ރިޕޯޓް / މީހުން

ގިނަ ޕީއެޗްޑީތަކާ އެކު ފަހުރުވެރި އާއިލާ؛ މިއީ އޮގަރު ފާއިޒާގެ ހުވަފެން

އޮގަރު ފާއިޒާގެ ބޭފުޅުން. އޭނާގެ ހަ ބޭފުޅުންގެ ތެރެއިން ތިން ބޭފުޅަކު ވަނީ ޕީއެޗްޑީ ނިންމަވާފައި.

އުފަން ދަރިންނެއް ނޫނެވެ. އެކަމަކު އަލީ އަބްދުﷲ ގަބޫލު ކުރައްވަނީ އޮގަރު ފާއިޒާ އަލީއާ ކައިވެނި ކުރެއްވިއިރު ތިއްބެވި ހަ ބޭފުޅުންނަކީ އޭނާގެ ފަހުރު ކަމަށެވެ. ސްކޫލު މަރުހަލާއިން ފެށިގެން މަތީ ތައުލީމާ ހަމައަށް ކިޔަވައި ކާމިޔާބީތައް ހޯއްދެވިއިރު ހިތްވަރު ދެއްވައި، އުފާވެރި ކަރުނައާ އެކު އެ މަންޒަރުތައް ބައްލަވަން ހުންނެވީ ދޮންބައްޕަ ނުވަތަ އެ އާއިލާގެ ބައްޕަ އެވެ.

ފާއިޒާ ނިޔާވިތާ މި އަހަރުގެ މާޗު މަހު 12 އަހަރު ފުރުނަސް، އެ އާއިލާގެ އިސް ތަނބުގެ ގޮތުގައި އަދިވެސް ބަލަނީ އައްޑޫ ހިތަދު އަށް އުފަން އަލީ އަބްދުﷲ، 67، އެވެ. އެއް އާއިލާއަކުން ގިނަ ޕީއެޗްޑީ ހަދާފައިވާ މި އާއިލާގެ ފަރާތުން އޭނާ ވާހަކަ ދެއްކެވީ އެހެންވެ އެވެ. އާއިލާގެ ބޭފުޅުން ވެސް މި އިންޓަވިއު ދެއްވަން ދެއްކެވީ އަލީ އަބްދުﷲ އެވެ.

ކުދިންގެ އެ ކާމިޔާބީގެ ވާހަކަ ދެއްކެވިއިރު، އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހުނެވެ. އެ ކުދިންނާ މެދު އޭނާ ފަހުރުވެރިވެވަޑައިގަންނަވަ އެވެ. އެކި ވަޒީފާތަކުގައި، ފާއިޒާ އާއި އޭނާގެ ބޭފުޅުން، ދައުލަތަށް ހިދުމަތް ކުރައްވައި ކާމިޔާބީ ހޯއްދަވާ ތަން ފެނިވަޑައިގަތުމަށް ވުރެ ބޮޑު އުފަލެއް ނެތެވެ.

އެ އާއިލާގައި މިހާތަނަށް، ހަ ބޭފުޅަކު ވަނީ ޕީއެޗްޑީ ފުރިހަމަ ކުރައްވައިފަ އެވެ. މިހާރު ވެސް ދެ ބޭފުޅަކު އަންނަނީ ޕީއެޗްޑީ އަށް ކިޔަވައި ވިދާޅުވަމުންނެވެ.

"ދަރިން ކިޔަވައި ކުރިއަށް ދިއުމަކީ ފާއިޒާ އަބަދު ދެކެމުން ދިޔަ ހުވަފެނެއް،" އަލީ އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޒުވާން ދުވަސްވަރު ފާއިޒާ އަށް ކިޔަވައި ވިދާޅުވުމުގެ ފުރުސަތު ލިބިވަޑައިނުގަތަސް އޭނާ އެ ބޭފުޅުންނާ މެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރެއްވި ކަމަށެވެ. އެ ކުދިންނަކީ އެންމެ މޮޅަށް ކިޔަވައިގެން ތިއްބެވި ބޭފުޅުންނަށް ހެއްދެވުމަކީ އޭނާގެ ހުވަފެނެކެވެ.

