ދުނިޔެ / ލީބިޔާ

ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ

ލީބިޔާގެ ސަރަހއްދެއްގައި ފެންބޮޑުވެފައި: މި ތޫފާނަށް ބާރަ ދުވަސް ވީއިރު، މިހާތަނަށް 10 ސަރަހައްދެއްގައި ވަނީ ފެންބޮޑުވެ ގެއްލުންވެފައި.

18 ސެޕްޓެމްބަރ 2023 - 10:21

3 comments

ހިނގަމުން މިދާ ސެޕްޓެމްބަރު މަސް ލައިގަތް އިރު، ދުނިޔޭގެ އުތުރު (އީކުއޭޓަރުން ފެށިގެން އުތުރު) ސަރަހައްދުގެ ގައުމުތަކަށް ހޫނު މޫސުން ނިންމައި، މިއަހަރުގެ ޚަރީފު މޫސުން ފެށެން ތިން ހަފުތާ އަށް ވީ އެވެ. ނަމަވެސް ދުނިޔޭގެ އުތުރުގެ ބައެއް ސަރަހައްދުތައް ތަޖުރިބާކުރަން ޖެހިފައިވަނީ އާންމުކޮށް ހޫނު މޫސުމުގައި ކުރިމަތި ނުވާ ފަދަ ނުރައްކާތެރި ހާދިސާތަކެކެވެ.

ސެޕްޓެމްބަރު މަސް ފެށިގެން ދިޔައީ އޭޝިޔާ ސަރަހައްދުން ހޮންކޮންގަށް ވަރުގަދަ ތޫފާނެއް އަރައި މުޅި ސަހަރުގައި ފެން ބޮޑުކޮށްލައި އެތައް ގަސްތަކެއް މުލުން ލުހެލައިފަ އެވެ. މި މަހުގެ ފުރަތަމަ 12 ދުވަހުގެ ތެރޭގައި އެކި ސަރަހައްދުތަކުން 10 ގައުމަކަށް ވަރުގަދަ މޫސުމީ ކާރިސާތަކެއް ކުރިމަތިވެ އެތައް ހާސް ބަޔަކު މަރުވެއްޖެ އެވެ.

އޭގެ ތެރެއިން ވެސް އެންމެ ނުރައްކާތެރި ކާރިސާއެއް ކުރިމަތިވީ ލީބިޔާ އަށެވެ. މެޑިޓެރޭނިއަން ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން، ޑެނިއަލް އެ ގައުމުގެ އިރުއުތުރު ސަރަހައްދަށް އެރުމުގެ ސަބަބުން ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 11300 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން 10000 އަށް ވުރެ ގިނަ މީހުން ވީނުވީއެއް ނޭނގި ގެއްލި، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލިފަ އެވެ.

މޫސުމާ ބެހޭ ތަޖުރިބާކާރުންނާއި ސައެންސްވެރިން ވެސް އެއްބަސްވާ ގޮތުގައި، މިއީ އާދަޔާ ޚިލާފު މޫސުމީ ކާރިސާތަކެކެވެ. އާންމުކޮށް އަހަރުގެ މި ދުވަސްވަރު ހިނގާ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އައިސްފައިވާ ބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، މިފަދަ ކާރިސާތައް ކުރިމަތިވުމަކީ، މި ޒަމާނުގެ އާންމު ހާލަތަކަށް ވުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

"ދުނިޔެ ހޫނުވުމުގެ ސަބަބުން، ވާރޭ ވެހުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. ވާރޭ ވެހޭ މިންވަރާއި، ދެ ވިއްސާރަ ދެމެދު ހޭދަވާ މުއްދަތާއި، ވިއްސާރައިގެ ބާރާއި ވިއްސާރަ ދެމިގެންދާ މުއްދަތަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. މިއަހަރުގެ ހޫނު މޫސުމުގައި މިކުރާ ވިއްސާރައިގައި ލިބެމުންދާ ބޮޑެތި ގެއްލުންތަކުގެ ފަހަތުގައި، މޫސުމަށް އައި ބަދަލުތަކުގެ އިތުރުން ވެސް ގުދުރަތީ އެހެން އެތައް ހަގީގަތްތަކެއް އެކުލެވޭ،" ހޮންކޮންގް ޔުނިވަސިޓީގެ ފަޒާ އާއި މޫސުމާ ބެހޭ ސައެންސްވެރިޔާ، ޖުންގް-އެއުން ޗޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ ލިބިފައިވާ ގެއްލުންތަކުން އެނގެނީ، މި އައު ހަގީގަތާ މެދު ގައުމުތަކުގެ ސަރުކާރުތައް ތައްޔާރުވާންޖެހޭ ކަމެވެ.

