ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: -- ފޮޓޯ: ނިޝާން އަލީ | މިހާރު
01 ޖެނުއަރީ 2024 - 07:00
ސިޔާސީ ވާދަވެރިކަމުގައި ލީޑަރުންގެ ތަޅާފޮޅުމެވެ. ބާރުވެރިކަން ހޯދަން ބޮޑު ދެ ފިކުރު ރޫޅައި ބައިބައިކޮށްލުމެވެ. އަމިއްލަ މަސްލަހަތަށް ވުރެން ގައުމު އިސްކުރަން ފަސްޖެހުނު ނިންމުންތަކެވެ؛ ސިޔާސީ މައިދާން ހަލަބޮލިކޮށްލި މައިގަނޑު މި ކަންކަމާ އެކު އަހަރު ނިމުނީ ސިޔާސީ ބާރުވެރިކަން ފުރޮޅި ބޮޑު ބަދަލަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތާ އެކު ވެރިކަމުގައި ދެމިއޮތް އެމްޑީޕީން އަހަރު ފެށިއިރު ކުރިއަށް ނެރުނު ވިސްނުމަކީ ފަސޭހައިން ރިޔާސީ ކާމިޔާބުކޮށް ދެވަނަ ދައުރެއް ކަށަވަރުކުރުމެވެ. ޕާޓީގެ އެތެރޭގެ ބައިބައިވުމާއި ހަމަނުޖެހުން ނާކާމިޔާބުގެ އަސްލަކަށް ވެދާނެ ކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.
އިދިކޮޅު ކޯލިޝަން ޕީޕީއެމާއި/ޕީއެންސީއަށް ސިޔާސީ މިސްރާބު ސާފު ނުވެ, ބަލިކަށިވެފައި އޮތުމަކީ ވެސް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް އެމްޑީޕީން ހިސާބު ޖެހި ސަބަބެކެވެ.
އެކަމަކު ރައްޔިތުން ނިންމި ގޮތް ސާފުވިއިރު، އެމްޑީޕީއަށް ވެރިކަން ގެއްލި ޕާޓީގެ މިސްރާބު އޮތީ މަގުން ކައްސާލައިފަ އެވެ. ގޯސްތަކުގެ މައްޗަށް ސިޔާސީ ބާރުވެރިކަން އިސްކޮށްގެން ތިބުމުގެ ނަތީޖާއަކީ ސަރުކާރާ ދެކޮޅަށް އިދިކޮޅުން ކުރި މަސައްކަތްތަކަށް އާދަޔާޚިލާފު ކާމިޔާބީއެއް ލިބުމެވެ.
ސިޔާސީ ލީޑަރެއްގެ ތާރީޚީ މޮޅު, ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވީ ރައްޔިތުން ތަޖުރިބާކޮށްފައި ތިބި ހުރިހާ ލީޑަރުންގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެމަނިކުފާނު ހޯއްދެވި ކާމިޔާބީގެ ފަހަތުގައި އޮތީ ގައުމު އިސްކުރައްވަން ރައްޔިތުންނަށް ދެއްވި ޔަގީންކަމެވެ.
ރިޔާސީ އިންތިހާބާ ހަމައަށް ސިޔާސީ މަސްރަހުގައި ހިނގާނެ ކަންކަން ލަފާކޮށްލަން ލިބުނު އެއް ކަމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެވެ.
ސިޔާސީ މަސައްކަތް އެކުގައި ކުރެއްވި ދެ ލީޑަރުން, ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި މަގްބޫލް ލީޑަރަކު ހޮވުމެވެ.
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ނިންމާލުމުގެ ހިނގާލުން-- ފޮޓޯ: ފަޔާޒް މޫސާ /މިހާރު
ބޮޑެތި ތުހުމަތުތަކާ އެކު ކުރިއަށް ދިޔަ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ނަޝީދު ބަލި ގަބޫލު ނުކުރެއްވީ އެވެ. ސަބަބަކަށް ދެއްކީ އެމްޑީޕީގައި ތިބި އެމަނިކުފާނަށް ތާއީދުކުރާ 39,000 މީހުންނަށް ވޯޓު ލުމުގެ ފުރުސަތު ގެއްލުވާލައި ޕްރައިމަރީ އޮޅުވާލުމެވެ. މި މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އެކަމަކު ހުކުމް އައީ ޕްރައިމަރީ ބާތިލްކުރާނެ ސަބަބެއް ނެތް ކަމަށެވެ.