އޭރު، އަލީ އަބްދުﷲގެ ކުރީގެ ތިން ކައިވެނީގެ ތެރެއިން ދެ ކައިވެންޏަކަށް ލިިބިވަޑައިގެންނެވި ތިން ކުދިންނާއި ފާއިޒާގެ ކުރީގެ ކައިވެންޏަށް ލިބިވަޑައިގެންނެވި ހަ ކުދިންނާ އެކު، އެކުގައި އުޅުއްވީ ދަތި ހާލުގަ އެވެ.

އޮގަރު ފާއިޒާ އަދި އަލީ އަބްދުﷲ. ދެ ބޭފުޅުން ކައިވެނި ކުރެއްވިއިރު، ކުރީގެ ކައިވެނިތަކަށް ބޭފުޅުން ތިއްބަސް އެ ހުރިހާ ބޭފުޅުން ބެއްލެވީ އަމިއްލަ ކުދިންގެ ގޮތުގައި.

"އަބަދުވެސް ކިޔަވަން ބޭނުންވެފައި ހުންނަނީ. އެކަމަކު ކުދިން ކިޔަވާއިރު އެކަން ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ. އެއީ ކުދިން ބަރާބަރަށް ސްކޫލު ތަންތަނަށް ފޮނުވައި، އެކަންތައް ކުރަމުން ކިޔަވަން ވީމާ އެއީ އުނދަގޫ ކަމަކަށް ވާނީ. އެހެންވެ، ފާއިޒާ ގަސްދުކުރީ އެ ކުދިން ކިޔަވައި ނިމުނީމާ ކިޔަވަން. އެ ކުދިން ކިޔަވައި ނިމުނީމާ އެ ކިޔެވީ،" އަލީ އަބްދުﷲ ވިދާޅުވި އެވެ.

ކުދިން ކިޔަވައި ވިދާޅުވެ ނިންމެވުމުން، ފާއިޒާ ވަނީ ގުރުއާން ޓީޗިން ހައްދަވައި އިސްކަންދަރު ސްކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އާމްދަނީ ހޯދޭނެ އިތުރު އަދި ގިނަ ގޮތްތަކެއް ނެތަސް، އުޅުއްވަން ޖެހިވަޑައިގެންނެވި ކޮންމެ ހާލެއްގައި ފާއިޒާ އޭނާގެ ބޭފުޅުންނަށް ކިޔަވައި ދެއްވަން ބޭނުންވި ކަމަށް އަލީ އަބްދުﷲ ވިދާޅުވި އެވެ.

ފުރަތަމަ ޕީއެޗްޑީ، މަހްމޫދު ޝައުގީ

ފާއިޒާ ދަރިންނަށްޓަކައި ކުރެއްވި މަސައްކަތުގެ ފޮނިމީރުކަން ފެންނަން ފެށީ، އެޑިއުކޭޝަން މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި މިހާރު އެމްއެންޔޫގެ ޗާންސެލަރުގެ މަގާމުގައި ހުންނެވި ޑރ. މަހުމޫދު ޝައުގީގެ ޕީއެޗްޑީއާ އެކުގަ ގަ އެވެ. އެއީ، އެ އާއިލާގެ އެންމެ ފުރަތަމަ ޕީއެޗްޑީ އެވެ. އޭގެ ފަހުން، އާއިލާއިން ފަހަރަކު ބޭފުޅަކު ޕީއެޗްޑީ ނިންމެވި އެވެ.

އޯ ލެވެލް ނިންމެވުމަށް ފަހު، ޑރ. މަހުމޫދު ޝައުގީއަށް ކެނެޑާއިން ކޯސް ލިބިވަޑައިގަތީ އެސްޓީއޯގައި ވަޒީފާ އަދާކުރައްވަނިކޮށެވެ. ފުރަތަމަ ޑިގްރީ ނިންމެވުމާ އެކު، ފާއިޒާ އެދިވަަޑައިގަތީ، ކިޔަވައި ވިދާޅުވެވޭނެ އެންމެ މައްޗަށް ކިޔެވުން ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށެވެ.

