީ އެވެ.
ދައުލަތުގެ މީޑިއާ އިން މީގެ ކުރިން ހިލޭ ދެއްކި ވޯލްޑް ކަޕްގެ ރައިޓްސް ޕީއެސްއެމުން ގަންނަނީ 333،000 ޑޮލަރު (5.4 މިލިއަން ރުފިޔާ) އަށެވެ. ރާއްޖެ ޓީވީ އާއި އައިސް ޓީވީން ވެސް ދައްކަން ޖެހެނީ އެ ވަރެވެ. އެއީ ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް [ކޮން މެޗުތަކެއް ކަމެއް ގާނޫނުގައި ބުނެފައެއް ނެތް] ގައުމީ ޓީވީން ހިލޭ ދައްކައިދޭން ޖެހެ އެވެ. އެކަމަކު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު ކުރިން ވިދާޅުވި ގޮތުގައި، ގާނޫނުގައި ބުނެފައި ވަނީ ވޯލްޑް ކަޕް އޯޕަނިން ސެރަމަނީ އާއި ހުޅުވާ މެޗު ހިލޭ ދައްކަން ޖެހޭ ވާހަކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
18 October 2022
މިގައުމުގައި އުޅެންވީ ގާސިމް އެކަނި. މީޑިއާނެޓަށް ފައިދާކުރަން ދިރާގުޓީވީ ހުއްޓާލުމާއި، ވިލާ ހައިސްކޫލް ދަރިވަރުންގެ ފީ ބޮޑުކުރުމާއި، ބޭންންވަރަކަށް ފަޅުތަކާއި ރަށްތައް ބަރާބަރަށް ލިބޭ
ާއަލިމޯޑު
18 October 2022
ދެން ސަރުކާރުން ހާއްސަކޮށް އިކޮނަމިކް މިނިސްޓަރު ނުބުނާށޭ ރޯދަ މަހަށް ލޯކަލް މާރުކޭޓުން ތަކެތި އަގުބޮޑުކޮށް ނުވިއްކާށޭ.އެމީހަކަށް ލިބުނު ފުރުސަތެއްގަ ކެވުނު ވަރަކަށް ނެގުނު ފައިސާއެއް ފައިދާއެއް ނަގަންވީ.ވޯލްޑްކަޕާ ގާތްކޮށްފަ މީޑިއާނެޓުން ބުނާނެ ވޯލްޑްކަޕް ބެލޭނީ މިވެނި ޕެކޭޖެއް ނެގީމައޭ.އޭރުން އަލިފާން ކެވޭނީ އަދި.
ކުޗީ
18 October 2022
10000 ޑޮލަރަށް ހަދާ. 1 މިލިޔަން ހަމަ ކޮއްފަ ބޮޑު ފައިދާއެއްވެސް ލިބޭނެ. ދެން ރަށްޔިތުންނަށް ހިލޭ ދޫކޮއްލާ ... 10000 ޑޮލަރު އެއީ ރިސޯޓް އޯނަރަށް ބޮޑު އެއްޗެއް ނޫން. އެމީހުންގެ ސިންގަޕޫރު ދަތުރެއްގެ ބައިކުޅަބައި އެއީ ....
ހިތަދޫ 2
18 October 2022
އިރަކު ހިލޭ ފެންނާތީ ހީވަނީ އެކަމަކު ކުޅިވަރަކީވެސް ބޮޑު ވިޔަފާރިއެއް، ވިޔަފާރި އުސޫލުން ބެލުމުގެ ރިއިޓްސް ވިއްކަނީވެސް ދެން ވިޔަފާރިވެރިން ބޭނުން އަގެއްގަ ވިއްކަންވީ، އަހަރެމެންނަށް އޮންނާނެ ނުބެލުމުގެ ޗޮއިސް، ކޮންމެހެން ތިވަރުން ބަލާކަށް ނުޖެހޭ، ޑިމާންޑް ނެތިއްޔާ އަގު ތިރި ކުރަން ޖެހޭނީ ދެން ފަހަރަކު އެހެންނޫނީ ގެއްލުމުގަ ތިބެދާނެ އޭގަ ބައްދައިގެން، ޗިލް ވެބަލަ.
ޏަސާ
18 October 2022
ތަންކޮޅެއް އަގު ކުޑަ..
ޙިނި
18 October 2022
ރިސޯޓަކައް 5000 ޑޮލަރު ތީކީ މާ ބޯޑުއެއްޗެއް ނޫން 2 ޓޫރިސްޓުން ގެ 1 އަފްތާގެ ހުރުމުން ތި ކަވަރުވާނެ
ލޭބޯ
18 October 2022
ޔެސް ޓީވީ އާއި ރާއްޖެޓީވީ އަށް ރައިޓްސް ވިއްކިޔަސް، އެ ދެ ޗެނަލުންވެސް ވޯލްޑްކަޕް ދެއްކޭނީ މީޑިއާނެޓްގެ ނެޓްވޯކުގެ ތެރެއިން. މާނަައަކީ މީޑިއާނެޓްގެ ކަސްޓަމަރުން ނޫން ބަޔަކަށް މިފަހަރު ގޭގަ ތިބެގެން ވޯލްޑްކަޕް ބަލާލުމުގެ ފުރުސަތެއް ނެތް.
ކޮތަރޭ
18 October 2022
ތިހާ ވަރުން އަހަރެން ނުވެސް އުޅެން ވޯލްޑް ކަޕް ބަލާކަށް. މަ ބަލާނީ ހަމަ ގޯޕީ ބަހޫ މެންގެ ކުޅިވަރު.
ވިކިލީކްސް
18 October 2022
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން ވޯލްޑް ކަޕްގެ މެޗުތައް ހިލޭ ދައްކައިދޭން ޖެހޭނެ. ހުރިހާ މެޗުތަކެއް. ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު އޭނައަށް ފެންނަގޮތަށް ވާހަކަދައްކަނީ. އޯޕަނިން ސެރަމަނީ ކިޔައި ވަކިމެޗެއް މެންޝަންކޮށްފަ އޮތްތޯ ބަލާ!
1828
18 October 2022
ދިސް އިޒް ޓޫމަޗް