ޕްރައިމަރީގެ ނަތީޖާއާ އެކު ނަޝީދު އިއުލާން ކުރެއްވީ ސިޔާސީ ވަކި ހަރަކާތެކެވެ. އިބޫއާ ދެކޮޅަށް ސިޔާސީ މަސައްކަތް ޕާޓީ ތެރެއިން ކުރުމުގެ މަގެއް ހޯއްދެވީ އެވެ.
ނަޝީދު އުފެއްދެވި ސިޔާސީ ހަރަކާތް "ފިކުރެއްގެ ދިރުމުން" އެމްޑީޕީއަށް ކުރިމަތިކުރުވީ ސިޔާސީ ގޮތުން އުނދަގޫ ހާލަތެކެވެ. އެ ހަރަކާތް ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ރަޖިސްޓްރީކޮށް އެމްޑީޕީ ނާކާމިޔާބުކޮށްލަން އެ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުނެވެ.
ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހުންނެވި ނަޝީދު, 2008ގެ ފަހުން ބޭއްވި ރިޔާސީ އިންތިހާބެއްގައި ފުރަތަމަ ފަހަރަށް ވާދަނުކުރައްވަން ނިންމެވުން ވެސް ވީ ސިޔާސީ ގޮތުން ޝައުގުވެރިވި ނިންމުމަކަށެވެ. އެމަނިކުފާނުގެ ސަޕޯޓަރުންނަށް ދެއްކެވި ކެންޑިޑޭޓަކީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.
އެމްޑީޕީ ބަލިކޮށްލަން ޑިމޮކްރެޓްސް ވުޖޫދުވެ ހަމަޖެހިލިއިރު އޭރު އެންމެ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ސިޔާސީ ކުރިމަގު އޮތީ ސުވާލެއްގެ ތެރޭގަ އެވެ.
އިދިކޮޅު ކޯލިޝަން ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން އިސްވެ އާއްމު މެމްބަރުންނާ އެކު ފަސް އަހަރު މަގުމަތީގައި ހޭދަކުރީ ޔާމީން މިނިވަންކުރަން ގޮވާލަ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އިންތިހާބުގައި ވާދަކުރައްވަން ގާނޫނީ ހުރަސްތަކެއް ހުއްޓަސް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓް އެމަނިކުފާނަށް އެރުވި އެވެ.
އެ ނިންމުމަށް ބާރުދިނީ ޔާމީނަށް ވާދަނުކުރެވޭނެ ހާލަތެއް ނާންނާނެ ކަމަށް ލީޑަޝިޕުން ވިދާޅުވެ އެވެ. އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން ފަހު އުއްމީދަކަށް އޮތީ ސުޕްރީމް ކޯޓެވެ. އެންމެ މަތީ މަރުހަލާގެ ކޯޓުގެ ހުކުމް ވެސް އައީ އެމަނިކުފާނާ ދެކޮޅަށެވެ. އިންތިހާބުގައި ވާދަކުރައްވަން ޝަރުތު ހަމަނުވާ ކަމަށެވެ.
އިންތިހާބުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަން ކަށަވަރުވުމުން އެމަނިކުފާނު ވިސްނެވުން ގެންގުޅުއްވީ އިންތިހާބުގައި ޕީޕީއެމާއި ޕީއެންސީން ވާދަނުކޮށް ބޮއިކޮޓްކުރުމަށެވެ.
އެކަމަކު އެމަނިކުފާނުގެ ހައްގުގައި ފަސް އަހަރު މަގު މަތީގައި އަޑު އުފުލައި ކުރި މަސައްކަތާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ޕާޓީގެ މެމްބަރުން ވީ ގުރުބާނީގެ އަގަކީ އަނެއް ފަސް އަހަރު ވެސް މަގުމަތީގައި ތިބުން ކަމަކަށް ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުންނަށް ގަބޫލު ނުކުރެއްވުނީ އެވެ.
ދެ ޕާޓީގެ ސެނެޓަށް ހުށަހަޅައި ތާއީދު ލިބުނީ އިންތިހާބުގައި ވާދަކުރުމަށެވެ. ގޮތް ދޫކުރައްވަން ޔާމީނަށް މަޖުބޫރުވެވަޑައިގަތުމުން ޕީޕީއެމްގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން އެދިވަޑައިގަތީ އެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަށަވަރުކުރެއްވީ މަޑުވައްރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މިހާރުގެ މިނިސްޓަރު އާދަމް ޝަރީފްއާ ވާދަކުރައްވަ އެވެ.
ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ދެން އޮތީ އެއް ކެންޑިޑޭޓަކު ނެރެގެން އެއް ބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ސިޔާސީ ލީޑަރުން ގެންގުޅުއްވި ވިސްނުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބަލިކޮށްލަން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާ ހިނގީ ޖޭޕީ އާއި ޑިމޮކްރެޓްސް އާއި އެމްއެންޕީ ލީޑަރުންގެ މެދުގަ އެވެ.
އެކަމަކު ރިޔާސީ ރޭހަށް ކެންޑިޑޭޓުން ނެރުނު މި ތިން ޕާޓީއަށް އެއްގަލަކަށް ނޭރި އެންމެ ފަހުން މަޝްވަރާތައް ނާކާމިޔާބު ވާދަކުރަން ޖެހުނީ ވަކިވަކިންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ފެނުނީ ރާއްޖޭގައި އަދިވެސް ތާއީދު އޮތީ ދެ ފިކުރުގެ މައްޗަށް ކަމެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީ އެވެ.
އިންތިހާބުތައް ކާމިޔާބު ކުރުމުގައި ބޮޑު ހިއްސާއެއް ކުރިން އޮންނަ ޖުމްހޫރީ ޕާޓީ ފެނުނީ އާދަޔާ ޚިލާފަށް ތާއީދު ގެއްލިފައި އޮތް ތަނެވެ.
ކެމްޕޭން ކުރައްވާކަށް މާ ގިނަ ވަގުތެއް ލިބިވަޑައެއް ނުގަންނަވަ އެވެ. ރިޔާސީ ޓިކެޓް ކަށަވަރުވެ އިންތިހާބާ ދެމެދު އޮތް ކުރު މުއްދަތުގެ ތެރޭގައި ދެ ޕާޓީގެ ލީޑަޝިޕާއެކު ރަށްރަށަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަތީ ރައްޔިތުންގެ އާއްމު ހާލަތު ރަނގަޅު ކުރުމުގެ މުހިއްމު ގިނަ ވައުދުތަކެކެވެ. ގޯސްކޮށް ހިނގި ކަންކަން ބަދަލުކުރައްވާނެ ކަމުގެ ޔަގީން ކަމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަޕޯޓަރުންނާ އެކު.
އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އިން ވެސް ދެއްކީ ކުރީގެ ރައީސް އިބޫގެ މައްޗަށް ރައީސް މުއިއްޒު މާބޮޑު ތަނުން ކުރި ހޯއްދަވާފައި އޮތް ތަނެވެ. ފުރަތަމަ ބުރުގައި ރައީސް މުއިއްޒަށް 46 ޕަސެންޓް ލިބިވަޑައިގަތް އިރު ރައީސް އިބޫއަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ. ދެ ވަނަ ބުރު ރައީސް މުއިއްޒު ކާމިޔާބު ކުރެއްވީ 54 ޕަސެންޓުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ޕީޕީއެމާއި ޕީއެންސީގެ އެންމެ އިސް މަގާމަށް ވަޑައިގަތުން ވީ ޔާމީނަށް ސިޔާސީ ގޮތުން ކުރިމަތިވެވަޑައިގަތް ގޮންޖެހުމަކަށެވެ. އެމަނިކުފާނަށް އޮތީ ޕީޕީއެމް ގެއްލުމުގެ ބިރެވެ. ޕާޓީގެ ލީޑަޝިޕަށް އެންގެވުމެއް ނެތި ބައެއް ނިންމެވުންތައް ނިންމަވަން ފެއްޓެވިޔަސް އެއްބާރުލުމެއް ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕުން ލިބިވަޑައިނުގަތީ އެވެ.
އެހެންވެ ނިންމެވީ ޕީޕީއެމުން ވަކިވެ އަމިއްލަފުޅަށް އާ ޕާޓީއެއް އުފެއްދެވުމަށެވެ. ޕާޓީއަށް 3,000 ހަމަކޮށް ދެ ހަފުތާއެއްހާ ތެރޭގައި ރަޖިސްޓްރީކުރަން މަސައްކަތް ކުރިއަސް އެކަން ވަނީ ދިގުލައިގެން ގޮސްފަ އެވެ. ޕީއެންއެފްގެ ނަމުގައި ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރިއަސް އަހަރު ނިމުނު ޕާޓީއަށް ގާނޫނީ ހައިސިއްޔަތެއް ނުލިބެ އެވެ.
