"ލީޑަރު އަމިއްލަފުޅަށް ހިސާބު ޖައްސަވާނެ. ޖުމްހޫރީ ޕާޓީން ވެސް ޖަހާ ހިސާބުތަކެއް ހުންނާނެ. ހިސާބުތައް ޖަހާފައި ގޮތެއް ނިންމާނީ. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު ބައެއް ބޭފުޅުން އެ ވިދާޅުވާ އެއްޗެއްގައި ބަރުދަނެއް އެބަހުރި."
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް: ޖޭޕީން ރިޔާސީ އިންތިހާބަށް ނިންމާ ގޮތެއް އިއުލާންކުރާނީ ހުކުރުދުވަހު ފަށާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގައި. -- ފޮޓޯ | މިހާރު
21 ފެބުރުއަރީ 2023 - 09:24
ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ދިފާއުކޮށްގެން ތިބި މަގާމް ސިޔާސީ މަސްރަހުގައި ބަދަލެއް ނުވެ އެވެ; އެ ޕާޓީއާ ނުލައި އަދިވެސް ރިޔާސީ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ އެވެ. އިންތިހާބުތަކުގައި އެއީ ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ހޯދާ ޕާޓީ އެވެ. ނަތީޖާ ބުރަވެފައި އޮތީ ވެސް އެ ޕާޓީގެ ނިންމުމުގެ މައްޗަށެވެ.
ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި "ޖޭޕީ އޮންނާނީ އެހާ ފަހަތުގައެއް ނޫނެވެ. މި އިންތިހާބު އެ ޕާޓީއަށް ކާމިޔާބު ކުރެވިދާނެ" އެވެ!
ރިޔާސީ އިންތިހާބަށް ޖަހާ ހިސާބުތަކުގައި ޕާޓީގެ ބައެއް މެމްބަރުން މިގޮތަށް ވިސްނުން ގެންގުޅޭ އަދި ޕާޓީތަކުގެ ކުޅިބައި އަތުރާފައި ހުރި ގޮތާއި ސިޔާސީ ހަމަޖެހުން އޮތް މިންވަރުގެ މައްޗަށް ބަލައި ލީޑަރު ގާސިމް އިބްރާހީމަށް މި ލަފާ އަރުވާ ހަގީގަތްތަކެއް ސިޔާސީ މަސްރަހުން ދައްކަ އެވެ.
ރިޔާސީ އިންތިހާބުތަކުގައި މިހާތަނަށް ޕާޓީތަކުން ހޯދާފައިވާ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައި.
އެއީ އެއް ކަމަކަށް ކުރަން އޮތް މަސައްކަތްތައް ގިނަޔަސް ޖޭޕީގައި އެ ވަރުގެ ގާބިލް ޓީމެއް އޮތުމެވެ. ރިޔާސީ އިންތިހާބު 2013 ގައި ވޯޓުގެ ފަރަގު ކުޑަކޮށް ޖޭޕީއަށް ދެ ވަނަ ބުރު ގެއްލުނަސް އެއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދެކުމެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިސް ކުރާ މާލަމުގައި މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: މަޖިލިސް
ރިޔާސީ ޕްރައިމަރީ ނިމުނުއިރު އެންމެ ބޮޑު ޕާޓީ, އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައި އޮތުމެވެ. ޕާޓީ އެކުގައި ރިޔާސީ އިންތިހާބަށް ނުކުންނާނެ ސުލްހަވެރި ހައްލެއް އަދި ނުހޯދެ އެވެ. ރިޔާސީ ކެންޑިޑޭޓް, ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވަން އިންތިހާބު ނާކާމިޔާބުވެވަޑައިގަތް، ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުންނެވީ އިއުލާންކުރައްވައިގެންނެވެ. މަޖިލިސް ރައީސްކަން ވެސް ކުރައްވާ ނަޝީދު ބާރުއަޅުއްވަނީ ޖޭޕީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މިފަހަރު އިއްތިހާދު ނުވެ ވާދަކުރުމަށެވެ. އެ މަގަށް ވާހަކަފުޅު ދައްކަވަމުން "މިއީ ޖޭޕީގެ ފުރުސަތު" ކަމަށް ވެސް ވިދާޅުވެފައި ވެ އެވެ.
ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާނެ އެއް ޕާޓީ, ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ގާނޫނީ ބަންދެއްގަ އެވެ. އެ ޕާޓީގެ އާއްމު މެމްބަރުންގެ ހައްގާ ގުޅިފައި އޮތް އިންތިހާބާ މެދު ނިންމައިގެން ތިބި ގޮތް ބަދަލުކުރުމުގެ ވިސްނުމެއް ނެތެވެ. އެހެންކަމުން، އިންތިހާބުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް ކެންޑިޑޭޓަކީ ރައީސް ޔާމީނެވެ.
މެމްބަރުންގެ އަދަދު 11,400 ގައި ތިބި އެމްޑީއޭ އާއި 10,000 ހަމަކޮށްފައިވާ އަދާލަތާއި އެމްއެންޕީން ވަކިން ވާދަކޮށް ރިޔާސީ އިންތިހާބުގައި ޕީޕީއެމާއި އެމްޑީޕީ އަދި ޖޭޕީގެ މައްޗަށް ކުރި ހޯދިދާނެ ކަމަށް މިހާތަނަށް ބޭއްވި އިންތިހާބުތަކުގެ ނަތީޖާ އިން ނުދެއްކުމަކީ ވެސް ޖޭޕީ ކުރިއެރުމަށް އޮތް ފައިދާއެކެވެ.
ޖޭޕީން ކުނޫޒުގައި ބޭއްވި "ތައްޔާރު" ޖަލްސާގައި އެޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވާހަކަ ދައްކަވަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު
މި އިންތިހާބުގައި ކެންޑިޑޭޓް އިއުލާންކޮށް އިންތިހާބުގެ މަސައްކަތް ޖޭޕީން ނުފަށައި ތިބި ހަމައެކަނި ސަބަބަކީ ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކަށް ބަލައި ގޮތް ނިންމުމެވެ. މީގެ ކުރިން ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް އެ ޕާޓީގެ ހަރަކާތްތައް އިންތިހާބަށް އަހަރެއް އޮއްވައި ވަރުގަދަ ކުރެ އެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލުން 2018 ގެ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ކަނޑައެޅީ ސެޕްޓެމްބަރު 29, 2016 ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގަ އެވެ. އެ އަހަރު ޖޫން މަހު ބޭއްވި ކޮންގްރެސްއާ ހަމައަށް މަޑެއް ނުކުރެ އެވެ.
މިފަހަރު އެ ސްޕީޑުގައި މަސައްކަތް ނުގެންދިޔަ ސަބަބަކަށް ޖޭޕީން ދައްކަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އުފެއްދުމުގެ ބައިވެރިއެއްގެ ގޮތުގައި މިހާތަނަށް ދެމިތިބުމެވެ. ހިތްހަމަނުޖެހުންތަކެއް ހުއްޓަސް ދައުރު ނިމެންދެން މި ކޯލިޝަން ޖޭޕީން ދަމަހައްޓައިދިނުމަކީ ގާސިމް ވެވަޑައިގެންނެވި އަހުދެކެވެ.
ސިޔާސީ މަސްރަހުގައި އޮތް ސުވާލަކީ ޖޭޕީން މި އިންތިހާބަށް ނިންމާނެ ގޮތެކެވެ. އިއްތިހާދުތައް ހަދައި އިންތިހާބުގެ ނަމްބަރުތައް ތަރުތީބުކުރެވެން އޮތީ ޖޭޕީގެ ނިންމުން އިއުލާންކުރުމުންނެވެ.
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު, ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވިދާޅުވީ އިންތިހާބުތަކުގައި ގައުމަށް ނުވަތަ ޖޭޕީން ދައްކާ މަގަށް ރައްޔިތުން ގަބޫލުކުރާ އަދި ހިތުގައި ދަރަޖައެއްދީ މަގްބޫލުކަން ހޯދަނީ އެ ޕާޓީން ހިފަހައްޓައި ދަމަހައްޓާ އުސޫލްތަކުގެ ސަބަބުން ކަމަށެވެ. އެ ޕާޓީގެ ފަލްސަފާ އޮތީ ވަކި ބަޔަކާ ޒާތީވެ ގައުމުގެ ހަމަޖެހުން ނަގާލާ ބައަކަށް ނުވާތީ ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަރުގެ ސިޔާސަތާއި މުޅި ޕާޓީ ބައްޓަން ކުރެވިފައި އޮތީ އެގޮތަކަށް ނޫން. ޖޭޕީއަކީ އެންމެންނާ ގުޅިގެން އެންމެން ގޮވައިގެން ކުރިއަށްދާ ޕާޓީއެއް," އަމީން ވިދާޅުވި އެވެ.
ޖޭޕީގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަމީނާއި ޑރ. ހުސައިންގެ އިތުރުން ކޮންގްރެސްއާ ބެހޭ ކޮމިޓީގެ ދެ ބޭފުޅުން ކަމަށްވާ އަޒްލީން އަދި ޝަހުދީ ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ޖޭޕީ
މިސާލެއްގެ ގޮތުން ދެއްކެވީ އެހެން ޕާޓީތަކުން އަންނަ މެމްބަރުންނަށް ވެސް އެންމެ ހޫނު މަރުހަބާއެއް ނުވަތަ ވާދަކޮށްގެން ޕާޓީގެ ކުރީ ސަފަށް އައުމުގެ ފުރުސަތު ހުޅުވިފައި އޮތް ހަމައެކަނި ޕާޓީގެ ގޮތުގައި ޖޭޕީ ދެމިއޮތުމެވެ. ބޮޑެތި އެހެން ޕާޓީތަކުގައި ފަހުން ވަންނަ މެމްބަރުންނަށް ލީޑަޝިޕުން ފުރުސަތު ނޯންނައިރު ކޮމިޓީއަކުން ވެސް ޖާގަ އޮންނަނީ ހަނި ފުރުސަތަކުން ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި ޖޭޕީއަކީ އެންމެ ފުޅާކޮށް އަބަދުވެސް ފުރުސަތުތައް ފަހިކޮށްދޭ ޕާޓީ އެވެ.
"ޖޭޕީއާ އެކު މަސައްކަތްކުރަން އެއްވެސް ބޭފުޅަކަށް އުނދަގުލެއް ނުވާނެ. އެއީ ރައީސް އިބޫ ކަމަށް ވިޔަސް ރައީސް ނަޝީދު ކަމަށް ވިޔަސް ރައީސް ޔާމީން ވިޔަސް އަދާލަތު ވިޔަސް ބަލާނެ ކަމެއް ނެތް," އަމީން ވިދާޅުވި އެވެ.
ސިޔާސީ ޕާޓީގެ ނިޒާމް ގަބޫލުކުރާ ރާއްޖޭގެ ގިނަ ބަޔަކު ބެހިފައިވާ އެމްޑީޕީ އާއި ޕީޕީއެމް ފިކުރުގެ މައްޗަށް ޖޭޕީ ވަކިން ވާދަކޮށް ފުރަތަމަ ބުރުގައި ކުރި ނުހޯދޭނެ ކަމަކަށް އެ ޕާޓީން ގަބޫލެއް ނުކުރެ އެވެ.
އެމްޑީޕީ އާއި ޕީޕީއެމް އަދި ޖުމްހޫރީ ޕާޓީ ވަކިން ވާދަކުރިޔަސް ޕީޕީއެމުން ދެ ވަނަ ބުރު ކަށަވަރުކުރާނެ އެވެ. އެމްޑީޕީ ފަހަތަށް ޖައްސާލައި ޖޭޕީއަށް ދެ ވަނައަށް އެންމެ ގިނަ ވޯޓު ހޯދިދާނެތޯ އުފައްދާ ސުވާލަށް އަމީން ވިދާޅުވީ ޖޭޕީ އެއް ވަނައަށް ނާރަންވީ ސަބަބެއް ނެތް ކަމަށެވެ.
އޭނާ ވެސް ދެން ދެއްކެވީ ސިޔާސީ މަސްރަހުގައި އަދިވެސް އޮތް ހަގީގަތެވެ. އެއް ޕާޓީއަކުން އެކަނި ވާދަކޮށްގެން އިންތިހާބެއް ނުގެންދެވޭނެ އެވެ.
