ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލައް ސިޓީއަށް ވަނީ ލިބިފައި
14 ޑިސެމްބަރ 2024 - 19:50
އޭޝިއާގެ އެންމެ ބޮޑު އަދި އެންމެ ފަހުރުވެރި ޑައިވިން އެކްސްޕޯ، ޑައިވިން ރިސޯޓް އެންޑް ޓްރެވަލް ޝޯ (ޑީއާރްޓީ) ގައި ދޭ 'ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން' އެވޯޑު ފުވައްމުލަކަށް ލިބިއްޖެ އެވެ.
މިއީ މިޔަރުތަކާ އެކު، ފީނުމުގައި އެންމެ މަތީ ތަޖުރިބާ ފޯރުކޮށްދޭ ތަނެއްގައި އުޅޭ ދިރޭތަކެތީގެ ނަސްލުތަކުގެ ގިނަ ކަމާއި ފީނުމަށް ދާ ޓޫރިސްޓުންނަށް އޮންނަ ރައްކާތެރިކަމާއި އަމަލުކުރަމުންދާ ދެމެހެއްޓެނިވި ގޮތްތަކަށް ރިއާޔަތްކޮށް އެކްސްޕޯ ބާއްވާ ފަރާތުން ކަނޑައަޅާ ޓީމަކުން ވަޒަން ކުރުމަށް ފަހު ދެވޭ އެވޯޑެކެވެ.
ޓޫރިސްޓުންގެ ފަރާތުން ލިބޭ ހިޔާލުތަކާއި ފާޑުކިޔުންތަކަށް ވެސް އެ އެވޯޑު ދޭއިރު ރިއާޔަތް ކޮށްފައި ވެ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން މިއަދު ބުނީ މި ޝަރަފުވެރި ކާމިޔާބީއަކީ އެ ރަށުގެ ކަނޑުއަޑީގެ މުއްސަނދިކަން އިތުރަށް އެނގި، ޓޫރިސްޓު މަންޒިލެއްގެ ގޮތުގައި ފުވައްމުލައް ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް މަޝްހޫރުވާނެ ކަމެއް ކަމަށެވެ. އެއީ މުސްތަގުބަލުގައި "ރަށު ފަތުރުވެރިކަން" އިތުރަށް ކުރިއަރައި، މިޔަރުތަކާއެކު ފީނުމަށް އެންމެ އެކަށޭނަ މަންޒިލަކީ ފުވައްމުލައް ކަން ދުނިޔެއަށް އިތުރަށް ހާމަކޮށްދޭނެ ހެއްކެއް ކަމަށް ވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ބުންޏެވެ.
ރާއްޖޭގެ އެހެން ރަށްތަކާ ތަފާތު، ވަކި ހާއްސަ ގުދުރަތީ ސިފަތަކެއް ލިބިގެންވާ ފުވައްމުލަކަށް ޓޫރިސްޓުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެއް ކަމަކީ، އެ ރަށުގެ ވަށައިގެންވާ ކަނޑުގައި އުޅޭ ފެމުނު މިޔަރުތައް ކަމަށް އެ ކައުންސިލުން ބުންޏެވެ.
ރާއްޖޭން މިހާރު މަދުން ފެންނަ ބާވަތްތަކުގެ މިޔަރާއި މަޑީގެ ބާވަތްތައް ފުވައްމުލަކުގެ ކަނޑުން ފެންނާތީ، މިޔަރުތައް ކައިރިން ބަލައި، އެ ސަރަހައްދުގައި ފީނުމަށް ކޮންމެ މަހަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އެ ރަށަށް ޒިޔާރަތްކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮހޮއްތު
14 December 2024
މަރްހަބާ … ތިޔަ ރަށުގެ ރައްޔިތުންގެ މިންނަތް މަސައްކަތް