ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދަނީ: ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް ގެނައި އިސްލާހަށް މާދަމާ ވޯޓަށް އަހާނެ. - ފޮޓޯ: މަޖިލިސް
07 ފެބުރުއަރީ 2017 - 21:02
ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ލޯކަލް އިންތިހާބުގައި ވާދަކުރާ މީހުންނަށް ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ލުއިކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް، ވެރިކަން ކުރާ ޕާޓީގެ މެމްބަރަކު ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި ނަމަވެސް، އެ ބިލް ދިރާސާކުރި ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ބިލަށް އަނެއްކާ ވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.
ކޮމިޓީން ގެނައި އިސްލާހުތަކާއެކު ގައުމީ ސަލާމަތުގެ ކޮމިޓީއިން ބިލް ފާސްކުރީ ކޮމިޓީ އަށް ހާޒިރުވެ ވޯޓު ދެއްވި 10 މެންބަރުންގެ އިއްތިފާގުންނެވެ.
ހޮޅުދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ މުހައްމަދު (އަލިބެ) ގެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވިއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ މީހުންނަށް މިހާރު ކަނޑައަޅާފައިވާ ޝަރުތުތައް ބަދަލުކޮށް، ބޮޑެތި ކުށްތައް ކޮށްފައިވާ މީހުންނަށް ވެސް އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ވަނީ ހަދައިފަ އެވެ. އެހެންވެ ގިނަ މެމްބަރުން ވަނީ ބިލު އިތުރަށް ދިރާސާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން މިހާރު ނިންމި ގޮތުން، އެއްވެސް ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ކައުންސިލަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ހަތް އަހަރު ފާއިތުވެފައިވުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށްދެވުނުތާ ހަތް އަހަރު ފާއިތުވެއްޖެނަމަ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.
ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގިކަން ނުވަތަ މީހެއްގެ އިއްފަތްތެރިކަން ފޭރިގަތްކަން ޝަރީއަތަށް ސާބިތުވެފައިވާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރިކަން ސާބިތުވެފައިވާ މީހުން ފިޔަވައި، އެހެން ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެ، 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފާއިތުވުމުން ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކޮށްދެވުނުތާ ތިން އަހަރު ފާއިތުވުމުން ވެސް އިންތިހާބުގައި ވާދަ ކުރެވޭނެ އެވެ.
ކައުންސިލަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުން، ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން، ބޭރު ގައުމުގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާނަމަ، އެ މީހަކު ދިވެހި ރައްޔިތަކަށްވުމަށްފަހު، ފަސް އަހަރު ފާއިތުވުން، މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހެއް ކަމުގައިވުން، އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން، އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް ދަރަނި އަދާކުރާ މީހެއް ކަމުގައިވުން ހިމެނެ އެވެ.
މި އިސްލާހުތަކާ އެކު ބިލް ފާސްކުރަން ފެނޭތޯ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.
އަލިބެ ކުރިން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުންނަމަ، ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށާއި ޖިނާއީ ކުށެއް ސާބިތުވެ، އެމީހެއްގެ މައްޗަށް 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައި މީހުންނަށް އިންތިހާބުގައި ވާދަކުރެވެ އެވެ. އެކަމަކު ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރެވޭނީ ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކޮށްފައިވާ ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ދެ އަހަރު ފާއިތުވުން ނުވަތަ އެ ހުކުމެއްގެ އަދަބު މާފުކޮށްދެވުނުތާ ދެ އަހަރު ފާއިތުވުމުންނެވެ.
އަލިބެ ކުރިން ހުށަހެޅުއްވި އިސްލާހު އޮތް ގޮތުން ކުޑަކުދިންނާ އެކު ބަދުއަހުލާގީ އަމަލު ހިންގުމާއި ރޭޕްކުރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި އިސްލާމް ދީނުގެ ހައްދެއް ކަނޑައަޅާފައިވާ ކުށެއް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަ ކުރެވެ އެވެ. އަދި ބޮޑެެތި ޖިނާއީ ކުށްތައް ސާބިތުވެފައިވާ މީހުންނަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ 28 ވަނަ މާއްދާ އާއި 44 ވަނަ މާއްދާ، މިއަދު ހުށަހެޅި އިސްލާހުގައި ވަނީ އުނިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތާރުކުނާވަޙީދު
08 February 2017
ދުވަހެއްގެ ކޮޅުން ކުށެއް ކުރެވިފައިއޮތަތީ އެމީހަކު ދެން ހުންނަންވީތޯ ވަޒީފާއެއްނުލިބި އެކަހެރިވެފައި. ބަލަ އޭނަ ކުރި ކުށަށް ޙައްޤު އަދަބު ލިބި ތަންފީޛު ވެއްޖެނަމަ ދެން އޭނާއަށް ވަޒީފާއެއް ލިބުމަށް އެކަން ހުރަހަކަށް ވާނަމަ އެއީ އޭނާގެ މުޅި ޢުމުރަށް އަދަބު ލިބެނީނޫންތޯ. އެހެން ވެގެން ނުވާނެ. ޙުކުމް ތަންފީޛުކޮށް ނިމިއްޖެނަމަ ކޮންމެ ވަޒީފާއަކަށްވެސް ކުރިމަތި ލުމުގެ ޙައްޤު އޮންނަންވާނެ. އިންތިޚާބުކުރާ މަޤާމެއްވެއްޖެނަމަ ރައްޔިތުން ގޮތެއް ނިންމާނެ. އޭނާ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ.