"ދެ ވަނަ ބުރަށް ދިއުމަކީ ވެސް އެ ބަޔަކަށް ރިޔާސީ އިންތިހާބު ކަށަވަރުވާ ކަމެއް ނޫން. ދެ ވަނަ ބުރަށް ދިއުމަކީ ދެން އޮތް ހިސާބަށް ދާން ފާލަމެއް," އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު 2013 ގެ ފުރަތަމަ ބުރުގެ ނަތީޖާ
އަމީން ވިދާޅުވީ 2013 ގައި ޖޭޕީއަށް ގާތްގަނޑަކަށް 1500 ވޯޓު އިތުރަށް ލިބިގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮތެވެ.
ރައީސް ނަޝީދު 95,224
ރައީސް ޔާމީން 53,099
ގާސިމް އިބްރާހީމް 50,422
ރައީސް ވަހީދު 10,750
"އެހާ ވަރު ވޯޓޭ އަޅުގަނޑުމެންނަށް މަދުވީ. އޭރު އަޅުގަނޑުމެންނަށް އެވަރު ކުރެވުނު އިރުގައި މިއަދު ވެސް މަސައްކަތްކުރުން އިނގޭތޯ އޮތީ. އަޅުގަނޑުމެން އެގޮތަށް ނިންމައިގެން ނުކުމެއްޖިއްޔާ ރާއްޖޭގެ ރައްޔިތުންނަށް ޖޭޕީއަކީ އެވަރުގެ ގާބިލް ލީޑަޝިޕެއް އޮތް އަދި ޖުމްހޫރީ ޕާޓީން ނެރޭ ކެންޑިޑޭޓަކީ އެވަރުގެ ލަޔާގަތާއި ގާބިލިއްޔަތު ހުރި މީހެއް ކަން އަޅުގަނޑުމެންނަށް ސާބިތުކޮށްދެވޭނެ," އަމީން ވިދާޅުވި އެވެ.
"ސަބަބަކަށް ވަނީ މިވަގުތު ރާއްޖޭގެ ރައްޔިތުން އެންމެ މީހަކަށް ބަރޯސާކޮށްފައި އަޅުގަނޑަކަށް ހިއެއް ނުވޭ ބާރުތައް ދޫކޮށްލަން ބޭނުންވާނެ ހެންނެއް. ރަނގަޅު ޓީމެއް ދައްކައިފިއްޔާ އެ ފުރުސަތު ބޮޑު. އެހެން އެއްވެސް ބަޔަކަށް ނުދެއްކޭ ވަރުގެ ޓީމެއް ދެއްކުމުގެ ގާބިލްކަން ޖުމްހޫރީ ޕާޓީއަށް އެބައޮތް."
ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު
ރާއްޖޭގައި މީހުން އުފައްދަން އެންމެ ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި ހުންނެވި ބޭފުޅަކީ ގާސިމްކަން އަމީން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ތިބި މީހުންނާ އެކު ވެސް ސިޔާސީ މަސައްކަތް ކުރުމުގެ ގާބިލްކަން ޖޭޕީގައި ހުންނާނެ އެވެ. އެކަން ފަސޭހަ ނުވާނީ އެމްޑީޕީއަށް ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމް މީހުންނަކަށް ފަސޭހައެއް ނުވާނެ އެމްޑީޕީ މީހުން ގެންނާކަށް ވެސް. ޖުމްހޫރީ ޕާޓީ ތަފާތުވާ ސަބަބަކީ އެއީ," އަމީން ވިދާޅުވި އެވެ.
"ޖޭޕީ ތެރެއިން ވެސް މިއީ ފަހި ފުރުސަތެކޭ ބައެއް ބޭފުޅުން ވިދާޅުވޭ. އަޑު އަހަން އަޅުގަނޑުމެން މިތިބީ. އެހެން ވިދާޅުވިޔަސް އަދި އަޅުގަނޑުމެންގެ ލީޑަރު އަމިއްލަފުޅަށް ވެސް ހިސާބު ޖައްސަވާނެ. ޖުމްހޫރީ ޕާޓީން ވެސް ޖަހާ ހިސާބުތަކެއް ހުންނާނެ. ހިސާބުތައް ޖަހާފައި ގޮތެއް ނިންމާނީ. ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތަށް ބަލާއިރު ބައެއް ބޭފުޅުން އެ ވިދާޅުވާ އެއްޗެއްގައި ބަރުދަނެއް އެބަހުރި."
