ބަންޑުން ޖަހާލި ފެރީ އަށް އެހީވުމަށް ރެސްކިއު ޓީމެއް ދަތުރު ކުރަނީ --- ފޮޓޯ: އޭއެފްޕީ
24 ޖުލައި 2023 - 13:42
ޖަކާޓާ (ޖުލައި 24) - އިންޑޮނީޝިއާގެ ސުލަވޭސީ ޖަޒީރާ ކައިރިން ދަތުރު ކުރި ފެރީއެއް ރޭ ބަންޑުން ޖަހާލައި އެއިން ދަތުރުކުރި މީހުންގެ ތެރެއިން 15 މީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ފުލުހުން މިއަދު ބުނެފި އެވެ.
އިންޑޮނީޝިޔާ ފުލުހުން ބުނި ގޮތުގައި ފެރީ ބަންޑުން ޖަހައިލީ ރޭގެ މެންދަމުގެ ވަގުތެއްގަ އެވެ. އެ ހާދިސާ ހިނގި އިރު ފެރީގައި 40 މީހުން ތިބި ކަމަށާއި، މިހާތަނަށް އޭގެ ތެރެއިން 6 މީހަކު ސަލާމަތްކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މަރުވި 15 މީހުންގެ ހަށިގަނޑު ފެނިފައިވާ އިރު، ވީނުވީއެއް ނޭނގި ގެއްލިފައިވާ 19 މީހުން ހޯދުމަށް ފުލުހުންނާއި ސިފައިންގެ އިތުރުން އާންމުން ވެސް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ހާދިސާ ހިނގީ ކިހިނެއްކަން ނޭނގޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި ބަންޑުން ޖަހައިލި ފެރީ ބޯޓުގައި ދަތުރުކުރި މީހުންގެ ޖުމްލަ އަދަދުވެސް ކަށަވަރެއް ނުވެ އެވެ.
ފެރޯ ބޯޓުތަކުގައި މީހުން އުފުލުމަށް ހުއްދަ ދީފައި އޮންނަ ރަސްމީ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް މީހުން އަރުވައިގެން ދަތުރުކުރުމަކީ އިންޑޮނީޝިޔާގައި ވަރަށް އާންމު ކަމެކެވެ. އެފަދަ ފެރީތައް ބަންޑުން ޖަހާލައިގެން ނުވަތަ ފެތިގެން މީހުން މަރުވުމަކީ ވެސް، އެ ގައުމުގައި އާންމު ކަމެކެވެ.
އެގޮތުން 2018 ވަނަ އަހަރު ސުމަތުރާ ޖަޒީރާ ކައިރިން ދަތުރުކުރި ފެރީ ބޯޓެއް ބަންޑުން ޖަހާލައި، އެއިން ދަތުރުކުރި 192 މީހަކު ގެނބިގެން މަރުވި އެވެ. ފުލުހުންގެ ރެކޯޑްތައް ބުނާ ގޮތުން އެއީ ވެސް، ހުއްދަ އޮންނަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރަށް މީހުން އަރުވައިގެން ދަތުރުކުރި ފެރީ އެކެވެ.
ރޭ ދަންވަރު ބަންޑުން ޖަހައިލި ފެރީއަކީ ކޮން ތަނަކުން ކޮން ތަނަކަށް ދަތުރުކުރި ފެރީއެއް ކަމެއް މިހާތަނަށް ޔަގީންނުވާ ކަމަށް ފުލުހުން ބުނެ އެވެ. ސިފައިން ބުނި ގޮތުގައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ދެ ޓީމަކަށް ބަހާލައިގެންނެވެ. އެއް ޓީމުގައި ހިމެނެނީ ފެރީ ބަންޑުން ޖަހައިލި ސަރަހައްދަށް ފީނާ މީހުންނެވެ. އަނެއް ޓީމުން މަސައްކަތް ކުރަނީ، ކުދި ޑިންގީތަކާއި ބޮއްކުރާތަކުގައި ދަތުރުކޮށް، އެ ސަރަހައްދުގެ ފެންމަތިން އެއްވެސް މީހެއްގެ ހިލަމެއް ވޭތޯ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy