ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވުމަށް ފަހު އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ސްޓޭޖުން ފައިބާވަޑައިގަންނަވަނީ: އީސާގެފާނާ ގުޅުވައިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ފާޑުކިޔުން އަމާޒުވެފައިވޭ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
19 އޮކްޓޯބަރ 2022 - 12:41
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ހޯމަ ދުވަހު ހއ. ބާރަށުގައި ދެއްކެވި ވާހަކަފުޅުގައި، ސަލާމް ލެއްވި އީސާގެފާނު "ފަސްދާނުވެޑުވި" ކަމަށް ވިދާޅުވުމާ ގުޅިގެން އެ މަނިކުފާނަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައިވެ އެވެ. އެކަމަކު، އެއީ އެ މަނިކުފާނަށް ވިދާޅުވެވުނު "ކުށް ބަހެއް" ކަމަށާއި އެކަމަށް ރައްޔިތުންގެ އަރިހުން ވަރަށް ބޮޑަށް މާފަށް އެދޭ ކަމަށް، ހަމަ އެ ދުވަހު ހއ. ދިއްދު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޮތީ ވިދާޅުވެފަ އެވެ.
ނަަމަވެސް ސޯޝަލް މީޑިއާގައި ޔާމީން "ހޫނުފެނަށް" ވައްޓައިލީ އެ މަނިކުފާނު މާފަށް އެދިވަޑައިގަތްކަން ނޭނގި ތިބެ އެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ތިން ދުވަހަށް ހއ. އަތޮޅުގެ ފަސް ރަށަކަށް ޔާމީން ކުރެއްވި ދަތުރުފުޅުގައި ބޭއްވި ބައްދަލުވުންތަކުގައި މި ސަރުކާރުގެ އެކި ކަންކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ބާރަށުގައި ޔާމީން، އީސާގެފާނުގެ ވާހަކަފުޅު ދެއްކެވީ އިހަވަންދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެ މަނިކުފާނު އާދަލަތު ޕާޓީ އަށް ފާޑުވިދާޅުވުމުން، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޔާމީނަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓަކާ ވިދިގެންނެވެ. އަދާލަތު ޕާޓީން ގެންގުޅޭ ސިޔާސަތުގެ މިސާލެއްގެ ގޮތުގައި ޔާމީން ދެއްކެވީ، ނަސާރާދީނުގެ މީހުން މިހާރު ގެންގުޅޭ ފަލްސަފާ އެވެ.
ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. ބާރަށުގައި ވާހަކަދައްކަވަނީ -- ފޮޓޯ: ޕީޕީއެމް
އިހަވަންދޫގައި ޔާމީން ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އާދަލަތު ޕާޓީ އަށް ވަދެގެން ﷲގެ ދިންނެވެމާއި ފުއްސެވުން ލިބޭނެ ކަމަށް ބުނެ އެ ޕާޓީން ސިޔާސީ ކަންކަން ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލަމުންދާ ކަމަށެވެ. އެ ވާހަކަ އަށް ރައްދުދެއްވައި، އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާދަލަތު ޕާޓީ އަށް ވަންނަނީ ﷲގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް، ހެޔޮލަފާ މުއުމިނަކަށް ވުމުގެ ނިޔަތުގައި ނަމަ، އެ މީހަކަށް ދިންނަވައި ނަސީބު ލިބޭނެ ކަމަށެވެ.
ފުއްސެވުމާއި ދިންނެވުމާއި އަދި އިސްލާމީ ހިދާޔަތު ލިބިގެން ސުވަރުގެ ދާން ބޭނުމިއްޔާ އަންނާށޭ ތިމަންނަމެންގެ [އާދަލަތު] ޕާޓީ އަށް. މާތްކަލާކޯ ކޮންް ކަހަލަ ވާހަކައެއް މި ދައްކަނީ. -- ކުރީގެ ރައީސް ޔާމީން
އިމްރާންގެ އެ ޓުވީޓަށް ޔާމީން ރައްދުދެއްވީ ބާރަށުގައި ބޭއްވި ޖަލްސާގަ އެވެ.
"ފުއްސެވުމާއި ދިންނެވުމާއި އަދި އިސްލާމީ ހިދާޔަތު ލިބިގެން ސުވަރުގެ ދާން ބޭނުމިއްޔާ އަންނާށޭ ތިމަންނަމެންގެ [އާދަލަތު] ޕާޓީ އަށް. މާތްކަލާކޯ ކޮންް ކަހަލަ ވާހަކައެއް މި ދައްކަނީ،" ޔާމީން ވިދާޅުވި އެވެ.