އެކަމަކު ޖޭޕީން އަދި ގޮތެއް ނުނިންމަ އެވެ. އެ ނިންމުން އޮތީ އަންނަ ހުކުރުގައި ބާއްވާ އެ ޕާޓީގެ ގައުމީ ކޮންފަރެންސްގަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ގިނަ ޕާޓީތަކާ އެކު ކޯލިޝަން ހެއްދެވުމުގެ ވިސްނުން ގެންގުޅުއްވައި އެ ވާހަކަ ވިދާޅުވަނީ ފުރަތަމަ ޕާޓީއަކަށް ޖޭޕީ ހިމަނައިގެންނެވެ. އެމަނިކުފާނުގެ ފަހަތްޕުޅަށް ގާސިމް އަރުއްވާނެ ކަމަށް އަރިސް ބޭފުޅުންނަށް ވަރަށް އުއްމީދު އެބައޮތެވެ.
ކޯލިޝަނާ ގުޅޭ ގޮތުން މަޝްވަރާކުރަން ބޭއްވި އާއްމުންނާ ހަމައަށް ތިލަވި މަދު ބައްދަލުވުންތަކަށް ފަހު ވެސް ވިދާޅުވެފައި އޮތީ ކޯލިޝަނާ އެކު ކުރިއަށް ވަޑައިގަތުމަށް ގާސިމް "ޕޮޒިޓިވް" ކަމަށެވެ.
އެހެންކަމުން ޖޭޕީން ކެންޑިޑޭޓަކު ނެރެގެން ސިޔާސީ މަސްރަހު އަނެއްކާ ވެސް ތަޖުރިބާކޮށްލަން ބޭނުންވާ ބަޔަކު އެ ޕާޓީގެ ތެރޭގައި ތިއްބަސް ގޮތް ނިންމަވާނީ ސީދާ ގާސިމް އެވެ. ކައުންސިލްގެ ނިންމުން އިއުލާންކުރެވިގެން އަންނާނީ ގާސިމް ދައްކަވާ މަގަށެވެ.
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ތިއްބެވީ، ފުރަތަމަ ބުރު ނުވަތަ ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ ވެސް ގާސިމް ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކުގައި ކަމަށް ޔަގީންކުރައްވައިގެންނެވެ.
ޖޭޕީގެ ކައުންސިލްގެ ބައްދަލުވުން ގާސިމް ކުރިއަށް ގެންދަވާއިރު، އޭނާގެ ވާހަކަ މެމްބަރުން އަޑުއައްސަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
މި ސަރުކާރުގައި ތިއްބެވި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ގައުމުގެ ހަމަޖެހުމަށް ގާސިމް ނިންމަވާނީ ރައީސްއާ އެކު ކޯލިޝަންގައި އިތުރު ފަސް އަހަރަށް ދެމިތިބުމެވެ. މި ނޫން ގޮތަކަށް ނިންމައިފި ނަމަ ރައީސްއާ އެކު އިންތިހާބުގައި މަސައްކަތް ކުރަން ނުކުންނާނެ މެމްބަރުން ވެސް އެ ޕާޓީގައި ތިބޭނެ ކަަމަށް ވިދާޅުވެ އެވެ.
"ގައުމާއި ރައްޔިތުންގެ މަސްލަހަތާއި ހަމަޖެހުމަށް ވުރެން ކުރިއަށް ގާސިމް ކަންކަން ނުނިންމަވާނެ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
ސިޔާސީ މަސްރަހުން ދެން އެންމެ އަވަހަށް ބޮޑު ބަދަލެއް ފެންނާން އޮތީ ޖުމްހޫރީ ޕާޓީން އިންތިހާބާ މެދު ނިންމާ ގޮތެއްގެ މައްޗަށެވެ. ވަކިން ވާދަކުރަން ނުވަތަ ކޯލިޝަންގައި ދެމިތިބެން އެ ޕާޓީ ނިންމިއަސް އެއީ ސިޔާސީ ކުޅިބައިތައް ބަދަލުވާނެ ކަމެކެވެ.
