ޚަބަރު / ސިއްހަތު

ދިވެހިންގެ ލެޔާއި ހަކުރާއި ކޮލެސްޓްރޯލް މާ މަތީގައި، ދިރާސާގެ ނަތީޖާ ބިރުވެރި!

ބަޔަކު އާޓިފިޝަލް ބީޗުގައި އިށީނދެލައިގެން: ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ދިޜާސާއިން ދެއްކި ގޮތުގައި ހަރަކާތްތެރިވެ ނޫޅުމާއި ރަނގަޅު ކާނާ ނުކެއުމުގެ ސަބަބުން ސިއްހީ ބޮޑު ނުރައްކަލެއް ވަނީ ރާއްޖެއަށް ކުރިމަތިވެފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދިވެހީންގެ އާބާދީގެ ބޮޑު ބައެއްގެ ކޮލެސްޓްރޯލާއި ހަކުރު އަދި ލޭ މަތި ކަމަށް، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭގޮތުން ހެދި ދިރާސާއިން ދައްކައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި ދިރާސާގެ ނަތީޖާތައް އާއްމުކުރައްވަމުން، އެ ޔުނިވާސިޓީގެ ޑިރެކްޓަ އޮފް ރިސާޗު، ޑރ. ރަހީމާ އަބްދުއްރަހީމް ވަނީ 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިވި ދިރާސާގައި، ގައިންގަޔަށް ނާރާ ބަލިތަކުގެ ތަފްސީލީ މަންޒަރެއް ސިފަކޮށްދެއްވައިފަ އެވެ.

މި ދިރާސާ ހަދާފައިވަނީ ތިން މެތަޑެއް ބޭނުންކޮށްގެންނެވެ. ފުރަތަމަ މެތަޑުގައި، ގައިންގަޔަށް ނާރާ ބަލިތަކާ ގުޅޭ ސުވާލުތައް ދިންއިރު، ދެ ވަނަ އަށް ބަލާފައިވަނީ ދިރާސާގައި ބައިވެރިވި މީހުންގެ އުނަގަނޑުގެ ވަށަމިނާއި ބަރުދަނާއި އިސްކޮޅު އަދި ލޭގެ ޕްރެޝަރެވެ.

ތިން ވަނަ ކަމަކަށް ބަލާފައިވަނީ ލޭގައި ހަކުރު ހުންނަ ވަރާއި ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އަދި ކުޑަކަމުދާ ތަކެތީގައި ސޯޑިއަމާއި ކްރެޓިނިން ހުންނަ ވަރެވެ.

ރަހީމާ ވިދާޅުވީ އެ ދިރާސާގައި ބައިވެރިވި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކު ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ ކަމަށެވެ. އަދި ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ހެލިފެލިވެ ނޫޅޭ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއާ އެކު، އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވެފައިވަނީ އިސްކޮޅާ އަޅާބަލާއިރު މާ ބަރު މީހުންނަށެވެ. ފަސް މީހުންގެ ތެރެއިން އެކަކަކީ، އޮބޭސިޓީ ހުންނަ މީހުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ހަފުތާ އަކު މަދުވެގެން 160 މިނެޓު ހެލިފެލިވެ އުޅުމަށް ލަފާދީފަ އެވެ. އެކަމަކު، އެ ވަރަށް ކަސްރަތުކުރާ މީހުން މަދެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ކޮލެސްޓްރޯލް ހުންނަ މީހުންނެވެ.

މޭވާ ނުވަތަ ތަރުކާރީ ކާން ކަނޑައަޅާފައިވަނީ ކުޑަ ބޯތައްޓެއްގެ ފަސް ސާވިން ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އާބާދީގެ ދެ ބައިކުޅަ އެއްބައި މީހުން އެ މިންގަނޑަށް މޭވާ ނުކާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު ވެސް އިތުރުކަން، ދިރާސާއިން އެނގިފައިވާ ކަމަށް ރަހީމާ ވިދާޅުވި އެވެ. ކޮންމެ ތިން މީހުންގެ ތެރެއިން އެކަކަކީ ލޮނު އަޅައިގެން ކެއްކުމަށް ފަހު، ކާ އިރު އިތުރަށް ލޮނު ބޭނުންކުރާ މީހުންނެވެ.

