ގއ. ވިލިނގިލި-- ފޮޓޯ: ވިލިނގިލި/ ފޭސްބުކް
31 ޖެނުއަރީ 2024 - 23:53
ރާއްޖޭގައި ކޮންޓްރޯލް ކޮށްފައިވާ ބައްޔެއް ކަމަށްވާ ހޯއްގޮވާ ކެއްސުމަށް (ޕަޓޫސިސް އަށް) ގއ. ވިލިނގިލިން އިތުރު މީހަކު ޕޮޒިޓިވްވެ، އެ ރަށުން ފެނުނު ކޭސްތަކުގެ އަދަދު ފަހަކަށް އަރައިފި އެވެ.
އެޗްޕީއޭ އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިނގިލިން ހޯއްގޮވާ ކެއްސުމުގެ އިތުރު މީހަކު މިއަދު ފެނިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އުމުރެއްގެ މީހެއް ކަމެއް އެ އެޖެންސީން ނުބުނެ އެވެ.
މީގެ ކުރިން ވަނީ ހޯއްގޮވާ ކެއްސުމަށް އެ ރަށުން ހަތަރު ކުޑަކުއްޖަކު ޕޮޒިޓިވްވެފަ އެވެ. އެ ބަލީގެ ކޭސްއެއް އެންމެ ފުރަތަމަ އެ ރަށުން ފެނިފައި ވަނީ މި މަހުގެ 23 ގަ އެވެ.
އެޗްޕީއޭ އިން ބުނީ ވިލިނގިލީގައި މި ބަލި ފެތުރުން މަދުކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކް ފޯހެއް އެކުލަވާލައި ރަށުގެ އެހެނިހެން ސެކްޓަރުތަކުގެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ އެޖެންސީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި މި ބަލީގެ ކޮންޓެކްޓުންގެ ގޮތުގައި 177 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން 25 މީހެއްގެ ފަރާތުން ވަނީ ބަލީގެ އަލާމަތްތައް ފެނިފަ އެވެ. އަދި އަލާމަތް ހުރެގެން މިހާތަނަށް 46 މީހަކު ޓެސްޓުކޮށްފައިވެ އެވެ. ކޮންޓެކްޓުންގެ ތެރޭގައި ހައި ރިކްސް ދެމީހުން ވެސް ތިބި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
ހޯއްގޮވާ ކެއްސުމާއި އެހެނިހެން އަރިދަފުސް ރޯގާތަކުން ރައްކާތެރިވުމަށް މާސްކް އަޅައިގެން އުޅުމަށާއި ހާއްސަކޮށް އަލާމާތެއް ހުރި ނަމަ މާސްކް އެޅުމަށާއި ސްކޫލަށާއި އޮފީހަށާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް އަދި ބަލި މީހުން ގާތަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ގިނަގިނައިން އަތްދޮވުމަށާއި ސެނިޓައިޒް ކުރުމަށް ވަނީ އެދިފަ އެވެ.
އިންފްލުއެންޒާ އަދި ކޮވިޑް-19ގެ ވެކްސިން ޖެހުމަށާއި ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ޕަޓޫސިސްގެ ވެކްސިން ފަރިހަމަ ނުކުރާ ކުދިންގެ ވެކްސިން ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެންދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭ. މޫސާ
01 February 2024
"ޕަޓޫސިސް" މި ނަން ކިޔަނީ ކޮން ބައްޔަކަށްތޯއެވެ. ރާއްޖޭގެ ނޫސްތައް ކިޔާ މީހުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގު މިދަނީ ގެއްލެމުންނެވެ. އެހެންކަމުން އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ނޫސްތަކުން ވިސްނަން އެބަވޭ ނޫންތޯއެވެ. އިންޑިޔާގައި އޮންނަ ފަތަހްއާބާދުގެ ނަމުގެ ބަދަލުގައި، ރާއްޖޭގެ ނޫހެއްގައި "ފެޓްހަބަޑު" ލިޔެފައި އޮތްތަން ވެސް އަޅުގަނޑު ދުށީމެވެ. ހަމަގައިވެސް މިއީ ރާއްޖޭގެ އަދުގެ ނޫސްވެރިކަމުގެ ފެންވަރެއް ނޫނެވެ.
އަބްޑޫޅް +
01 February 2024
ހޯއްގޮވާ ކެއްސުމޭ ބުނީމަ އެގެން ޖެހޭނެ. ކޮންމެހެން ލެޓިން ބަހެއް ބޭނުންކުރުމުގެ ފައިދާއެއްނެތް. ކަލޭމެންނަކަށް ނުވެސް އެގޭ އެލަފުޒު ޕުރޮނައުންޝު ކުރާކަށްވެސް. ރަގަޅު ގޮތަކީ "ޕަޓާއްސިސް". އިގިރޭސި ބަހުންނަމަ، "ހޫޕިން ކޮފް". ކަލޭމެންތެރެއިން މަދު މީހަކަށް ނޫނީ އިގިރޭސި ބަހެއްވެސް ނޭގެ. އިގިރޭސިބަސް އެގެޔޭ ހީކޮށްގެން ތިޔަ އުޅޭމީހުންނަށް ވެސް އެގެނީ އިންޑިޔާގެ، ކަޑަލޫރުގެ، ކަޑައިނގިރޭސި.
ޑޮލަރު
02 February 2024
ޕަރޓަސިސް.