ދުނިޔެ / އަގްސާ ތޫފާން

އެމެރިކާ-އަރަބި ހާރިޖީ ވަޒީރުންގެ ޑްރާމާ އިން ލަދުވެތިކަން

05 ނޮވެމްބަރ 2023 - 12:16

7 comments

އައްމާން (ނޮވެމްބަރު 5) - އަރަބި ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ބައިވެރިވެވަޑައިގެން އުރުދުންގެ ވެރިރަށް އުންމާންގައި އިއްޔެ ކުޅުނު ޑްރާމާ އިން އަރަބި ގައުމުތަކުގެ ފިނޑިކަމާއި އެމެރިކާގެ ދަށުވެފައިވާ މިންވަރު ދުނިޔެ އަށް ހާމަވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތައް ހުއްޓުވުމާ ބެހޭ ގޮތުން، ބްލިންކެންއާ އެކުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަން މިސްރާއި ޖޯޑްން އާއި ގަތަރާއި ސައޫދީ އަރަބިއްޔާ އަދި އެމިރޭޓްސްގެ ޚާރިޖީ ވަޒީރުން ނިންމެވި އިރު ވެސް އެމެރިކާގެ ނިންމުން ވަރަށް ސާފެވެ. އޮކްޓޫބަރު 7، 2023 ން ފެށިގެން އެއްގަމާއި ކަނޑާއި ވައިގެ މަގުން، އިޒްރޭލު ސިފައިން ޣައްޒާ އަށް ހަމަލާދީ ކޮންމެ ދުވަހަކު ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މަރަމުން ދާއިރު ވެސް، އެމެރިކާ އިން ބުނަމުން އަންނަނީ، ހަމަލާތައް ހުއްޓައިލަން ތާއީދު ނުކުރާނެ ކަމަށެވެ.

އެމެރިކާގެ އެ ސާފު ސިޔާސަތާ އެކުގައި ވެސް، އަރަބި ޚާރިޖީ ވަޒީރުން އުރުދުންގައި އެމެރިކާގެ ޚާރިޖީ ވަޒީރާ ބައްދަލުކުރެއްވީ، ފަލަސްތީނުގެ ނިކަމެތި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާކަން ދެއްކުމުގެ ގޮތުންނެވެ. މުޅި ދުނިޔޭގެ ދެކޮޅުހެދުމަށް ވެސް ބެލުމެއް ނެތި، ޣައްޒާގައި ގަތުލުއާންމުތައް ހިންގަމުންދާ އިރު ވެސް، އިޒްރޭލާ ގުޅުން ކަނޑައިލަން ކެރުނު އަރަބި-އިސްލާމީ ގައުމެއް ނެތެވެ.

ބްލިންކެންއާ އެކު މި ބައްދަލުވުމުގައި ބައިވެރިވީ ޖޯޑްންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރް ފައިސަލް ބިން ފަރުހާން، ގަތަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން، އެމިރޭޓްސްގެ ޚާރިޖީ ވަޒީރު އަބްދުﷲ ބިން ޒާޔިދު، މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކުރީ އަދި ޕީއެލްއީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން އާލް ޝައިޚް އެވެ.

މި ބޭފުޅުންގެ ސިއްރު ބައްދަލުވުމަށް ފަހު، ބްލިންކެންއާ އެކު ނޫސްވެރިންގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައިގަތީ، މިސްރުގެ ޚާރިޖީ ވަޒީރާއި ޖޯޑްންގެ ޚާރިޖީ ވަޒީރަށެވެ. ސައޫދީ އާއި ގަތަރާއި އެމިރޭޓްސްގެ ޚާރިޖީ ވަޒީރުން ވަޑައިގަތީ އެ ބޭފުޅުން ތިއްބަވާ ހޮޓަލަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިސްރުގެ ޚާރިޖީ ވަޒީރާއި ޖޯޑްންގެ ޚާރިޖީ ވަޒީރު ވެސް ވިދާޅުވީ މިވަގުތަށް އެންމެ މުހިންމީ ހަމަލާ ބަދަލުކުރުން ހުއްޓައިލުން ކަމަށެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ ސުންނާފަތިވެ ދެ މިލިއަނެއްހާ މީހުން ހާލުގައި ޖެހިފައިވާ އިރު، އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނީ، ހަމަލާތައް ހުއްޓާލައިގެން ކަން އެ ދެ ބޭފުޅުން ފާހަގަކުރެއްވި އެވެ.