ސަރުކާރުތައް ތައްޔާރުވާން އެބަޖެހޭ މިހާރަށް ވުރެ ރަނގަޅަށް. މިހާ ނުރަނގަޅު މޫސުމެއް މިހާތަނަށް އެ ގައުމުތައް ތަޖުރިބާކޮށްފައި ނުވާތީ، މި ކަންކަމާ މެދު ސަރުކާރުތަކުން ވިސްނަން ޖެހޭނެ."

މެޑިޓެރޭނިއަން ކަނޑުގައި މި މަހުގެ 4 ވަނަ ދުވަހު އުފެދުނު ލޯ-ޕްރެޝަރ ސިސްޓަމެއްގެ ބާރު ގަދަވެ، ބާރުގަދަ ތޫފާން (ޑެނިއަލް) އަކަށް ބަދަލުވީ މި މަހުގެ 5 ވަނަ ދުވަހު އެވެ. އެ ދުވަހު އެ ތޫފާން އެންމެ ފުރަތަމަ އެރީ ގްރީސަށެވެ. އެ ގައުމަށް އެރުމާއެކު ކުރި ވިއްސާރައިގައި، މިއިން ޒަމާނެއްގައި ވެސް އަހަރެއްގެ ތެރޭގައި އެ ގައުމަށް ނުވެހޭ މިންވަރަށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވި އެވެ.

އޭގެ އިތުރުން އެ ތޫފާނުގެ ތެރޭގައި ކުރި ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން ގްރީސްގެ ޖަންގަލިތަކުގައި ރޯވެ އަނދަން ފެށި އެވެ. މިއީ އެ ގައުމުގެ ތާރީޚުގައި ވެސް ކުރިމަތިވި އެންމެ ހޫނު މޫސުން ކަމަށާއި، ގްރީކްގެ ކަނޑުގެ ސަރަހައްދު ވެސް މި މަހުގެ ކުރީކޮޅުގައި ހުރީ އާދަޔާ ޚިލާފަށް ހޫނުވެފައި ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

ގްރީސްއާ އިންވެގެން އޮތް ތުރުކީ ވިލާތަށް ވެސް މި ތޫފާނުގެ ކޮޅިގަނޑުގެ އަސަރުކޮށް ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ މަދުވެގެން ހަތް މީހަކު މަރުވި އެވެ. ގްރީސްގެ އުތުރުން އޮތް ބަލްގޭރިއާ އަށް ވެސް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ ހަތަރު މީހަކު މަރުވި އެވެ.

ގްރީސް އާއި ބަލްގޭރިއާ އަދި ތުރުކީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުކޮށްލުމަށް ފަހު، ތޫފާން ޑެނިއަލްގެ މިސްރާބު ދެން ބަދަލުވީ މެޑިޓޭރޭނިއަން ކަނޑުގެ ދެކުނުން އެފްރިކާ ބައްރުގެ އުތުރު އައްސޭރިއަށެވެ. އަދި މެޑިޓެރޭނިއަން ކަނޑުގެ ހޫނު ލޮނުގަނޑުގެ ތާސީރުގައި ތޫފާނުގެ ބާރު އިތުރަށް ގަދަވެ، ލީބިޔާގެ އުތުރު ސަހަރެއް ކަމަށްވާ ބެންޣާޒީ އަށް އެރީ މި މަހުގެ 10 ވަނަ ދުވަހު އެވެ.

