ޚަބަރު / ކްރިމިނަލް ކޯޓް

އިހުމާލުގެ ދައުވާލިބޭ ދެ މީހުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ނުހިންގާ: ވަކީލުން

އާފިޔާ އޭނާގެ ދަރިފުޅު އިބްތިހާލް އުރައިގެން: އިބްތިހާލާ މެދު އިހުމާލުވި ކަމަށް ބުނެ ފަސް މީހަކަށް ދައުވާ ކުރޭ --ފޮޓޯ/ސޯޝަލް މީޑިއާ

އަނިޔާ ކުރުމުގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލާގައި އިހުމާލުވުމުގެ ދައުވާ ލިބޭ ދެ މީހަކަށް ދައުވާކުރަނީ ޖިނާއީ ތަހުގީގެއް ހިންގުމެއް ނެތި ކަމަށް ބުނެ އެ މީހުންގެ ފަރާތުން އެ މައްސަލަ ކޯޓުގައި މިއަދު ފާހަގަކޮށްފި އެވެ.

ޖެނުއަރީ، 2015 ގައި ވ. ރަކީދޫގައި އަނިޔާ ކުރުމުގެ ސަބަބުން މަރުވި އިބްތިހާލްގެ މައްސަލާގައި އިހުމާލުވި ކަމުގެ ދައުވާލިބޭ ފަސް މީހުންގެ ތެރެއިން އައިމިނަތު ޝިޔާޒާ އާއި އަހުމަދު ޝުޒާދުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ބުނި ގޮތުގައި އެ ދެ މީހުންނާ ތަހުގީގުގައި ސުވާލުކުރީ އެ މީހުންގެ މައްޗަށް ތުހުމަތެއް ކޮށްފައެއް ނޫނެވެ. ޝިޔާޒާ އާއި ޝުޒާދަކީ ވ. އަތޮޅު ޖެންޑާ ސެންޓަރުގައި އޭރު މަސައްކަތްކުރި ދެ މީހުންނެވެ.

ޝުޒާދުގެ ވަކީލް އިސްމާއިލް ވިޝާމް ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހާޒިރުކޮށް، ޝުޒާދާ ސުވާލު ކުރިޔަސް އެ ސުވާލުތައް ކުރީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިގެން ކަން އޭނާ އަށް އަންގާފައި ނެތް ކަމަށެވެ. އެފަދަ ތުހުމަތެއް ކުރެވޭ ކަން އެންގި ނަމަ ވަކީލުންގެ ހައްގު ވެސް އޭނާ ބޭނުންކުރާނެ ކަމަށާއި އެކަމަކު އެކަން ނާންގާ އޮތުމުން ވަކީލުންގެ ހައްގު ޝުޒާދު ދޫކޮށްލީ ކަމަށް ވިޝާމް ވިދާޅުވި އެވެ.

ޝިޔާޒާގެ ވަކީލް އަލީ ޝާހު ވެސް ވިދާޅުވީ ޝިޔާޒާއާ މެދު ޖިނާއީ ތަހުގީގެއް ނުހިންގާ ކަމަށާއި ތަހުގީގެއް ނެތި ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި ދޭންޖެހޭ ހައްގުތައް ދީފައި އޮތް ނަމަ އެކަން ސާބިތުކޮށްދޭން ޖެހޭނީ ދައުލަތުން ކަމަށް ޝާހު ވިދާޅުވި އެވެ.

މީގެ އިތުރުން އެޗްއާރުސީއެމް އަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު ގާނޫނީ ގޮތުން ލިބިގެންވާ ފަރާތަކަށް ނޫން ކަމަށާއި އެހެންވެ، އެ ކޮމިޝަނުން ކުރި ތަހުގީގަކަށް ބިނާކޮށް ދައުވާ ނުކުރެވޭނެ ކަމަށް ބުނެ ވެސް އެ މައްސަލަ އެ ދެ މީހުންގެ ވަކީލުން ފާހަގަކުރި އެވެ. އަދި ތަހުގީގު ހިންގިއިރު ނެގި ވީޑިއޯއެއް އޮތް ނަމަ ލިބޭނެ ގޮތް ހަދައިދިނުމަށް ޝުޒާދުގެ ވަކީލް އެދިވަޑައިގަތެވެ.

ޑެޕިއުުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ އެޗްއާރުސީއެމް އިން ތަހުގީގުކުރީ ގާނޫނު އަސާސީގައި ބުނާ ހުރިހާ ހައްގުތަކެއް އެ މީހުންނަށް ދީގެން ކަމަށާއި ހައްގުތައް ދޫކޮށްލީ އެ މީހުން އަމިއްލަ އަށް ކަމަށެވެ. އަދި އެޗްއާރުސީއެމް އަކީ ޖިނާއީ ތަހުގީގު ހިންގުމުގެ ބާރު އޮތް ފަރާތެއް ކަމަށް ބުނެ އެކަމަށް ދައުލަތުން ރައްދު ދިނެވެ.

