ޚަބަރު / ފުލުހުން

އަތުހަރުގެ ގޮޅީގެ ވީޑިއޯ: އުފެދުނީ ފުލުހުން އަމަލުކުރި ގޮތާ މެދު ސުވާލުތަކެއް!

ކުށުގެ ވެއްޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ: އަތުހަރުގެ މައްސަލާގައި އޭނާ ޖަލުގައި ބަންދުކޮށް މޮނީޓާ ކުރުމުގައި އަމަލު ކުރި ގޮތާ މެދު ސުވާލު އުފެދޭ -

03 ސެޕްޓެމްބަރ 2024 - 15:06

77 comments

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލުގެ ގޮޅީގައި ދަންޖެހުމަށްފަހު، އެ ގޮތަށް 30 މިނެޓް ވަންދެން އިނެވެ. އެ ހުރިހާ ވަގުތެއް ވެގެން ދިޔައިރު، ޖަލު ބަލަހައްޓަން ތިބި ފުލުހުންނަކަށް އެކަމެއް ނޭނގެ އެވެ.

އެހެންކަމުން، ގިނަ މީހުން ސުވާލު އުފެއްދީ އެހާ ނުރައްކާތެރި މައްސަލައެއްގައި ބަންދުކޮށްފައި ހުރި މީހެއްގެ އަމަލުތައް ފުލުހުން މޮނިޓާކުރި މިންވަރާ މެދު އެވެ.

މީގެ ކުރިން މާފުށީ ޖަލުގައި ބަންދު ކޮށްފައި ހުރި ގައިދީއަކު ނަމާދަށް ހުއްޓާ ޖަލުގެ ގޮޅީގައި މަރުވުމުން އެކަން ނޭނގި ގިނައިރުތަކެއް ހޭދަވި މައްސަލާގައި، ޖަލުތައް މޮނީޓާކުރުން ހަރުދަނާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އަތުހަރުގެ މަރާ ގުޅިގެން، ރޭ އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއެކު ހޯމް މިނިސްޓަރު އަލީ އިހުސާން ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގައި ގިނަ ނޫސްވެރިން މި ސުވާލު ފުލުހުންނާ އަމާޒުކުރި އެވެ. ނަމަވެސް، "އޮފް ދަ ރިކޯޑް" ގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުން މި ސުވާލަކަށް ޖަވާބެއް ނުދެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ މައްސަލާގައި ފުލުހުން އަމަލުކުރި ގޮތް ރަނގަޅު ކަން ނުވަތަ ގޯސްކަން ވެސް ނިންމޭނީ އެ މައްސަލާގައި ތަހުގީގު ނިމުނުންނެވެ. އެ މައްސަލަ ހިިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

ދޫނިދޫ ގޮޅީގައި އަތުހަރު ދަންޖެހޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ނޫސްވެރިންގެ އިތުރުން އަތުހަރުގެ އާއިލާއަށް ވަނީ ދައްކައިފަ އެވެ. އެ ވީޑިއޯ ނޫސްވެރިންނަށް ދެއްކި މައިގަނޑު މަގުސަދަކީ އަތުހަރު މަރުވީ ފުލުހުން އަނިޔާކޮށްގެން ކަމަށް ތުހުމަތުކޮށް، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އެ ވީޑިއޯއިން އަތުހަރު ގޮޅި ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރާ މަންޒަރާއި ދަން ޖެހުމުން އޭނާގެ ހަރަކާތް ހުއްޓޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު ވީޑިއޯއިން ފެނުނު މަންޒަރުތަކުން އެންމެ ބޮޑަށް ސުވާލު އުފެދެނީ ފުލުހުން އަމަލު ކުރި ގޮތާ މެދު އެވެ.

އަތުހަރު: އޭނާ މަރުވި ގޮތް އެޗްއާރްސީއެމް އިން ދަނީ ތަހުގީގު ކުރަމުން

އަތުހަރު ދަންޖެހެން މަސައްކަތް ކުރަމުންދިޔަ މަންޒަރު ޖަލު ގޮޅީގައި ހުރި ސީސީޓީވީ ކެމެރާގެ ވީޑިއޯ ފުޓޭޖުން ސާފުކޮށް ފެނެ އެވެ. ނަމަވެސް، 24 ގަޑިއިރު ވަގުތުން ބެލޭ ގޮތަށް ހުރި ކެމެރާއިން ފެންނަ އެ މަންޒަރު އެވަގުތު އެއްވެސް ފުލުހަކަށް ފާހަގައެއް ނުވި އެވެ.

