މައުމޫން: އުފެއްދެވި ތިން ޕާޓީ ވެސް ވަނީ ގެއްލިފައި -- ފައިލް ފޮޓޯ: މިހާރު
25 މެއި 2023 - 06:44
ހިސާބު އަދަދުން މިކަން ފަހުމުވާން ފަސޭހަ ވާނެ އެވެ، މީގެ 15 އަހަރު ކުރިން 71،000 އަށް ވުރެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ، އެކަމަކު މިއަދު 3،000 ވެސް ހަމަނުވީ އެވެ،
މިއީ 1978 ވަނަ އަހަރުން ފެށިގެން ދިގު 30 އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސީ ހަޔާތް ފަނޑުވެފައިވާ މިންވަރުގެ ހަގީގަތެވެ.
ރާއްޖޭގައި، ފުރަތަމަ ގިނަ ޕާޓީތަކެއް އެކުލެވިގެން 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުން މައުމޫން ނާކާމިޔާބުވެވަޑައިގަތް ފަހުން ރައްޔިތުންގެ ތާއީދުގެ ހުޅުކޮޅު ނިވުނަ ނުދޭން އެކި ގޮތްގޮތުން އެމަނިކުފާނު ހިތްވަރު ކުރެއްވި އެވެ.
އެކަމަކު އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ. މައުމޫން އިސްވެ އުފެއްދެވި ޑީއާރުޕީ އާއި ޕީޕީއެމްގެ ލަގަނު ދޫވެ، އަތުން ބީވީ އެވެ. އަދި މިހާރު އުމުރުފުޅުން 85 އަހަރުފުޅުގައި، މައުމޫން އެންމެ ފަހުން އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް 3،000 މެމްބަރުން ހަމަނުކުރެވިގެން އުވާލަނީ އެވެ.
އެމްއާރުއެމް އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމުމުން، އެ ޕާޓީގެ ރައީސް އަދި މައުމޫންގެ ދޮށީ ދަރިކަލުން ފާރިސް މައުމޫން ގޯސްކުރެއްވީ އެ ކޮމިޝަނެވެ.
ޕާޓީ އުވާލުމުގެ މި މަރުހަލާއަކީ ގައުމަށް ކުރިމަތިވެފައިވާ ކޮރަޕްޝަނާއި ލާއިންސާނީ އަމަލުތައް ދައްކުވައިދޭ ކަމެއް ކަމަށް ވިދާޅުވެ، އެއީ، ފާރިސް ވިދާޅުވި ގޮތުގައި، އާއްމުވެފައިވާ އުސޫލަކަށް ވަނީ ވެފަ އެވެ.
އޭގެ ފަހުން އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް އަށް ދެން ގޯސްވީ ގާނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީއާ ބެހޭ ގާނޫނުގައި 3000 މެމްބަރުން ހަމަކުރަން އޮންނަ ލިމިޓާ މެދު ވިސްނާލަންޖެހެ އެވެ.
އެމްއާރުއެމް އުވާލަން ނިންމުމާ ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއާރުއެމް
"މިހިރަ އާބިޓްރަރީ ފިގާސްތަކަކީ، ހަގީގަތުގައި ގާނޫނު އަސާސީ ހުއްދަ ކުރާ ކަމެއްތޯ؟" އެކަން ހައި ކޯޓާ ހަމައަށް ގެންދަން ޕާޓީން ވިސްނަމުންދާކަން ހާމަކުރައްވަމުން ފާރިސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި އެންމެ ފަހުން، ނުސީދާކޮށް ނަމަވެސް ރައްޔިތުން ވެސް ގޯސްކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ، ރައްޔިތުން މިހާރު ސިޔާސީ ޕާޓީތަކަށް ވަންނާކަށް ބޭނުމެއް ނުވެ އެވެ.
ހަގީގަތަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކަށް ސޮއި ކުރާކަށް. ޕާޓީގެ މެމްބަރުކަމެއް ވެސް ބޭނުމެއް ނުވޭ ހަގީގަތުގައި: ފާރިސް
"ހަގީގަތަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބޭނުމެއް ނުވޭ ސިޔާސީ ޕާޓީތަކަށް ސޮއި ކުރާކަށް. ޕާޓީގެ މެމްބަރުކަމެއް ވެސް ބޭނުމެއް ނުވޭ ހަގީގަތުގައި،" އެމްއާރުއެމަށް މެމްބަރުން ހަމަނުވި ސަބަބު ސިފަކުރައްވަމުން ފާރިސް ވިދާޅުވި އެވެ.
ފާރިސް އަށް ފަހު އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވަނީ ޕާޓީން ކުރާ ތުހުމަތުތައް މުޅިން އެހެން މިސްރާބަކަށް އަނބުރާލައްވައިފަ އެވެ.
