ފެބްރުއަރީ 12، 2023؛ ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ސީރިޔާ އިން ހާލުގައި ޖެހުނު ބަޔަކު، ޖަބަލިއްޔާ ސަހަރުގައި ހުންނަ ސުލްތާން އިބްރާހީމް މިސްކިތުގައި މަޑުކޮށްލައިގެން. --އޭއެފްޕީ
07 މާޗް 2023 - 12:39
ދެ ގައުމުގެ ދެމެދުގައި ދިގު މުއްދަތަކަށް ކުރެވުނު މަޝްވަރާތަކަށް ފަހު، ސައޫދީ އަރަބިއްޔާ އިން ތުރުކީ ވިލާތުގެ މަރުކަޒީ ބޭންކުގައި ފަސް ބިލިއަން ޑޮލަރު އިންވެސްޓްކުރުމުގެ އެއްބަސްވުމެއްގައި އިއްޔެ ދެ ގައުމުން ސޮއިކޮށްފި އެވެ.
އެއްފަރަހާ މިހާ ގިނަ އަދަދެއްގެ ފައިސާ، ތުރުކީ ވިލާތުގެ މަރުކަޒީ ބޭންކުގައި އިންވެސްޓުކުރުމަކީ، މިދިޔަ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުންތަކާ ގުޅިގެން އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް ފޫބެއްދުމުގައި ލިބޭ ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ. އެ ބިންހެލުންތަކުގައި އެތައް ހާސް އިމާރާތެއް ވެއްޓި 45000އަ ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާ އިރު، އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތައް އެތައް ބިލިއަން ޑޮލަރަކަށް އަރަ އެވެ.
މީގެ އިތުރުން އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ ރިއާސީ އަދި އާންމު އިންތިޚާބަށް ވަގުތު ކުޑަތަންވަމުން އަންނަ އިރު، ސައުދީގެ މިފަދަ ބޮޑު މާލީ އެހީއެއް ލިބުމަކީ، އިންތިޚާބުގައި ވާދަކުރުމަށް، ރައީސް ރަޖަބު ތައްޔިބު އުރުދުޣާނަށާއި ވެރިކަން ކުރާ އަދާލަތު ޕާޓީ އަށް ލިބޭނެ ވަރަށް ބޮޑު ހަކަތައަކަށް ވާނެ އެވެ.
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ބުނި ގޮތުގައި ދެ ގައުމުގެ މެދުގައި އިއްޔެ ގާއިމުކުރި އެއްބަސްވުމުން އަންގައިދެނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން މި އެއްބަސްވުމަކީ ތުރުކީ ވިލާތުގެ އިގްތިސާދު ކޮޅަށް ޖެހުމަށް އެ ގައުމުން ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެދިނުމަށް ސައޫދީ ސަރުކާރުން ނިންމި ނިންމުން އަމަލީ ގޮތުން ތަންފީޒުވުން ކަމަށް ވެސް އެ ފަންޑުން ބުންޏެވެ.
ބިންހެލުންތަކާ ގުޅިގެން އިގްތިސާދަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށް ތުރުކީ ވިލާތުން މިހާރު ވަނީ ގަލްފުގެ ބައެއް ގައުމުތަކާ އެކުގައި މާލީ ގުޅުން ބަދަހިކުރުމުގެ މަސައްކަތް ފަށައިފަ އެވެ. އެ ގޮތުން ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސްގެ އިންވެސްޓްމެންޓްތައް ސައޫދީ އަށް ގެނެސް، ބޭރު ފައިސާ އިތުރު ކުރުމަށް އެ ދެ ގައުމާ އެކުގައި މިހާރު އަންނަނީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.
ބިންހެލުންތަކުގައި ލިބުނު ގެއްލުންތައް އަންދާޒާ ކުރުމަށް މިހާތަނަށް ކުރި ދިރާސާތަކުން ލަފާ ކުރެވޭ ގޮތުގައި އިގްތިސާދީ ގޮތުން ލިބުނު ގެއްލުމުގެ މިންވަރު ގާތްގަނޑަކަށް 34 ބިލިއަން ޑޮލަރަށް އަރާނެ އެވެ. ނަމަވެސް ތުރުކީ ވިލާތުގެ އެންޓަޕްރައިސް އެންޑް ބިޒިނަސް ކޮންފެޑެރޭޝަން އިން އަންދާޒާ ކުރާ ގޮތުގައި، ގެދޮރު އިމާރާތްކުރުމުގެ ދާއިރާ ވެސް ހިމަނައިގެން އަންދާޒާ ކުރާއިރު، އިގްތިސާދީ ގޮތުން ލިބުނު ގެއްލުން 84 ބިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ.
ކަމުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ބިންހެލުމުގައި ވެއްޓުނު އަދި ހަލާކުވި އިމާރާތްތަކުގެ ބަދަލުގައި ގެދޮރު އިމާރާތްކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ހިންގަން ގަސްދުކުރާ އިރު، އެކަމުގެ ސަބަބުން އިގްތިސާދަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ އެވެ. އަދި އެކަމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭނުންވާ އިރު، ތުރުކީ ފައިސާގެ އަގު އިތުރަށް ވެއްޓުނަ ނުދީ ހިފެހެއްޓުމަކީ ވެސް، އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ.
ތުރުކީ ވިލާތުގައި ހުރި ޑޮލަރުގެ ރިޒާވް މިދިޔަ ފަސް އަހަރުގެ ތެރޭގައި އަހަރުން އަހަރަށް ދަށަށް ގޮސްފައިވާ އިރު، އެމެރިކާ ޑޮލަރާ އަޅައި ބަލާއިރު ތުރުކީ ލީރާގެ އަގު ވެސް، 2022 ވަނަ އަހަރު ވަނީ 30 ޕަސެންޓް ދަށްވެފަ އެވެ. އޭގެ އިތުރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި އަގުތައް އުފުލުމުގެ ސަބަބުން، ތުރުކީ ވިލާތުގެ އިގްތިސާދަށް ވެސް ވަނީ ނުރަނގަޅު އަސަރުތަކެއް ފޯރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަލީފާ ބޮލާލާ ޖެހީ!
12 March 2023
ރާކަނި މަސް ކެވިއްޖެނު! މިދިޔަ 5 ގަރުނުގަ އުސްމާނީ ހަލީފާ ގެ ދަށުކޮއްލައިގެން މުޅި ހިސާބުގަޑު ހިސޯރު ކޮއްގެން އުޅުނު ތުރުކީ މިހާރު ސައިޒު ވެފަ ތިއޮތީ! މޭޒު އެބުރިގެން މިފަހަރު ސައުދީ ގެ އަތްދަށުވީ އެންމެ ފަހުން!
ޖުހާ.
07 March 2023
ބިން ސަލްމާނުގެ ޢާއިލާ އެއީ ބުރިޓިސް ދައުލަތާއި ގުޅިގެން ތުރުކީގައި އޮތް އިސްލާމީ ހިލާފަތު ވައްޓާލުމަށް އެތައްފަހަރަކު ބަގާވާތްކުރި ގައްދާރުންތަކެއް، ގައުމު ބޭންކުރަޕުޓުވެ ދަރަނިވެރިވީމަ ގޮތެއްނެތިގެން މިހާރު ތިއަދިއައީ ގައްދާރުންގެ ގާތަށް ސަލާންޖަހަން. މަށަށް އެހެންވެ ބުނެވެނީ އީރާނުވަރެއް ނެތޭ. ބަނޑަށް މަރުވިއަސް ޔަހޫދީންގެ ފަހަތުން ނާށިގަނޑު ހިފައިގެން ނުދުވާނެ.
ޑަނޑޫ
07 March 2023
ޝުކުރިއްޔާ ސަލްމާން. ޝުކުރިއްޔާ އުރުދުޣާން.
ޙިނި
07 March 2023
ތުރުކީ މިހާރުކޮންޓުރޯލު ކުރަނީ ސައުދީ، އިޒްރޭލު އަދި ގަތަރުން، ކުރިން މިގައުމުތަކަކީ އުރުދުގާނުގެ ހަތުރުން، ބޭންކުރަޕްޓުވެ ގޮތް ހުސްވީމަ މިޖެހެނީ ގައުމުވެސް ވިއްކާލަން. ރާއްޖޭންވެސް ވިސްނާ، ނުފޯތާ ފޮތިން ފޫގަޅައި އަވައްޓެތި ގައުމުތަކުން ލޯނުނަގައިގެން މިދަރަޖައައް ވެއްޓޭނެ.