"ކިޔެވޭނެ އެންމެ މޮޅަށް، އެންމެ މައްޗަށް ކިޔަވައިގެން ނޫނީ ރާއްޖެ އަނބުރާ ނާންނައްޗޭ. އޭނާ އެ ތަނުގައި ހުއްޓާ މާސްޓާސް ނިންމި ފަހުން ދިވެހި ސަރުކާރުން އޭނާ [މަހުމޫދު] ކައިރީގައި އެދުނީ ރާއްޖެ އަންނަން. އެކަމަކު ވެސް ފާއިޒާ އޭނާ ކައިރީގައި ބުނީ ނޫނެކޭ، އަންނާނެ ކަމެއް ނެތޭ، ޕީއެޗްޑީ ނިންމައިގެން އަންނާށޭ. ރަައީސް މައުމޫން ވެސް ވަރަށް ހެޔޮފުޅު. އެ ފުރުސަތު ދެއްވައިފި، ދެއްވީމަ އެ ކޮޅުގައި ޕީއެޗްޑީ ނިންމީ. ގާތްގަނޑަކަށް 11 އަހަރު ނޫނީ 12 އަހަރު އެ ކޮޅުގައި ހޭދަކުރި،" އަލީ އަބްދުﷲ ވިދާޅުވި އެވެ.

އަލީ އަބްދުﷲ، މިދިޔަ މަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނުވަދިހައިގެ ފަހުކޮޅު ޑރ. މައުމޫދު ޝައުގީ ޕީއެޗްޑީ ފުރިހަމަ ކުރައްވައި ރާއްޖެ ވަޑައިގެން ފުރަތަމަ މަސައްކަތް ކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން އެ މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރެއްވި އެވެ. މިނިސްޓަރުކަން ލިބިވަޑައިގަތީ ނައިބުގެ މަގާމު ވެސް ފުރުއްވި ފަހުންނެވެ.

ދެވަނަ އަށް ޕީއެޗްޑީ ނިންމެވީ ޑރ. ފަރުޒާނާ ޝައުގީ އެވެ. ސްޕީޗު ތެރަޕީގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރެއްވުމާ އެކު، އޭނާ ވެވަޑައިގަތީ އެ ދާއިރާއިން ޕީއެޗްޑީ ހެއްދެވި ފުރަތަމަ ބޭފުޅާ އަށެވެ.

އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު އަދި ފާތިމަތު ޝައުގީގެ ފިރިކަލުން، ޑރ. އަލީ ފަވާޒު ޝަރީފް ހަޔާ އެޑިއުކޭޝަންގެ ރޮނގުން ކިޔެވުން ފުރިހަމަކުރެއްވި އެވެ. ޑރ. މަހުމޫދު ޝައުގީގެ ދޮށީ އަނބިކަނބަލުން ފާތުމަތު ތައުފީގު ވެސް ޕީއެޗްޑީއަށް ކިޔަވައި ވިދާޅުވި އެވެ.

އެ އާއިލާއިން ދެން ޕީއެޗްޑީ ފުރިހަމަކުރެއްވީ ޑރ. މަހުމޫދު ޝައުގީގެ ދޮށީ ފިރިހެން ދަރިފުޅު އަބްދުއްރަހްމާން ޝައުގީ އެވެ. މީގެ ހައެއްކަ އަހަރު ކުރިން، އުމުރުން 26 ވަރަކަށް އަހަރުގައި އިލެކްޓްރިކަލް އިންޖީނިއަރިން ކިޔަވައި ނިންމެވީ ރާއްޖޭގެ އެންމެ ޒުވާން ޕީއެޗްޑީ ހޯލްޑަރުގެ ފަހުރާއެކުގަ އެވެ.

އެންމެ ފަހުން، މިދިޔަ ނޮވެމްބަރު ޕީއެޗްޑީ ނިންމައި ގްރޭޖުއޭޓްވީ ޑރ. ފާތުންނެވެ.