އިމްރާންގެ ޓުވީޓްގައި ހުރި ވާހަކަތައް ޔާމީން ސިފަކުރެއްވީ، އެއީ ﷲގެ ހަޟްރަތަށް އީސާގެފާނު އުފުއްލެވި ފަހުން ނަސާރާދީނުގެ އަސްލުތައް އޮޅުވާލި މީހުން ގެންގުޅުނު ސިޔާސަތުތަކާ ދާދި އެއްގޮތް ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ޔާމީނަށް ވިދާޅުވެވުނީ އެއީ "އީސާގެފާނު ފަސްދާނުލެވުނު" ފަހުން އެ މީހުން އުފެއްދި އުސޫލުތަކެއް ކަމަށެވެ.
ނަޞާރާދީން ފުރަތަމަ ދުނިޔެ އަށް އައިސް، އީސާގެފާނު ފަސްދާނުލެވުމަށް ފަހު، ނަޞާރާދީނުގެ ކަންތައް އީސާގެފާނު ފެތުރެއްވި ގޮތަކަށް ނޫން ހިނގަމުން ދިޔައީކީ. ހަމަ މުޅި އެތި ގަނޑުބަޑުކޮށްލައިގެން ހިނގަމުން ދިޔައީ. -- ކުރީގެ ރައީސް ޔާމީން
"ނަސާރާދީން ފުރަތަމަ ދުނިޔެ އަށް އައިސް، އީސާގެފާނު ފަސްދާނުލެވުމަށް ފަހު، ނަސާރާދީނުގެ ކަންތައް އީސާގެފާނު ފެތުރެއްވި ގޮތަކަށް ނޫން ހިނގަމުން ދިޔައީކީ. ހަމަ މުޅި އެތި ގަނޑުބަޑުކޮށްލައިގެން ހިނގަމުން ދިޔައީ،" ޔާމީން ވިދާޅުވި އެވެ.
Mee hama yaqeenunves islaam dheenuge sunnaiy jamaa’athuge aqeedha eh noon.mee RY kon thaakun dhaskurehvi aqeedha eh baa? pic.twitter.com/jCyhH3FTli
— Imran Abdulla (@ShimranAb) October 18, 2022
ބަނީއިސްރާއީލުންގެ ތެރޭގައި ތިބި ކުފުރާއި އަމިއްލަ އެދުމުން ހައްދުފަހަނައަޅާފައި ތިބި މީހުން އީސާގެފާނުގެ ރަސޫލު ކަމާއި އެކަލޭގެފާނު ގެންނެވި މުއުޖިޒާތްތަކާ މެދު ހަސަދަލައި އަބަދުމެ ތިބީ އެކަލޭގެފާނު ގަތުލުކުރެވޭނެ ވަގުތެއް ހޯދުމަށް ހުޝިޔާރު ވެގެންނެވެ. އެ މަސައްކަތްކުރަމުން ގޮސް، އެކަލޭގެފާނު އެ މީހުންގެ އަތް ދަށުލައި، ސަލީބަށް އެރުވުމުގެ ނިޔަތުގައި ނުކުމެ، އެކަލޭގެފާނު ކަމަށް ހީކޮށް ސަލީބަށް އެރުވުނީ އެހެން މީހެކެވެ. އެ ހުރިހާ ނުބައި ރޭވުންތަކުން އީސާގެފާނު ސަލާމަތް ކުރައްވައި ﷲގެ ހަޟްރަތަށް އެކަލޭގެފާނު އުފުއްލެވި އެވެ.
ގިޔާމަތް ކައިރިވެ، ދައްޖާލުގެ ފިތުނަ އާންމުވާ ހިނދު، އެ ފިތުނަ އިން މީސްތަކުން ސަލާމަތް ކުރައްވަވާ، ބިންމަތީ ﷲގެ ދީން ގާއިމު ކުރެއްވުމަށް، ކީރިތި ރަސޫލާ އަށް އިގުތިދާވެވަޑައިގަންނަވާ ބޭކަލެއްގެ ގޮތުގައި އީސާގެފާނު ބިމަށް ފޮނުއްވާނެ ކަމަށް އިޝާރާތް ކުރެވިފައިވާ، ސައްހަ ހަދީސްތައް ކީރިތި ރަސޫލާގެ އަރިއަހުން ވާރިދުވެގެންވެ އެވެ.
