ރައުޝަން ޖިއާން: ޖިއާންގެ މައިންބަފައިންނަށް 4.5 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ސިވިލް ކޯޓުން ކުރި ހުކުމް ޑަބްލިއު ކޮންސްޓްރަކްޝަންއިން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި
03 ނޮވެމްބަރ 2022 - 13:18
ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުންދިޔަ އިމާރާތެއްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި ސިވިލް ކޯޓުން އެ ކުއްޖާގެ އާއިލާ އަށް ބަދަލު ދޭން ނިންމީ ހާދިސާ ހިނގި ތަނުގައި އިންޒާރު ބޯޑުތައް ބަހައްޓާފައި ހުރި ހުރުމަށް ބެލުމެއް ނެތި ކަމަށް އެ ކުންފުނިން އިއްޔެ ހައި ކޯޓުގައި ބުނެފި އެވެ.
ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މ. ނަލަހިޔާމަންޒިލްގައި ހަދަމުން ދިޔަ އިމާރާތަކަށް ސިމެންތި ބަސްތާއެއް އަރުވަމުން ދަނިކޮށް، މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދިޔަ ރައުޝަން ޖިއާންގެ ގަޔަށް އެ ބަސްތާ ވެއްޓި އޭނާ ޑިސެމްބަރު 2018 ގައި މަރުވި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާއި ބައްޕަ ފަރުޒާނާ ހުސެއިނާއި މުހައްމަދު ކަމާލުއްދީން ޖާވިދު ވަނީ ބަދަލު ހޯދަން ޑަބްލިއު ކޮންސްޓްރަކްޝަނާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.
ގެއްލުމުގެ ބަދަލަށް 17.4 މިލިއަން ރުފިޔާ ހޯދަން ޖިއާންގެ މައިންބަފައިން ދައުވާ ކުރުމުން ސިވިލް ކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުކުމްކުރީ 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ދައްކަން ޖެހޭނެ ކަމަށެވެ.
ނަމަވެސް ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފް ކުރަން ޑަބްލިއު ކޮންސްޓްރަކްޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާއިރު، ޖިއާންގެ މަންމަ އާއި ބައްޕަގެ ފަރާތުން ދަށު ކޯޓުގައި އެދުނު ބައެއް ބަދަލުތައް ނަގައި ނުދޭން ސިވިލް ކޯޓުން ނިންމާފައިވާތީ އެ ބައި އެ މީހުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އެ ދެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ހައި ކޯޓުން ބޭއްވީ އިއްޔެ އެވެ.
ޑަބްލިއު ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅުއްވަމުން ވަކީލު އިސްމާއިލް މުހައްމަދު ވިދާޅުވީ، ސަލާމަތީ ނިޝާންތައް އިމާރާތް ކުރުމުގެ މިންގަނޑުތަކާ އެއްގޮތަށް ސައިޓުގައި ބަހައްޓާފައި ހުރިކަން އެ ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ވީޑިއޯއިން އެނގެން އޮތް އިރު ކޯޓުން ގޮތް ނިންމާފައި ވަނީ އެކަމަށް ބެލުމަކާ ނުލައި ކަމަށެވެ.
ޖިއާންގެ މަންމަ ވެސް އެ ތަނަށް ދިޔަކަން ވީޑިއޯ އިން ފެންނަ ކަމަށާއި އެ ތަނުގައި ބަހައްޓާފައި ހުރި ބޯޑު ވެސް ފެންނަ ހިސާބުގައި ކައިރީގައި ހުރި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެކަމަކު، އެ ތަނަށް ޖިއާން ވަދެގެން ދިޔަ އިރު މަންމައެއްގެ ހައިސިއްޔަތުން، އެ ކުއްޖާ ހުއްޓުވަން މަސައްކަތް ނުކުރާ ކަމަށާއި ދަށު ކޯޓުން އެކަމަށް ވެސް ނުބަލާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
