އދ. އަތޮޅުގެ ވޭލް ޝާކް ޕޮއިންޓްގައި ފެހުރިއްސެއް ކައިރީގައި ބަޔަކު ފީނަނީ.-- ފޮޓޯ: ނާޓިއާނެޓްވޯކް
08 ނޮވެމްބަރ 2023 - 10:11
ރާއްޖޭގައި ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކުރާ ކަމެއްގެ ގޮތަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ އެ އޮފީހުގައި އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށެވެ.
ފެހުރިހި މިހާރު ހިމާޔަތްކޮށްފައި ވަނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުންނެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ފެހުރިހި ހިމާޔަތްކޮށް ރައްކާތެރިކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް ބަދަލުކުރަން ނިންމަވާފައި ވަނީ ފެހުރިއްސަކީ މަސްވެރިކަމާ ގުޅުންހުރި ދިރުމަކަށް ނުވާތީ އެވެ. އަދި ފެހުރިއްސަކީ ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ވެސް މަސްވެރިކަމުގެ ސިނާއަތުގައި ބޭނުންކުރާ މަހަކަށް ނުވާތީ އެވެ.
މީގެ ކުރިން ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއް: ފެހުރިހި ހިމާޔަތްކުރުން ތިމާވެށީގެ ގާނޫނުގެ ދަށަށް ބަދަލުކުރަން ރައީސް ވަނީ ނިންމަވައިފައި.-- ފޮޓޯ: ރައީސް އޮފީސް
އެހެންވެ، ވަޒީރުންގެ މަޖިލީހުން ރައީސަށް ހުށަހެޅި ކަރުދާހުގައި ބުނެފައި ވަނީ ފެހުރިހި އެންމެ ރަނގަޅަށް ރައްކާތެރިކޮށް ދަމަހައްޓާއި މެނޭޖުކުރެވެން އޮތީ ތިމާވެށީގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ކަރުދާހުގައި ވަނީ ފެހުރިއްސަށް ރާއްޖޭގައި ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެފަ އެވެ.
ފެހުރިއްސަކީ 2016 ވަނަ އަހަރުގެ ޖުލައި މަހުގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންސަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން)ގެ ރެޑް ލިސްޓް އޮފް ތުރެޓަންޑް ސްޕީޝީސްގައި ނެތި ދިއުމުގެ ބިރުހީވެފައިވާ ދިރުމެއް ކަމަށް ކަނޑައަޅާފައިވާ ދިރުމެކެވެ.
ތިމާވެށީގެ ގާނޫނުގެ ދަށުން މި ދިރުން ހިމާޔަތްކުރުމުން، މި ދިރުމަށް ލިބޭ ގެއްލުންތައް މަދުކުރެވި، މާހައުލީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށް ވަޒީރުންގެ މަޖިލީހުން ހުށަހެޅި ކަރުދާހުގައިވެ އެވެ. އަދި ތިމާވެށީގެ ގޮތުންނާއި އިގުތިސާދީ ގޮތުންނާ އަދި އިޖުތިމާއީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވަޒީރުންގެ މަޖިލީހުން ބުންޏެވެ.
ރާއްޖޭގައި ފެހުރިހި ފެންނަނީ މައިގަނޑު ދެ ސަރަހައްދަކުންނެވެ. އެއީ ބ. ހަނިފަރު ކައިރިންނާއި އދ. މާމިގިލީ ބޭރުންނެވެ. އެ ދެ ސަރަހައްދު ވެސް ސަރުކާރުން ވަނީ ހިމާޔަތްކޮށްފަ އެވެ. އެ ސަރަހައްދުތައް ރަނގަޅަށް މޮނީޓާ ނުކުރެވި، ފާއިތުވި އަހަރުތަކުގައި ވަނީ ފެހުރިހި ފެންނަ މިންވަރު ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފުއަލީ
09 November 2023
ގާނޫނުގެ ދަށުން ރިޒޯޓްތައް ހިންގޭނީ މަދުވެގެން 50 ޕަސެންޓް ދިވެހިން ތިބެގެންކަން ލިޔަން ކެރޭނެމީހަކު ހޯދަދީބަލަ! އަދި ޑިޕާޓުމަންޓްތަކުގެ ހެޑުންގެ ގޮތުގައި މަދުވެގެން 50 ޕަސެންޓް ދިވެހިން ތިބެންޖެހޭނެކަން ކަޑައަލާއިދީބަލަ! ޖަނަވާރު ހިމާޔަށް ކުރަން ގާނޫނު ހަދާއިރު ދިވެހިންގެ ހައްގު ހިމާޔަށް ކުރަން ގާނޫނު ހަދައިދީބަލަ! އާދޭސް!
މުނާލް
08 November 2023
ރާއްޖޭގައި ހިމާޔަތްކުރާ ދޭއްޗެއް ތިބޭނީ. އެއީ މަސްމަހާމެހީގެ ތެރެއިން ބައެއް ބާވަތްތަކާއި، އިންސާނުންގެ ތެރެއިން ޕާޓޭންނާއި ކުޑަކުދިންނަށް ޖިނަސީގޯނާކުރާ މީހުން.
ފަރުސިން
08 November 2023
ކަލްޗަރ މިނިސްޓަރު ތުރުކުރައްވައިގެން އިންނެވީ ދިވެހި ސަގާފީ ލިބާހެއް ދޯ.
ޅިންޑި
08 November 2023
ހާދަ ރީތިމަހެކޭ.