ދުނިޔެ / ޕާކިސްތާން

ޕާކިސްތާނުގެ އިދިކޮޅު ލީޑަރުން ހައްޔަރުކުރަނީ

މެއި 10، 2023؛ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން، އޭނާއަށް ތާޢީދުކުރާ މީހުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަނީ. --އޭއެފްޕީ

11 މެއި 2023 - 12:54

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު އިމްރާން ޚާން، އެ ގައުމުގެ ފުލުހުން މިދިޔަ އަންގާރަ ދުވަހު ކުއްލި ގޮތަކަށް ހައްޔަރު ކުރުމާ ގުޅިގެން، ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ފެށި މުޒާހަރާތައް ނުހުއްޓި ކުރިއަށް ދާތީ، އެ ގައުމުގެ އިދިކޮޅު ލީޑަރުން ހައްޔަރުކުރަން ފަށައިފި އެވެ.

އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީން ބުނި ގޮތުގައި އެ ޕާޓީގެ އެއް ލީޑަރު ކަމަށްވާ ޝާހް މަހްމޫދު ގުރައިޝީ މިހާރު ހުންނެވި ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ އެވެ. އޭނާއަކީ އިމްރާން ޚާންގެ ހަތަރު އަހަރުގެ ބޮޑުވަޒީރުކަމުގެ ދުވަސްވަރު ޕާކިސްތާނުގެ ޚާރިޖީ ވަޒީރެވެ.

އޭނާގެ އިތުރުން އެ ޕާޓީގެ އެހެން ދެ ބޭފުޅެއް ކަމަށްވާ އަސްއަދު އުމަރާއި ފަވާދު ޗައުދަރީ ވެސް، ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ. އިދިކޮޅު ލީޑަރުން ހައްޔަރުކުރުމުގެ ސިލްސިލާ ހަރަކާތްތަކެއް ޕާކިސްތާނު ސަރުކާރުން މި ފެށީ، އިމްރާން ޚާން މިނިވަން ކުރުމަށް ގޮވާލައި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިންގަމުންދާ ކުރިމަތިލުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މެއި 10، 2023؛ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން، އޭނާއަށް ތާޢީދުކުރާ މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން ކަރުނަގޭސް ޖަހަނީ. --އޭއެފްޕީ

ޕާކިސްތާނު ފުލުހުންގެ ތެރޭގައި އޮންނަ ޕެރަމިލިޓަރީ ލަޝްކަރުގެ ފުލުހުން ބާރުގެ ބޭނުންކޮށް އިމްރާން ހައްޔަރު ކުރީ، ވެރިރަށް އިސްލާމް އާބާދުގެ ހައި ކޯޓުގައި އަންގާރަ ދުވަހު އޮތް އަޑުއެހުމަކަށް ވަޑައިގެން އެ ކޯޓުގެ ކޮޓަރިއެއްގެ ތެރޭގައި އިންނަވަނިކޮށެވެ. ޕެރަމިލިޓަރީ ފުލުހުން އެ ކޮޓަރި ތެރެއަށް ވަދެގަތީ، އެ ކޮޓަރީގެ ދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިގެންނެވެ. އިމްރާން ޚާން ހައި ކޯޓަށް ވަޑައިގަތީ، އޭނާއާ ދެކޮޅަށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ ދައުވާއެއްގެ އަޑުއެހުމަކަށެވެ.

މުޒާހަރާގެ ބައިވެރިންނާއި ސަލާމަތީ ބާރުތަކާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި މަދުވެގެން ފަސް މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ލާހޯރްގައި އިއްޔެ މުޒާހަރާ ކުރި މީހުން، އެ ސަހަރުގައި ހުންނަ ސިފައިންގެ މަރުކަޒުތަކަށް ގެއްލުންދީ، ސިފައިންގެ ބައެއް ޖެނެރަލުން ދިރިއުޅުއްވާ ގެތަކަށް ވެސް ގެއްލުންދިނެވެ.

