ދުނިޔެ / އަގްސާ ތޫފާން

ގާޒާގެ މުވާސަލާތީ ގުޅުން އަލުން ހިދުމަތަށް

29 އޮކްޓޯބަރ 2023 - 14:03

ގާޒާ (އޮކްޓޯބަރ 28) - ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމުގެ ނަމުގައި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި މިދިޔަ ހުކުރު ދުވަހު ފަށަމުން ދިން ހަމަލާތަކުގައި ގާޒާގެ މުވާސަލާތީ ވިއުގަ ހަލާކުކޮށްލާފައި ވަނިކޮށް، އެ ޚިދުމަތް އަލުން ގާއިމުކުރަމުން އަންނަ ކަމަށް، ގާޒާ އަށް މުވާސަލަތީ ހިދުމަތް ފޯރުކޮށްދޭ ޕަލްޓެލް ގުރޫޕުން މިއަދު ބުނެފި އެވެ.

ޕަލްޓެލް އިން ބުނި ގޮތުގައި ގާޒާގެ އާންމު ފޯންލައިންތަކާއި އިންޓަނެޓް އަދި މޮބައިލް ވިއުގައިގެ ޚިދުމަތް އަލުން ފެށޭތޯ މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން ގާޒާގެ ބައެއް ސަރަހައްދުތަކަށް މިހާރު އެ ޚިދުމަތްތައް ލިބެމުން ދާނެ ކަމަށް ވެސް ޕަލްޓެލް އިން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އިޒްރޭލުން ގާޒާ ސުންނާފަތިކޮށްލާފައި އޮތުމުން، މުވާސަލާތީ ޚިދުމަތްތައް ދިނުމުގައި ވަރަށް ގިނަ ވަރަށް ބޮޑެތި ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. މުވާސަލާތީ ޚިދުމަތްތައް ދިނުމަށް ގާޒާގެ އެތެރޭގައި އަޅާފައިވާ ވަރަށް ގިނަ ކޭބަލްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތީ، ފޯންލައިންތަކާއި އިންޓަނެޓް އަދި މޮބައިލް ފޯނުތަކުގެ ޚިދުމަތަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.

މިދިޔަ ހުކުރު ދުވަހު އިޒްރޭލު ސިފައިން އެއްގަމު މަގުން ގާޒާގެ ތެރެއަށް ވަދެގަތުމަށް ފަހު ދެމުންދާ ހަމަލާތަކުގައި، ގާޒާގެ މުވާސަލާތީ ވިއުގަ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މުޅި ގާޒާ އިން، ފޯނާއި އިންޓަނެޓްގެ ޚިދުމަތް ކެނޑުނެވެ. ނަތީޖާއެއްގެ ގޮތުން، ގާޒާގައި ތިބި މީހުންނާއި އެހެން ގައުމުތަކާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު މުވާސަލާތު ކުރެވޭނެ ގޮތެއް ނެތުމުން، ގާތްތިމާގެ މީހުންގެ ހާލު ބެލޭނެ ގޮތެއް ނެތްތާ ތިން ދުވަސްވީ އެވެ.

ހިޒްރޭލުގެ ހިސޯރުގެ ސަބަބުން ގާޒާގައި ތާށިވެފައި ތިބި ފަލަސްތީނުގެ އާންމު ރައްޔިތުން ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހު އިޒްރޭލުގެ އެއްގަމު ސިފައިން ގާޒާ އަށް ވަދެގަތް ފަހުން، މިސައިލާއި ބޮމާއި ބޮޑުބަޑީގެ އަޑު އެންމެ ހިނދުކޮޅަކަށް ވެސް ކަނޑައިގެން ނުދެ އެވެ. އަދި އިޒްރޭލު ސިފައިންގެ ހަމަލާތައް ވަރުގަދަވެފައި ގިނަ ކަމުން، ޒަޚަމްވާ މީހުންނާއި މަރުވާ މީހުންގެ ހަށިގަނޑުތައް ހޮސްޕިޓަލަށް ގެންދިއުމަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ގާޒާގެ އާންމުން ބުނެ އެވެ.

ގާޒާގެ ހާން ޔޫނިސްގައި މުވާސަލާތީ ވަސީލަތްތަކާއި އިންޓަނެޓް ނެޓްވޯކްތައް މުޅިން ކެނޑުމުން ނޫސްވެރިންނަށް އޮޕަރޭޓް ނުކުރެވިގެން މަސައްކަތް ހުއްޓިފައި --- ފޮޓޯ: އޭއޭ

ހަމާސް ފުނޑައިލުމަށް ފަށާފައިވާ ހަނގުރާމައިގެ ދެ ވަނަ ފިޔަވަހި ފެށުނުކަން އިއުލާން ކުރެއްވުމުގެ ގޮތުން އިއްޔެ ދެއްކެވި ވާހަކައިގައި، ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ މިއިން ދުވަހަކު ވެސް އިޒްރޭލުގެ ރައްޔިތުން އެއްބައިވަންތަ ނުވާ މިންވަރަށް މިހާރު އެއްބައިވަންތަ ވެފައިވާ ކަމަށެވެ.

އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 23 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 7700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 19400 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3190 އަށް ވުރެ ގިނަ ކުޑަކުދިންނާއި 1860 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ފުނފުނޑުވެގެން ދިއުމުގެ ސަބަބުން ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1800 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 1000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ.

އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 111 އަށް އަރައިފި އެވެ. އަދި އިތުރު 1950 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.

ރޭ ދަންވަރުން ފެށިގެން ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް އިޒްރޭލު ސިފައިން ވަދެ، ފަލަސްތީނު މީހުންގެ ގެދޮރުގެ ހުރުމަތް ކަނޑައި، ފަލަސްތީނުގެ ޒުވާނުންތައް ދަނީ ހައްޔަރުކުރަމުންނެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1500 އަށް ވުރެ މައްޗަށް ގޮސްފަ އެވެ. އޭގެ ތެރޭގައި އިޒްރޭލު ސިފައިންގެ 308 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ 200 އަށް ވުރެ ގިނަ މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454