އެ ކެމެރާގެ ފުޓޭޖްތައް ފުލުހުން ވަގުތުން މޮނީޓާ ކުރަމުން ނުދަނީ ކީއްވެތޯ ވެސް ނޫސްވެރިން ސުވާލުކުރި އެވެ. އެކަމަކު ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އެ ސުވާލު ޖަވާބުދޭން އެއްވެސް ބޭފުޅަކު ބޭނުމެއް ނުވި އެވެ. ނަމަވެސް ޖަލު ގޮޅިތަކުގެ މަންޒަރުތައް ބަލަން ބަހައްޓާފައި ހުންނަނީ ވަރަށް ކުޑަ ސްކްރީނަކަށް ވާތީ ގައިދީންގެ ހަރަކާތްތައް މޮނިޓާކުރަން ފުލުހުންނަށް ފަސޭހަ ނޫނެވެ.

ޖަލުގައި އެކަނި އޮންނަ މީހަކަށް ނަފްސާނީ ގޮތުން ކުރާ އަސަރެއްގެ ސަބަބުން އަމިއްލައަށް މަރުވުން ފަދަ ކަމެއް ކޮށްފާނެތީ، ބައެއް ކަހަލަ ތަކެއްޗަކީ ގޮޅިއަށް ވެއްދުން މަނާ ތަކެއްޗެވެ. އެފަދަ ވިސްނުމެއް ގެންގުޅޭ ގައިދީންނަށް ބައެއް ތަކެތި މަނާކުރާ އުސޫލެއް އޮވެ އެވެ. ނަމަވެސް އަތުހަރަކީ ނަފްސާނީ މައްސަލައެއް ހުރި މީހެއް ކަމުގެ އެއްވެސް މެޑިކަލް ލިޔުމެއް ފުލުހުންނަށް ލިބިފައިނުވާތީ އޭނާއާ މެދު އެފަދަ ގޮތަކަށް ބަލައިގެން، މޮނީޓާކުރަމުން ގޮސްފައިނުވާ ކަން ފުލުހުން ރޭ ބުންޏެވެ.

ނަމަވެސް އަތުހަރު ހައްޔަރުކުރި ރޭ، އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ފުލުހުންނަށް އިންޒާރު ދެމުން ދިޔައިރު، އޭނާގެ އަނެއް އަތުގައި އޭނާގެ ކަރަށް އަމާޒުކޮށްފައި ހުރި ވަޅިއެއް އޮތެވެ. އެފަދަ ވީޑިއޯއެއް ރޭ ފުލުހުން ނޫސްވެރިންނަށް ވެސް ދެއްކި އެވެ.

އެހެންކަމުން، އަތުހަރަކީ އަމިއްލަ ނަފްސަށް ގެއްލުމެއް ދިނުމުގެ ވިސްނުމެއް ނެތް މީހެއް ކަމަށް ފުލުހުން ނިންމި ގޮތާ ސުވާލު އުފެދެ އެވެ.

އަންހެން މީހާ ސަލާމަތް ކުރުމުގެ ތެރޭގައި އަތުހަރަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ފަހު، އޭނާ ދޫކޮށްލި ނަމަވެސް، ފަހުން ހާލަތު ގޯސްވުމުން އަނެއްކާވެސް އައިޖީއެމްއެޗްއަށް ގެންދިޔަ އެވެ. އޭނާގެ ބޮލުގެ ދެ ފަރާތުގައި ބޭސްވެސް އަޅާފައިވެ އެވެ. އައިޖީއެމްއެޗްގެ އޮބްޒަވޭޝަންގައި ބޭއްވުމަށް ފަހު އަތުހަރު ދޫކޮށްލީ އޭނާގެ ރިޕޯޓްތައް ނޯމަލް ކަމަށް ބުނެ އެވެ. އޭނާ ގޮޅީގައި ދަންޖެހެން މަސައްކަތް ކުރީ އައިޖީއެމްއެޗުން ޖަލަށް ބަދަލު ކުރިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