އެ ބޭފުޅުންނަށް ފަހު އެންމެ އަވަހަށް ދެން ޕީއެޗްޑީ ފުރިހަމަ ކުރައްވާނީ، އަލީ އަބްދުﷲގެ އަންހެން ދަރިފުޅު، ރައުފާ އަލީގެ ފިރިކަލުން އަދި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އަދި ޑރ. މަހުމޫދު ޝައުގީގެ ހަގު އަނބިކަނބަލުންނެވެ. ޝުޖާއުގެ ޕީއެޗްޑީ ތީސިސް ނިންމެވުމަށް ފަހު ވަނީ ހުށަހަޅުއްވައިފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު އަދި ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި މަރިޔަމް ޝައުގީ ވެސް އޭނާގެ ބޭފުޅުން ކިޔަވައި ވިދާޅުވުމުން ޕީއެޗްޑީ ހެއްދެވުމުގެ ވިސްނުން އެބަހުއްޓެވެ.

ފާއިޒާގެ އާއިލާއިން އެންމެ ފަހުން ޕީއެޗްޑީ ނިންމެވި ފާތުމަތު ޝައުގީ، މިދިޔަ މަހު ބޭއްވި ގްރެޖުއޭޝަނަށްފަހު އޭނާގެ ފިރިކަލުން ޑރ. ފަވާޒާ އެކު.

ޕީއެޗްޑީއެއް ނެތަސް، އެކި ބަސްތަކަށް ފަރިތަ އޮގަރު އިބްރާހިމް ވަހީދަކީ ވެސް، އަލީ އަބްދުﷲ ވިދާޅުވާ ގޮތުން ޕީއެޗްޑީއަކަށް ވަކި ދޫކުރައްވާނެ ބޭފުޅެއް ނޫނެވެ. ފާއިޒާގެ ހަގު ދަރިކަނބަލުން، އައިޝަތު ޝަރޫނާ ޝައުގީއަކީ ސައިރިކްސް ކޮލެޖުގެ ވައިސް ޗެއާމަނެވެ. އޭނާ ވަނީ މަތީ ތައުލީމުގެ މެނޭޖްމަންޓުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފަ އެވެ.

"ކުދިންގެ ކިޔެވުމުގައި އަޅުގަނޑުގެ ފަރާތުން ދޭން ޖެހޭ އެއްބާރުލުމެއް ވިއްޔާ ދެން. އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭ ކަމެއް ނޯންނާނެ. ކިޔެވުމުގެ ކަންތަކަކީ ފާއިޒާގެ ވަރަށް ބުރަ، މިންނެތް މަސައްކަތް. އެއީ ފާއިޒާގެ ޑްރީމެއް، ފާއިޒާގެ ހުރިހާ ކުދިން އެ ފެންވަރަށް ކިޔެވުން. އަބަދުވެސް ކުދިން ކައިރި ބުނަމުން ދިޔަ ކަމެއް،" އަލީ އަބްދުﷲ ވިދާޅުވި އެވެ. "އެ ކުދިން އެ ތިބީ އެ ކުދިންގެ މަންމަގެ ޑްރީމް ހަގީގަތަކަށް ހަދައިދީފައި. އެ ކުދިން ހަމަ ކިޔަވާ ހިތުން ކިޔެވީ. މީހަކު މާ ބޮޑު ކަމެއް ކޮށްދޭކަށް ނުޖެހޭ. އެ މީހުން އެއަށްވުރެ މާ ބޮޑަށް އޭގެ ތެރޭގައި އުޅުނީ."

އުފަން ދަރިންނެއް ނޫން، އެކަމަކު ހުސް ދަރިން

އިނގިރޭސި ސިފައިން އައްޑޫން ފައިބައިގެން ދިއުމާ އެކު، ވަޒީފާ ހޯއްދަވަން އަލީ އަބްދުﷲގެ އާއިލާ މާލެ ބަދަލުވި އެވެ. ފާއިޒާއާ، އަލީ އަބްދުﷲ ދިމާވީ، އެ ގޭގައި ކުއްޔަށް އުޅުއްވަން ފެއްޓެވި ހިސާބުންނެވެ. އޭރު ވެސް އެ ކުދިންނާ ގުޅުން ބޮޑެވެ. ފާއިޒާގެ ފިރިމީހާ ނިޔާވުމުން އޭނާ ވެސް ހުސްކޮށް ހުންނެވުމާއި އެ ބޭފުޅުންނަށް މަންމައެއް ހޯދައިދިނުމުގެ ބޭނުމުގައި، އުމުރުގެ ކިތަންމެ ބޮޑު ފަރަގެއް ހުއްޓަސް ކައިވެނި ކުރެއްވީ އެވެ. ދެ ބޭފުޅުން ކައިވެނި ކުރެއްވި އިރު 15 އަހަރުގެ ތަފާތެއް ހުއްޓެވެ.