ރިޔާސީ އިންތިހާބަށް ފަހު ދެން ފެށުނީ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ނަޝީދު ދުރުކުރަން އެމްޑީޕީން ކުރި މަސައްކަތާ އެކު މަޖިލިސް ހަލަބޮލިވުމެވެ. ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީގެ 49 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި ގަރާރު ފަސް ފަހަރަށް އެޖެންޑާ ކުރި އެވެ. އެކަމަކު އެ މައްސަލަ ނުހިނގައި މަޖިލިސް ހުއްޓިފައި އޮތުމަށް ފަރުވާ ހޯދަން ޖެހުނީ ސުޕްރީމް ކޯޓުންނެވެ.
ސިޔާސީ މައްސަލަތަކަށް ކޯޓުން ފަރުވާ ހޯދުމަކީ މަޖިލީހަށް އިތުރު ގެއްލުމެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު އިސްތިއުފާ ދެއްވީ އެވެ.
ވެރިކަން ބަދަލުވުމަށް ފަހު ގާނޫނު ހަދާ ބާރުގެ ރިޔާސަތު ވެސް ބަދަލުވެ އަހަރު ނިމުނީ އެވެ. ސިޔާސީ ކަންކަން ތަރުތީބުވެ މި އަހަރަށް ނިމި އަހަރު ފަށައިގަންނަން އޮތީ އަނެއްކާވެސް ހަލަބޮލި އިންތިހާބަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާއިޒް
01 January 2024
އަހަންނަށް ފެންނަމުން މިދަނީ ރައްޔިތުންނާ ވަރަށްވެސް ގާތުން މި ސަރުކާރުން މަސައްކަތްތައް ކުރަމުންދާތަން
އައިހަމްް
01 January 2024
އުންމީދުން ފުރިގެންވާ 5 އަހަރު. މުއިއްޒު ދުވެލި ވަރަށްވެސް ހަލުވި
ރާހިލް
01 January 2024
ދުވަހަކުވެސް ރާއްޖޭގެ ތާރީހު ނުދެކޭފަދަ ގިނަ ކަންތައްތަކެއް މި ކުޑަ ދުވަސްކޮޅު ތެރޭ މުއިއްޒު ވަނީ ކުރަން ފަށާފަ
ޔޫޓޫ
01 January 2024
ހަރުކަށި ފިކުރަށް ހުޅުވުނު ދޮރެއް.
ސިއްދީޤް
01 January 2024
ކަލޭ މެންނަށް ހަރުކަށި ފިކުރަށް ވާނެ ކިރިޔާ ވެސް ދީނީ ކަމެއް ކުރަން ހިފައިފިއްޔާ. މިތާ މީހަކު ހަރުކަށި ފިކުރަށް ވެފަ ކޮބާ؟ މިއީ ރައްޔިތުންނަށް ހެވާ ލާބަ އަށް ހުޅުވުނު ދޮރެކޭ ކިޔާބަލަ
ޗޯރު ވައުދޭ
01 January 2024
2023 ވަނަ އަހަރު އެންމެ ގިނަ ދޮގު ހަދާއިގެން ވެރި ކަން ހޯދުނުކަމީ ކުރެވުނު އެންމެ ބޮޑު ވައުދު!