އޭނާއަކީ އަމިއްލަ ހަށިގަނޑަށް ގެއްލުމެއް ދީފައިވާނެ މީހެއް ކަމަށް ފުލުހުންނަށް ވަޒަން ނުކުރެވި އޮތް ނަމަވެސް، އޭނާގެ ހާލަތު ގޯސްވެދާނެ ކަން ފުލުހުންނަށް ލަފާ ކުރެވެން ވާނެ ކަމަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް އަތުހަރުގެ ގޮޅި މޮނީޓާކުރަމުން ގޮސްފައިނުވާ ކަން ރޭ ފުލުހުން ދެއްކި ވީޑިއޯއިން ހާމަވެ އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަތުހަރު ހުރި ގޮޅި ފެންނަ ހިސާބުގައި ވެސް ފުލުހަކު ނެތެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ފެށީ އާދިއްތަ ދުވަހުގެ އިރުއޮއްސި 6:32 ހާއިރު އެވެ. އޭނާގެ ހަރަކާތް ގޮސް، އެއްކޮށް ހުއްޓުނު ކަމަށް ބެލެވެނީ 6:38 ހާއިރު އެވެ. ނަމަވެސް އެ މަންޒަރު އެންމެ ފުރަތަމަ ފެނުނީ އޭގެ 30 ވަރަކަށް މިނެޓްފަހުން އެ ގޮޅިއާ ދިމާލަކަށް އައި ފުލުހަކަށެވެ. އޭނާ ވަގުތުން އެ ގޮޅި ހުޅުވުމަށްފަހު އެތަނަށް ވަދެ އެވެ. އަދި ދެން ތިބި ފުލުހުން އެތަނަށް 7:02 ގައި ގޮސް، ދަން ޖެހިފައި ހުރި އެތި ބުރިކޮށްލަ އެވެ. އޭރު އެއްވެސް ހަރަކާތެއް ނެތެވެ.

އޭނާ ގޮޅީގެ ތެރޭގައި ބޭއްވުމަށްފަހު، ފުލުހުން ފުރަތަމަ ތިބީ އެތަނުގައި މަޑުކޮށްގެންނެވެ. އެވަގުތު އަވަސް ފަރުވާދޭން އެއިން އެއްވެސް ފުލުހަކު މަސައްކަތެއް ނުކުރެ އެވެ. އަދި ކުޑައިރުކޮޅެއް ފަހުން ސްޓްރެޗާއަކަށް ލައިގެން ގެންދިޔައީ ދޫނިދޫގެ މެޑިކަލް ސެންޓަރަށެވެ. އޭނާ ގޮޅިން ނެރެގެން ގެންދިޔައީ 7:05 ގަ އެވެ.

އޭގެފަހުގައި ލޯންޗުގައި މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނީ އެވެ. ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވެފައިވަނީ އިއްޔެ ހަވީރު 4:08 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ ރޭގެ 7:02 ގަ އެވެ. އޭގެ އަށް މިނިޓް ފަހުން 7:14 ގައި އަތުހަރު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި އަދި 7:25 ައި އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައި ވެ އެވެ. އެހެންކަމުން އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނިޓެވެ. އެކަމަކު، އޭނާ އެންމެ ފަހުން ދިރިހުއްޓާ ފުލުހުންނަށް ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.

ފުލުހުން ވަނީ އަތުހަރު މަރުވެފައިވާ ގޮތް ކަށަވަރު ކުރަން އޮޓޮޕްސީއެއް ހަދަން ނިންމައިފަ އެވެ.

އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އެކުގައި ދިރިއުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކައި ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމުންނެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެކެވެ. ލޯބިވެރިޔާ ކަރުގައި ވަޅި ޖައްސައިގެން އަދި އަނެއް އަތުން އަމިއްލަ ކަރުގައި ވަޅި ޖައްސައިގެން ހުއްޓާ އެރޭ އަތުހަރު ހައްޔަރުކުރީ ސައިކަލުގެ ފަހަތުގައި އިނދެގެން ދަނިކޮށް ފުލުހަކު އޭނާގެ ފަހަތުން ގޮސް ބޮލުގައި މުގުރުން ޖަހައި، ވައްޓާލުމަށްފަހު އެވެ.

އަތުހަރަކީ އަކީ މީގެ ކުރިން ކުށެއް ސާބިތުވެ ޖަލު ހުކުމެއްގައި ހުރި މީހެކެވެ. ނަމަވެސް މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަތުހަރުގެ ހުކުމް ލުއިކޮށް އޭނާ މިނިވަން ކޮށްފައި ވަނީ ސެޕްޓެމްބަރު 2، 2022 ގަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ.

77 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 53%
icon angry icon angry 24%
icon wow icon wow 12%
icon inlove icon inlove 12%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކާފައަލީބެ

05 September 2024

ތިޔަކަހަލަ ސުވާލު އުފައްދަންޏާ އުފެއްދިދާނެ ކޮންމެ ހާދިސާއަކަށްވެސް. ތިޔަކަހަލަ ކޮންމެ ޤައިދީއެއް މޮނިޓަރކޮށް 5އިރު މޮޅުކެއުންދީ ބަލަހައްޓަން މީހުންލާންވެއްޖެއްޔާ މަހަކު 27 ހާހެއްނޫން މީހަކަށް މިލިޔަނެއްވެސް މަހަކަށް ޚަރަދުކުރަންޖެހިދާނެ. ދިވެހިރާއްޖެއަކީ ތިޔަހުރިހާ ޚިދުމަތެއް ދެވޭ ފެންވަރުގެ ތަނެއްކަމަކަށް ނުދެކެން.