"އެ ކުދިންނަށް އުފާ ލިބޭ ކޮންމެ ކަމަކީ އަޅުގަނޑަށް ވެސް އުފާ ލިބޭ ކަމެއް. އެގޮތަށް އަޅުގަނޑުމެން ދިރިއުޅެމުން ދިޔައީ އަދި އަޅުގަނޑުގެ ތިން ދަރިން މާލެ ގެނެސްގެން ގެންގުޅުނުއިރު ވެސް ހަމަ [ފާއިޒާގެ] ކުދިންނާ އެއްވެސް ތަފާތެއް ނެތް. އެ ކުދިން ވެސް ދެކެނީ [އަލީ އަބްދުﷲގެ ކުދިންނަކީ] އެއްބަނޑުއެއްބަފާ ކުދިން ގޮތަށް. އެ ގޮތަށް އަޅުގަނޑުމެން ދިރިއުޅެމުން އައީ."

ފާއިޒާއާ ކައިވެނި ކުރެއްވިއިރު، އަލީ އަބްދުﷲގެ ދޮށީ ކުއްޖާއަށް ހަ އަހަރެވެ. ދެން ހުންނެވީ ފަސް އަހަރާއި ތިން އަހަރުގެ ފިރިހެން ކުއްޖެކެވެ.

ޑރ. މަހުމޫދު ޝައުގީ، އޭނާގެ ދެ ބޭފުޅުންނާއެކު: ޑރ. ޝައުގީގެ ދޮށީ ފިރިހެން ދަރިފުޅަކީ އެންމެ ޒުވާން އުމުރުގައި ޕީއެޗްޑީ ފުރިހަމަކުރެއްވި ބޭފުޅާ.

"އެ ކުދިން ގުޅުން ވަރަށް ރަނގަޅު ހަމަ. ވަރަށް ގުޅުން ބޮޑު. އެ ގުޅުން އަދިއަދަށް ވެސް ދެމިގެން ދަނީ އެއްބަނޑު އެއްބަފާ ކުދިންގެ ގޮތުގައި. އަޅުގަނޑުގެ އެ ކުދިންނެކޭ [ފާއިޒާގެ] އެ ކުދިންނެކޭ އެއްވެސް ތަފާތެއް ނެތް. އުޅޭ އުޅުމަކުން ވެސް ނޭނގޭނެ. ގިނަ މީހުންނަކަށް ނޭނގޭނެ އަޅުގަނޑުގެ އަންހެން ދަރިފުޅަކީ ފާއިޒާގެ ކުއްޖެއް ނޫން ކަމެއް. އެހާ ގާތްކޮށް އުޅޭނީ،" އަލީ އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި، ދޮންބައްޕައިންނާއި ދޮންމަންމައިންނާއި ކުދިންނާ އެކު އޮންނަ ގުޅުން ހީނަރުވަނީ، ކަންކުރެވޭ ގޮތުންނެވެ. އޭނާ އާއި ފާއިޒާ ބެއްލެވީ އެއްވެސް ކުއްޖަކާ މެދު ތަފާތު ކުރުމެއް ނުގެންގުޅުމަށެވެ. ބޮޑު އެ އާއިލާ ތަފާތުވަނީ، އެ ދެމަފިރިންގެ ހިތްވަރުންނެވެ.

އަލީ އަބްދުﷲގެ އަންހެން ދަރިފުޅު، ރައުފާ އަލީ، އޭނާގެ ދޮންމަންމައަށް އޮތް ލޯބި އެނގެނީ ފާއިޒާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް "ފާއިޒާސް ޑްރީމް ކޭކް"ގެ ނަމުގައި ކުރައްވާ މަސައްކަތުންނެވެ.