ޔާމީން ވިދާޅުވީ ނަސާރާދީން ދެބައިވެ، އެ މީހުންގެ ތެރެއިން ބަޔަކު އަމިއްލަ ފަލްސަފާތަކެއް ހެދިއިރުގައި، އެ ދީނުގެ އެންމެ އަސާސީ ކަމަކަށް ހެދީ މީސްތަކުންނަށް ކުށެއް ކުރެވިއްޖެ ނަމަ، ތައުބާވުމަށް ފާދިރީން ކައިރި އަށް ދާން ޖެހޭ ކަމަށް ވިސްނައިދިނުމެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހއ. ދިއްދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވި ރައްޔިތުންނާ ސަލާންކުރައްވަނީ -- ފޮޓޯ: ޕީޕީއެމް
"ނަޞާރާދީނުގެ އެންމެ އަސާސީ ކަމަކަށް މި ވަނީ ކުށެއް ކުރެވުނީމަ ފާދިރީއެއް ކައިރިއަށް މި ދަނީ ތައުބާވާން. އެހެންވީމަ ފާދިރީއެއް މެދުވެރިވެގެން ނޫނިއްޔާ މި މީހުންނަކަށް ﷲގެ ޝަފާއަތެއް ލިބޭނެ ގޮތެއް ނެތޭ. އެކަމަކު އަޅުގަނޑުމެންގެ [އިސްލާމް] ދީނުގައި އޮންނަ ކަމެއް ނޫން މިތަނަށް މެދުވެރިއަކު ހުރުން. އަޅުގަނޑުމެން ﷲ އަށް ދުއާ ދަންނަވަނީ ސީދާ، ސީދަލަށް،" ޔާމީން ވިދާޅުވި އެވެ.
"ފާދިރީން ދިޔަ ހިސާބު [މިސާލެއްގެ ގޮތުގައި] މި ދެއްކީ. ފާދިރީން ދިޔަ ހިސާބަކީ އެ މީހުން ރުހުން ލިބިއްޖެ ބަޔަކަށް ނޫނިއްޔާ ނުވަތަ މިއަދުގެ ދިރިއުޅުމުން ދައްކަންޏާ އެ މީހުން ޓިކެޓްދޭ މީހަކަށް ނޫނިއްޔާ ދިންނެވުމެއް ނުލިބޭ ކަމަށް މީހުންނަށް ވިސްނައި ދެނީ. ސުވަރުގެ ނުދެވޭނެ ކަމަށް ވިސްނައި ދެނީ. މިއީ ހަމަ ތާރީހުގައި ލިޔެވިފައި ހުރި ހަގީގީ ވާހަކަ މި ދަންނަވަނީ."
ޔާމީން ވިދާޅުވީ، އާދަލަތު ޕާޓީން ވެސް ދައްކަނީ އެ ފަދަ ވާހަކަ ކަމަށެވެ.
"ތިމަންނަމެންގެ ތެރެއިން ނޫނިއްޔާ ސުވަރުގެ އަށް ދެވޭނެ ޓިކެޓެއް ނެތޭ، އެހެނުންތޯ އެ ބުނަނީ. ހަމަ އެހެމް ނޫންތޯ އެ ބުނަނީ؟،" ޔާމީން ވިދާޅުވި އެވެ.
އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅުގެ އިސްވެރިން ހއ. ކެލާގައި ބޭއްވި ޖަލްސާގައި. -- ފޮޓޯ: ޕީޕީއެމް
އީސާގެފާނު ފަސްދާނުވެޑުވި ކަމަށް ޔާމީން ވިދާޅުވި ވާހަކަފުޅު ސޯޝަލް މީޑިއާގައި އާންމުކޮށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް، ދިއްދު އަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެހެން ވިދާޅުވެވިފައި އޮތީ އޮޅުމަކުން ކަމަށް ވިދާޅުވެ މާފަށް އެދިވަޑައިގަތެވެ.