The name is already taken The name is available. Register?

އަހްމަދުު

04 September 2024

ފުލުހުން އޭނަ ހައްޔަރު ކުރިގޮތުގަ މައްސަލައެެއެ ނެތް އެކަމަކު ބޮލަށް އަނިޔާ ލިބިގެން ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްފަ އޮތް މީހަކު މޮނިޓާ ނުކޮށް އޭނަ އަމިއްލަޔަށް މަރުވާން ފުރުސަތު ދިނުމުން ކަރެކްޝަންސް އިން ވަނީ ބޮޑުތަނުން ފެއްިލް ވެފަ. އަތުހަރު އަކީ ކުރީގަ ކްލެމެންސީދީ ދޫކޮށްފަ އިން މީހެއް އެކަމަކު ޖަލުން ދޫކުރާ މީހުންނަށް އެކަށީގެންވާ ރީހެބިލިޓޭޝަނެއް ފޯރުކޮށްނުދެވޭ.

The name is already taken The name is available. Register?

އަހްމަދުު

04 September 2024

ވަޒީފާ ނެތި އަދި މާލީ ގޮތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އޭނާ ހުރީ ފުލުހުން އޭނަ ވަށާ ލުމުން އަނބުރާ ޖަލަށް ދާން ޖެހޭނެ ކަން އެނގޭތީ ގޮތް ހުސް ވެގެން ވީގޮތަކަށް ފިލަން މަސައްކަތް ކުރީ އެކަމަކު ފުލުހުން އޭނަ ބޮލުގަ މުގުރި ބުރިން ޖަހާ ހައްޔަރު ކުރުމުން ބޮލަށް ލިބުނު އަނިޔާއާ، ޖަލަށް ދާން ޖެހުމާ، ލޯބިވެރިޔާ ޖެހުނު މައްސަލަޔާ މިހުރިހާ ސަބަބުތަކާ ހެދީ ދެން ދުނިޔޭގަ އުޅޭނެ ސަބަބެއް ނުފެނި މާޔޫސްވެގެން އޭނަ އަމިއްލައަށް މަރުވީ.

The name is already taken The name is available. Register?

އައިސަން

04 September 2024

އަހުތަރެއް ނުނޭ!! އަންހެން ކުއްޖާ ކޮބާހޭ؟؟؟ އޭނަގެ ހާލު ރަނގަނޅުހޭ؟؟ އޭނަޔަށް ބޭނުންވާ އެހީތެރިކަމާ އަޅާލުން އެބަ ލިބޭހޭ؟؟؟؟

The name is already taken The name is available. Register?

އުދުހޭ

04 September 2024

ޖަލުގަ ހުންނަ ކޮންމެ ކުށްވެރިއަކަށް ސެކިއުރިޓީއެއް ނުހުރޭ، ހުންނާކަށް ނުވެސް ޖެހޭ. އެމެރިކާ އާއި ޔޫރަޕުގައިވެސް ޖަލުގައި ދަންޖެހިގެން މީހުން މަރުވޭ.

The name is already taken The name is available. Register?

ޖާނަލް

04 September 2024

ކޮންމެ ގައިދީއެއްގެ ފަހަތުގަ ފުލުހެއް ނުބެހެއްޓޭނެ 24 ގަޑިއިރު. މިއީ ދުނިޔޭގެ އެއްވެސް ގައުމެއްގަ ކުރާ ކަމެއްނޫން.

The name is already taken The name is available. Register?

ފިނިފެންމާގަސް

04 September 2024

سبحان الله

The name is already taken The name is available. Register?

ޖޫންބެ

04 September 2024

ފުލުހުންތަ ކަރެކްށަން މުވައްޒަފުންތަ؟؟ މީ އެއްބައެއްތަ؟ ސްކީން ކިހާ ކުޑަވެގެންތަ ތިނުފެނުނީ؟؟ މިވެސް ސުވާލު

The name is already taken The name is available. Register?

ދަބަރު ބޯ

04 September 2024

މަށަކަށް ނޭނގުނު ތިކިޔާ އެއްޗެއް..

The name is already taken The name is available. Register?

ޖެންބުރި

04 September 2024

އަސްލުވެސް. ކަންމަތީ ފިހާރަތަކުގައި ހުންނަނީ މިހާރު ބޮޑެތި ޓީވީ.