ނަމަވެސް އެ ދެ ބޭފުޅުންނަށް ރައްދު ދެއްވައި، އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ވިދާޅުވީ އިޒްރޭލު ސިފައިން ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓައިލަން ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެކަމަށް އިޒްރޭލަށް ބާރުއަޅަން ވެސް ބޭނުން ނުވަނީ، ހަމަލާތައް ހުއްޓާލައިފި ނަމަ، އަނެއްކާ ވެސް ހަމާސްގެ ހަނގުރާމަވެރިން އެއްވެ ކުރިއަށް ވުރެ ބާރު ގަދަކޮށް، އިތުރު ހަމަލާތައް ދޭން ފަށާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

މިސްރާއި ޖޯޑްންގެ ޚާރިޖީ ވަޒީރު ވެސް ވިދާޅުވީ ކޮންމެ ދުވަހަކު، ކުށެއް ނެތް އާންމު ރައްޔިތުންގެ އެތައް ސަތޭކަ ބަޔަކު މެރުމަކީ އަމިއްލަ ނަފްސުގެ ދިފާއުގައި ކުރާ ކަމެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ބައިނަލްއަގުވާމީ މުޖްތަމައުގެ ޒިންމާއަކީ އަދާވާތްތެރިކަން ހުއްޓުވުމަށް މަސައްކަތް ކުރުން. އަނިޔާވެރިކަމާއި ތަޅާފޮޅުން ދެމެހެއްޓުމަށް ހިތްވަރު ދީ އެކަމަށް ބާރުއެޅުމެއް ނޫން،" ބްލިންކެންއާ އެކުގައި ހުންނަވައި، މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކްރީ ވިދާޅުވި އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެމެން އިސްކަންދޭ ކަންތައް ކުރިއަށް ނެރެން އެބަޖެހޭ. މިހާރު އަހަރެމެން ކުރަންވީ ކަމަކީ މި ހަނގުރާމަ ހުއްޓުވުން. މި ހަނގުރާމަ ނިމޭ އިރު ޣައްޒާ އޮންނާނެ ގޮތެއް ނުވެސް އެނގޭއިރު، މިހާރު މި ހިނގާ ކަންކަމަށް ހިތްހަމަޖައްސާލައިގެން ތިބެވޭނީ ކިހިނެއް،" ޖޯޑްންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވި އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓައިލުމަށް ބާރު އަޅާ ދެ ވަނަ ކަމެއްގެ ގޮތުގައި އިއްޔެގެ ބައްދަލުވުމުގައި އަރަބި ގައުމުތަކުން ފާހަގަކުރީ، މި ހަނގުރާމަ ފަލަސްތީނާއި އިޒްރޭލުން ބޭރަށް ފުޅާވުމުގެ ނުރައްކާ އިތުރުވަމުން ދިއުމެވެ. ހަނގުރާމަ ދިގުލައިގެން ދާ ނަމަ، ލުބްނާންގެ ތެރެއިން ހިޒްބުﷲ ޖަމާއަތާއި، ސީރިޔާގެ ތެރެއިން ޝީއީ ހަނގުރާމަވެރިން މި ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

އޭގެ ތެރެއިން ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިން މިހާރުވެސް ގެންދަނީ އިޒްރޭލުގެ އުތުރު ސަރަހައްދަށް ހަމަލާތައް ދެމުންނެވެ. އެކަމާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ ވިދާޅުވެފައިވަނީ، ހިޒްބުﷲ އިން ހަނގުރާމަ އިއުލާންކޮށްފިއްޔާ، ޣައްޒާ އަށް ހަދައިލި ގޮތް ލުބްނާނަށް ވެސް ހަދައިލާނެ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 30 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 9500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 23000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2500 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2000 އަށް ވުރެ މަތިވެފަ އެވެ.

އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 345 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ޣައްޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 29 އަށް އަރައިފަ އެވެ.

އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1600 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5300 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 345 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.

