ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިިހަށް އިއްވަވަނީ.---ފޮޓޯ: މަޖިލިސް
06 ފެބުރުއަރީ 2023 - 10:08
މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރަން ނިންމަވާފައިވާ ކަމަށާއި ފްލެޓްތައް ލިބޭ މީހުންނަށް އެކަމުގެ ލިޔުން މި އަންނަ ޖޫން މަސް ނިމުމުގެ ކުރިން ދޫކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ ކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އެއީ ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.
ރައީސްގެ ފަސް އަަހަރުގެ ދައުރުގެ އެންމެ ފަހު ރިޔާސީ ބަޔާން އިއްވަވަމުން މާލޭގެ ރައްޔިތުންނަށް މިއަދު ވަނީ އުފާވެރި ޚަބަރެއް ދެއްވައިފަ އެވެ. އެއީ ހިއްކައިގެން ގޯތި ދޫކުރަން މިހާރު ކަނޑަައަޅާފައިވާ އަދަދަށް ވުރެން ވެސް އިތުރަށް ގޯތި ދޫކުރައްވާނެ ކަމުގެ ޔަގީން ކަމެވެ.
"މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށް ވުރެ މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ،" ރައީސް ވިދާޅުވި އެވެ.
އެކަމަކު އިތުރުކުރަން ނިންމެވީ ކިތައް ގޯތި ކަމެއް މިއަދު ވިދާޅެއް ނުވެ އެވެ.
ގޯތިދޫކުރަން ގުޅިފަޅުގެ އެއްބައި ވަނީ ހިއްކައި ނިންމައިފަ އެވެ. ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވެސް މި އަހަރު ނިމޭނެ ކަމަށް ރައީސް މިދިޔަ މަހުގެ ތެރޭގައި ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ގޯތި ނުދޭތާ އެތައް އަހަރަކަށް ފަހު، ކުރިމަތިލާން ހުޅުވަލުމުން 15،164 އެޕްލިކޭޝަން ހުށަހެޅި އެވެ.
ބޯހިޔާވަހިކަމުގެ ވައުދު ނުފުދި ލަސްވެފައިވާ ކަމުގެ ކަންބޮޑުވުންތަކަށް ރައީސް މިއަދު ވިދާޅުވީ އެ ވައުދު ފުއްދެވުމުގެ އަމާޒުގައި ވެސް އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ. ފްލެޓްތައް އިމާާރާތްކުރަން ފަށައި ވެރިކަން ނިމުމުގެ ކުރިން ހަވާލުކުރާ ފުރަތަމަ ސަރުކާރަކަށް ވާނީ އެމަނިކުފާނުގެ މި ވެރިކަން ކަމަށް ވެސް ވިދާޅުވި އެވެ.
"ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މި އަހަރު ވެގެންދާނެ. އެ ފްލެޓް ތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަފާތު ފްލެޓްތަކަކަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
އެފްޑީސީގެ އަމާން މަޝްރޫއުގެ ދަށުން ހަދަމުން އަންނަ ފްލެޓުތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވައިލައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މާލެ އިން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،697 ފޯމު ހުށަހެޅި އެވެ.
"މި އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުން. މި އަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4،000 ފްލެޓްގެ މަސައްކަތް ކުރަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެ ގައުމުގެ ޖޭއެމްސީ އާއި އެންބީސީސީ ކުންފުންޏާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކުން އަންނަނީ 2،000 ފްލެޓް އިމާރާތް ކުރަމުންނެވެ.
