ލައިފްސްޓައިލް / ބަޔާން މިއުނިކް

ޣިޔާސުއްދީންގެ ޕްލާސްޓިކާ ދެކޮޅު ހަރަކާތަށް ބެޔާން މިޔުނިކްގެ އަގުވަޒަންކުރުން

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ބޭނުންކޮށްގެން ތައްޔާރުކުރި ބެޔާން މިއުނިކްގެ ޖާޒީ އެ ކްލަބްގެ ކުޅުންތެރިންގެ އޮޓޮގްރާފާ އެކު އަދި ޕްލާސްޓިކް އެއްކުރުމުގައި ބައިވެރިވި ބައެއް ދަރިވަރުން.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ގޭގޭގައި ބޭނުންކުރާ ޕްލާސްޓިކް އުކައެއް ނުލާނެ އެވެ. އެ އެއްޗެހި ފޮނުވަނީ ރާއްޖެ އިން ބޭރަށެވެ. އެޑިޑާސް އިން މިދިޔަ ނޮވެމްބަރު މަހު ނެރުނު ޚާއްސަ ދެ ޖާޒީ ބައެއް ތައްޔާރުކުރަން އެ ޕްލާސްޓިކް ވަނީ ބޭނުންކޮށްފަ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކްލަބްތަކުގެ ތެރޭގައި ހިމެނޭ ސްޕެއިންގެ ރިއަލް މެޑްރިޑާއި ޖަރުމަންގެ ބެޔާން މިއުނިކްގެ ކުޅުންތެރިން އެ ޖާޒީތަކުގައި މެޗު ކުޅެފައިވާ އިރު މިއުނިކްގެ ކުޅުންތެރިންގެ އޮޓޮގްރާފާ އެކު ޣިޔާސުއްދީނަށް ވަނީ ޖާޒީއެއް ހަދިޔާ ވެސް ކޮށްފަ އެވެ.

މިއީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމްއިއްޔާ ޕާލޭ އިން އެޑިޑާސްއާ ގުޅިގެން ކުރިއަށް ގެންދާ ޕްލާސްޓިކް ރީސައިކަލްކުރުމުގެ މަސައްކަތުގައި ދިވެހި ކުޑަކުދިންތަކެއްގެ ހިއްސާ އެވެ.

ގޭގައި ބޭނުންކޮށް ހުސްވެފައި ހުންނަ ލޯޝަން ފުޅި ފަދަ އެއްޗެހި ހިފައިގެން ޣިޔާސުއްދީންގެ ދަރިވަރުން ދާނީ ސްކޫލަށެވެ. އެ އެއްޗެހި އަޅާނީ ސްކޫލުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުންނަ ބޮޑު ދެ ގޯންޏަށެވެ. ޕާލޭ އަށް އެ ޕްލާސްޓިކް ފޮނުވައިދެނީ ރާއްޖޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ބީމް އިންނެވެ. ޕްލާސްޓިކްގެ ބާވަތާއި އެ އެއްޗެއް ގެންނަނީ ކޮން ދަރިވަރެއްކަން އެނގޭނެހެން ޣިޔާސުއްދީނުން ރެކޯޑް ބަލަހައްޓަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން އަށް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 345،000 އައިޓަމް ޣިޔާސުއްދީނުން ބީމްއާ ހަވާލުކޮށްފައިވެ އެވެ.

"އެ ހުރިހާ ޕްލާސްޓިކް އަންދާލި ނަމަ ނުވަތަ ކޮންމެވެސް ސަބަބަކާ ހެދި އެ އެއްޗެހި މޫދަށް ދިޔަ ނަމަ ވަރަށް ބޮޑު ޕޮލިއުޝަނަކަށް ވީސް،" އިންޑިއާގެ ޝްރީ އެޑިއުކެއާ ކުންފުނިން ހިންގަމުން އަންނަ ޕްރައިވެޓް ސްކޫލުގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވި އެވެ.

