ފުވައްމުލަކުގެ ނޭޗާ ޕާކް: ސަރުކާރުން ވަނީ މި ޕާކު މަރާމާތުކުރަން ނިންމާފައި -- ފޮޓޯ/ދި އެޑިޝަން
10 އޮކްޓޯބަރ 2024 - 11:52
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކު މަރާމާތުކުރުމަށް ސަރުކާރުން އެމްޔޯޔޫއެއްގައި އިއްޔެ ސޮއިކޮށްފި އެވެ.
މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކުގެ ތަންތަން މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެހެންވެ، އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކް މަރާމާތު ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެންވަޔަރަމަންޓް މިނިސްޓްރީން އިއްޔެ ވަނީ ޔޫއެންޑީޕީ އާއި އައްޑޫ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލާއެކު އެމްޔޯޔޫއެއްގައި ސޮއިކޮށްފަ އެވެ. އެ އެމްއޯޔޫގައި ސޮއިކުރީ ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
We are happy to announce the kickoff of the GFCR funded Maldives RREEF Project, together with UNDP.
— Min. of Climate Change, Environment and Energy (@MoEnvmv) October 9, 2024
Today we signed an MOU with @UNDP Fuvahmulah City Council and Addu City Council to facilitate the renovation efforts for Addu and Fuvahmulah Nature Park, under the project. pic.twitter.com/71xlxRQ2SP
އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީއެފްސީއާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ. އަދި މި މަޝްރޫއުގެ މަގުސަދަކީ އައްޑު އާއި ފުވައްމުލަކު ނޭޗާ ޕާކް ތަރައްގީ ކުރުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
އައްޑު އާއި ފުވައްމުލަކުގެ ނޭޗާ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރި ކުރުމުގެ މުހިންމުކަން އިތުރަށް ހާމަވި ކަމަށާއި މި މަޝްރޫއުގެ ސަބަބުން އެ ދެ ސިޓީގެ ޓޫރިޒަމަށާއި ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެ ރަސްމިއްޔާތުގައި ވިދާޅުވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސ. ހިތަދޫ އީދިގަލި ކިޅި އާއި ކޯއްޓޭ ސަރަހައްދުގައި ހަދާފައިވާ އައްޑޫ ނޭޗާ ޕާކްގެ ހިތްގައިމު މަންޒަރެއް.-- ފޮޓޯ: އަހުމަދު މަހްޒޫމް
އައްޑޫގެ ނޭޗާ ޕާކާއި ފުވައްމުލަކުގެ ނޭޗާ ޕާކަކީ ސަރުކާރާއި އާއި ޔޫރަޕިއަން ޔޫނިއަންގެ ހިލޭ އެހީގައި ހިންގި ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) ގެ ދަށުން ހަދައި 2018 ވަނަ އަހަރު ހުޅުވި ތަންތަނެވެ.
އައްޑޫގެ ނޭޗާ ޕާކު ހެދީ އެ ސިޓީގައި އޮންނަ އައްޑޫ އީދިގަލި ކިޅި އާއި ކޯއްޓޭ ފަރުގެ ސަރަހައްދުގަ އެވެ. ސަރުކާރުން ހިމާޔަތް ކޮށްފައިވާ އީދިގަލި ކިޅި އާއި ކޯއްޓޭއަކީ ގުދުރަތީ ދިރުންތައް ކައިރިން ބަލާލުމުގެ ފުރުސަތު ލިބޭ ސަރަހައްދުތަކެކެވެ.
އީދިގަލި ކިޅިއަކީ ރާއްޖޭގައި ހުރި ޗަސްބިންތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޗަސްބިމެވެ. އެތަން މަޝްހޫރު ވެފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ތަފާތު ބާވަތްތަކުގެ ކަނޑުމަތީ ދޫނިތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މާކަނަ އާއި އިރުވާހުދާއި އަހަރުގެ ހުރިހާ އިރެއްގައި ވެސް އެ ސަރަހައްދުން ފެންނަ ރާބަނދި ހިމެނެ އެވެ.
އައްޑޫ ނޭޗާ ޕާކްގައި ކޯއްޓޭ ސަރަހައްދުގައި ބަޔަކު ކެނޯ ދުއްވަނީ: މިއީ ކެނޯ ދުއްވަން ހިތްގައިމު ތަނެއް.-- ފޮޓޯ: އަހުމަދު މަހްޒޫމް
އެއާ ހިލާފަށް ކޯއްޓޭއަކީ ފީނުމަށް ރީތި ތަނެކެވެ. އެ ސަރަހައްދުގައި އެކި ބާވަތްތަކުގެ މުރަކަ އާއި ވެލަޔާއި މިޔަރު އަދި އެހެނިހެން ބާވަތްތަކުގެ އެކި ކުލަކުލައިގެ މަސްތައް އުޅެ އެވެ.
އެ ދެ ސަރަހައްދަކީ ވެސް ގުދުރަތީ ތަންތަނާއި މޫދު އަޑީގެ މާހައުލުތަކަށް ޝައުގުވެރިވާ މީހުން ވަރަށް ލޯބިކުރާ ތަންތަނެވެ.
ފުވައްމުލަކުގެ ނޭޗާ ޕާކު ހަދާފައިވަނީ އެ ރަށުގައި އޮންނަ އެންމެ ބޮޑު ޗަސްބިން ދަޑިމަގި ކިޅީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިހަކަ
10 October 2024
އައްޑޫ ސިޓީ ކައުންސިލަކީ ވަޒީފާ ބަހާފަ ދުވާލަކު 2-3 އެއްވެސް ފައިދާއެއްނުކުރާ މީޓިން ބާއްވާފަ ފޮޓޯ ނަގާ ތަނެއް.