ކުޑަކަމުދާ ތަކެތިން ލޮނު ޓެސްޓުކުރިއިރު، ދުވާލަކު 8.8 ގްރާމް ލޮނު ބޭނުންކުރާ ކަމަށް ދެއްކި ކަމަށާއި މިއީ ޑަބްލިއުއެޗްއޯގެ މިންގަނޑަށް ވުރެ ހަތަރު ގުނަ އިތުރު އަދަދެއްކަން ރަހީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ލޭގައި ކޮލެސްޓްރޯލް ހުންނަ ވަރަށް ބަލާއިރު، ކޮންމެ ތިން މީހުންގެ ތެރެއިން އެކެއްގެ ކޮލެސްޓްރޯލް މަތި ކަމަށް ދިރާސާއިން ދެއްކި އެވެ.

އެ ބަލިތައް ޖެހުމަށް މަގުފަހިވާ އެތައް ކަމެއް ދިވެހީންގެ ދިރިއުޅުމުން ފެނެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމެވެ.

ރަހީމާ ވިދާޅުވީ އެ ދިރާސާގައި ބައިވެރިވި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމަށެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައިވަނީ އަށް އަހަރުގަ އެވެ.

ކޮންމެ 20 މީހެއްގެ ތެރެއިން އެކަކީ ބަނގުރާ ބޯ މީހެއް ކަމަށާއި ހަތަރު މީހުންގެ ތެރެއިން އެކަކު ޑްރަގްސް ބޭނުންކުރާ ކަމަށް ދިރާސާއިން ދެއްކި ކަމަށް ވިދާޅުވި އެވެ.

މެޑިކަލް ހެލްތު ރިސާޗު ކޮންސަލްޓަންޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކަކީ ލޭ މައްޗަށް ދިއުމުގެ މައްސަލަ ހުންނަ މީހުން ކަމަށެވެ. ހަކުރު ވެސް، 14 ޕަސެންޓް މީހުން ހުންނަނީ ހުންނަންޖެހޭ މިންވަރަށް ވުރެ ގިނައިން ކަމަށެވެ.

ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ލޯންޗުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން، ހިތުގެ ބަލި ނުވަތަ ސްޓްރޯކެއް ޖެހުމުގެ ފުރުސަތު އޮތް މިންވަރު ބެލިއިރު، ޝީނާ ވިދާޅުވީ 40 އަހަރުން ދަށުގެ ކޮންމެ ތިން މީހެއްގެ ތެރެއިން އެކަކަކީ އެ ކަންކަމަށް ނުރައްކާ އޮތް މީހުން ކަމަށެވެ. އެ ނުރައްކާތައް، 45 އަހަރުން މަތީގެ މީހުންނަށް ބަލާއިރު، ކޮންމެ ދެ މީހުންގެ ތެރެއިން އެކަކަކީ ތިން ހިރާސަށް ވުރެ ގިނަ ހިރާސް ހުރި މީހުންނެވެ.

ކާޑިއޮވެސްކިއުލާ ރިސްކް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ބޮޑުވާނެ މީހުންނަށް ބެލިއިރު، 13 ޕަސެންޓް މީހުން ހިތުގެ ބައްޔެއް ޖެހުމުގެ ފުރުސަތު އެބަ ޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދިރާސާއިން ފެނުނު މައުލޫމާތަކީ ދެބައިކުޅަ އެއްބައި މީހުން ނުވަތަ ތިން މީހުން އެކަކު، އެއީ ވަރަށް ބޮޑު އަދަދެއް. އަޅުގަނޑުމެންގެ އާބާދީއަށް ބަލާއިރު މި ހިރާސްތަކުގެ މިންވަރު ކަންބޮޑުވާ މިންވަރަށް އެބަހުރި،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުއްޖާ އުފަންވާއިރު ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރާ މުއްދަތަށް ވުރެ އަވަހަށް މަރުވަނީ ކިތައް ކުދިންތޯ ވެސް ބަލަންޖެހޭ ކަމަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ރަނގަޅަށް ނުބަހައްޓައިފި ނަމަ ކުރިއަށް އޮތް 10 އަހަރަށް ބަލާއިރު ވެސް ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރާ މުއްދަތަށް ވުރެ އަވަހަށް މަރުވާ މީހުންގެ އަދަދު ދާނީ އިތުރުވަމުން ކަމަށް ޝީނާ ވިދާޅުވި އެވެ.