"...ރައުޝަން އެ ތަނުގެ ތެރެއަށް ވަދެގެން އައި އިރު އެކަން މަނާ ކުރުމަށް މަންމަގެ ހައިސިއްޔަތުން އެއްވެސް ކަމެއް ކޮށްފައި ނުވާކަން ވީޑިއޯ އިން ސާފުކޮށް ފެންނަން އޮންނަ ކަމާއި އެ ތަނަށް އެ ފަރާތުން ވަނީ އެކަމުގައި ޑަބްލިއު ކޮންސްޓްރަކްޝަންއިން ދޭން ޖެހޭ އިންޒާރުތައް ބޯޑުން ދީފައިވާ ހާލަތުގައި ކަމަށް ވާއިރު، އެ ކަމަށް ރިއާއަތް ނުކޮށް މައްސަލަ ނިންމާފައިވާކަން،" އިސްތިއުނާފީ ނުކުތާތައް ކިޔައިދެއްވަމުން ވަކީލު އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިންޗު އޮޕަރޭޓަރަކާއި ސައިޓް ސުޕަވައިޒަރެއް ވެސް އެތަނުގައި ބަހައްޓައި، ޑަބްލިއު ކޮންސްޓްރަކްޝަނުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ހުރީ ސައިޓުގައި ފުރިހަމަ ކޮށްފައި ކަން ލިޔުންތަކުން އެނގެ އެވެ. ކުންފުނިން ހަވާލުކޮށްފައިވާ ޒިންމާއާ މީހަކު ހިލާފުވުމަކީ ކުންފުނިން އެކަމުގެ ޒިންމާ ނަގަން ޖެހޭ ހާލަތަކަށް ނުވާއިރު އެ ކަމަށް ވެސް ދަށު ކޯޓުން ރިއާއަތްކޮށްފައި ނުވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ޖިއާނަށް ކުރަން ޖެހުނު ބޭސް ފަރުވާއަށް ހަރަދު ކުރީ އޭނާގެ މައިންބަފައިންކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށާއި އެ ބަދަލު ކަނޑައެޅީ ވެސް ގޯސްކޮށް ކަމަށް ވަކީލު ވިދާޅުވި އެވެ. ޖިއާންގެ ބޭސްފަރުވާއަށް ހޭދަވި ހަދަރެއްގެ ގޮތުގައި ސިވިލް ކޯޓުން ނަގައިދިނީ 42،318ރ. އެވެ.
"ލޮސް އޮފް އާނިން" ނުވަތަ ލިބެން އޮތް އާމްދަނީ އަށް ބަދަލެއްގެ ގޮތުގައި ލިބެން ޖެހޭ އަދަދު ހިސާބު ކުރި ގޮތް އެނގެން ނެތް ކަން ވެސް ވަކީލު އިސްމާއިލް ފާހަގަކުރެއްވި އެވެ. އެކަމާ ބެހޭ ސާފު ހެކި ނެތް ހާލަތުގައި ބަދަލު ނަގަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. ބަންގްލަދޭޝްގެ ޕަބްލިކް ސާވިސްގައި އުޅޭ މީހުން ރިޓަޔަވާ އުމުރަށް ބަލައިގެން ލޮސް އޮފް އާނިން އަށް 41 އަހަރަށް ބަލައިގެން ބަދަލު ކަނޑަައެޅީ ވެސް ގޯސްކޮށް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ދަރިންނަށް ލިބޭ ގެއްލުމަށް ނަގައިދޭ "ޗައިލްޑް ކޮންސޯޓިއަމް"ގެ ގޮތުގައި 1،028،000ރ. ނަގައިދިނީ ވެސް ޝަރުއީ އަދި ގާނޫނީ މިންގަނޑަށް ބެލުމެއް ނެތި ކަން ވަކީލު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، "ޕެއިން އެންޑް ސަފަރިން" ނުވަތަ ކުރިމަތިވި ތަދާއި ވޭނަށް ބަދަލެއްގެ ގޮތުގައި 2،196،361ރ. ކަނޑައެޅިއިރު، އެ ފައިސާ ހިސާބު ކުރި ގާނޫނީ އަދި ޝަރުއީ ހަމައެއް ނެތެވެ. އެކަން ހިސާބުކުރުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް ލިބިފައިނުވާ ހާލަތުގައި އެ ކަމަށް ރިއާއަތްކޮށްފައި ނުވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ވަކީލު ވިދާޅުވީ، އެއީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލޭނެ ދައުވާއެއް ނޫން ކަމަށެވެ. ކުންފުނީގެ ފަރާތުން އުސޫލާ ހިލާފުވެފައި ނުވާ ކަމެއްގެ މައްޗަށް ހުކުމް ކޮށްފައިވާ ކަމަށާއި ހުކުމަށް ވާސިލުވި ގޮތެއް ހުކުމުން އެނގެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަކީލު ނެންގެވި އެއް ޕޮއިންޓަކީ ފަރުދީ ގޮތުން ބައެއްގެ މައްޗަށް ޖިނާއީ ކުށް ސާބިތުވެފައިވާއިރު، އެ މީހުންގެ މައްޗަށް ބަދަލު ހޯދަން ދައުވާ ކޮށްފައި ނުވުމެވެ.
