ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު މުއްތޮލިބު: ޝާހިދުގެ ހުރިހާ ވާހަކަތައް ދޮގުކުރެއްވި.
23 މާޗް 2024 - 18:52
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ޕީއެސްއައިޕީގެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން އެހެން ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވީ ނަމަވެސް މިހާރުގެ ސަރުކާރަށް މި އަހަރުގެ އެ މުއްދަތުގައި ހަރަދު ކުރެވުނީ އެންމެ 300 މިލިއަން ރުފިޔާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ، މި ސަރުކާރުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރި ވަރު މިދިޔަ އަހަރުގެ އެ މުއްދަތާ ބަލާއިރު މަދުވެފައި ވިޔަސް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ހިސާބު ދޮގު ކަމަށެވެ.
"ދެހާސް ތޭވީހުގައި އަދަދު ބޮޑުވީ ބޭކާރު ހަރަދު ބޮޑުކޮށް، މަޝްރޫއުތައް ހިންގުމުން،" އެ އޮފީހުގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް މ. ރަތްމަންދު އަށް ވަޑައިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ، އެ ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތުގެ 90 ވަރަކަށް ޕަސެންޓު ނިމިފައިވާ ކަމަށެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައިސް އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ސޮއި ކުރިތާ ދެ އަހަރު ވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓް މަސައްކަތް،"--- މުއްތޮލިބު
އޭނާ ވިދާޅުވި ގޮތުގައި ރަތްމަންދޫގެ ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް މި ސަރުކާރުން ވަނީ ހުއްޓާލައިފަ އެވެ.
ނަމަވެސް މި ސަރުކާރުގެ ކޮންސްޓްރަކްޝަން އެންޑް އިންސްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެ ވާހަކަ ދޮގުކުރެއްވި އެވެ. ވިދާޅުވީ، ރަތްމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓުނީ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރުގައި ކަމަށެވެ.
"ސޮއި ކުރިތާ ދެ އަހަރު ވީއިރު ކުރެވިފައި ވަނީ އެންމެ 26 ޕަސެންޓް މަސައްކަތް،" މުއްތޮލިބު ވިދާޅުވި އެވެ.
ސަރުކާރުން ބުނީ، ރަތްމަންދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫއުގެ އަގަކީ 39 މިލިއަން ރުފިޔާ ކަމަށް ވިޔަސް އެމްޑީޕީގެ ސަރުކާރުން ބަޖެޓްކުރީ 3.3 މިލިއަން ރުފިޔާ ކަމަށެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވި ގޮތުގައި، ފެނަކައިގައި މިފަދަ ޕްރޮޖެކްޓްތައް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެ ކުންފުންޏާ ހަވާލު ކުރުމަކީ އެ ރަށްތަކުގެ ރައްޔިތުންނަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ އިހުމާލެއް ކަމަށެވެ.
މ. ރަތްމަންދޫގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައި. ސޮއި ކުރިތާ 2 އަހަރުވީއިރު ކުރެވިފައިވަނީ އެންމެ %26 މަސައްކަތް. ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ޤާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ… https://t.co/RQt6Jp1nDe
— Abdulla Muththalib (@muththo) March 23, 2024
ރަތްމަންދޫގައި އިމާރާތްކުރާ ފެނަކައިގެ އާ އިންޖީނުގޭގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައި ވިޔަސް މި ސަރުކާރުން ބުނިގޮތުގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު ޖުލައި 12، 2023 ގައި އެ މަސައްކަތުގެ އެއްބަސްވުން ވެސް ވަނީ އުވާލައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުދަ ދުވަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، ތަރައްގީގެ އެކިއެކި މަޝްރޫއުތައް އަލުން ފަށަަމުން އަންނަ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫއުތަކަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވުމުން އެ މަޝްރޫއުތައް ހުއްޓުނު ކަމަށެވެ. އެ މަޝްރޫއުތައް ހުއްޓުނީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެކި ކުންފުނިތަކަށް ފައިސާ ނުދީ ހުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ރަށެއްގައި ނަރުދަމާގެ މަސައްކަތެއް އޮވެދާނެ ހުއްޓިފައި. އަޅުގަނޑުމެން ހުއްޓާލީކީއެއް ނޫނޭ. އެކަމަކު އެ ފައިސާ އެ ކުންފުންޏަށް ނުދޭތީ އެ މީހުންނަށް މަސައްކަތް ނުކުރެވިގެން ހުއްޓިފައި. ދެން އަޅުގަނޑުމެން މި ކުރާ ކަމަކީ އެހެން ދައްކަން ހުރި ބިލްތައް ދައްކައި އެ މީހުން އަލުން މަސައްކަތަށް ގެންނަނީ. މޮބިލައިޒް ކުރަނީ،" ރައީސް ވިދާޅުވި އެވެ.