ޕްލާސްޓިކްގެ ނުރައްކަލުން ކަނޑުގެ ދިރުންތައް ސަލާމަތްކުރަން ޕާލޭ އިން ހިންގާ ބޮޑު ކެމްޕެއިންގައި ޖަރުމަންގެ އެޑިޑާސް އިން ވަނީ ރާއްޖެ އިން ހޮވާފައިވާ ޕްލާސްޓިކުން ބޫޓެއް ވެސް އުފައްދައިފަ އެވެ. އެ ބޫޓުގެ އެއް މިލިއަން ޖޯޑު މި އަހަރުގެ ނިޔަލަށް ތައްޔާރުކޮށް ވިއްކާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

"އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި ޣިޔާސުއްދީނަކީ ޕާލޭގެ މި ޕްރޮގްރާމްގައި މުޅި ދުނިޔެ އިން ވެސް ބައިވެރިވާ ފުރަތަމަ ސްކޫލް،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ބޭނުންކޮށްގެން އެޑިޑާސް އިން ތައްޔާރުކުރި ބެޔާން މިއުނިކްގެ ޖާޒީ އަދި ރާއްޖެ އިން ހޮވި ޕްލާސްޓިކުން ހަދާފައިވާ ބޫޓު ޣިޔާސުއްދީނަށް ހަދިޔާކޮށްފައި.

ޕްލާސްޓިކް މުޅިން މަނާ

ޕްލާސްޓިކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރަން އެހީވާން ޣިޔާސުއްދީނުން ދޭ ސަމާލުކަން ބޮޑެވެ. އުކާލާ ޕްލާސްޓިކް އެއްކުރުމުގެ ޕްރޮގްރާމް ދާއިމީކޮށް ކުރިއަށް ގެންދެ އެވެ. އެއާ އެކު، ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމުގެ ފިޔަވަޅުތަކެއް ވެސް ވަނީ އަޅައިފަ އެވެ.

ފެން އަޅަން ބޭނުންކުރާ ވައްތަރުގެ ފުޅި ފިޔަވައި އެހެން ބާވަތްތަކުގެ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ޣިޔާސުއްދީނަށް ވެއްދުމަކީ މަނާ ކަމެކެވެ. ސްކޫލުގެ ހަރަކާތްތަކުގައި ވެސް ޕްލާސްޓިކް ފުޅި ކަހަލަ އެއްޗެހި ބޭނުމެއް ނުކުރެ އެވެ.

"އެއްވެސް އިވެންޓެއްގައި ވެސް އަދި ކެންޓީނުގައި ވެސް ޕްލާސްޓިކް ބޭނުމެއް ނުކުރާނެ. ކުޅިވަރު އިވެންޓްތަކުގައި އެހެން ސްކޫލްތަކުން ބޮޑެތި ފެން ކޭސްތައް ބޭނުންކުރާ އިރު މި ތަނުން ގެންދާނީ ބޮޑެތި ކޫލަރަށް ފެން އަޅައިގެން،" ތޯހާ ފާހަގަކުރެއްވި އެވެ.

އެއީ އެހާ ފަސޭހަ ކަމެއް ނޫންކަން ޕްރިންސިޕަލް ގަބޫލުކުރައްވަ އެވެ. އެކަމަކު އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އުނދަގޫ ވިޔަސް، ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރަން އެންމެން ވެސް މި ވިސްނުން ބަލައިގަތުން މުހިއްމެވެ.

"މިއީ އުނދަގޫ ކަމެއް. މިސާލަކަށް ކޫލަރު އުފުލުން ކަހަލަ ކަންކަން ފަސޭހައެއް ނޫން. އަނެއްކާ އަޅުގަނޑުމެން ދިވެހިން އާދަވެފައި މި ތިބީ ފިހާރަ އިން އެއްޗެއް ގަނެގެން ބޮއެފައި އެއްލައިލާ ގޮތަށް،" ތޯހާ ވިދާޅުވި އެވެ.

"އެކަމަކު މިއީ އަޅުގަނޑުމެން އެންމެންގެ ކުރިމަގަށްޓަކައި ކުރަން ޖެހޭ ކަމެއް. މިއީ އަޅުގަނޑުމެން އެންމެން ވެސް ދިރިއުޅެން އޮތް ތަން. އެހެންވީމާ ރާއްޖޭގައި މިކަން ފުޅާވާން އަޅުގަނޑުމެން ބޭނުންވަނީ. ބައެއް ގައުމުތައް އެބަހުރި ޕްލާސްޓިކް ބޭނުންކުރުން މުޅިން މަނާ ގައުމުތައް. އަނެއް ބައި ގައުމުތަކުގައި ބޮޑެތި ޖޫރިމަނާތައް އެބަ ކުރޭ. ރާއްޖެ މީ ކުޑަކުޑަ ގައުމެއް ވީމާ މިކަން ކުރަން މާ ފަސޭހަ ވެސް ވާނެ."

