މިއަދު މަޖިލިސް އިދާރާގެ ބޭރުގައި ކުރިއަށް ދިޔަ މުޒާހަރާގެ ތެރެއިން: ފުލުހުންނާއި ސިފައިން ޒިންމާއަދާކުރިތޯ ބަލަން ކޮމިޓީއަށް ވަނީ ހުށަހަޅާފައި
28 ޖެނުއަރީ 2024 - 20:02
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭރުގައި މިއަދު ހަމަނުޖެހުން ހިނގައި، މުޒާހަރާ ކުރިއިރު މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން ޒިންމާ އަދާކޮށްފައިވޭތޯ ބެލުމަށް ހުށަހަޅައިފި އެވެ.
މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ މަޖިލީހުގެ ގެއާއި ގޯތިތެރެ އާއި އެހެން ވެސް ތަންތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ދައުލަތުގެ ސަލާމަތީ ހިދުމަތްތަކަށް ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި މުޒާހަރާ ކުރަމުންދިޔައިރު މުޒާހަރާގެ ބައިވެރިން ވަށާފާރުމައްޗަށް އަރައި ގޯތި ތެރެއަށް އެކި އެއްޗެހި އުކާފައިވާ ކަމަށް އީވާ ހުށަހެޅުއްވި މައްސަލާގައިވެ އެވެ. އެހެންކަމުން ފުލުހުންނާއި ސިފައިންގެ މައްޗަށް މަތިކޮށްފައި އޮތް މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާކޮށްފައިވޭތޯ ބެލުމަށް ކޮމިޓީ އަށް މައްސަލަ ހުށަހަޅާ ކަމަށް އީވާ ވިދާޅުވެފައިވެ އެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގުރޫޕުން ނިންމުމުން ސަރުކާރަށް ނިސްބަތްވާ ބަޔަކު މަޖިލިސް އިދާރާ ދޮށަށް އެއްވެ އަޑު އުފުލާފައިވެ އެވެ. އަދި މި މުޒާހަރާގެ ތެރެއިން މަޖިލިސް އިދާރާގެ ތެރެއަށް ބިސް ޖަހާފައިވެ އެވެ.
މި މުޒާރަހާގައި ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި ވަރަށް ގިނަ ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވި އެވެ.
އެމްޑީޕީ އިން ވެސް މިކަން ކުށްވެރިކޮށް މަޖިލިސް މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ދޭން މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
އެމްޑީޕީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށެވެ. ނަމަވެސް, މެމްބަރުންނަށް އިންޒާރު ދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް އެ ޕާޓީން ބުންޏެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.
އެމްޑީޕީން ބުނީ ސަރުކާރުގެ އިސްވެރިން އިންތިޒާމުކޮށްގެން ގްރީން ޒޯނުގައި މުޒާހަރާ ކުރަމުންދާއިރު, އެއްވެސް ފަރާތަކަށް ބެލުމެއް ނެތި, އެއީ ސަރުކާރުގެ އިސްވެރިންނަށް ވީ ނަމަވެސް ސަލާމަތީ ހިދުމަތްތަކުން ގާނޫނު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. އަދި, ވަކިން ހާއްސަކޮށް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
30 January 2024
މެންބަރުންގެ ހެޔޮތަ ޗެމްބަރުގެ ތެރޭގައި އެކަކު އަނެކަކު މަރާލިޔަސް. އެއަކުން ސަލާމަތާއި ރައްކާތެރިކަމަށް އަސަރެއް ނުކުރޭދޯ. ޢިއްޒަތްތެެރި ބައެއްމީ!
އެންއައިއައި
29 January 2024
ޢެންއައިސީ އަކީ ކީއްކުރާތަނެއްބާ.... އެކަހަލަ ކަންތައް ބަލާނެބާ
ހައިރާންވޭ
28 January 2024
އަދިވެސް ބަލަންވީ ފުލުހުންނާ ސިފައިން ޒިންމާ އަދާކުރިތޯތަ؟ ކަލޭމެން އެކަކު އަނެކަކުގެ ގަޔަށް ބޮލަށް އަރާ މާރާމާރީ ހިންގާއިރު ކަލޭމެންނާ ރައްޔިތުން ހަވާލުކޮށްފައޮތް ޒިންމާ އަދާ ކުރޭތޯ ނޫންތަ ބަލަންވީ. ކަލޭމެން ދެންވެސް ހޮވެންޏާ މިގައުމަށް ތިމަޖިލީހެއް ބޭނުމެއްނުވޭ. 87 މީހުންގެ މުސާރަައިގެ ޚަރަދަށް ޤާނޫނު ހަދާ އޮފީހެއް ހަދާފަ 20 މުވައްޒަފުން ލައިގެންވެސް ޤާނޫނު ހެދިދާނެ. އިތުބާރުހިފޭ މުޖްތަމަޢުއަށް ރަނގަޅު އަޚުލާޤު ދައްކާ ބަޔަކަށް ނުވަންޏާ ގެއަށްދޭ
ރަސްދޫ ސައީދު
28 January 2024
މި މުޒާރަހާގައި ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި ވަރަށް ގިނަ ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވި އެވެ. އަދި ސަސްޕެންޑް ކޮއްފަތިބި 3 ޑޕިޔުޓީންވެސް ބައިވެރިވިއެވެ.
އަބޫބާހަކުރު
28 January 2024
މިވެސްވަރަށް ހެއްވާކޮށް ކުރާކަމެއް. މިގައުމުގެ މަގުމަތިން މީހުން ތަޅާކުދިކުދިކޮށް އެބަމަރާލާ. މީހުން ހުކުރުދުވަހު ކުކުޅުކޮށާހާ ސިމްޕަލްކޮށް އެބަކޮށާލާ. ބަގުރަލާއި ގަންޖާވިއްކާ އެބަބޮއެ. ގޭންގުތައް އެބަހިންގާ މީހުންގެ މުދާލުން ވައްކަން އެބަކުރޭ. މއިންކަމަކަށް ފުލުހުންނާއި ސިފައިންގެ ޒިއްމާއެއް އޮތްތޯ އެހެންބަޔަކު މަތިވޭތޯ ބަލާނެމީހަކުނެތް. މެންބަރަކާ ގުޅޭކަމެއްތައް ދެންހަމަ ނޭވާވެސް ނުލެވޭނެ. މުސާރަބޮޑުކުރަން ޗުއްޓީއަށްދާން ހޭލާވެސްތިބެދާނެ
ޟމމމމ
28 January 2024
ގައުމެއްވާ ނެތް!
ކިހިނެއް
28 January 2024
މިގައުމު ވަނީ އެމްޑީޕީ ޑިމޮކްރަސީ ކިޔާ އެއްޗެއް ގެނެސް ހަލާކު ކޮއްލާފަ