7 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަކަނަ

06 November 2023

ކޭއެފްސީ ކެވޭތޯބަލާ

The name is already taken The name is available. Register?

މަހާސިންތާ11

05 November 2023

ލަދުވެތިވާނެ ކަމެއް ނެތް. ޚާދިމުލްޙަރަމައިނިއްޝަރީފައިނި އެބައުޅުއްވާ ފަންޑު ހުޅުވައި އަދި މަހާސިންތާއެއްވެސް ބާއްވަން. 'އިލްމުވެރިން' ވެސް ވަރަށް ބާރުއަޅުއްވާ މަހާސިންތާ ބާއްވަން.

The name is already taken The name is available. Register?

ސީތާ

05 November 2023

ޔަހޫދީންނާ ކުރަންޖެހޭ މަޝްވަރާއެއް މިހާރު އޮތްކަމަކަށް ނުދެކެން. ޔާސިރު ޢަރަފާތު ވެރިކަމުގައި ހުންނެވިއިރު ކުރެވުނު މަޝްވަރާގެ ޢަދަދެއްވެސް ނޭނގެ. ނަތީޖާ ފެންނަނީ ލެއިން. އެހެންވީމާ މިހާރު ޔަހޫދީންނާ މަޝްވަރާކުރަންޖެހޭނީ ކަނޑި ބަޑިޔާއި ބަރު ހަތިޔާރުން ކަމަށް ޤަބޫލުކުރަން. މުސްލިމް ޤައުމުތައް އެއްގަލަކަށް އަރައިގެންނޫނީ އެކަމެއްވެސް ނުވާނެ.

The name is already taken The name is available. Register?

ތަކުރުބެއްޔާ

05 November 2023

އިޒްރޭލަށް ވުރެ ތީގެ ގޯހީ ވަށައިގެން ތިބި އަރަބި ގައުމުތަކުގެ ވެރިން. ފުރަތަމަ އެމީހުން ވެރިކަމުން ދުރުކޮށްގެން ފަލަސްތީނަަށާއި އަރަބިންނަށް އަދި މުސްލިމުންނަށް ވެސް ކުރިއެރުމެއް އޮތީ.

The name is already taken The name is available. Register?

އަފްރާސިޔާބު

05 November 2023

އަރަންވެސް ތިބީ ވެރިކަމުގެ ދިފާއުގައި އުޅޭ ބައެއް. އަރަބީންނަކަށް ތިކަމެއް ނުވާނެ. އީރާނުން ނުކުންނާނެ މަސްޖިދުލްއަގްސާ ޒަޔަނިސްޓުންގެ އަތުން ގަދަބާރުންވިޔަސް އަތުލާނެ ފަހުލަވާނަކު. އެކަމަކު އެއީ ދެންފެށޭ ހަގުރާމައިގާ. ރަޝިޔާ، ޗައިނާ، އަފްގާނިސްތާނު ޕާކިސްތާނު ތުރުކީ އެހަނގުރާމައިގާ ބައިވެރިވާނެ. އެމީހުން ހުއްޓުވޭނެ ބަޔަކު ނުނުކުންނާނެ. މިކަމާ އަރަބި ވެރިން ބިރު ހީވަނީ. އެހެންވެ ދީނީ ކާޑު އެމީހުން ކުޅެނީ. މިހަނގުރާމަ އިސްރާއީލް ނިންމާނެ މިގޮތަށް.

The name is already taken The name is available. Register?

ޢަބްދުﷲ ޢަލީ

06 November 2023

އަފްރާސިޔާބު އީރާނުގެ މީހުން ނުނިކުންނާނެ. އެއީ ޝީޢީންނެވެ. އެމީހުން ޤުދުސް މުޤައްދަސް ކަމަކަށް ނުދެކެއެވެ. އެމީހުން ޢަލީގެފާނަށް އަޅުކަން ކުރެއެވެ. އެމީހުން ސުންނީން ކާފަރުންގެ ގޮތުގައި ދެކެއެވެ އެމީހުން ސީރިޔާގައި އެތައް ހާސް މުސްލިމުންނެއް ކަތިލައެވެ

The name is already taken The name is available. Register?

ބޭކާރު

16 September 2024

އެގައުމެއްގެވެރިއަކު ބަލާނީ އެގައުމެއްގެ މަސްލަހަތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454