ނާދިރާ ވިދާޅުވި ގޮތުގައި، އީސީން އެމްއާރުއެމް އުވާލަން ނިންމީ މައުމޫންގެ ވެރިކަން މާ ރަނގަޅު ކަމަށް މިހާރު ވަރަށް ގިނަ މީހުން ބުނާތީ އެ ޕާޓީ އަށް އޮތް ތާއީދު ފަނޑުކޮށްލުމަށެވެ.
"މިއަދު ގިނަ ބަޔަކު ގަބޫލުކުރޭ އެއްކަލަ ރައީސް މައުމޫންގެ 30 އަހަރު މި ގައުމު ގެންދިޔަ ގޮތް މާ ރަނގަޅު ކަމަށް. މިއަދު ވަރަށް ގިނަ ބައެއްގެ ދުލުން ދައްކާ ވާހަކަ މިއީ. އެ ކަން ހުއްޓުވޭނީ ވެސް މި ކަހަލަ ކަންކަން ކޮށްގެން ކަމަށް ހީވާ ނަމަ އަޅުގަނޑު ދަންނަވާނީ އެކަމެއް ނުހުއްޓޭނެއޭ،" ނާދިރާ ވިދާޅުވި އެވެ.
އެ ވިސްނުން، މައުމޫނާއެކު ޑީއާރުޕީގައި އިސްކޮށް މަސައްކަތް ކުރައްވައި، އެ ޕާޓީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އުމަރު ނަސީރު ސިފަކުރެއްވީ ހަގީގީ މައްސަލައިގެ ގޮތުގަ އެވެ.
އެއީ އުމަރު ވިދާޅުވި ގޮތުގައި މާޒީގެ ވަސްވާހުގައިޖެހި، ކޮންމެ ސިޔާސީ ލީޑަރަކާ ވެސް ބައްދަލުކުރާނެ ހަގީގަތް ގަބޫލުނުކުރުމެވެ.
އޭނާ ވިދާޅުވީ ސިޔާސީ ލީޑަރުންގެ މަގުބޫލުކަން އެންމެ މައްޗަށް އަރާފައި، ދެން ތިރިއަށް ވެއްޓޭނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.
"އެހެން ގައުމުތަކުގަ ތާއީދުގެ އެ ކާވް އެންމެ މައްޗަށް އަރާފައި، ތިރިއަށް ލަނބާލާ ވަގުތު ސިޔާސީ ލީޑަރުން ރިޓަޔާ ކުރައްވާނެ. އޭރަށް އޮފުކަން މަތީގަ ސިޔާސީ ކެރިއާ ނިންމާލެވޭނީ،" އުމަރު ވިދާޅުވި އެވެ.
މައުމޫން އިސްވެ އުފެއްދެވި ދެ ޕާޓީ ގެއްލި، ތިންވަނަ ޕާޓީ އުވާލުމާ ހަމައަށް ދިޔައީ، ސިޔާސީ ގޮތުން މާބޮޑު ގޯހެއް ހެއްދެވިގެން ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.
ސިޔާސީ ޕާޓީތަކުގައި ވެސް "ނެޗުރަލް އެވެލިއުޝަނެއް" އޮންނަ އިރު، އޭނާ ވިދާޅުވި ގޮތުގައި ޕާޓީގެ ލަގަނު އެހެން މީހަކަށް ދިނުމަށްފަހު، އަނބުރާ ނުހޯދޭނެ އެވެ.
އެ ހަގީގަތް މިހާރު މައުމޫނާ އަރާހަމަކޮށްފައިވާއިރު، އުމަރު ވިދާޅުވީ އެކަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވެސް މިވަގުތު ތަޖުރިބާކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިވަގުތު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ޕާޓީގެ ތެރެއިން އެހެން ބޭފުޅަކަށް ދޫދެއްވައިފިނަމަ، އެމަނިކުފާނަށް ވެސް މިހާރު ހުންނެވި މަގާމު އަނބުރާ ނުހޯއްދެވޭނެ ކަމަށް ވިދާޅުވި އެވެ.
އެކަމަކު އެއީ ގިނަ ސިޔާސީ ލީޑަރުންނަށް ކުރިމަތިލާން ދަތިވާ ހަގީގަތެއްގެ ގޮތުގައި އުމަރު ސިފަކުރެއްވި އެވެ.
"ޑިމޮކްރެޓެއް ވިޔަސް، އޮޓޮކްރެޓެއް ވިޔަސް އަދި މޮނާކެއް ވިޔަސް އާޚިރުގައި ހަމަ އެއް ތަނެއްގަ ޖެހޭނީ. މި ސިޔާސީ ހަގީގަތް ބައްދަލުކުރާނެ،" އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިގެން ހުންނެވި އުމަރު ވިދާޅުވި އެވެ.
