ވިޔަފާރި / ސްޓެލްކޯ

12 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ސްޓެލްކޯ އިން ހަވާލުވެއްޖެ

ސްޓެލްކޯއިން ހިދުމަތް ދޭ 12 ރަށެއްގެ މަގުބައްތިތަކާ ހަވާލުވެއްޖެ ---ފޮޓޯ: ނިޝާން އަލީ | މިހާރު

24 އޮކްޓޯބަރ 2022 - 18:54

ވ. އަދި ކ. އަތޮޅުގައި ސްޓެލްކޯ އިން ހިދުމަތްދޭ ރަށްތަކުގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމާ އެ ކުންފުނިން މިއަދު ހަވާލުވެއްޖެ އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން ވަނީ އެ ދެ އަތޮޅުގެ 12 ރަށެއްގެ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އެ ކުންފުނިން އަލަށް މަގުބައްތިތަކާ ހަވާލުވި ރަށްތަކުގެ ތެރޭގައި މާލެ އަތޮޅުގެ ހަ ރަށަކާއި ވ. އަތޮޅުގެ ފަސް ރަށެއް ހިމެނެ އެވެ. އެއީ މާލެ އަތޮޅުން ގާފަރާއި ދިއްފުށްޓާއި ތުލުސްދު އާއި ހިންމަފުށްޓާއި ގުޅި އާއި މާފުށްޓެވެ. ދެން ހިމެނެނީ ވ. ފުލިދު އާއި ތިނަދު އާއި ފެލިދު އާއި ކެޔޮދޫގެ އިތުރުން ރަކީދޫ އެވެ.

ސްޓެލްކޯ އިން މިދިޔަ މަހު ވަނީ އއ. އަތޮޅާއި އދ. އަތޮޅުގައި އެ ކުންފުނިން ހިދުމަތް ދޭ 14 ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވެފަ އެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި އެމްޑީ ޝަރީފް އަދި ސްޓެލްކޯގެ ޗެއާމަން އިބްރާހިމް މުހައްމަދު ދީދީ ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ނިޝާން އަލީ | މިހާރު

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެނީ މާލެ ސަރަހައްދާއެކު އެ ހަތަރު އަތޮޅަށެވެ.

ސްޓެލްކޯ އިން މަގުބައްތި ބެލެހެއްޓުމާ ހަވާލުވި ރަށު ކައުންސިލްތަކުގެ ތެރޭގައި ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ފަސް ކައުންސިލާއި އެމްޑީޕީގެ ބާރު ހިނގާ ހަތަރު ކައުންސިލެއް އަދި އަމިއްލަ މެމްބަރުން ހިމެނޭ ތިން ކައުންސިލެއް ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ، އެއީ އަސާސީ ހިދުމަތެއް ކަމަށާއި އެ ހިދުމަތް ދިނުމުގައި އެއްވެސް ވަރަކަށް ސިޔާސީ ކުލައެއް ނުޖައްސާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ ސިޔާސީ ގޮތުން ހިޔާލު ތަފާތު ވާތީ ހިދުމަތުގައި ތަފާތު ކުރުމުގެ އުސޫލެއް ނުގެންގުޅޭނަން. އެ ކަމުގެ ޔަގީން ކަން ތިބޭފުޅުންނަށް އަރުވަން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، މަގާމާ ހަވާލުވިވަޑައިގެންނެވި ފަހުން، މާލެ އަތޮޅުގެ ގާތްގަނޑަކަށް ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވައިފި ކަމަށާއި އެ ރަށްތަކުން ކިޔާފައި ވަނީ ހޫނު މަރުހަބާއެއް ކަމަށެވެ.

"އަޅުގަނޑަށް ފާހަގަކުރެވުނު، ހިޔާލު ތަފާތު ވިއަސް، ދެ ބައި މީހުން އެއްމޭޒެއްގަ އިނދެގެން، ކޮމަން މައްސަލައެއްގައި ޑިސްކަސް ކުރެވިދާނެ ކަން. އެއީ ވަރަށް އުފާވެރި ކަމެއް،" ޝަރީފު ވިދާޅުވި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އެމްޑީ ޝަރީފް ވާހަކަ ދައްކަވަނީ --ފޮޓޯ: ނިޝާން އަލީ | މިހާރު

އެއީ ހާއްސަކޮށް، މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވި އިދިކޮޅު ޕީޕީއެމްގެ ކައުންސިލަރުން ސިޔާސީ ގޮތުން ތަސައްރަފު ފުރިހަމަވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ރަސްމިއްޔާތުގައި ކ. ކާށިދޫން ބައިވެރި ނުވާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، އެ ރަށު ކައުންސިލުން ގަބޫލު ކުރަނީ ސްޓެލްކޯ އަށް އެ ހިދުމަތް އެދެވޭ ގޮތުގައި ނުދެވޭނެ ކަމަށެވެ.

"ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ދޭން އެންމެ ފުރަތަމަ ސަރުކާރުން އުފެއްދި ކުންފުނި [ސްޓެލްކޯ] އަށް މިކަން ނުކުރެވެންޏާ، ދެން ރާއްޖެއަކު އެކަން ކުރެވޭނެ ބަޔަކު ނުހުންނާނެ،" ކާށިދޫގެ ކައުންސިލުގެ ވިސްނުމަށް އިޝާރާތް ކުރައްވައި ޝަރީފު ވިދާޅުވި އެވެ.

ސިޔާސީ ފިކުރު އެއްކިބާކޮށް، ދެ ފަރާތް އެކުވެގެން ރައްޔިތުންނަށް ހިދުމަތް ދޭން ކާށިދޫ ކައުންސިަށް އޭނާ މިއަދު ގޮވައިލެއްވި އެވެ.

ޝަރީފު ވިދާޅުވިގޮތުގައި، ކާށިދޫގެ މަގުބައްތިތައް ވެސް ވީ އެންމެ ފުރިހަމައަކަށް ބަލަހައްޓައިދިނުމަށް ސްޓެލްކޯ ތައްޔާރެވެ އެ ކުންފުނީގެ ދޮރު ހުރީ އެ ރަށު ކައުންސިލަށް އަދިވެސް ހުޅުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454