އެ މައްސަލަ އެގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ދިފާއީ ވަކީލުން ފާހަގަކުރަން ފެށުމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ދެން އޮންނަ އަޑުއެހުމެއް ގޮތެއް ނިންމަވާނެ ކަމަށެވެ.

ޝިޔާޒާ އާއި ޝުޒާދުގެ ވަކީލުން ވަނީ އެ މައްސަލާގައި ބައެއް ކަންކަން ސާފުނުވާ ކަމަށް ބުނެ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން އެ މީހުންނަށް ދައުވާ ކުރަނީ ކޮން ކަމެއް އެ މީހުން ނުކޮށްގެންތޯ އާއި އެ މީހުންގެ ވަޒީފާގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ވަކީލުން ދައުލަތާ ސުވާލުތައް ކުރިމަތިކުރި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އެ މީހުންނަށް ދައުވާކުރަނީ އިބްތިހާލަށް ލިބުނު އަނިޔާތައް ހަމަ ލޮލުން ފެނުނު ނަމަވެސް އެ މީހުން އެކަމަށް ފިޔަވަޅު އަޅާފައި ނެތުމުން ކަމަށެވެ. އެކަމުގައި އެ މީހުން އިހުމާލުވި މިންވަރު ކުރިއަށް އޮތް ޝަރީއަތްތަކުގައި ސާފުވާނެ ކަމަށް ދައުލަތުން ބުންޏެވެ. އަދި ކުރިމަތިކުރި ސުވާލުތަކަށް ފަހުން ތަފްސީލުކޮށް ޖަވާބު ދޭނެ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ގޮތެއް ނިންމުމާއި ޖަވާބުދާރީވުމުގެ އިތުރުން ހެކި ހުށަހެޅުން ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ ދެ މީހުންގެ އިތުރުން ޖެންޑާ މިނިސްޓްރީގެ އޭރުގެ އެގެޒެކެޓިވް ކޯޑިނޭޓަރު މުހައްމަދު ޝަކީބާއި ޖެންޑާގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ރަޝީދުގެ އިތުރުން ވ. އަތޮޅު ޕޮލިސް ކޮމާންޑްގެ އޭރުގެ އެކްޓިން ކޮމާންޑަރު ލިސާން އަބޫބަކުރަށް ވެސް ދައުވާ ކުރެ އެވެ. އެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.

އިބްތިހާލަށް އަނިޔާކުރި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ. އޭނާ ވަނީ އިބްތިހާލަށް އަނިޔާކުރި ކަމަށް އެއްބަސްވެފަ އެވެ.

4 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 93%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަސްލު

15 February 2017

ޚޮބައިތޯ އޭރު ޖެންޑަރގައި ތިއްބެވި މިނިސްޓަރާއި ޑެޕިއުޓީ މިނިސްޓަރުންގެ ޒިންމާ؟ މިބޭފުޅުން ނުވެސް ދެނެހުރި ކަމެއްތޯ މީ؟

The name is already taken The name is available. Register?

ބަލްކު އެންޑް ބަލަކް

15 February 2017

މިހާރު އިބްތިހާލާބެހަެގޮތުން އެއްޗެއްބުނެލާނެ ކުއްޖަކުވެސް ނިވޭތަ.؟ ކުދިން ވައިވީދޯ.

The name is already taken The name is available. Register?

ޢަހްމަދު

14 February 2017

ބައްލަވާ. ޢަބްދުއްﷲ ގާޒީ މައްސަލާގަ އަންނިއަށް ސަރީއަތްކޮށް ހުކުން ކުރީވެސް އެޗް އާރ ސީ އެމް ހިންގި ތަހްގީގަކަށް. ޢެ ތަނަކަށް ޖިނާއީ ތަހްގީގެއް ނުހިންގޭނެ އެތަނުގެ ގާނޫނު ބަދަލު ނުކޮށެއް. ޕީޖީން އެހަދަނީ ދޮގެއް. ޢެކަމަކު އަންނިގެ ސަރިއަތަށް ފަހު ކުރިމިނަލް ކޯޓުން އެއޮތީ ގޮތެއް ބަލައިގެންފަ. ޢަޅުގަޑު މި ހުރީ މިކަން ބަލަން.

The name is already taken The name is available. Register?

އަހައްމަދު ވަކީލު

14 February 2017

ޖިނާއީ މައްސަލައެއްގައި ތަހުޤީޤެއް ހިންގާނަމަ ތުހުމަތުކުރޭ މީހާއަށް އެކުރެވޭ ތުހުމަތެއް ތަހުޤީޤްކުރާ އިދާރާއަކުން ތުހުމަތު ކުރެވޭ މީހާއަށް އެންގަންޖެހޭނެ. އެގޮތަށް މޯލްޑިވިސް ޕޮލިސް ސަރވިސް އާއި އެންޓި ކަރަޕްޝަން ކޮމިޝަނުންވެސް ޢަމަލު ކުރަމުންދަނީ. ޢެކަން އެންގުމަކީ ތަހުޤީޤެއްގައި އެންމެ ބޭސިކް އެއްކަންތަށް. ޔަޢުނީ އެކަން ނާންގާނަމަ ތަޙްޤީޤް ސައްޙައެއް ނުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454