"މީގެ ސަބަބުން މީހުންގެ އުފެއްދުންތެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރޭ. ހަމައެކަނި މީހާގެ އުފެއްދުންތެރިކަމެއް ނޫން. ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަސައްކަތަށް ނުދެވުން، އުފެއްދުންތެރިކަން ގެންނަންޖެހޭ މިންވަރަށާއި ފެންވަރަށް ނުގެންދެވުން. މި ކަންތައްތަކުގެ ސަބަބުން މުޅި ގައުމުގެ އިގުތިސޯދަށް ވަރަށް ބޮޑު އަސަރުކުރޭ. ސިއްހީ ހިދުމަތް ދިނުމަށް ދާ ހަރަދު ވެސް އިތުރުވެގެންދޭ،"

"މި ދިރާސާގެ ކޮންކްލޫޝަންއަކަށް އާދެވުނީ ރާއްޖޭގެ ތަރައްގީއަށް މިއީ ވަރަށް ބޮޑު ނުރައްކަލެކޭ ނުވަތަ ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެކޭ،" ޝީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީޑީޕީއަށް ބަލާއިރު ރާއްޖެއަކީ ސިއްހީ ދާއިރާއަށް ބޮޑު ހޭދައެއް ކުރާ ގައުމެއް ކަމަށެވެ. ނަމަވެސް ޕްރިވެންޝަނަށް ހޭދަކުރަނީ އެންމެ ދެ ޕަސެންޓް ކަމަށް ޝީނާ ވިދާޅުވި އެވެ.

49 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 44%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

453210

09 November 2022

ބުރަ މަސައްކަތްކޮށްފަ ލިބޭ ލާރިކޮޅުން ކުލި ދައްކާލާފަ ނޯވޭ މޭވާ ތަރުކާރީކެވޭކަށް. ރަށުގަ ވަޒީފާއެއްނެތް. އުޅެންޖެހެނީ އަޅު މާލޭގަ. މިތާނގަ ތޮއްޖެހުން ބޮޑުކަމުން މީހަކަށް ހަމަނޭވާލައިގެން ހިނގާނުލެވޭ. އެހެންވީމަ ސިސްޓަމްވެސް ރަނގަޅުވެގެން ތިކަންތައް ރަނގަޅުވާނީ ހުރިހާކަމެއް ފަރުދީ ޒިންމާއެއްވެސްނޫން.

The name is already taken The name is available. Register?

ކޮރަލް

08 November 2022

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކުގެ ކޮންޓްރޯލް ބިދޭސީންނަށް ލިބުނީމަ އެމީހުން ބަލާނީ އެމީހުންގެ ފައިދާ އަށެވެ. ވިއްކާ ލާފަ ލިބޭ ރުފިޔާ ޑޮލަރަށް ހަދާ ބޭރު ކޮށްލާނީ އެވެ. ގޮޅި ތަކާ ފިހާރަ ތަކާ ހޮޓާ ފަދަ ތަންތަނުގަ މިހާރުކޭޝިއަރުންނަށް ހުންނަ ގިނަ ތަންތަނަކީ އެ ކޭޝިއަރުގެ ތަންތަނެވެ. ފިހާ ރަ އަށް ސޭތް އަކަށް ބެހެއްޓީމަ ތަނައް ގެއްލުންވެ އެންމެ ފަހު ތަން ބޮނދު އއަށް ވިއްކާ ލަނީ އެވެ. ނޫނި ހަވާލު ކުރަނީ އެވެ. ގަޑު ބަޑު ކޮށްފަ ވިއްކަ އެވެ.