އަލީ އަބްދުﷲގެ ހަޔާތުގައި ވަރަށް ބޮޑު ހިތްދަތިކަމެއް އެއްފަހަރާ ކުރިމަތިވި އެވެ. އެއީ ބައްޕަ ނިޔާވިތާ 10 ދުވަސް ފަހުން ލޯބިވާ އަނބިމީހާ ފާއިޒާގެ ވަކިވުމެވެ. އެކަމުން އަރައިގަނެވި، މީގެ 12 ވަރަކަށް އަހަރު ކުރިން އެހެން ބޭފުޅަކާ ކައިވެނި ކުރައްވައި، އަލީ އަބްދުﷲ ދިރިއުޅެމުން އަންނަނީ ހުޅުމާލޭގަ އެވެ. ހިޔާ ފްލެޓުން ލިބުނު އެޕާޓްމަންޓު އެއްކޮށް ހަދައި ނިމެންދެން އޭނާ ދިރިއުޅުއްވީ ފާއިޒާގެ ގޭގަ އެވެ. އަމިއްލަ އެޕާޓްމަންޓުގައި މުށިޖަހައި އެ ތަނަށް ބޭނުންވާ ތަކެތި ހޯއްދަވައި ދެއްވީ ވެސް ކުދިންނެވެ.

އަލީ އަބްދުﷲ، މިިދިޔަ މަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ..-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުދިން އަބަދު ވެސް ބުނާނެ ފާއިޒާއާ އެއްކޮށް އުޅުނުއިރު ބައްޕަ އަދި އިތުރު ކައިވެންޏެއް ކުރަންވީ ނޫންހޭ. އެކަމަކު، އަޅުގަނޑު ދެން އެކަން ނުކުރަން. އެހެން ހުއްޓާ، ފާއިޒާ ނިޔާވި ފަހުން ރަށަށް ގޮސް ހުއްޓާ ދިމާވި މީހަކާ ކައިވެނިކޮށްގެން މި އުޅެނީ. ފާއިޒާގެ ކުދިން ވެސް ވަރަށް ގަބޫލުވެގެން މި ކައިވެނި ކުރީ. އެ ކުދިންނާ، މިހާރުގެ އަންހެނުންނާ ވެސް ވަރަށް ގާތްކޮށް އުޅެނީ،" މެލޭޝިޔާގައި ދިރިއުޅުއްވާ އަލީ އަބްދުﷲގެ ބޭފުޅުން ހާލު ބެއްލެވުމަށް، އެ ތަނުގައި ހަފުތާއެއް މަޑުކުރެއްވުމަށް ފަހު، މިދިޔަ މަހު މާލެ ވަޑައިގެން ދެއްވި އިންޓަވިއުގައި އަލީ އަބްދުﷲ ވިދާޅުވި އެވެ.

ފާއިޒާގެ ވަކިވުމާ އެކު 30 އަހަރުގެ ކައިވެނީގައި ސިއްކަ ޖެހުނަސް، އެ އާއިލާގެ އިސްވެރިއަކީ އަދިވެސް އަލީ އަބްދުﷲ އެވެ. އަދި ޒިންމާދާރު މަގާމުތަކުގައި ތިއްބަސް، އާއިލީ ގުޅުން ބަދަހިކުރަން މިހާރު ވެސް މާލޭގައި ދޭތެރެދޭތެރެއިން އެއްވެލަން ސައިތައް ބާއްވަވަ އެވެ. ކަމެއް ދިމާވެއްޖެ ނަމަ އާއިލާއާ އެންމެ ގާތުގައި ހުންނަވަ އެވެ.