"އެގޮތަށް މިހާރު ވަރަށް ގިނަ ރަށްތަކުގެ މަސައްކަތް ފެށިއްޖެ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުވާލުމުގެ
24 March 2024
މިސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ދޮގާއި މަކަރާއި އޮޅުވާލުން. މޯލްޑިވިއަންގައި އޮތް ދެބޯޓުގައި ކުލަލައިފައި އެއޮތީ އެއާއެމްބިއުލަންސް ހަދާފައި. ދައުލަތުގައި ހުރި ފައިސާކޮޅުން އެއޮތީ އެތައްމިލިޔަން ޑޮލަރެއް ޚަރަދުކޮށްގެން އެއޮތީ ޑުރޯނު ގަނެލާފައި. ދެން މިކިޔަނީ ފައިސާ ނެތޭ. ލިބޭ ވަރަކުން ކުރަންޖެހޭ މަސައްކަތް ކަނޑައަޅައި މެނޭޖުކުރަން ނޭނގުނީމައި ވާނީ މިހެން. މީހުން ބުނެއުޅޭ، ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމައި ފެންނާނީ ... އެހެން މިވަނީ.
ޅިޔަނު އަލީ
24 March 2024
ކުރިން އިބޫ ކަންކަން ކުރި ސްލޯ ސްޕީޑާ މިހާރު މުއިއްޒު ކަންކަން ކުރާ ބާރު ސްޕީޑު ފެނި ޝާހިދުމެންނަށް ހަޖަމެއް ނުވާނެ
އަޒީމު
24 March 2024
ޝާހިދު ތިހަދަނީ ދޮގު. އަހަރެމެން ރަށުގަ ފެން ހޮޅި އަޅާ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދެވި ހުއްޓާލީ ސަރުކާރުން ފައިސާ ނުލިބިގެން
އަނާނު
24 March 2024
ޝާހިދުމެން ބުނާ އެއްޗެހި ގަބޫލުކުރަން ވަރަށް އުނދަނގޫ. ތިބުނާ ވަރަށް ހަރަދު ކުރިނަމަ މިހާރު ތަންތަން ހުންނާނީ ނިމިފަ
ލިޔާ ސޮރު
24 March 2024
ޝާހިދުމެން އެވަރަށް ހަރަދުކުރިއޭ ބުނާއިރު ނިމުނު ތަންތަން އަތިގެ އިނގިލތަކުން ގުނާލެވޭހާ މަދުު. އެ ފައިސާއިން ކީއް ކުރީ
އަސީލު
24 March 2024
ކުރީ ސަރުކާރުން މަސައްކަތްތަށް ފަށާފަ ހުރީ މުޅިން އިންތިހާބަށް ޖަހާ ސްޓަންޓެއް ގޮތަށް
އިޝާމްް
24 March 2024
ޝާހިދު މެން މީ އެއްވެސް އިރެއްގަ އަގައިން ތެދު ހެދި ބަޔެއް ނޫން. ކާޕެޓް ވަގެއްގެ ވާހަކަ އަޑު އަހާ އެ ގަބޫލް ކުރާނެ މީހެއް ނެތް
ޖައިލަމްް
24 March 2024
ފައިސާ ދޭން ޖެހޭ އެއްވެސް ބަޔަކަށް ފައިސާ ދީފައި ނުވޭ. ދެން ކިހިނެތް އެއްވެސް މަސައްކަތެއް ނިންމާލެވޭނީ. އެންމެ 26 ޕަރސެންޓް އޭ ނިންމުނީ. އެހެންނު ވާނީ ފެނަކަ ފަދަ ތަންތަނަށް މަސައްކަތް ހަވާލު ކުރި އިރުވެސް މުޅި ކުންފުނި އޭރުވެސް އޮތީ ދަރާ ވިކިފަ. އެމްޑީޕީ މީ ވެރިކަން ކުރަން ދަންނަ ބަޔެއް ނޫން.
ޖިހާންް
24 March 2024
ތަރައްގީގެ އެކިއެކި މަޝްރޫއުތައް މި ސަރުކާރުގެ ފަރާތުން ފެންނާތީ ހަޖަމް ނުވެގެން އުޅޭ ފާޑު ޖަހަނީ
ހުމާމް
24 March 2024
ރައީސް މުއިއްޒުގެ ވެރިކަމަށް ވާރުތަވި މަސްވެރިންގެ އެތައް ލާރިއެއް ދީ ނިންމާފި. އެވެސް އެންމެ ލާރިއެއްވެސް ޗާޕްނުކޮށް.