The name is already taken The name is available. Register?

އަލީ!

08 November 2022

ބިދޭސީންނަށް ކޮންޓުރޯލް ދެނީ ދިވެހިމީހާ.. ދިވެހިމީހާ އަށް ކުޑަކުއްޔެއް ދޭގޮތަށް އެކަންކުރަނީ.. ދިވެހިންނަށް މަސައްކަތް ކުރަން ނުކެރުމުގެ ނަތީޖާއަކީ ބިދޭސީން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ކޮންޓްރޯލްނެެގުން.

The name is already taken The name is available. Register?

ސުރޫރު

08 November 2022

ދެން ތިޔަ ތިރިކުރަން އުޅޭވޭނީވެސް ބޮޑެތި ބޭފުޅުންކަކަށްނޫންތަ. މާލެ ތޮއްޖެހި ހިނގާ ލެވޭކަށްނެތް. ކަސްރަތެއްނކުރެވޭކަށް ނެތް. މަތިމައްޗަށް ގެ ހަދައިގެން ހޮރުބހަދައިގެން ގޭގައި ތިބުމްނޫނަ ގޮތެއް ހަދައެއް ނުދެވޭ

The name is already taken The name is available. Register?

އަހަމަދުފުތާފޭދޫ

08 November 2022

ތަރައްގީ ނުވާ ކަމުގެ އެންމެ ބޮޑު ހެކި. ވަށައިގެން ހުލުމާލޭގަ ފުލެޓް ތައް އެޅި އިރު ކީއްތޯ ވަނީ ދުޅަހެޔޮ ކަމައް ސުވިމިން ޕުލް ތަކެއްވެސް ހަދާލާނަމަ. ހުލުމާލޭ ވަށައިގެން ހުސް ތޫނު ގާ އޮންންނީ މޫދުގާ. ސަރުކާރުން ދިވެހިންގެ ދުޅަހެޔޮ ކަމައްވެސް ވިސްނަން އެބަ ޖެހޭ. ކޮންމެ ފުލެޓް އޭރިޔާ އެއްގަ ޕޫލް އެއް ނެހެދެންވީ ކީއްވެތޯ ކޮންމެ އެޕާރޓްމަންޓަކުން 1000ރ ނަގާ މެއިންޓަނަންސް އަށޭ ކިޔާފަ. ކުރާ މެއިންޓަނަންސްއެއް ނޮވޭ. ވާގޮތެއްނޭގެ ފައިސާ މީ.

The name is already taken The name is available. Register?

ދޮންކަބިލި

08 November 2022

ހަކުރަށް ދޭ ސަބްސިޑީ ކަނޑާލަންޖެހޭ ހަކުރަކީ ހަށިގަނޑަށްގެއްލުންދޭއެއްޗެއް.

The name is already taken The name is available. Register?

އެމްސް

08 November 2022

ރާއްޖޭގަ ވިއްކާ ވަރަށް ގިނަ ކާބޯތަކެއްޗަކީ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ އެއްޗިއްސެއް ނޫން! ދަނޑުވެރިކަމުގަ އުޅޭ ބޮންދުންވެސް ކެޔޮ ދޮން ކުރަނީ ނުރައްކާތެރި ވަރަކަށް ކެމިކަލް/ސްޕްރޭ ކޮށްގެން! ކުކުޅުބިހުގެ ވާހަކަ ރަގަނޅުވާނީ ނުދެއްކިއްޔާ! ސިވިލް ސާވިސް އެންމެން ޓައި އަޅާފަ އޮފީހުގަ ތިބެގެން ބޮންދުން ނެރެގެން ހުރިހާ ކަމެއް ކުރަންވީމަވެސް އެނޫންގޮތެއް ނުވާނެ!

The name is already taken The name is available. Register?

