03 ޖެނުއަރީ 2025 - 18:31
އިންޑިއާގެ ޖާސޫސީ އިދާރާ، ރޯގެ އެހީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން ރޭވި ކަމަށް ބުނެ، އެމެރިކާގެ މަޝްހޫރު ދުވަސް ނޫސް، ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓު، އިންޑިއާ ސަރުކާރުން ނުސީދާކޮށް ދޮގުކޮށްފި އެވެ.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމުގެ ރިޔާސީ ވައުދާ އެކު، ވެރިކަމަށް ވަޑައިގެންނެވި، ރައީސް މުއިއްޒު ވެރިކަމުން ދުރުކުރަން ރޯ އިން މަސައްކަތް ކޮށްފައިވާ ކަމަށް، ގިނަ މަސްދަރުތަކާ ހަވާލާދީ ވޮޝިންގްޓަން ޕޯސްޓުން ޝާއިއުކުރި ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގައި ކޮންމެ ހަފުތާއަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ވޮޝިންގްޓަން ޕޯސްޓާއި އެ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅެނީ ޒާތީ ހަސަދަވެރި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
"އެ ނޫހާއި މި ޚަބަރުތައް ލިޔާ ނޫސްވެރިޔާ ވެސް އިންޑިއާއާ މެދު ގެންގުޅޭ ހަސަދަވެރިކަމާއި ނަފްރަތު ފެނިގެންދޭ. އެ މީހުން މި ކަންކަން ކުރާ ގޮތުން އެކަމުގެ ހާއްސަ ތަރުތީބެއް ފެންނާނެ،" ރާއްޖޭގެ އިތުރުން ޕާކިސްތާނުގައި ރޯ އިން ރާވައިގެން ޕާކިސްތާނުގެ އިސް އޮފިޝަލުންތަކެއް މަރަމުންދާ ކަމަށް ބުނެ ޝާއިއު ކޮށްފައިވާ ރިޕޯޓަށް ވެސް އިޝާރާތް ކުރައްވައި ޖައިސްވާލް ވިދާޅުވި އެވެ.
"އެހެންވީމާ، އެ މީހުންގެ އެ މީހުން ދައްކާ ވާހަކަތަކަށް އިތުބާރު ކުރުން އަޅުގަނޑު ތިޔަ ބޭފުޅުންނަށް މި ދޫކޮށްލަނީ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި އެ މީހުން ދައްކާ ވާހަކައިގެ އެއްވެސް އިތުބާރެއް ނެތް."
މިއީ ވޮޝިންގްޓަން ޕޯސްޓުގައި ޝާއިއުކުރި ރިޕޯޓާ ގުޅޭގޮތުން އިންޑިއާ ސަރުކާރުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ. ނަމަވެސް، އެ ރިޕޯޓާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ވޮޝިންގްޓަން ޕޯސްޓުގެ ތަހުގީގަށް ފަހު ބުނީ، އެ ޕްލޭންގައި "ޑިމޮކްރެޓިކް ރިނިޔުވަލް އިނީޝިއަޓިވް" ނަމުގައި ތައްޔާރު ކޮށްފައިވާ ކަރުދާހެއްގައި އޮތީ، ޕީއެންސީ މެމްބަރުން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ 40 މެމްބަރަކަށް ރިޝްވަތު ދީގެން، ރައީސް މުއިއްޒުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްކުރަން ކަމަށެވެ.
އެ ކަރުދާހުގެ ކޮޕީއެއް ވޮޝިންގްޓަން ޕޯސްޓަށް ލިބިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.
މަޖިލީހުގެ މެމްބަރުންގެ އިތުރުން، ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމުގެ އެހީތެރިވުމަށް، ދިވެހި ފުލުހުންނާއި ދިވެހި ސިފައިންގެ 10 އިސް އޮފިސަރުންނާއި ރާއްޖޭގައި ހަރަކާތްތެރިވާ ބާރުގަދަ ތިން ގޭންގަކަށް ފައިސާ ދޭން ވެސް އެ ކަރުދާހުގައި ހިމަނާފައިވާ ކަމަށް ވެ އެވެ.
މި ޕްލޭނަށް ހަ މިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 92.5 މިލިއަން ރުފިޔާ ކަނޑައަޅައި، އެ ނޫހުން ބުނި ގޮތުގައި، މި ކަމުގެ ފަހަތުގައި ތިބި މީހުން ރާވަމުން ދިޔައީ، އެ ފައިސާ އިންޑިއާ އިން ހޯދުމަށެވެ.