[އީސާގެފާނު] ﷲގެ ޙަޟްރަތަށް ގެންދެވި. އަޅުގަނޑަށް ވިދާޅުވެވިފައި އޮންނާނީ އީސާގެފާނު ވަޅުފުޅުލެވުނު ކަމަށް، ފަސްތާނުލެވުނު ކަމަށް. މި ކުށަށް ހުރިހާ ރައްޔިތުންގެ އަރިހުން މާފަށް އެދެން. -- ޔާމީން
"ބާރަށުގައި ވާހަކަ ދައްކަވަމުން އަޅުގަނޑު ދެންނެވިން، އެއީ ހަގީގަތުގައި އީސާގެފާނާ ގުޅުވައިގެން އަޅުގަނޑު ދެއްކި ވާހަކައެއް. އަޅުގަނޑަށް ބުނެވިފައި އޮތީ ކުށްބަހެއް، އެއްގޮތަކަށް ވެސް އީސާގެފާނު ފަސްދާނުލެވުނިއްޔަކީ ނޫން. އަޅުގަނޑުމެންނަށް ގުރުއާނުގައި ﷲ ގެ ވަހީ ބަސްފުޅުގައި ހަމަ އެނގި ކަށަވަރުވާ ކަމެއް ދެއްތޯ އެއީ. ގަތުލެއް ވެސް ނުކުރެއްވޭ، ސަލީބަށް ވެސް ނޭރުވޭ،" މާފަށް އެދިވަޑައިގަންނަވަމުން ޔާމީން ވިދާޅުވި އެވެ.
Mithibenee Raeesunnaky 👇👇
— JIMMY ALI (@JIMMYALII) October 18, 2022
Raees @yameen vany bunevunu kuh bahah maafah edhi alun ekan raganlhu koffa ,
Mivaahaka tweet kollan kereyne tho @ShumbaGong pic.twitter.com/uDmSzDbqdH
"[އީސާގެފާނު] ﷲގެ ހަޟްރަތަށް ގެންދެވި. އަޅުގަނޑަށް ވިދާޅުވެވިފައި އޮންނާނީ އީސާގެފާނު ވަޅުފުޅުލެވުނު ކަމަށް، ފަސްތާނުލެވުނު ކަމަށް. މި ކުށަށް ހުރިހާ ރައްޔިތުންގެ އަރިހުން މާފަށް އެދެން."
ހއ. އަށް ކުރެއްވި ދަތުރުފުޅުގައި އެކި ރަށްރަށުގައި ޔާމީން ދެއްކެވި ވާހަކަފުޅު ފަހުން އެ މަނިކުފާނު ރަނގަޅުކުރައްވާފައިވެ އެވެ. ވެރިކަމުގައި ގޯސްތައް ހެދި, ކުށް ކުރެއްވިފައި ހުންނާނެ ކަމަށް ހއ. ކެލާގައި ވިދާޅުވި ވާހަކަފުޅު ވެސް ފަހުން ބާރަށް ވަޑައިގެން ތަރުޖަމާ ކޮށްދެއްވައި ވިދާޅުވީ އެ މަނިކުފާނު ކުށެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
22 October 2022
ޢޭ، ކަލޭމެން އެއްވެސް އެއްޗެއް ނުބުނަމު. އަނގަ ބެދުނީތަ؟ ޕޫޕޫ.
މުރައްބީ
22 October 2022
ދެންފަހެ އޭނާގެ ވިސްނުމާއި ފިކުރާއި އޭނާ ޤަބޫލުކުރާ ކަންކަމުގެ މައްޗަށް އޭނާގެ ދުލުން ބޭރުވާ ވާހަކަތައް ބިނާވެގެން ދާނީ. ގިނައިން ޕޯޑިއަމަށް އަރާ ވަރަކަށް އަދި ތިޔަފަދަ ލައްކަ ވާހަކަ އަޑު އިވޭނެ. އަންނިއާއި ޔާމީނު ޕޯޑިއަމަށް އަރައިފިއްޔާ އަހުރެން ހިތަށްއަރާ މިފަހަރު އެވެރިން ގޮވާނީ ކޮން ކޮހެއްބާއޭ.
އަބްޑޫޅް
21 October 2022
މިހާރު ކަލާނގެ ކިބައިން އަފޫ އަށް އެދުމުގެ ބަދަލުގަ ކަލޭމެން މާފަށް އެދެން ޖެހެނީ ރައްޔިތުން ކައިރިންތަ؟ ތިޔައީ ވަރަށް ބޮޑު މައްސަލައެއް.
ބުލްބުލާ
21 October 2022
ޔާމީން އެބުނީ ވާހަކައިގެ މަފްހޫމަށް ބަލާއިރު ގޯސް ވާހަކައެއް ނޫން. އަނެއްކޮޅުން އީސާގެފާނު އުފުއްލެވުނީކަމަށް ޤުރްއާނުގައި އޮންނަ ލަފްޒު އެހެން ގޮތްގޮތަށް މާނަކުރައްވާ ޢިލްމުވެރިން އެންމެ އިހުގައި ވެސް އުޅުއްވި. އަދި އީސާގެ ފާނު އާދައިގެ މަރަކުން އަވަހާރަވެ ފަސްދާނުލެވުނުކަމަށް ބުނާ ޢިލްމުވެރިން އުޅުއްވި. އެހެންކަމުން ޔާމީން އެކަމަށް މާފަށް އެދޭކަށް ނުޖެހޭ.