މި ސަރުކާރުގެ ފުރަތަމަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓުތައް ނިމުމުން ހުންނާނެ ގޮތުގެ ނަމޫނާއެއް.-- ފޮޓޯ: ރައީސް އޮފީސް
މީގެތެރެއިން 13 ޓަވަރުގައި އަންނަ އޮގަސްޓަ މަހުގެ ތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށް ގެންދާ ހައުސިން ލޯނަށް އެދި 579 ފޯމު ހުށަހަޅާފައިވެ އެވެ. ގެދޮރޮވެރިޔާ ލޯންގެ މި ފޯމުތަކުގެ 55 ޕަސެންޓް މިހާރު ވަނީ އެޕްރޫވްކޮށްފައި ކަމަށާއި 249 މީހުންނާ އެކު ލޯން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަތޮޅުތަކުގައި ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން އަންނަ މެއި މަހުގެ ނިޔަލަށް 556 ހައުސިން ޔުނިޓް ނިމޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. މީގެ އިތުރަށް 2،200 ހައުސިން ޔުނިޓް އެކި އަތޮޅުތަކުގައި ހިނގަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާކުންބޭ
07 February 2023
މާލޭގެ ބިމެއް ނެތޭ، ދިވެހި އެންމާ ރައްޔިތުންގެ ބިންތައް މާލޭ މީހުނަށް ހިލޭ ދީފައި އެހެން މީހުން މި އުޅޭންޖެހެނީ ފްލެޓްގައި، އެވެސް ކުލި ދައްކައިގެން، މި ރޭސިސްޓް ސަރުކާރަށް ސަލާމް
ޝެއިޚް 1
07 February 2023
އެއީ ދޮގެވެ.މަގޭ ވޯޓު މިފަހަރު ނާޒިމްއަށް
އަލްސަން2
07 February 2023
ކަލޭމެން ހިތު ހުރި ބަޔަކަށް ތަ ގޯތި ދެނީ
ސޫމާ
07 February 2023
ދައުރު ނިމުމަކަށް އަންނާތީވެ އަވަސް އަވަހަށް މިކަންތައް ދުއްވާލަނީ ދޯ. ހަމަ ނަސީބު ޝަރުތު ޕުރިހަމަވާ ބަޔަކަށް ލިބިއްޖެއެއްޔާ.
ޓިނު
07 February 2023
ދައުރު ނިމެނީ މިހެންކިޔަކިޔާތިއްބާ އެންމެ ގޯއްޗެއްނަމަވެސް ދޫކުރެވޭތޯ ބަލަންވެއްޖެނޫންބާ؟
ހިންނަވަރުކުޑޭ
07 February 2023
ދައުލަތުގެ މުދަލެއް ވަކިބަޔަކަށް ހިލޭ ދިނުމަކީ ކަރަޕްޝަނަށް ނޫނީ ނުވާނެ. ނޫނީ ޝަރުތު ފުރުހިމަވާ ހުރިހާ ދިވެހި ރައްޔިތުންނަށް ހިލޭ ދެވެންވާނެ. ސިޔާސީ މަންފާ ހޯދުމަށް ދައުލަތުން ވަކިބަޔަކަށް މަންފާ ހޯދައިދިނުން. ގޯތި ބޭނުންވާ އެތަށްހާސް ދިވެހިރައްޔިތުން މާލޭ ސަރަހައްދުގައި އަދި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އެބަތިބި.
ވިނަވި
07 February 2023
އަނެއްކާ އައްޑޫ މީހުންނާ ކޮމަަންޑޫ މީހުން ހައްދާލިހެން މާލެމީހުނެއް ނުހެއްދޭނެ
ާއުނިމާ
06 February 2023
މީ ވަކިބަޔަކަށް ވިޔާފާރި ކުރުމަށް ، ދެން ތިބި އެންމެންގެ ޙައްޤުތަށް ގެއްލުވާލާފަ ދޭ ގޯތިތަކެއް، މިހާތަނަށް ރާއްޖޭގަ ހިންގާނެ އެންމެ ބޮޑު ޖަރީމާ
ކިރު ސައި
06 February 2023
ދިވެހިރާއްޖޭގެ ހުރިހާވެސް މައްސަލަތަކެއްގެ އަސްލަކީ މާލޭބޭފުޅުންގެ އަޅުވެތިކުރުމުގެ ވިސްނުން. ދަހިވެތިކަން.
ވިކުރާ
06 February 2023
އަނެއްކާ އައްޑޫ މީހުންހަށް ގޯތި ދިންހެން ނަހަދާފިއްޔާ ރަންގަަޅު