ދޮންބެ
08 February 2017
ހިތައް އަރަނީ މީއަނެއްކާ ވަކި މީހަކަށް ހެޔޮވަރު ކުރަން އުޅޭ ލިބާހެއްބާވައޭ!
އަހުމަދު
08 February 2017
ޑްރަގް ގެ މައްސަލަ ތައް ކޮބާ ހެއްޔެވެ؟
އޯލްޕާޓީސް
08 February 2017
ސީޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނޫނީ ސިޔާސީ މަޤާމަކަށް ކުރިމަތި ނުލެވޭ ގޮތް ހެދުން މާ މުހިއްމެވެ.ޕްރައިމަރީގައި ވަލި ވުމުން ކުރިމަތި ނުލެވޭގޮތަށް ވެސް ހެދީ ތާއެވެ. ތިމަބްނާ އަކީ ސިޔާސީ މީހެއް ނޫނޭ ކިޔާފައި ކުރިމަތި ލަނީ ސިޔާސީ މަޤާމަކަށެވެ.ދެން ހަދާ ގޮތަކީ އެމްޑީޕީ މީހުން ގާތަށް ކެމްޕޭނަށް ގޮސްފައި މި ބުނާ އެއްޗަކީ ތިމަންނާ އަކީ ކަލޭމެންގެ ފިކުރުގެ މީހެއް ކަމަށެވެ.ޕީޕީއެމްގެ ސަޕޯޓަރުން ގާތުގައި ހެދެނީ ޕީޕީއެމްގެ މީހަށެވެ. ދެން ހަދާ ގޮތަކީ ގޮޑި ލިބުމުން ގިނަ ލާރި ދިން ފަރާތަކަށް ގޮޑި ވިއްކާލަނީ އެވެ. ވީމާ މިފުރުސަތު އެކަހަލަ މީހުނަށް ނުދިނުން އެދެމެވެ.
ބާރީ
08 February 2017
ހަނިކުރީކީނޫން ކުރިން އެއްވެސްވަރަކަށް ނެއް ފުރުސަތެއް ދިނުމަށް ނިންމީ، ތީ ޤައުމަށް ޚިޔާނަތްތެރިވުން
އަލީ
08 February 2017
މި ނޫން ބަޔަކު ނުލިބުނީތޯ އިންތިޚާބަށް ނެރެން؟
ދެކުނުދާއިރާ ފުވައްމުލައް
08 February 2017
ކުޑަކުއްޖަކާ ބެހުނު މީހެއްގެނަން ވޯޓު ކަރުދާހު ގަ އޮންނާނެ ދަށުކޯޓުން ނިމި މަތީ ކޯޓަށް ނުދާ މައްސަލައެއް ގެ ވެރި އެއް ގެ ކައެގެނޭ ފުރާނީ ނުކައި ނުފުރާނަމޭ
އުދުހޭ
08 February 2017
ކުށްވެރިންގެ ހާދަ ގިނައޭ ހައްގު. އަޅުގަނޑު މިއުޅެނީ ވަޒީފާގަނޑެއްވެސް ނުލިބިގެން. ކުށުގެ ސެޓްފިކެޓް ނެތީމަ ކަންނޭގެ.
އަލިކަތީބު
07 February 2017
އެކަމަކު ވައްކަންކުރާ މީހުނަށް ކުރިމަތި ލެވެންޖެހޭނެ. ވައްކަންކުރުން އެއީ އިންސާނީ ތަބީޢަތުގަ ލައްވާހުރިކަމެއް.
މީމުހާ
07 February 2017
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރު އަލީ މުޙައްމަދަށް ވަރަށް ވެދުން ތިހުށަހެޅުއްވި ބިލް ފާސްވުމުން ފުރުސަތު ހުޅުވާ ތިޔަލެވެނީ ޤައުމުގެ އިޖުތިމާޢީ ފޭރާން ބާލާ ހަށިހުރަސް ނައްތާލެވޭނެ މަގަށް ޤައުމް ގެންދާނެ ނުރައްކާތެރި ދޮރެއް..