"ހުރިހާ ޕްލާސްޓިކެއް ހުސްކޮށްލެވިދާނެ"

އަލުން ބޭނުންކުރަން އެއްކުރާ ޕްލާސްޓިކް އަޅަން ޣިޔާސުއްދީން ސްކޫލުގައި ބަހައްޓާފައިވާ ބޮޑު ކޮތަޅެއްގެ ކައިރީގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ފޮޓޯއަކަށް މަޑުކޮށްލައިގެން.

އުކާލަން ހުންނަ ޕްލާސްޓިކް އަލުން ބޭނުންކުރަން އެއްކުރުމުގެ ފޯރި ޣިޔާސުއްދީންގެ ދަރިވަރުންގެ މެދުގައި ބޮޑެވެ. އެންމެ ގިނައިން ޕްލާސްޓިކް ގެންދާ ކުއްޖަކަށް ވުމުގެ ވަރުގަދަ ރޫހެއް އެ ކުދިންގެ ތެރޭގައި އޮވެ އެވެ. ބައެއް ދަރިވަރުން އެއްކޮށްފައިވާ އެއްޗެހީގެ އަދަދު އެތަކެއް ހާހަކަށް އަރާ އިރު، އެއީ ތިމާވެއްޓަށް ވެދެވޭ ވަރަށް ބޮޑު އެހީއެއް ކަން އެ ކުދިން ދަނެ އެވެ.

"މިކަން ކުރަނީ އީކޯސިސްޓަމް އަށް ވަރަށް ބޮޑަށް ފައިދާކުރާނެތީ،" މިހާތަނަށް ސްކޫލަށް އެންމެ ގިނައިން ޕްލާސްޓިކް ގެންދިޔަ އިލާން މުހައްމަދު ޝަފާޒް، ޕްލާސްޓިކް އެއްކުރުމުގައި ބައިވެރިވާ ސަބަބު ކިޔައިދެމުން ބުންޏެވެ. އޭނާ އެއްކޮށްފައިވާ ޕްލާސްޓިކް އެއްޗެހީގެ އަދަދު 55،000 އަށް ވުރެ މައްޗަށް އަރަ އެވެ.

އެޑިޑަސްގެ ޖާޒީގައި އެ ކުދިންގެ ހިއްސާ އޮތް ކަން އެނގުމަކީ ވެސް ޣިޔާސުއްދީންގެ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އެ ޖާޒީ ސްކޫލުގެ އެސެމްބްލީގައި ކުދިންނަށް ވަނީ ދައްކާލައިފަ އެވެ.

"އެ ދުވަހު ހިތަށްއެރީ ވަރަށް ރަނގަޅު ކަމެކޭ މި ކުރެވުނީ،" އިލާން، 9، ބުންޏެވެ.

ޕްރިންސިޕަލް ގަބޫލުކުރައްވާ ގޮތުގައި ޕްލާސްޓިކް މަދުކޮށް، ރީސައިކަލްކުރުމުގެ ސިޔާސަތެއް ޣިޔާސުއްދީން ނޫން ސްކޫލްތަކަށް ވެސް ގެންގުޅެވިދާނެ އެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އަޅުގަނޑުމެންގެ ސްކޫލުގައި ޕްލާސްޓިކް ނުގެންގުޅޭ އިރު އެހެން ސްކޫލްތަކުގައި އެ ގޮތަށް ނެހެދެންވީ ކީއްވެގެންތޯ؟ ސްކޫލްތަކުގައި މި ކަން ކުރާ އިރު ކޮންމެވެސް ވަރެއްގެ ހަރަދެއް ކުރަން ޖެހޭ. ރިވާސް އޮސްމޯސިސް ފިލްޓާތަކާ އެއްޗެހި ހަރުކޮށް ހަދަން ޖެހޭނެ. އެކަމަކު އެ ހަރަދު މި ކުރަނީ ރަނގަޅު ކަމަކަށް،" ތޯހާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަށް ހީވަނީ އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް ބާރެއް ލައިފިއްޔާ އަދި ހުރިހާ ސްކޫލްތަކުން ރީސައިކަލްކުރުމުގައި ބައިވެރިވެގެން، ރާއްޖޭގައި ހުރި ހުރިހާ ޕްލާސްޓިކެއް ރަނގަޅު ކަމަކަށް ބޭނުންކޮށް ހުސްކޮށްލެވިދާނެ ހެން."

