އައްޑޫގެ ގެއެއްގެ ފުރާޅުގައި ސޯލާ ޕެނަލްތަކެއް ހަރު ކުރަނީ.--- ފައިލް ފޮޓޯ: ފޭސްބުކް
11 ޖެނުއަރީ 2017 - 12:02
އަވީގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ފަރާތްތަކުގެ އަތުން ފީ ނަގަން ނޫޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ސޯލާ ޕެނަލް ހަރުކޮށްގެން ކަރަންޓު އުފައްދާ ފަރާތްތަކުގެ އަތުން ފީއެއް ނަގަން ނިންމައި އެނަޖީ އޮތޯރިޓީން ގަވާއިދެއް އެކުލަވާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. މި ގަވާއިދަށް ހިޔާލު ހޯދަން، ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ވެ އެވެ.
އެކަމަކު، އެނަޖީ އޮތޯރިޓީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އެ އޮތޯރިޓީން ހަދަމުން އަންނަނީ، އަވިން ކަރަންޓު އުފައްދާ އަމިއްލަ ފަރާތްތަކުން ބޭނުންކުރުމަށް ފަހު ބާކީވާ ކަރަންޓު ސަރުކާރަށް ގަތުމާ ގުޅޭ ގަވާއިދެކެވެ. އެ ގަވާއިދުގެ ތަފްސީލުތައް ނުދެއްވިޔަސް، އޮފިޝަލް ވިދާޅުވީ ސޯލާ ޕެނަލް ހިމެނޭ ގޮތަށް އިޔާދަކުރަނިވި ހަކަތައިގެ އެއްވެސް ބާވަތަކުން އެއްވެސް ފީއެއް ނެގުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
"އޭގެ ބަދަލުގައި ސަރުކާރުން މަސައްކަތް ކުރަނީ ތިމާވެއްޓާ ރަށްޓެހި ހަކަތަ ޕްރޮމޯޓް ކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
އެ ގޮތުން، އަންނަ އަހަރުގެ ނިޔަލަށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތަ އަށް ހެދުމަށް ސަރުކާރުން ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. މި މަޝްރޫއުގެ ދަށުން މިދިޔަ އަހަރު ކުރި ބައެއް މަސައްކަތްތަކަކީ:
- އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ބ. ގޮއިދޫ، ޅ. ކުރެންދޫ، ތ. ބުރުނި، ގއ. ވިލިނގިލި ހިމެނޭ ގޮތަށް 2.5 މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން.
- ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ބީލަމަށް ހުޅުވާލުން
- ށ. ނ. ޅ. ކ. އއ. އދ. ވ. ގއ. އަދި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ކުރުން
- 45 މެގަވޮޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމަކާއި އެ ނިޒާމު ބޭނުންކޮށްގެން ދުވާލަކު 0.9 ޓަނުގެ އައިސް އުފެއްދޭ އައިސް ޕްލާންޓެއް ކ. ދިއްފުށީގައި ގާއިމުކުރުން
- ކަރަންޓު ސާމާނަކީ ކަރަންޓު ހަރަދު ކުޑަ، ތިމާވެއްޓާ ރައްޓެހި ތަކެއްޗަށް ހެދުމަށް 210,000 ލެޑް ލައިޓް އާއްމުންނަށާއި ދައުލަތުގެ މުއައްސަސާތަކަށް ދިނުން
- ޅ. ނައިފަރު އަދި ކ. ހިންމަފުށީގައި ވައިން ހަކަތަ އުފެއްދުމަށް ބުރަފަތި ބެހެއްޓުމަށް ހަދަންޖެހޭ އިތުރު ދިރާސާތައް ކުރުން
- ކ. ހުރާ އަކީ 100 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ހެދުމަށް ހަދަންޖެހޭ ދިރާސާތައް ފެށުން
މި އަހަރުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ބައެއް މަސައްކަތްތަކަކީ:
- ހއ. އަދި ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން
- ށ. ނ. ޅ. ކ. އއ. އދ. ވ. ގއ. އަދި ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށުން
- ރ. ބ. މ. ފ. ދ. ތ. ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ފުވައްމުލަކުގައި އަވިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމުކުރުމަށް ހަދަންޖެހޭ ދިރާސާތައް ނިންމައި ބީލަމަށް ހުޅުވާލުން
- އިތުރު 210,000 ލެޑް ލައިޓް އާއްމުންނަށް ދިނުން
- ޅ. ނައިފަރު އަދި ކ. ހިންމަފުށީގައި ވައިން ހަކަތަ އުފެއްދުމަށް ބުރަފަތި ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުން
- ރާއްޖޭގެ ވިންޑް މެޕް ތައްޔާރުކުރުމަށް ބޭނުންވާ ގްރައުންޑް ޑޭޓާ ނެގުމަށް ހއ. ހޯރަފުށި އަދި ކ. ތުލުސްދޫގައި "ލައިޑަ ޑިވައިސް" ބަހައްޓައިގެން ދެ އަހަރުދުވަހުގެ މުއްދަތަށް ޑޭޓާ ނެގުން.
އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް (ޖީޑީޕީ)ގެ ވިއްސަކަށް ޕަސެންޓް ހޭދަކުރަން ޖެހެނީ ތެޔޮ ގަތުމަށެވެ. އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް މައްޗަށް ދިއުމުގެ އިތުރަށް، ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމެއްގައި އެކި ގޮތް ގޮތުން ގެއްލުންތައް ވަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، ސަރުކާރުގެ އަމާޒަކީ ޑީސަލަށް ބަރޯސާވުން ވީހާ ވެސް ބޮޑަށް ކުޑަ ކުރުން. ހުރިހާ ކަމެއް ވެސް ކުރަނީ އެ މަގުސަދު ހާސިލް ކުރުމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ހަކަތައިގެ ސިޔާސަތު 2015 ގައި އެކުލަވާލާފައިވާއިރު، ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު 2030 ގެ ކުރިން 10 ޕަސެންޓް ކުޑަ ކުރަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ. މީގެ އިތުރުން، އެ ސިޔާސަތުގެ ދަށުން ހުޅުމާލެ އާއި އެ ނޫން ވެސް އާބާދީ ބޮޑެތި ސަރަހައްދުތަކުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރަން ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުޅޯ
12 January 2017
ރައީސް ނަޝީދު ކާބަން ނިއުޓްރަލްއޭ ކީމަ ކަމުނުދިޔައީ. ހަމަ ކުރީގެ ސަރުކާރުގެ މަޝްރޫޢުތައް ތިޔަ ކޮޕީކުރަނީ
މެންޓަލިސްޓް
11 January 2017
ތިޔައާެރޓިކަލްގައި އެބައޮތް 45 މެގަވަޓްގެ ސިސްޓަމްއެއް ކ،ދިއްފުށީގައި ގާއިމް ކުރިވާހަކައެއް ،،، ކީއްކުރާ 45 މެގަވޯޓެއްތޯ ކ.ދިއްފުއްޓަށް ،، މާލޭގައި ހުރީ ކިތަށްމެގަވޯޓްތޯ ؟؟؟ ދިއްފުށީގައި 2 ލައްކައެއްހާ މީހުން އުޅެނީތޯ ؟؟؟ ވަރަށްވެދުން
މެޑަމް
11 January 2017
އަވިން އުފައްދާ ކަރަންޓުން ޓެކްސް ނުނަގާ. އެކަމަކު ބެޓެރީ ސައިކަލުން ހުރިހާޓެކްސް އަކާ ފީތަކެއް ނަގާ. މިގައުމު މިއުޅެނީ ތިމާވެއްޓާ ރައްޓެހި ވާށޯ. އެކަމަކު ބެޓެރީ ސައިކަލަށް ފީ ދައްކަން ޖެހޭ. އެދުއްވަންޏާ ލައިސަންސް ނަގަންޖެހޭ. ބައިސްކަލު ދުއްވާ މީހުން ވެސް ލައިސަންސް ނަގަންޖެހޭނެ ނުންބާ
މަރީ
11 January 2017
އެހެންވިއްޔާދެން ތި ނަގަން ތައްޔާރަށް ތިތިބީ. ނުކުރާނަމޭ ބުނާ ކޮންމެކަމެއް ކޮށްފަ ވަނީ މިހާތަނަށްވެސް. އަދި ހަމަ އެހާމެ ބަނގުރޫޓުވެފަ ތިބީވެސް. ދުވަސްކޮޅަކުން ޓެކްސްތައްވެސް އިތުރުކުރާނެ. ބަލަން ތިބޭ.