"އެއިން ކުއްޖަކު ބަލިވެގެން ވެސް އަޅުގަނޑު އިންޑިއާގައި އުޅުނިން ވަރަށް ދުވަހު. މިހާރު ވެސް ކުއްޖަކަށް ކަމެއް ދިމާވެއްޖިއްޔާ އަޅުގަނޑު ހުންނާނަން. ކުރިން ރެއަކު އަޅުގަނޑުގެ އަންހެން ދަރިފުޅު ބަލިވެގެން އައިޖީއެމްއެޗްގައި އެޑްމިޓުކުރީމާ ހުރިހާ ކުދިން ދިޔަ ހާލު ބަލަން. އަޅުގަނޑަށް އެނގުނީ މާ ފަހުން،" އަލީ އަބްދުﷲ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފާވޭ ހަމަ. އަޅުގަނޑު ދެކެނީ އެއީ ހަމަ އަޅުގަނޑުގެ އުފަން ދަރިންގެ ގޮތުގައި. އެ ކުދިންނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އެއީ އަޅުގަނޑަށް ލިބޭ ކާމިޔާބީއަކަށް މި ބަލަނީ. އޭގެ ފަހުރު އަޅުގަނޑަށް ލިބޭ. އަޅުގަނޑު އެ ޝަރަފު ލިބިގަންނަން. އަޅުގަނޑު ހަމަ ވަރަށް ޕްރައުޑް ފީލްވޭ،" އައިޓީ ދާއިރާ އަށް ފަރިތަ އަލީ އަބްދުﷲ، ފެންކަޅިވެ ހުންނަވައި ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވި އެވެ.

އޭނާގެ އެންމެ އުފާވެރި ހަނދާނަކީ ވެސް ހުރިހާ ކުދިން ކިޔަވައި ނިމި، އެއްކޮށް އުޅުއްވަން ފެއްޓެވި ހިސާބެވެ. އެ ދުވަސްވަރު ގޭތެރެއިން އިވުނު ހުނުމުގެ އަޑު މިހާރު ވެސް އިވެ އެވެ.

28 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 2%
icon angry icon angry 6%
icon wow icon wow 2%
icon inlove icon inlove 69%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފިނރުޓޭ

06 January 2025

ވަރަށް އުފާވޭ މި ކަހަލަ ލިޔުންތައް ކިޔާލީމަ! ހަމަ އައްސަރިބަހާ ސާބަހޭ ބުނެލެވޭނީ ފާއިޒާއަށާއި ފާއިޒާގެ އާއިލާގެ ހުރިހާ ބޭފުޅުންނަށްވެސް!

The name is already taken The name is available. Register?

އޮގަރު ވަޙީދުގެ ފޭން އެއް

06 January 2025

އޮގަރު ވަހީދުގެ އަޑަކީ ވަރަށް އަހާހިތްވާ ރީ އޮމާން އަޑެކެވެ. ކޮންމެ ބަހަކުން ވާހަކަ ދެއްކެވިޔަސް ވެހެވެ. އޮގަރު ވަޙީދު ގެ އަޑު އެއްވެސް ދިމާލަކުން ނީވޭތީ ޤައުމުގައި ފަޅުކަމެއް އެބަ ވެއެވެ.

The name is already taken The name is available. Register?

ހައްޕު

06 January 2025

ތިޔައީ ތެދެއް. ރާއްޖޭގެ މީހަކު , ޕީ.އެޗް.ޑީ އަކަށް ވާކަހަލަ ޕީ.އެޗް.ޑީ އެއް ހެއްދެވީ ޕްރޮފެސަރ ޙަސަން އުޤައިލް. ދިވެހިން އެންމެ ލަދުގަންނަންޖެހޭ ޕީ.އެޗް.ޑީ ހެއްދެވި ބޭފުޅާ މިހާރު އެންމެ މަތިފަޑީގަ އެހުންނެވީ.

The name is already taken The name is available. Register?

ހައްޕު

06 January 2025

އައްޑޫ މީދޫގައި ކަޒިންސް ނޫން ބަޔަކު ތިބޭތަ!

The name is already taken The name is available. Register?

ޖަޒާ

06 January 2025

މީން ވެސް ފެންނަނީ އައްޑުއަތޮޅަށް ނިސްބަތްވާ މީހެއްގެ ހިތްވަރާއި މަސައްކަތް! އެއީ އަލީ އަބްދުﷲ!

The name is already taken The name is available. Register?

މީދޫ ކަލޯ

06 January 2025

ސ.މީދޫގައި 07 ޕީއެޗްޑީ ހޮލްޑަރުން އެބަތިއްބެވި 1- ޑރ.މުނައްވަރު 2- ޑރ.އަންވަރު 3-ޑރ.ޝީމާ ސައިދު 4-ޑރ.ސިމާދު ސައިދު 5-ޑރ.އަބްދުއް اللَّهْٰ ސޯދިގް 6- ޑރ އިބްރާހިމް މުހައްމަދު ލިސްޓްްގެ 1- 5 އަކީ ހުސް ކަޒިންސް ޢިނގޭތޯ.