އޮންލައިންކޮށް ބޭއްވި އެ އަޑުއެހުމުގައި ވަކި ހިސާބަކުން ޑަބްލިއު ކޮންސްޓްރަކްޝަންގެ ވަކީލުންގެ އިންޓަނެޓު މައްސަލަ ޖެހި ޝަރީއަތް ކުރިއަށް ގެންދަން ދަތިވުމުން ޝަރީއަތުން ނިންމީ އަޑުއެހުން އިއްޔެ ދެން އިތުރަށް ކުރިއަށް ނުގެންދާށެވެ. ބެންޗުން އެންގި ގޮތުގައި ދެން އަޑުއެހުމެއް ބާއްވާނީ ވަކީލުން ކޯޓަށް ހާޒިރުކޮށްގެންނެވެ.
އެ މައްސަލަތައް ބަލާ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރުން މުހައްމަދު ފައިސަލާއި ހުޒައިފާ މުހައްމަދު އަދި މުހައްމަދު ނިޔާޒެވެ. ޑަބްލިއު ކޮންސްޓްރަކްޝަންއިން އިސްތިއުނާފު ކުރި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު ފައިސަލް ބަލަހައްޓަވާއިރު، ޖިއާންގެ އާއިލާގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލައިގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ.
ސިމެންތި ބަސްތާ ވެއްޓި ޖިއާން މަރުވި މައްސަލާގައި ހަ މީހެއްގެ މައްޗަށް 2019 ގައި ދައުލަތުން ޖިނާއީ ދައުވާ ވެސް ކުރި އެވެ. އެއީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށެވެ.
އޭގެ ތެރެއިން ބަސްތާ އުފުލި ވިންޗު އޮޕަރޭޓު ކުރަން ތިބި ދެ ބިދޭސީއަކު ޖަލަށްލާން އޮކްޓޯބަރު 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެކަކު ހަ އަހަރަށް ޖަލަށްލި އިރު އަނެއް މީހާ ތިން އަހަރަށް ޖަލަށްލި އެވެ. ބާކީ ތިބި ދެ ބިދޭސީންނާއި ސުޕަވައިޒަރުގެ މައްޗަށް އިއްވީ ޖޫރިމަނާގެ އަދަބެކެވެ. މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
22120
05 November 2022
ބޯޑު ހުރިއްޔާ އެމަގުން ނުގޮސްވޭތަ. ފަރުވާކުޑަކަން
މަމެން1
05 November 2022
ނުރައްކާ، އިންޒާރު ބޯޑު މީ ނަމެއްގައި މާލޭގައި ޖަހާ އެއްޗެހި، ހަނި ހަނި ގޯޅިން ފެށިގެން މަޖީދީ މަގަށް ބެލިޔަސް، ތިޔަ އިންޒާރު ބޯޑު ފެނުނަސް ތިޔަ ހަދަމުންދާ އިމާރާތްތައް ދަށުން ހިނގުން މަޖުބޫރު ވެފައި އޮންނަނީ، އެއީ އިންޒާރު ބޯޑު ހުންނަނީ މަގު ހިންގަން އޮންނަ ޕޭވްމަންޓުގައި ޖަހާފައި. އަނެއްކޮޅުން މަގު ފުރާ ޕާކު ކޮށްފައި ހުންނަ އުޅަދާއި، ދުއްވާ އުޅަނދުތައް. ކޮންމެ ދެ ގެއަކުން އެއް ގެ ހަދަމުންދަނީ ދެން ކޮންތާކުތޯ ހިނގަންވީ އިންޒާރު ބޯޑު ފެނުނަސް؟
ސަސ
04 November 2022
ހިތާމަކޮށް ލަދުވެތިވަން އަނާރާ ނައީމްގެ ފިރިމީހާގެ ކުންފުނިން މިކަމުގަ މިވަރު ކުރީމަ. ކޯޓުން ބުނި ވަރަށްވުރެވެސް އިތުރަށް ދީފަވެޒް ތިކަން ނިންމަން ވީނު.