ހެލިފެލި

08 November 2022

ހެލިފެލިވެ އުޅުމާބެހޭގޮތުން މާކަ ބޮޑު އެއްޗެއް ނޭނގޭ. އެކަމަކު ހެލިހެލިފައި ފެލޭ މީހުން މިހާރު މިގައުމުގައި މަދެއް ނުވާނެ.

The name is already taken The name is available. Register?

ބޮޑުމީހާ

08 November 2022

މި މާލޭގަ ހެލިފެލިވެ އުޅޭނީ ކޮންވަގުތަކު! ކުލި ހަމަކުރަން ދެމެފިރިންވެގެން 4 ޝިފްޓަށް މަސައކަތްކުރަންޖެހޭ، 2 ދަރިންނަށްވުރެެ ގިނަކުދިން ސްކޫލަށް ދާނަމަ ސްކޫލަށް ގެންގޮސް ގެނެސްދީ ނިމޭއިރު ދުވަސް ނިމިފަ އޮންނަނީ، ކިރިޔާވެސް ވަގުތެއް ހޯދައިގެން ކުޅިވަރެއް ކުޅެލަން ބަލާލާއިރު ހުރިހާ ދަނޑުތަކެއް ފުލް 500ރ އަށް އެންމެ ގަޑިިއިރަކަށް އެ ލާރި ލިބެނީ ކޮންބަޔަކަށްކަންވެސް ނޭގެ، ދެން ހޮޓާތަކުން ވިއްކާ ކާއެއްޗެހީގެ ވާހަކަ ނުދެއްކުން ރަގަޅުވާނީ

The name is already taken The name is available. Register?

ބަލިބަލި

08 November 2022

މައްސަލަ ބޮޑުވެގެން މިއުޅެނީ ތިހާލުގައި މަސައްކަތްކޮށްގެން އުޅޭ މީހުންނެއް ނޫން. މަސައްކަތެއް ނުކޮށް އަޗާތަޅަމުން އަތުޖެހުނު އެއްޗެއް ބޮމުން ދުވާމީހުންގެ ސަބަބުން.

The name is already taken The name is available. Register?

ކުޑަމީހާ

08 November 2022

10 ފޫޓުގެ ތަންކޮޅެއްގަ ދެކޮޅަށް ދެކޮޅަށް 30 މިނިޓް ހަފްތާއަކު 4 ދުވަހު ހިނގައިގެންވެސް ކުޑަ މިންވަރަކުން ސިއްހަތަށް ރައްކާތެރިވެވިދާނެ. އެވަރު ނުވާނެ މީހަކު އުޅޭނެހެން ހިއެއްނުވޭ.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

08 November 2022

ހަކުރު މަތިވިޔަސް ހަނޑުމަތިނުވާކަން އެއީ ނަސީބު. އެހެނީ އެންމެގިނައިން ކެވެނީ ހަނޑޫވިއްޔަ.

The name is already taken The name is available. Register?

ކަކުނި

08 November 2022

ހިރާސް އަކީ ކޮއްޗެއްތަ. ކުއްޖަކު ނިކަން ސާފު ކޮށްދީބަލަ.

The name is already taken The name is available. Register?

ހިރާސްއަކީރިސްކް

09 November 2022

ހިރާސްގެ ސީދާ މާނައަކީ ނުރައްކާ. މިޙާލަތުގައި ހިރާސް މި ބޭނުން ކުރަނީ، ވަކިކަމެއް މެދުވެރިވުމަށް އޮތް ނުރައްކާ ނުވަތަ ނުރައްކަލަށް ހުށްހެޅުމުގެ ސަބަބު ބުނެދިނުމަށް. ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސް ތަކަކީ އެފަދަ ބަލިތަކަށް މީހާ ހުށަހެޅިދާނެ ފަދަ ހާލަތް ނުވަތަ ސަބަބު. މިސާލަކަށް ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ނުވަތަ ދުންފަތުގެ ވިހަ ދުމަށް ހުށްހެޅުމަކީ، ކެންސަރ ބަލީގެ "ހިރާސް" އެއް ނުވަތަ އެ ބަޔަށް ހުށަހެލޭނެފަދަ "ރިސްކް" އެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454