އެއީ ވެރިކަމުގެ ފަސް އަހަރެއް ނިމި، އަނެއް ފަސް އަހަރު ފެށޭއިރު ރައްޔިތުންގެ ބޭނުންތައް ވެސް މި ހުންނަނީ މުޅިން ބަދަލުވެފައި: އުމަރު ނަސީރު
އެއް އިރެއްގައި ރައްޔިތުންގެ ފުރިހަމަ ތާއީދާއި، ވެރިކަމުގެ އިއްޒަތާއި ލައްޒަތާއި މުތުލަގަށް އާރާއި ބާރު ލިބިވަޑައިގެން ހުންނެވި މައުމޫނަށް މިހާރު ކުރިމަތިވެފައިވާ ހާލަތަކީ އުމަރު ވެސް ސިފަކުރެއްވި ގޮތުންނަމަ، މިވަގުތު ސިޔާސީ މައިދާނުގައި ތިއްބެވި އަދި މުސްތަގުބަލުގައި ނުކުންނަވާނެ ސިޔާސީ ލީޑަރުންނަށް ވެސް ވަރުގަދަ ފިލާވަޅެކެވެ. އަދި ވިސްނާ ފިކުރުކުރި ކޮންމެ މީހަކަށް އެތައް އިބުރަތެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުމާރު
28 May 2023
ދެން އުމަރު ހެދި ޕާރޓީ ކޮބާ؟ އެޕާރޓީގެ ނަން ވެސް ހަނދާނެއް ނެއް.. މައުމޫނުގެ ވާހަކަ ދެއްކޭކައް ނެތެއްނު…
ލުތުފީ
27 May 2023
ކޮންމެ ތަރިއަކީ ވެސް އަރާ އޮއްސޭނެ ތަރިއެއް. އެކަން ރައީސް މައުމޫން ގަބޫލުނުކުރެވެނީ.
ސަންތި ލަދުން ދެފައިކައިރިނުކެރޭ
27 May 2023
ހާދަހާވާ ކަންނެތް ބަޔެކޭމީ އެއްމެ ތިންހާސް ހަމަނުވީތާގަ ބޮޑާހަކާފަ އިސްޕިރިން ކޯޓައް ރައްޔިތުން އެޕާޓީއައް ސޮއި ކުރަން ބޭނުން ނުވާތީ ލޮލް ފާރިސޫ ލަދު ކޮބާ ލަދު. މައުމޫނު ގޮއްމުށުގަ ވަރު ހުރި ހުދު ދަގަނޑު ދަހަނާ އަޅައިގެން ރީތި ވެރިކަމެއް ކޮއް 2 ބިޔަ ޕާޓީ އުފައްދާ. ބެއްޔާ މިއަދު ވަރު ދޫވި ދުވަހު ޕާރިސް ކަންނެތް ކަންމަތީ ގޭގަ ދެފައިދަމައިލަފަ
އަބުދުލްގައްޔޫމުދޮންސީދީ
25 May 2023
ހަށީގާ ހޭހުރީވިއްޔާ އަލުން ތިޔަސޫރަ ނުދެކޭނަން.
ކުކީ
25 May 2023
މައުމޫންގެ ވެރިކަން ރަގަޅުނަމަ އަދި ތިޔަ ބުނާހާ ގިނަ ބަޔަކު މައުމޫން ކުރެއްވި ކަހަލަ ވެރިކަމެއް އަލުން ގެންނަން ބޭނުންވާނަމަ ތިޔަ ޕާޓީއެއް ނެތަސް ތިޔަ ޕާޓީއަށް ނިސްބަތްވާކަން އެނގޭ ގޮތަށް ނެރޭ ކެނޑިޑޭޓަކަށް ވޯޓްލާނެ. ކެނޑިޑޭޓުންތައް ނިކުންނައިރު އެންމެންނަށްވެސް އެނގޭނެ ކާކު އެއީ ކޮންދިމާލަކާ ގުޅިފަ ހުރި މީހެއްކަން. ޕާޓީއެއް ނެތަސް ރިޔާސީ އިންތިހާބަށް ކުރިމަތިލުމަކަށް ނެތެއްނު ހުރަހެއް. ގައުމަށް ހެޔޮއެދޭނަމަ އަމިއްލައަށް ހަމަ ނިކުންނަންވީ.