The name is already taken The name is available. Register?

އާލިމް ހަސަން

04 September 2024

ކިތައްމެ ނުރައްކާތެރިޔަކަސް ނުޖެހޭ އޭނަ ގޮޅި ބޭރުގަ 24 ގަޑި އިރު ވިއްދާލާފަ ހުންނާކަށް! މި ގައުމުގަ އަބަދުވެސް އޮންނަނީ ކުއްވެރިންނަށް ރައްކާތެރިކަން ދިނުން

The name is already taken The name is available. Register?

ޑޯންޓް ގެޓްމީ ރޯންގ

04 September 2024

ނުޖެހޭ ވިއްދާފަ ތިބޭކަށް. އަދި ކެމެރާއިން ބަލާކަށްވެސް. މިއީ މަގޭ ބޭބެ ކޮއްކޮ ނޫނީ ދަރި ވިޔަސް ބުނާނީ ހަމަ މިހެން. ދެރަވާނެ މިހަކަށް ކަމެއްވީމަ. ކަމެއްވީމަ ޖަލަށްލީ. ނުވިސްނޭވަރު ކުޑަކުދިންނެއްނޫން. ބޮޑެތިސިންގާ މީހުން ހަމަ. ނަފްސާނީ އެއްނޫ ޑިޕްރެޝަނެއްވެސް ނޫން. ގައިމު ހިކިމަތެއް އޮތީމަތާ އޮންނަނީ ދަންޖެހޭ މީހުން ހުރިތަނުން ވަލުލަން. ރަސޫލާ (ސއވ) އޭގެ މީހުން ގެ ކަށުނަމާދު ނުކުރައްވާ ކަމަށް ވަނީ. ހިކުމަތެއް އޮތީމަ ނޫންތަ؟

The name is already taken The name is available. Register?

ރަނާ

04 September 2024

ކެމެރާ ހަރުކޮށްފަ ހުރިއްޔާ އެބަލާނެ ބަޔަކުވެސް ތިބެން ޖެހޭނެތާ ކަމެއްވެ ނިމުނީމަ އެކަންވީ ގޮތްހަމައެކަނި ދެނެގަތުމުގެ ބޭނުމުގައި ހަރުކުރާ އެއްޗަކަށް ހެދީމަވާނެ އެތި ވެފަ ތިޔަ އޮތީ.

The name is already taken The name is available. Register?

ސަރގ

04 September 2024

ޖަލުގަ ކާންދީ ބޯންދީ، ކެމެރާހަރުކޮށް، އަދި އިންސާނަކު 24 ގަޑިއިރު ތިއިން ކޮންމެމީހަކު ބަލަން ބޭންދުމަކީ އެއްވެސް ސަރުކާކަށް ކުރެވޭނެ ކަމެއްނޫން، މާލޭގަ ކިތައް އޮފީސް ގޭގެ އެބަފަޅާ ގައިމު ޕޮލިސް ޑިއުޓީއެއް ނުކުރޭ، ކެމެރާވެސް ހުރޭ ނުހުއްޓުވޭ، ކުއްވެރިޔާވީމަ ހާއްސަވަނީކީއްވެ

The name is already taken The name is available. Register?

ގެދާނޯމޮސް

04 September 2024

ބޭނުން ވެގެން އުޅުގޮތް ވާން ދޫކޮށްލީ ކަމަށް ބެލެވެނީ އެވެ!؟؟

The name is already taken The name is available. Register?

ނަރނާ

04 September 2024

ކެމެރާ ހަރުކުރިއަސް ރިއަލްޓައިމްގަ އެންމެ ސިކުންތެއްވެސް ވައްޓާނުލާ ހުރިހާ ކަމެއް ބެލޭނެހާ ގާބިލްކަން އެއްވެސް ބައެއްގެ އެބަހުރިބާ؟ ކެމެރާއެއް ހުއްޓަސް ނެތަސް އެމީހަކު ބަލަން ވަކިން މީހަކު ހުއްޓަސް ނެތަސް މަރުގެ ވަގުތު ނުޖެހޭނަމަ އެމީހާ ސަލާމަތްވާނެ ގޮތް މެދުވެރިކުރައްވާނެ. މުސްލިމަކުނަމަ އެކަމާ ޝައްކު ކުރާނެ ޖާގައެއް ނެތް. އިންތިޒާމުތައް ކޮށްފަ ހުންނަލެއް ހާދަ ފުރިހަމައޭ ހީވެ އަހަރުމެންނަށް ހުރިހާ ކަމެއް ހުއްޓުވޭނެކަމަށް ދުށުމަކީ ކުށްހީއެއ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454