އެއަށް ފަހު އިރުމައްޗަށް ދަތުރުކޮށް ލީބިޔާގެ އިރު އުތުރުގައި އޮންނަ ދަރްނާ ކިޔާ ސަހަރަށް ވެހެން ފެށި ބޯ ވާރޭގައި އެ ސަހަރުގައި މައި ދެ ކޯރު ބަންޑުންވާ ވަރަށް ފެން ބޮޑުކޮށްލި އެވެ. ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް ބޮޑުވުމާ ގުޅިގެން، އެ ދެ ކޯރުގައި ހަދާފައި އޮތް ދުވަސްވީ ދެ ޑޭމް ފުނޑުފުނޑުވެ ކޯރުގެ ފެންގަނޑު، 10 ވަނަ ދުވަހުގެ ރޭ ދަންވަރު އެ ސަހަރުގެ ތެރެއަށް ބަންޑުންވެގެން ދިޔަ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކޯރު ބަންޑުންވުމުގެ ސަބަބުން، ދަރްނާގެ ބޮޑު ސަރަހައްދެއްގައި ވަނީ 10 ފޫޓަށް ވުރެ މައްޗަށް ފެންގަނޑު ބޮޑުވެފަ އެވެ. ދަރްނާ ސަހަރަކީ ވަށައިގެން ފަރުބަދަތައް ހިމެނޭ ވާދީއެއްގެ ތެރޭގައި އޮންނަ ސަހަރަކަށް ވުމާއެކު، ކޯރު ބަންޑުންވުމުގެ ސަބަބުން ބޮޑުވި ފެންގަނޑު، މެޑްޓެރޭނިއަން ކަނޑުގެ ތެރެއަށް ފައިބައިގެން ގޮސް ހުސްވަންދެން، ގިނަ ވަގުތުތަކެއް ވަންދެން އެ ސަހަރުގެ ތެރޭގައި ހިފެހެއްޓިފައި އޮތެވެ.

ސެޕްޓޭމްބަރުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އިރުމަތީ އޭޝިޔާ ސަރަހައްދަށް ދެ ތޫފާނެއް އެރި އެވެ. ތޫފާން ސައޮލާ އާއި ތޫފާން ހައިކުއި އެރުމުގެ ސަބަބުން ތައިވާނާއި ހޮންގްކޮންގް އަދި ޗައިނާގެ ޝެންޒެން އަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދެކުނު އެމެރިކާ އިން ބްރެޒީލް އަށް ވެސް، މިދިޔަ ހަފުތާގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން 30 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެމެރިކާގެ މެސެޗޫސެޓްސް އަށް ވެސް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަރީފުއަލީ

18 September 2023

ލީބިޔާ ގެ 10 ހާސްމީހުން މަރުވެ 11ހާސް މީހުން ގެއްލުނީ ތޫފާނަކުންނޫން. ހަގުރާމައި ގެއްލުންވެފައިވާ ޑޭމް ފުނޑުފުނޑުވެ ކޯރުގެ ފެންގަނޑު މީހުން އުޅޭ ސަރައްހުން ސުނާމީހެން ކަޑަށް ފައިބައިގެން ދިމުއުން. އާއްމުންގެ މީހުން އެތައްދުވަހެއްކުރިން މިޑޭމް ހަލާކުވަމުން ދާ ކަން ސަރުކާރަށް އޮތީ އަންގާފައި..މިހެން މިކަންއޮތްވާ ވިއްސާރަވެ ޑޭމް ސަރަހައްދުގައި ފެން ގިނަވެ ސުނާމީހެން ސަހަރުގެ ތެރެއަށް ޑޭމް ފަޅައިގެން އިޔައީ.

The name is already taken The name is available. Register?

ކޮރަލް

18 September 2023

ފެން ބޮޑު ވުމުގެ ހާދިސާ ތަކާ ބެހޭ ހަބަރު ތައް މިދަނީ ރާއްޖޭގެ ނޫސްތަކުން ކިޔަމުންނެވެ. މިލިޔުމުގައި މައުލޫމާތު އެބަ ހުއްޓެވެ. އެހެނިހެން ދިމަ ދިމާލުން ހަބަރު ތައް ބަލާލީމަ އެނގެނީ ކަމެއް ވެގެން އުޅޭ ވާހަކަ އެވެ.

The name is already taken The name is available. Register?

1111111111

18 September 2023

ލީބިޔާގާއުޅޭ އަހަރެމެންގެ އަޚުންނާ އުޚްތުންނަަށް ކެއްތެެރިކަން ދެއްވޭށި. އާމީން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454