މޮޔަ އުމަރު
25 May 2023
ތީ ހަސަދަވެރި ވާހަކައެއް. މައުމޫނުގެ ލެގަސީ ދެމެހެއްޓުމަށް އެއްބާރުލުން ނުދީ ހެއްލިގެއްލެމުން ދަނީ އެމަނިކުފާނުގެ ޣައްސާނާ، ދުންޏާ އެދުވަނީ ވިއްސިވިހާލި ވެގެން. މިސާލަކަށް ރަޖީވް ގާންދީ މަރާލިތާ މީކިތައް އަހަރު؟ ޖަވާހިރުލާލް ނެހެރޫ، އިންދިރާ ގާންދީ، ރަޖީވް ގާންދީ ދަރިކޮޅުގެ ވަސް ފިލުވުނުތަ އިންޑިއާ އަކުން؟ ނުވާނެ. ފަސޭހަކަމެއްވެސް ނޫން. މިސާލަކަށް ރާއްޖޭގައި އަދިވެސް ޕްރިންސް/ޕްރިންސަސް ކިޔާގެން އެމީހުން ކިބާން ސަލާމަތް ނުވެގެންވެސް އުޅޭނެ.
މައުމޫން އިޒް ހިސްޓްރީ
27 May 2023
ތިޔަބުނިވާހަކައިގެ ޙަޤީޤަތް އެއޮތީ އިންޑިއާ އިން ފެންނަން. ކުރީގައި ކޮންގްރެސް ޕާރޓީ ނޫން ބަޔަކަށް ވޯޓެއް ނުލިބޭ. މިހާރު އެއޮތީ ބީޖޭޕީގެ ބާރު. ތިޔަބުނާ ގާންދީ އާއިލާގެ ނަން އޮތަސް އެއްވެސް ބާރެއް ނެތް. ރާޖީވް ގާނދީގެ ދަރިކަލުން އެއޮތީ ޖަލުހުކުމެއްގައި. ފާއިތުވި ދުވަސްތަކުގައި ކޮންގްރެސް ނޫންއެހެން ބަޔަކަށް ކާމިޔާބު ނުކރެވުނު ސްޓޭޓްތަކުގެ ވެރިކަންވެސް މިހާރު ވަނީ ގެއްލިފައި. ޢުމަރުގެ ވާހަކައަށް %100 ތާއީދު
30އަހަރުފުދޭ
25 May 2023
ކޮންމެ އާއެއްޗަކީވެސް ބާވާނެ އެއްޗެއް 30އަހަރުގެ ވެރިކަން އަކުން ބޭނުމެއްނޫން
ދުނިޔޭގެ އާދަ
25 May 2023
އެއީ މައްސަލައެއް ނޫނެވެ. މިއީ ދުނިޔެ އެވެ. ކޮންމެ ކަމަކަށް ވެސް ފެށުމަކާއި ނިމުމެއް އޮންނާނެއެވެ.
ބަރުލާ
25 May 2023
5. ރިޔާސީ ނިޒާމް ރާއްޖޭގެ ޑިމޮކްރަސީއަށް ނުފެތޭ. މީގެ ތިޔަރީ ލިޔުނު އެމެރިކާގެ ފައުންޑަރުންގެ ވިސްނުމަކީ ޕާޓީތައް ފެކްޝަންތައް ނެތުން. މިހެންވުމުން މި ނިޒާމް ހިންގާނަމަ ރާއްޖޭން ޕާޓީތައް އުވާލައި މަނާކުރެވޭން ޖެހޭނެ. މިޒަމާނުގެ ޑިމޮކްރަސީގެ އަސާސަކީ ތަފާތް ފިކުރާއި ތަފާތު ޚިޔާލް. އެމެރިކާގެ ފައުންޑަރުންގެ ވިސްނުމަކީ އެއްބައިވަންތަކަން. އޭރުގެ އެމެރިކާގައި އޮތީ އެއް ފިކުރެއް، އެއީ ނަސާރާ ދީނާއި ދޮންމީހުނާއި ޖުމްހޫރީ ނިޒާމް.
ހިޔަޅު
25 May 2023
4. ރަގަޅު ވާހަކައެއް. ރިޔާސީ ނިޒާމްގެ ތިޔަރީ ވަރަށް ރަގަޅު. ވަރަށް ފުރިހަމަ. ތިންބާރު ވަކިވެފައި އޮތުން. ރައީސް ކުރާ ވައްކަން ބެލުން. އެކަމަކު އެގޮތަށް ކަންތަކެއް ނުހިނގާ. ސަބަބަކީ ރިޔާސީ ނިޒާމްގައި ރަސްކަލެއް ފަދައިން ހުރިހާ ބާރެއް އެކެއްގެ އަތަށް ދިނުމުން އޭނާ ހުރިހާ ތަނެއް ގަނެލައިގެން ވެރިކަން ކުރުން