އޭގެ އިތުރުން ސަރުކާރުގެ ބައެއް އިމާރާތްތަކުގައި ހުޅުޖަހައި، އާންމުންގެ ފިހާރަތަކަށާއި އެއްގަމު އުޅަނދުތަކަށް ގެއްލުންދީ ބައެއް ފިހާރަތަކާއި ބައެއް އުޅަނދުތަކުގައި ވަނީ ހުޅުޖަހައިފަ އެވެ. އަދި މަގުމަތިން ފެންނަ ފުލުހުންގެ ކޮންމެ އުޅަނދަކަށް ހަމަލާދީ ބައެއް އުޅަނދުތައް އަންދައިލި އެވެ.

މެއި 10، 2023؛ ޕާކިސްތާނުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން، އޭނާއަށް ތާޢީދުކުރާ މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރަނީ. --އޭއެފްޕީ

އިމްރާން މިނިވަންކުރުމަށް ގޮވައިލާ މުޒާހަރާތައް އިތުރަށް ވަރުގަދަ ވަމުން ދާތީ، އޭނާގެ ތާއީދު ބޮޑު ސަރަހައްދުތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް، ޕާކިސްތާނުގެ ސިފައިން މިހާރު ވަނީ އެ ސަރަހައްދުތަކުގެ މަގުތަކަށް ނެރެފަ އެވެ. އޭގެ ތެރޭގައި ޕަންޖާބާއި ޚައިބަރުޕަޚްތުންޚުވާ ހިމެނެ އެވެ. އަދި ވެރިރަށް އިސްލާމް އާބާދުގެ މަގުތަކުގައި ވެސް ހަތިޔާރާއެކު ސިފައިން މިހާރު އަންނަނީ ފޯރި މަރަމުންނެވެ.

މުޒާހަރާތައް ރޫޅައިލުމަށް ސިފައިންނާއި ފުލުހުން ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށޤފަ އެވެ. އިމްރާން ޚާންގެ އުފަން ސަރަހައްދު ކަމަށްވާ ޕަންޖާބުން އެކަނި ވެސް އިއްޔެ 1300 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުންޏެވެ.

އެޕްރީލް 2022 ގައި، ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި، އިތުބާރު ނެތް ކަމުގެ ވޯޓެއްގައި ބޮޑުވަޒީރުކަމުގެ މަގާމުން އިމްރާން ޚާން ވަކިކުރުމަށް ފަހު، ޕާކިސްތާނު ސަރުކާރުން ވަނީ އޭނާއާ ދެކޮޅަށް 100 އަށް ވުރެ ގިނަ ދައުވާ އުފުލައިފަ އެވެ. އޭގެ ތެރެއިން މިހާރު ޝަރީއަތް ފެށިގެން ކުރިއަށް ދަނީ، އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ދެ ދައުވާއަކާ ގުޅިގެންނެވެ.

އެ ދައުވާތަކުގެ އިތުރުން، ޕާކިސްތާނު ސަރުކާރުން އިއްޔެ ވަނީ އިމްރާންގެ މައްޗަށް މުޅިން އާ ދައުވާއެއް ކޮށްފަ އެވެ. އެއީ އިމްރާން ބޮޑުވަޒީރުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން، ދައުލަތަށް ލިބިފައިވާ ހަދިޔާގެ ގޮތުގައި ހުރި ބައެއް ތަކެތި، ގާނޫނާ ޚިލާފަށް މީހަކަށް ވިއްކައިލެއްވި ކަމުގެ ދައުވާ އެވެ.

އިއްޔެ ކޯޓުގައި އެ ދައުވާ އުފުލުމުން އިމްރާން ޚާންވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. އިމްރާން ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ކުރިއަށް އޮތް އާންމު އިންތިޚާބުގައި ވާދަކުރުމުގެ ދޮރު ބަންދުކުރުމުގެ ގޮތުން، އޭނާގެ މައްޗަށް ކޮށްފައިވާ ސިޔާސީ ދައުވާތަކެއް ކަމަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454