ނަމަވެސް، ސިއްރިއްޔާތުގައި އެތައް މަހަކަށް ދިގުދެމިގެންދިޔަ ރޭވުންތަކަށް އަމަލީ ސިފައެއް ނުޖެއްސުނީ، ރައީސް މުއިއްޒު މަގާމުން ދުރުކުރަން އެކަށީގެންވާ އަދަދަށް މެމްބަރުން ނުލިބުމުން ކަމަށް ބުނެފައިވެ އެވެ.
އެ ރޭވުންތަކުގައި އިންޑިއާގެ ފަރާތުން އިސްކޮށް މަސައްކަތް ކުރީ، ޝިރީޝް ތޮރާތު ނަމަކަށް ކިޔާ ކުރީގެ ފުލުހަކާއި އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބީޖޭޕީގެ ކުރީގެ ތަރުޖަމާނެއް ކަމަށްވާ ސަވިއޯ ރޮޑްރީގްސް އެވެ. ތޮރާތަކީ، ވޮޝިންގްޓަންޕޯސްޓުން ބުނި ގޮތުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނިގޮތުގައި، ރައީސް މުއިއްޒުގެ ގާތް މީހަކު ވަނީ، ތޮރާތު އާއި އިންޑިއާގެ ރޯ އޭޖެންޓުންނާ ދެމެދު ކުރި ބައެއް މުއާމަލާތްތައް އެ ނޫހާ ހިއްސާ ކޮށްފަ އެވެ. ނަމަވެސް، އެ މުއާމަލާތްތައް ހޯދި ގޮތެއް އެ މީހާ ހާމަކޮށްފައި ނުވާ ކަމަށް އެ ނޫހުން ބުންޏެވެ.
ރައީސް މުއިއްޒު ވެރިކަން ވައްޓާލުމަށް ރޭވި ކަމަށް ތޮރާތާއި ރޮޑްރީގްސް ވެސް ވޮޝިންގްޓަން ޕޯސްޓަށް ޔަގީން ކޮށްދިނަސް، އެ މީހުން މަސައްކަތް ކުރީ ރަސްމީކޮށް އިންޑިއާ ސަރުކާރުގެ ފަރާތުން ކަމެއް ނުބުންޏެވެ.
ވޮޝިންގްޓަން ޕޯސްޓުން ބުނި ގޮތުގައި، މި ރޭވުމުގައި އިންޑިއާ ސަރުކާރުން ކިހާ ސީރިއަސްކޮށް އުޅުނު ކަމެއް ސާފެއް ނޫނެވެ.
ނަމަވެސް، ރާއްޖޭގައި ހުންނަ ރޯގެ އޭޖެންޓު، ރައީސް މުއިއްޒުގެ ވެރިކަމުގެ އެހާ ކުރީކޮޅު، ވެރިކަން ވައްޓާލުމާ ދެކޮޅު ހެދި ކަމަށް، ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނަށް އަބަދު ގޮސްއުޅޭ، ރާއްޖޭގެ ސިޔާސީ ބޭފުޅަކާ ހަވާލާދީ ޕޯސްޓުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަދޫދު
04 January 2025
ހަމިލިޔަން ޑޮލަރޭ. 6 މިލިޔަނުން ތިކަން ހަމަޖެހޭނެ އެއްވެސް ގޮތެއް ނޯންނާނެ
ޢަހާ
04 January 2025
ބުނެފަ އޮތީ މިސަރުކާރުން މެމްބަރުން ގަންނަން ބޮލަކަށް 2 ލައްކަ ޑޮލަރު ހަރަދުކުރިވާހަކަ. އެއީ ގަބޫލު ކުރެވޭ ވާހަކައެއް
ޅޮސްބެ
04 January 2025
ކޮމެންޓު ކުރާ މީހުންގެ މޮޅުކަން ލޮލް! ސަރުކާރުން ޖެހުވި އެއްޗެކޯ!! ސަރުކާރުން ޖެހުވިޔަސް ނުޖެހުވިޔަސް އިންޑިޔާއިން ބުނާ އެއްޗެއް ތެދު ކުރާނީ މޮޔަ ބައެއް. މިޔަކީ ސިއްރު ކަންކަމެެއް ނޫން މޑޕ މީހުން ހިންދާލަން އުޅުނަސް.