6 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 95%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިބޫ

15 February 2017

މަރުހަބާ ޢިޔާސުއްދީން ކުދިން، ބެލެނިވެރިން، ޓީޗަރުން، ޕްރިންސިޕަލް، އެޑްމިން++++ ކުިރޔަށް ބާރަށް ތިމާވެއްޓަށް އަހުުވެރި ދަރިންތަކެއް މުސްތަގުަބަލަށް

The name is already taken The name is available. Register?

ޝަރީފް

15 February 2017

އަގުވަޒަން ކުރުމަކީ ހިތްވަރުލިބޭނެ ކަމެއް. މަރުހަބާ ޣިޔާޘުއްދީން މަރުހަބާ ޠޯހާސަލީމް

The name is already taken The name is available. Register?

ވިޗްވޭ

15 February 2017

ޣިޔާސުއްދީންގެ ޕްލާސްޓިކާ ދެކޮޅު ހަރަކާތަށް ބެޔާން މިޔުނިކްގެ އަގުވަޒަންކުރުން ލިބުން އެއީ އުފާކުރަން ޖެހޭނެ ކަމެކެވެ. ކަން މިހެން ހުރުމުން ދެން އެ ސްކޫލަށް ޕްލާސްޓިކް ބޭގްސް އެއްގޮތަކަށް ވެސް ނުވައްދާ ގޮތަށް ހަދާ ސްކޫލްތެރެ ވެސް ރީއްޗަށް ސާފުތާހިރު ކޮށް ފައި ބާއްވާ އަދި ސްކޫލްގެ ފާޚާނާ ވެސް ސާފު ތާހިރުކޮށް ފައި ބޭއްވުމަށް ޓަކައި ދަރިވަރުންގެ މެދުގައި ވެސް ހޭލުން ތެރިކަން އިތުރު ކުރަންވީއެވެ. މާލޭގައި ދެން ބިނާ ސްކޫލްގެ ކޮންމެ ކްލާސް ރޫމެއްގައި ފާޚާނާ އާއި ސިންކް ހުންނަ ގޮތަށް ބާތްރޫމް އެއް ހަދަން އެބަޖެހެއެވެ. މިހާރު ސްކޫލް ތަކުގެ ފާޚާނާ އިން ޖެހޭ ބަލި ތައް ވެސް ވަކި މަދެއް ނޫނެވެ. ވަރަށް މުޑު ދާރު ސްޓޫޑެންޓުން ބޭނުން ކުރަން ހުންނަ ފާޚާނާ.

The name is already taken The name is available. Register?

ތިމާވެށި

15 February 2017

ޤިޔާސުއްދީން ދަރިވަރުން ނޫން ފަރާތްތަކަށްވެސް ތި ޕްރޮގްރާމްއަށް ތަކެތި ހަދިޔާ ކުރެވިދާނެތޯ؟ އެހެންކަމަށް ވާނަމަ، ޢަމަލުކުރަންވީ ގޮތެއް ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް!

The name is already taken The name is available. Register?

އެމ.އޭ.ކަރީމް

15 February 2017

މަރުހަބާ، ރައީސް ނަޝީދު/(ދި އައިލެންޑް ޕްރެސިޑެންޓް) ގެ ސިޔާސަތުގެ ދަށުން އުފެއްދި އިންޓަނޭޝަނަލް ސްކޫލްއިން ދިވެހި ގައުމަށް އަދި ނާޒުކްތިމާވެއްޓަށް ކޮށްދެއްވި ހިދުމަތަށް.އަދި ޢިއާސުންދީން ސްކޫލްއަކީ ނަމޫނާ ސްކޫލެއްކަން ސާބިތުކޮށްދީފި.އަދި މިއީ އެއްވެސް ޙަރަދެއް ނޮކޮށް ދިވެހިރާއްޖެ މުޅިދުނިޔެއަށް އިޝްތިހާރުވެގެންދިޔަކަމަކަށްވީހިދު ދައުލަތުން މިކަމުގެ އަގުވަޒަންކުރުމީ ކޮންމެހެން ކުރަންޖެހޭނެކަމެއް.

The name is already taken The name is available. Register?

މުސްތަފާ

15 February 2017

މީ ހުރިހާ ގޮތަކުންވެސް ތަފާތު ސްކޫލެއް. އިންޓަނޭޝަނަލްގެ ނަމުގައި ދުނިޔޭގެ އެކިހިސާބުގައި ޤިޔާސުދީން ސްކޫލްގެ ނަންވިދުންމީ ދިވެހިރާއްޖެއަށް ބޮޑު ފަހުރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454