"އަޅުގަނޑުމެން ކުރިއަށް ގޮސް ލަނޑުޖަހައިގެން މޮޅުވެވޭނެ ކަމަށް ގަބޫލުކުރަން. އެކަމަކު ލަނޑު ޖެހުމަށްޓަކައި ކުރަން ހުރި މަސައްކަތްތައް ގިނަ. އެކަންކަން ނުކޮށް ލަނޑެއް ނުޖެހޭނެ," އަމީން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
24 February 2023
މަށެއްހަމަގައިމުވެސް މަށައްގޯއްޗެއް ނުދޭ މީހަކައް ވޯޓެއްނުދޭނަން މަމިއުޅެނީ ހިޔާފުލެޓުގަ ސިޓިންރޫމުގަ ނިދައިގެން އެތާކައްކާ ކައިބޮއެ މިރުސްދުމާ ފިޔާ އާވިތަކުގަ މިއުޅެނީ ދެވައްތަރު ދެދަރިންތަންމަތި ވަކިކޮއްދީފަ އި ޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫ ބޫއައް ކޮންބާރެއް ނުދެނީ
ޕޭޕީ
21 February 2023
މިސަރުކާރު މިހާރު ފޭލްވެފައިވާ ކޮންމެ ދިމާއަކީ އެކަމުގެ ޒިންމާ ޖޭޕީންވެސް ނަގަންޖެހޭ ކަމެއް. މިހާރު ގައުމު ވެއްޓިފައި އޮތް ހިސާބުން ސަލާމަތްކުރަން މިހާތަނަށް ނުކުރި މަސައްކަތެއް ވެރިކަމަށް އަރާ ކުރަން ހިތުލައިގެން ހުރިނަމަ އެއީ ގައުމަށް އަދި ކޯލިޝަނަށް މިދައުރުގަ ދިން ވަރަށް ބޮޑު ލަނޑަކަށްވާނީ.
އޮއިވާލި
21 February 2023
ސިޔާސަތު ކަމުނުގޮސްގެން ގާސިމް ކޯލިޝަން ނުހަދާނެ އެއްވެސް ބަޔަކު ނުތިބޭ. ދީނީ އެއް ލާދީނީ އެއް ގާސިމް މީގެ ކުރިންވެސް ނުބަލާ. ގާސިމް ބަލާނީ ސަރުކާރުން ބައެއް ގާސިމަށް ލިބެންއޮތް ގޮތެއް. މިހާރުވެސް ޖޭޕީގެ ކުރީ ސަފުގައި އެތިބީ ޔާމީންގެ ކުރީ ސަފު. ހަމަ ބަރާބަރު. މިހާރު އެބަލަނީ ޕީޕީއެމްގެ ތާއީދު ލިބޭތޯ. އެހެން ވެއްޖެނަމަ އިބޫ ފޮޅާލާނެ ގަޔާ ދުރަށް.
ޙަމދޫން
21 February 2023
އަމީން ވިދާޅުވެފައި އެވަނީ ވަރަށް ރަނަގަޅު ވާހަކަފުޅެއް. ޢޮތީ ރޭވުންތެރިކަމާއެކު މަސައްކަތްކުރުން. ޖޭޕީީއަށް ކުރިއެރުން ލިބޭތަން އެބަ ފެނެ. ގާސިމާ ބައްދަލްކުރަން ހުރިހާ ސިޔާސީ ވެރިން ބައިބަޔަށް އެދަނީ ކަމެއްވެގެން.
ޢަމީން
21 February 2023
ސްވީޓްކޮށް ވާހަކަ ދެއްކިދާނެ ޖޭ.ފީ އަށް މިހާރު ލިބޭނީ އެންމެގިނަވެގެން 18000 ވޯޓް. ޥިސްނުން އިސްކޮށް ރާއްޖޭގެ ކުރިމަގަށް ވިސްނަވާފަ ކޯލިޝަންގަ ބައިވެރި ވާންވީ އަންނިގެ “ސްޓްރެސް” ފިލުވަން މޮޔަތަޅަންވީކީނޫން. ޢަންނިމެން އިރެއްގައި ބައެއް ހަމަޖެހޭކަންކަން ކުރިޔަސް މިހާރު އެއުޅެނީ ހަގީޤާތް ޤަބޫލްނުކޮށް ބޮޑާހާކަން.