ޖަސްޓިސް ޒުހައިރު
03 November 2022
އެބަސްތާ ވެއްޓުނީބުނެފަ ހެއްޔެވެ؟އަދި މާލެފަދަ މޮޅުތަނެއްގެ މަގުމަތިން އެކުއްޖާފުޅު ވަކި ދާންވީ ކިނެއްބާއެވެ. އިހުމާލެއްއޮތިއްޔާ އޮންނާނީ މަސައްކަތް ކުރިފަރާތުގައި ކަމަށް ފެނެއެވެ
މހލދބ
03 November 2022
ސިމެންތި ބަސްތާ ވެއްޓުނީ މީހުން ދިރިއުޅޭ ގޯޅިއަކާ ދިމާލަން. މީހުން އަބަދުވެސް ވަދެ ނިކުމެ ހަދާނެ، އެ ދުވަހު އެގޯޅީގައި ދިރިއުޅޭ މީހަކަށް މިކަން ދިމާވި ނަމަވެސް ތި ވަކީލު ބުނާނީ ބޯޑުގެ ވާހަކަ ތޯ؟އެ ބޯޑު ހުރީމަ އެގޯޅީގައި ދިރިއުޅޭ ބަޔަކު ގޭ ބައްދުވެފަ ތިބެއްވީތޯ؟ އޭނަ ގޭގަ އޮތްނަމައޭ ތަ ބުނާނީ؟ ވީޑިއޯގަވެސް ފެނޭ އެގޯޅިން މީހަކު ނިކުންނަށް އަންނަތަން. ބޯޑެއް ބެހެއްޓުމަކީ ހިތުހުރި ގޮތަކަށް މަސައްކަތް ކުރަން ލިބޭ ހުއްދައެއް ނޫންކަން ޤަބޫލުކުރަންވީ.
hasan
03 November 2022
ތިކަހަލަ ޒިންމާދާރުކަން ނެތް ކުންފުންޏަކުން އަބަދުވެސް އުޅޭނީ ތިފަދަ ހާލެއްގައި .
ކާމިސް
03 November 2022
ތަރައްގީވެފަ ހުރި ގައުމުތަކުދަވެސް ބޯޑް ބަހައްޓާފަ ހުރޭ. ޢެކަމަކު މީހަކަށް އަނިޔާވިއްޔާ ޒިއްމާދާރުކުރުވާނެ.
އަލިބޭދަންނަ
03 November 2022
#ޖަސްޓިސް ފޮރ ޖިއާން
އަބްދޫ
03 November 2022
ޖިއާންގެ މައްސަލާގަ ދުށް ވިޑިއޯ އިން ފެނުނުގޮތުގަ ޖިއާން ދިޔައީ އެކަނި އޭނަޔާއެކު އައި އަންހެންމިހަ ހުރީ މާދުރުގަ ޖިއާންއަށް ވާގޮތެއް އެ އަންހެން މިހާ ނުބަލާ އެ އަންހެން މީހާ ހުރީ ފޯނުން ޗަތްކުރުމުގަ. ވީމާ ޖިއާން ބޮލަށް ސިމެންތި ބަސްތާ ވެއްޓުމުގަ އެ ބެލެނިވެރިޔާ އިހުމާލު ވަރަށް ބޮޑު.
ޢަނގަ
03 November 2022
ކަލޭ އަނގަ
ސާބަހޭ!
05 November 2022
އޭނަ ބެލެނިވެރިޔާ ބަލަން ހުރިނަމަ އެކަން ނުވީސްތަ؟
ބަރެސްދިން
03 November 2022
ލަދު ކުޑަ ކުންފުނި ބައިގަނޑެއްތާއެެވެ! އެ އާއިލާއަށް ލިބުނު ގެއްލުން ދުވަހަކު ފޫނުބެދޭނެއެވެ. އެ އާއިލާ އަށް 4 ވަރަކަށް މިލިއަން ރުފިޔާ ދޭން ހުކުމް ކުރުމުން ދެން މާ މޮޅުކަމަކަށް ހަދައި އިސްތިއުނާފު ކޮށް އެ މީހުން ގަނަތެޅުވީމަ ތި ކުރެވެނީ މޮޅު ކަމެއް ކަމަށް ހީވިޔަސް މަމެންގެ އުންމީދަކީ ސުޕްރީމް ކޯޓަށް މައްސަލަ ދިއުމުން، ތި ކުންފުނި އަތުން 20 މިލިއަން ނަގގައި ދިނުމަށް ހުކުމް ކުރުން! ރާކަނިމަސް ކެވިފަތާހުންނާނީ!
އުއްޗު
04 November 2022
ބޯޑުތޯ ޒިންމާވާންވީ؟ ބޯޑު ބެހެއްޓުމުން ހުރިހާ ކަމެއް ފުރިހަމަވީތޯ. ކުންފުނީގެ ވެރިމީހާއަށް މިހާދިސާއާ އެއްފަދަ ހާދިސާއެއް ދިމާވެގެންތޯ ވިސްނެންވީ؟ ބިރުވެތިވޭ އަންނާން އޮތް ދުވަހަށް. އިންސާފު ގާއިން ކުރޭ. ހައްގަށް ވަކާލާތުކުރޭ. މިއަދު ހުރިހާކަމެއް ރަނގަޅަށް ހުރީމާ ކިބުރުވެރިނުވޭ. މާދަމާ ހާލަތު ބަދަލު ކުރަށއވަފާނެ.