ރާވެރިބެ
04 January 2025
ދޮގު ޙަބަރެއް. އިންޑިއާ އިން ތިކަހަލަ ކަމެއްގަ ބައިވެރިނުވާނެ. ބައިވެރި ވިނަމަ ސަރުކާރު ބަދަލު ކުރީސް. އިންޑިއާ މަސައްކަތް ކުރާނީ އޭރަކު އޮތް ސަރުކާރަކާ އެކީ.
ވަގިތި
04 January 2025
ތީ އެހާ ހަމަޖެހޭ ލޮޖިކްއެއް ނޫން. އިންޑިއާ ބައިވެރި ވިއެކޭ ކިޔާފައި ވަކި ތިކަން ވާކަށް ނުޖެހެ. 6 މިލިޔަނަކީ ވެރިކަމެއް ބަދަލުކުރަން ކޯއްޗެއް؟
ފޯކްލޯރު
04 January 2025
ތިރިޕޯޓަކީ ފޯކްލޯރަކަށްތާ ތިވީ.
އެ ގޮނޑި
03 January 2025
އެހެންވީމަ މިސަރުކާރުން ލާރި ދީގެން ޖެހުވި އެއްޗެއް.
ގުރައިޝާ
03 January 2025
އެ ރިޕޯޓް ބޮޑަށް ވައްތަރީ ބަޔަކު ލާރިދީގެން ކުޅެފައިން ޑްރާމާއެއްހެން.
ނާނަންދު އިންޑިއާ މީހާ
03 January 2025
6 މިލިޔަން ޑޮލަރަށް 40 މަޖުލިސް މެންބަރުންނާއި 3 ގޭންގު ގަނެލެވޭނެ ކަމަށް އެމީހުންގެ ބުއްދި ގަބޫލު ކުރިއަސް ދިވެހިންނެއް ޤަބޫލެއް ނުކުރާނެ. 6 މިލިޔަން ޑޮލަރ އަކީ 100 މިލިޔަން ވަރަށް ދިވެހި ރުފިޔާ. ރޯޝަނީ މަގުގައި ގާއަޅަން އެކަނި ވެސް 450 މިލިޔަން ދިވެހި ރުފިޔާ ޚަދަރު ކުރި. ޔަހޫދީން ހިންގާ ޕޯޓްތަކުގެ ބޭނުމަކީ ފިތުނަފަސާދު އުފެއްދުން.
ހަލީމަތު
03 January 2025
ބަލަ މިކޮޅުން އަންގާގޮތަކަށްނު އެމީހުން ރިޕޯޓް ހަދަންޖެހޭނީ.
ވސނ
03 January 2025
ތިކަމަކީ އެމެރިކާމީހުން ރާއްޖެ ބުރިކުހާދިމާލަށް ހިނގައިދާނެެތީވެ ޖަހަންއުޅުނު އަބެއް. މިސަރުކާރުގެ ޕުރޮޕަގެންޑާ ޓީމަށް ލިބުނު ފުރުސަތެއް. އިންޑިޔާއާއިދުރުވެގެން ރާއްޖޭގެ ކެއުންބުއިމުގެ ކަންތައްކުރުމަކީ ޚާއްޞަކޮށް މިހާރު ފަރުނުޖެއްސޭނެކަމެއްކަންވެސް ވިސްނޭނީ މަދުބަޔަކަށް. އިންޑިޔާއިން އެންމެލަތްކެއް ޖަހައިލިޔަސް އަހަރުމެންގެ ދިރުއުޅުމުގެޚަރަދު ރޮކެޓެއްހެން މައްޗަށްއަރާނެ. މިކަން ގަބޫލުކުރާނީ ވިސްނައޮ ފިކުރުކުރާބަޔަކަށް. އާދެމަސާހިބުންނަކަށްނޫން.
ހަސަންބެއްޔާ
03 January 2025
ކޮބާ ހީވޭ ކަމެއްހެން؟ ދެން އެންމެ ފަހުން ސަރުކާރުންވެސް އަމިއްލައަށް ތިޔަ ވޮޝިންގްޓަން ޕޯސްޓުގައި ޖެހި ރިޕޯޓު ދޮގުކުރާނެ. މިއީ މިސަރުކާރުގެ ބޭފުޅުންގެ ފެންވަރަކީ.