އަރޭ
20 October 2022
ﷲގެ ދީނަށް އުޅެ، ދީން މަތިވެރިކޮށް، ހެޔޮލަފާ މުއުމިނަކަށްވުމުގެ ނިޔަތުގައި އަދާލަތު ޕާޓީއަށް ވަންނާނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ވިސްނާ ވިސްނާ ނުވިސްނުނު. އެކަމު އެޕާޓީއަށް ނުވަދެފިނަމަ އެ ހުރިހާ ގޮތަކަށް މާ ފުރިހަމައަށް އުޅެވެން އެބައޮތްކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް.
ޔާގުން
20 October 2022
ﷲގެ ދީނަށް ނަސްގރު ދޭ މީހުން ވަނަންވީ ޔާމީނު ޕާޓީ އަށްތަ؟ އަޖާއިބުވެޔޭ މިވެރިން ވާހަކަ މިހުންނަ ގޮތުން
އަރޭ
20 October 2022
އެއްވެސް ޕާޓީއަކަށް ވަދެގެން އެކަމެއްނުވާނެ. ކަލޭމެންނަށް ހީވަނީ މީހަކު އެއްޗެކޭ ބުނާއިރަށް އެ ޔާމީނަށް ތާއީދުކުރަނިއްޔޭ. ވަރެއްވެފަ ތިޔަތިބެނީ.
ބިރުގަނޭ
20 October 2022
ޔާމީނު ތަައުބާވެ މާފަށްއެދެންޖެހޭ ބައިވަރު ކަންކަން އެބަހުރި ތި ކަހަލަ، * ލާރި ދީފައި ހޯދަނީ ހިލޭ އަންހެނުން ނޫންކަމަށް ބުނުން، ތައުބާ ވާން ޖެހޭނެ. ޤުރުއާނުގައި ޒިނޭ ކުރުމަކީ ޙަރާމްކަމެއްކަން ސަރީޙަކޮށް އަންގަވާފައިވާއިރު، އެއްވެސް އިންސާނަކަށް އެ މޭރުމުން ޤުރުއާނަށް "ހަޖޫ ނުޖެހޭނެ". ﷲ ގެ ދެ ވަނަ ދަރިންނޭ ބުނުން، މަސްތުވާތަކެތީގެ ވަކި އަދަދަކަށްވުރެން މަދު މިންވަރަކީ ހުއްދަކަމަކަށް ހަދަން ބުނުން. ބައިވަރު ކަންކަން ....
ދިވެހި ރައްޔިތެށް
20 October 2022
ތިވަރަށް އޮލޭ މީހަކު ވެރިކަމަށް ކުފޫހަމަނުވޭ!! ކިޔޭ ނުކިޔޭއެށް ނޭނގެންޏާ ވާހަކަނުދަށްކާ ގޭގަ އޮވެބަލަ!
ބަރަބޯ
20 October 2022
އޮޅިގެން މީހަކަށް ބަރަބޮލޭ ބުނަންވާތާކަށް ބަރޮލޭ ބުނެވިދާނެ، އެކަމު ތިވަރުގެ ވާހަކައެއް އޮޅިގެނެއް ނުބުނެވޭނެ... ނޭނގޭ ވާހަކަ ނުދައްކާ...
މިސްޓަރ ޓިނޭ
20 October 2022
ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ މީހުން ، ރައްޔިތުން ގުނބޯ ހައްދަން ތެޅެނީ. ދެއްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭ. އެހެންނުވާނީ ، ނަހަލާލު ގޮތުގައި ގެއަށް ވައިން ފައިސާގެ މަސްތުގަ ވިއްޔާ ހުންނަވާނީ
މުހައްމަދުބެ
20 October 2022
ކިހެނެއް ވާނީ ސިޔާސީ ޕޯޑިޔަމް ތަކުގަައި ދީނޭ ކިޔައިގެން ފާޑުފާޑު ވާހަކަ ނުދެއްކިއްޔާ. ގައިމު މާފަށް އެދެން ޖެހޭވަރު ކުޑަވާނެ