ޓިނު ސަރުކާރު
01 January 2024
ރޫޅުމާއި ވެއްޓުމާއިއެކު ލިބުނު ކާމިޔާބީން ރައްޔިތުންނަށް މިލިބުނީ ކޯއްޗެއް؟. މިހާރު ޢުފެދިފަ މިއޮތް ސަރުކާރުންވެސް ޢައިސް ހަމަ ދަރަންޏަ ފައިސާ ނަގައިގެން، ނުވިތާކަށް އަތުގަހުރި ހަރުމުދާ ބާރޓާ އުސޫލުގެމަތިން ފަރަންޖީ ކުންފުނިތަކަށް ފުރަތަމަ މަސްތެރޭގައި އެޔޮތީ ދީފައި… ދިވެހިން ތިބި ތިބިތާ…
ވާނެއޭ
01 January 2024
މިގައުމުގެ ރައްޔިތުން ދުނިޔޭގައި އުޅެން ބޭނުންވަނީ އެމެން އަމިއްލަ ބުރަ މަސައްކަތުން ދުނިޔެ އިމާރާތް ކުރަން މަސައްކަތެއް ނޮކޮށް ހިހޫ ތަނުން ކާލައިގެންނޭ އެކަން އެގޮތަށް ވިސްނުމުން ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ އާބާދީގެ %75 ބަރޯސާ މިވަނީ ސަރުކާރުގެ ވަޒީފާ އަށޭ ދުނިޔެ އިމާރާތް ކޮށް ދުނިޔެ އެއީ ތިމާ އަމިއްލަ އަށް ބިނާ ކުރާ ދުނިޔެ ކަމަށް ހަދަން ބޭނުންނަމަ ރަށުން ބޭރުގައި މަސައްކަތް ކޮށް އެގުރުބާން ވާން ޖެހޭނެއޭ ރިސޯރޓް ތަކުގައި ވަޒީފާ އަދާކުރެވެން
ފެންނާނެއޭ
01 January 2024
މުއިއްޒު އަށް ވެރިކަން ލިބުނީ އެއީ އޭނާގެ އިމްތިޚާނަކަށް އަދި ދިވެހިރައްޔިތުންނަށް އެއްޗެއް ބުނެދިނުމުގެ މަގްސަދުގައި ކަމަށްވުން އެއީ ވަރަށް ގާތް ކަމެކޭ އެގޮތުން ބަލާއިރު ދުނިޔެބުނާ ޕީއެޗްޑީ ހަދައިގެން ހުރި މީހަކާއި ވެރިކަން ހަވާލު ކުރުމުން ވެސް އޭނާ އަށް އަމާނާތް ތެރިކަމާއި ތެދުވެރިކަމާއި އަދި ދެމިންވަރަށް އީމާންވާން ނުދަންނަ ކަން ފުރަތަމަ މިވަނީ ސާބިތުކޮށްދެއްވާފައޭ ފުރަތަމަ ފިޔަވަަހި މިނިމުނީއޭ ދެން ފެންނާނީ އޭނާ ވެރިކަމަށް ދަހިވެތިވެ ކުރިކަން
ލޮލްޒ
01 January 2024
މުއިއްޒުގެ ކާމިޔާބީއަކީ އާދަޔާ ހިލާފު ކާމިޔާބީއެއް ނޫން. އިބޫގެ ވެރިކަން ނިމެމުން އައިވަރަކަށް އިންޑިއާ އެމްބަސީގެ ނުފޫޒު ދުވަހެއް ދުވަހަކަށް އައީ ހާމަވަމުން. މުއިއްޒުމެންގެ އިންޑިއާ އައުޓް ކެންޕޭނަށްވުރެ އަޑުގަދައީ އިބޫ ފަހަތައް އަޅަމުން ދިޔަ ފިޔަވަޅުތަކުގެ އަޑު. އެންމެ އާދައިގެ މީހާއަށް އަސަރުކުރީ ޖީއެސްޓީ އާއި ކޮތަޅު ޓެކުހުން. ބޯހިޔާވަހިކަން ފަދަ ޒަރޫރީ ބޭނުންތަކުގެ ނާޖާއިޒު ފައިދާ އިބޫ ނެގުމުގެ ނަތީޖާ އަކީ މުއިއްޒުގެ ކާމިޔާބީ.
ވަފާތެރި ކެހިވެރިޔާ
01 January 2024
ރާޖޫއަކީ މަޑުމައިތިރި ރަގަޅުމީހެއްކަމަށް އަބަދުވެސް އަވަށު އެެއްމެންބުނެއެވެ.ކަންމިހެންހުރުމުން ގާލިކްޕޭސްޓްގެއިން ވައްކަންކުރާލަމަށް ތުހުމަތުކުރާމީހުންގެ ލިސްޓަކަށް ރާޖޫގެ ނަމެނާރާއެވެ. އެހެންނަމަވެސް ކުއްލިޔަކަށް ރާޖޫގެ ހަގީގަތް އެގުނުއިރު ރާޖޫއަކީ އަވަށުގެއޮތް ޑާކޫންގެއިސްމީހާއެވެ. މިހާހިސާބުން ރާޖޫވެއްޖެ ރާޖޫޖެންޓްލްމޭން އަށް..ދެން ބުނަންވީ ރާޖޫއަކީ ހާދަމޮޅު ގަދަމީހެކޭ މިގޮތަށްބުނާކަމަށް ވަންޏާ ރާއްޖޭގަމިތިބަ ގްރޫޕުތަކުގެމީހުންނަކީ ފަރިޝްތާއި