The name is already taken The name is available. Register?

ސސސސސ

06 January 2025

ހިނގާ ރަނގަޅުކޮށްލަމާ 1. ޑރ ޢަހުމަދު އަންވަރު 2- ޑރ މުހައްމަދު މުނައްވަރު 3 ޑރ ޢަބުދުﷲ ޒަމީރު ހަސަންކާރީގެ ސ.މީދޫ

The name is already taken The name is available. Register?

ކޮބާ ޑރ. އޮނަރަބްލް އަފީފު ދީދީ؟

06 January 2025

އެ ޑޮކްޓަރ މޮޅުކަމުން ނޭނގޭ ހަމަ އެއްކަމެއް ވެސް ނޯންނާނެ އެވެ.

The name is already taken The name is available. Register?

މުޑަހަންޖާ

05 January 2025

މިފަހަކަށްއައިސް "އޮންދަ ޕާކިން ޒޯނު ކޮންޑިޝަން ނިއާ ހެންވޭރު ކާނިވާ ސްޓޭޖު ސަރަހައްދު"، ނުވަތަ "އެން އެނަލަސިން އޮފް ރ.ފައިނު ސްކޫލު ހިސްޓްރިކަލް ހެރިޓޭޖު އެންޑް ޕީޓީއޭ ޕީޕަލްސް"، މިކަހަލަ ޒާތްޒާތުގެ ކަރާޓީ ސުރުހީގަ ކޫސަނި މަޒުމޫނު ލިޔެގެން ދިޔާމާ ރާއްޖޭގައި ޕީއެޗުޑީ ދޭތޯ ބެލުމަށްވުރެބޮޑަށް އަހަރެމެން މިވަގުތު މިބަލަނީ ޑޮލަރު މާރުކުރުމަށް އެގެނައި ބަދަލާއި ގުޅިގެން ޑޮލަރު ތާށިކަމަށް އެއްވެސް ބަދަލެއް އެބައާދޭތޯ.

The name is already taken The name is available. Register?

މައްކުބޭ

05 January 2025

ޕީއެޗްޑީ އެއް ހެދުމުން ފައިދާއެއްވާނީ އެ ހެދި ޕީއެޗްޑީ އަކީ ޔުނިވަރސިޓީ ތަކުގަ ރިފެރެންސް އަށް ބޭނުންކުރެވޭވަރު ގެ އެއްޗެއްނަމަ، ހީކުރަން މިބޭފުޅުން ގެ ޕީއެޗްޑީތަކަކީވެސް ދިރާސާ ކުރާ ފަރާތްތަކުން މި ޕީއެޗްޑީ ގެ ހޯދުންތައް ބޭނުންކުރެވޭރަު އެއްޗެއްކަމަށް. ދައުލަތުގެ ފައިސާއިން ހަދާ ވަރަށް ގިނަ ޕީއެޗްޑީތަކަކީ ޓެކްސް ދައްކާ ފަރާތްތަކަށް އޮތް އިތުރު ގޮންޖެހުމެއް!

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

05 January 2025

އޮގަރޭ ބުނީމާ އަބަދުވަސް ހިތަށްއަންނަނީ އޮގަރު ވަހީދު. ވަހީދަކީ ވަރަށް ހިތްހެޔޮ މީހެއް. އޭނާއަކީ އިނގިރޭސިން ވާހަކަދައްކަންޏާ އިނގިރޭސިއެއް. އަރަބިން ވާހަކަދައްކަންޏާ އަރަތްބެއް. ދިވެހިން ވާހަކަދައްކަންޏާ ދިވެއްސެއް.

The name is already taken The name is available. Register?

އައިމިނާ

05 January 2025

ފާއިޒާ އަށް ހެޔޮރަޙްމަތް ލައްވާށި.

The name is already taken The name is available. Register?

ަދަރިވަރު

05 January 2025

އާމީން. އެއީ ޤުރުއާން ޓީޗަރެއް އޭރު އިސްކަނދަރުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454