ސަމީއު
11 January 2017
ފޭކް ނިއުސް ފެތުރި މީހުން ކޮބާ؟ މާބޮޑު އެއްޗެއް ހިތަކަށް ނާރާ ދޯ؟ އެކަން އިނގޭ. . .
އަޖަމް
11 January 2017
އަންނަ ރުޅިން ކޮމަންޓްގަ ލިޔާނެ އެއްޗެއްވެސް ނޭގޭހާ ރުޅިގަދަވޭ. އެސްޓީއޯގެ ފައިދާގެ ބޮޑު % އަކީ ތެޔޮ ވިޔަފާރި، ގިނަ އެމްޕީންގެ ވިޔަފާރިތަކަކީ ތެޔޮވިޔަފާރި. އެހެންކަމުން ސޯލާ ޕްރޮޖެކްޓް ތަކަކީ ނުހިގާނެ އެއްޗެއް. ކޮންމެވެސް އެއްޗެކޭ ކިޔާފަ ހުއްޓުވާނެ. އެބުނާހެން ކާކުތޯ ބޭނުންވާނީ ފެނަކަ ގެއްލުމުގަ ހިންގަން. ކާކުތޯ ބޭނުންވާނީ ސްޓެލްކޯ ގެއްލުމުގަ ހިންގަން. ކާކުތޯ ބޭނުން ވާނީ އެސްޓީއޯ ގެއްލުމުގަ ހިންގަން.
ރަނގަޅު
11 January 2017
މިމީހުން ނުކުރާނެ ކަަމަށް ބަުނާ ކަމެއް ކުރާނެ. އެއްވެސް އިތުބާރެއް ނެތް.
ދޭންޖެހޭނެ
11 January 2017
އަވިން އުފައްދާ ކަރަންޓް އިން ފީއެއް ސަރުކާރަށް ނަގަން ޖެހޭނެއެވެ. ކީއްވެ ނުނަގަންވީ. އެއީ ރާއްޖެ އަށް ދޭ އަވި އެވެ. ރާއްޖޭގެ ބީޗް ވިލާ ތައް ބޭނުން ކުރުމުން ބީޗް އަށް ޓެކްސް ނަގާ ގޮތަށް ރާއްޖެ އަށް ދޭ އަވިން ކަރަންޓް އަމިއްލަ ގޭގެ ތަކުން އުފައްދާނަމަ ރާއްޖެ އަށް ދޭ އަވިބާރަށް ދައްކަން ޖެހޭނެ ދިހަ ޕަރސެންޓް ފައިސާ ސަރުކާރަށް. މީ މިގައުމުގެ ނެޗުރަލް ރިސޯސް އެއް ބޭނުން ކުރުން ނޫން ތޯއެވެ. މަމެން ނުޖެހޭ ދުނިޔޭގެ އެެހެން ގައުމު ތަކުން ކަންކަން ކުރާ ގޮތް ބަލާކަށް ދޯ.
ޝޯން ޕޯލް
11 January 2017
ހަހަހަހަހަހަހާ ތީހަމަ ތެދުފުޅެއް. ހަމަ ތިގޮތައް ބުނެފަ އެބުނާ ފީއެއް ނަގާނެ. ހަމަ ގެރެންޓީ.... ބަލަންތިބޭތި..
ނުދޭނަން
11 January 2017
ރާއްޖޭގަ ލާ ކޮންމެ ނޭވާއެއްވެސް ލެވެނީ މީ ދިވެހި ރާއްޖޭގެ ނެޗުރަލް ރިސޯސް ބޭނުންކޮއްގެން ކަމުގައިވާތީ ކޮންމެ ނޭވާއަކަށްވެސް އޮކްސީޖަން ސާޗާޖެއް ނަގަން އަވަހަށް މަޖުލިހަށް ހުށަހަޅައިގެން ފާސްކުރޭ!