އެއްވެސް މުޖުތަމައެއްގެ ތެރޭގައި ބުއްދިވެރިއަކު ނުކުރާނެ ދެ ކަމަކީ އެ ބައެއްގެ ދީނަށް ބަދުބަސް ބުނުމާއި އެ ބައެއްގެ ސަގާފަތަށް ފާޑުކިޔުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

"ނަބިއްޔާގެ ދިފާއުގައި" ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އެއްވެސް ބުއްދިވެރިއަކު ދީނަށް ބަދުބަސް ބުނެ އެ ބައެެއްގެ ސަގާފަތަށް ފާޑުނުކިޔާނެ ކަމަށެވެ. އެކަމަކު އިންޑިއާގައި ވެރިކަން ކުރަމުން އަންނަ ބީޖޭޕީން މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށާއި އެ ގައުމުގެ މީހުންގެ ދުލުގެ ބާރު ގާނޫނުއަސާސީން އެ ވަރަށް ދީފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެކަމަކު ރާއްޖެ އެ ބަޔަކާ ހެދި އެންމެ ވަރުގަދައަށް ޖިހާދު ކުރާ ބަޔަކީ އިންޑިއާ ކަމަށާއި އެ މީހުންނާ ދެކޮޅަށް އެއްޗެއް ނުބުނެވޭ ކަމަށް ވިދާޅުވެ ޔާމީން، މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވި އެވެ.

"ރައްޔިތުންގެ އަޑު އިއްވަން ބުނީމާ އެކަން ކުރަން ސަރުކާރުން ޖާގަދޭކަށް ބޭނުމެއް ނުވޭ. އެބަޖެހޭ ދެއްތޯ މި ދާއިރާ އިން ހަމަ ގައިމު ވެސް ފިލާވަޅުތަކެއް ނަގައިދޭން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެގޮތަށް ކަން ހިނގަމުންދަނީ ގާނޫނުގައި ލިޔެފައި ނެތިގެން ނޫން ކަމަށެވެ. އެކަން ވަރަށް ރަނގަޅަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުށްވެރިވާ މިންވަރާއި ހިޔާލުފާޅުކުރެވޭނެ މިންވަރާއި ނުކުރެވޭނެ ހާލަތުތައް ވެސް ބަޔާންކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމުން ރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިދިކޮޅު ޕީޕީއެމުން ރޭ ބޭއްވި "ނަބިއްޔާގެ ދިފާއުގައި" ޖަލްސާގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔާމީން ވިދާޅުވީ ވެރިކަމަށް އަންނަންވެގެން މި ސަރުކާރުން ޑިމޮކްރަސީ އާއި އެއްވެ އުޅުމުގެ ހައްގުގެ ވާހަކަ ނޫން ވާހަކައެއް ނުދައްކާ ކަމަށެވެ.

"މީހަކު ބެނާއެއް ދަމާލީމަތޯ މި ސަރުކާރު ވެއްޓިދާނެތީ އެ އުޅެނީ. މޯދީ ސަރުކާރު އިނދަޖެހިދާނެތީ އެ އުޅެނީ. އެ ވަރުގެ ނުކުޅެދުންތެރިކަން ހުންނަ ބަޔަކު ކިހިނެއްތޯ ވެރިކަން ކުރާނީ. ހިޔާލުފާޅުކުރުން ތަންމިނަށް ހުޅުވާލާނެ ކަމަށް ބުނި ސަރުކާރެއް،" ޔާމީން ވިދާޅުވި އެވެ.

އިންޑިއާގައި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން ޔާމީން ވިދާޅުވީ އެއީ އެއްވެސް ވަރަކަށް ޖާގަދޭނެ ކަމެއް ނޫން ކަމަށެވެ. ހިންދޫ ދީނަކީ ހިންދުތުވާ ނޫން ކަމަށާއި ހިންދުތުވާއަކީ ސިޔާސީ ހަރަކާތެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މީހުން ހިންދުސްތާނުގައި އުޅެން ވާނީ ހަމައެކަނި ހިންދޫން ކަމަށް ގަބޫލުކުރާ މީހުން ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ފަހުގެ ތާރީހުގައި އިންޑިއާއިން ބައިވެރިވާ ހުރިހާ ދާހިލީ ހަމަނުޖެހުންތަކުގައި އާރުއެސްއެސް ބައިވެރިވެފައިވާ ކަމަށާއި އެމީހުންގެ ބޭނުމަކީ ހިންދޫ ކިންގްޑޮމެއް އުފެއްދުން ކަމަށެވެ. އަދި އެހެން ދީންތަކުގެ މީހުން ނައްތާލަންޖެހޭކަމަށް ގަބޫލުކޮށްގެން އެމީހުން އެ މަސައްކަތް ކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.