ބަތޭލި
21 February 2023
އަމީނަށް ދަންނަވާލަން 2008 ވަނަ އަހަރު މައުމޫނު ބަލިވި އިންތިޚާބުގައި ކޯލިޝަނާ ދެކޮޅަށް އެކަނި ނުކުމެ 82 ހާސް ހޯދި. ރ ނަޝީދުގެ ކޯލިޝަނަށް ލިބުނީ 97 ހާސް ވޯޓު. އެކަަމަކު މިހާރު މައުމޫނު ނުކުމެގެން ހޯދޭނީ ކިތައް ވޯޓު. ގާސިމަށް 50 ހާސް ލިބުނީ 2013 ގައި. މިހާރު ގާސިމް ނުކުމެގެން 15 ހާސް ލިބޭނެހެންވެސް ހިޔެއް ނުވޭ. އެވެސް ގިނަ ފައިސާތަކެއް ހޭދަކޮށްގެން.
ލޮއްޓި
21 February 2023
ގާސިމު ކިތައްފަހަރު ރައީސްކަމަށް ކުރިމަތިލާނީ ކޮންމެ ކަމެއްގަވެސް ހައްދެއް އޮންނަންވާނެދޯ ވެރިކަމަކީ މާތްﷲދެއްވާ ކަމެއްކަން ގަބޫލުކުރަން އެކަމަކުވެސް ގާސިމަށް ދިވެހިރާއްޖޭގެ ރައީސްކަމެއް ނުލިބޭނެ އެއީ ރައްޔިތުންގެ ގިނަބަޔަކު އެގޮތް ބޭނުން ނުވާތި
މިނިސްޓްރީ އޮފް ކެއޯސް
21 February 2023
ފުރަތަމަބުރުން އެންމެ ގިނަ ވޯޓު ލީބޭ މީޙަކަށް ވެރިކަން ދޭންވީ.ވރިކަން ކުރާ ކޮންމެ މީހަކު ވެރިކަން ކުރަނީ %50 ތާއީދު އޮވެގެނެއް ނޫން. ސިޔާސީ ދާއިރާގައި އުޅޭނީ ދެބާ ވަތެއް .އެއީދައުލަތް ލޫޓުވާހިތްވާ މީހުންނާ އަރާމާ ލައްޒަތު ބޭނުންވެގެން އުޅޭ މީހުން. ރައްޔިތުންނޭ ކިޔައިގެން އަރުވަނީ ހުސް ފޮނު.
ވަސަަަ
21 February 2023
އާދެ! މިފަހަރުވެސް ރައީސް ކަމަށް ޤާސިމު ކުރިމަތިލާނެ. ހަދިޔާ ބަދިޔާ ހިފައިގެން ދާނެ. ބޭނުންވާ ވަރަށް ވޯޓް ނުލިބި ވާހަކަ ނިމޭނެ.
އަންޑޭ
21 February 2023
ބޭފުޅުންކޮޅެއް އެޕާރޓްމަންޓް ކޮޅަކާ ޕްރައިވެޓް ކާރުކޮޅުތަކެއް ހޯއްދަވަން ޤާސިމް ގުނބޯ ހައްދަނީ. މިހާރު ޤާސިމަށް %5 ވެސް ނުލިބޭނެ. މިއީ 2023. މިއީ 2008 ނުވަތަ 2013 އެއް ވެސް ނޫން. 2013 ގައި އަންނި އަށް ނޫނެކޭ ބުނި ބަޔަކު ޔާމީން ބޭނުން ނުވާތީ ޤާސިމަށް ވޯޓް ދިނީ. އެކަމަކު އަންނި ނެތިއްޔާ އީކުއޭޝަން ބަދަލުވާނެ. އެ ބަޔަކު ޤާސިމަށް ވޯޓް ލިޔަސް، އެއީ އެމްޑީޕީ އިން އެކަނި އަންނަ ވޯޓްތަކެއް ކަމަށް ވަންޏާ އެއީ މުޅި ވޯޓަރސްގެ %1 އަށް ވެސް ނުވާނެ.