ފުލުހުންގެ ފްލެޓްތައް: އަވަސް މައްސަލައެއްގެ ގޮތުގައި ޕޮލިސް ފްލެޓު މައްސަލަ އޭސީސީން ދަނީ ބަލަމުން.
28 ޖެނުއަރީ 2025 - 11:16
ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި ފްލެޓު އިމާރާތްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮޑިޓާ ޖެނަރަލްގެ އޮފީހުން ނެރުނު އޮޑިޓު ރިޕޯޓުގައި ބުނީ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށެވެ.
އެ ރިޕޯޓުގައިވާ ގޮތުން މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާ އެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރު މަތިން ބޮޑެތި ބަދަލުތައް ގެނެސްފައިވެ އެވެ. ކޮންޓްރެކްޓަރުން ނިންމާ މަސައްކަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އެ މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ނުވަތަ ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ މަގްސަދު ކަންކަން ކޮށްފައިވާ ކަމަށް ބެލެވޭތީ އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އޭސީސީ އާއި އެހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ވެސް އޮޑިޓުގައި ލަފާ ދީފައިވެ އެވެ.
އެ މައްސަލާގައި އޭސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަަމަށެވެ. އެއީ ބަލަމުންދާ މައްސަލައަކަށްވާތީ ތަފްސީލު ދޭން އުނދަގޫ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަން އަވަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް ވަނީ އޭސީސީން ހިންގާ ތަހުގީގުތައް ލަސްވަމުންދާ ކަމުގެ ޝަކުވާ ލިބޭތީ އެ ކޮމިޝަންގެ ތަހުގީގުތައް އަވަސްކުރަން އަމުރެއް ނެރުއްވައިފަ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ މަޝްރޫއުގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމާއި ކޮންޓްރެކްޓަރަށް ސީދާ ފައިދާވާ ގޮތަށް އަދި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެކަންކަން ކުރިއަށް ދިޔައިރު ޕޮލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބި ފަރާތްތަކާއި އިސްވެރިން، އެކަމުގައި ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާތީ އެ ފަރާތްތައް ޒިންމާކުރުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިން، އެންމެ ފުރަތަމަ ހަވާލުކުރީ ނޫމަޑި ކިޔާ ކުންފުންޏަކަށެވެ. އޭރު ރާއްޖޭގައި ހަރަކާތްތެރިވަމުން އައި ނޫމަޑިއާ ހަވާލުކޮށްގެން އެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނޫމަޑިން ކޮންޓްރެކްޓަ ފައިނޭންސް ކުރާ އުސޫލުންނެވެ. އެކަމަކު ސިޔާސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާއި ފައިސާގެ ދަތިކަމާ ހެދި ނޫމަޑީގެ އެގްރިމެންޓް ޖެނުއަރީ 27، 2016 ގައި ބާތިލް ކުރި އެވެ.
ދެން އެ މަޝްރޫއު ހިންގާފައި ވަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މަޝްރޫއު އިތުރަށް ކުރިއަށް ނުގެންދެވުމުން އެއްބަސްވުން އުވާލީ އެވެ. އޭގެ ފަހުން އެ ފްލެޓްތަކުގެ މަސައްކަތްކުރީ އަަމިން ކޮންސްޓްރަކްޝަނުންނެވެ. އެކަމަކު 2022 ގައި އެ މަޝްރޫއު އެއްކޮށް ނިންމަން އޮތަސް ފަހުން ނިންމީ މުއްދަތު އިތުރުކޮށްދީގެންނެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތް ކުރި ތިން ކޮޓަރީގެ 361 ފްލެޓުގައި މިދިޔަ އަހަރުން ފެށިގެން ފުލުހުން އަންނަނީ ދިރިއުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާޖާ
28 January 2025
ތިޔައީ ކޮންމެހެން މައްސަލަ ބަލާކަށް ނޫން. އެތަންތާ ދިރިއުޅޭ މީހުންނަށް އަރާ ފައިބަން އެންމެ ލިފްޓެއް ލައިގެން ދެދުވަހުން 1 ދުވަހު އެލިފްޓްވެސް ހަލާކުވެ 22 ވަނަ ބުރިއަަށް ހިގާފަ އަރަން އުދަގޫވެގެން އެޓަވަރުތަކުގައި މިހާރު ދިރިއުޅޭ މީހުންްތައް ޝަކުވާކޮށް ރުޅިގަދަވެގެން އުޅޭތީ މަންތިރިއެއް އަނބުރާލީ ކަމަށްވާނީ. މައްސަލާގަ މުގޫ ހުރީ ގައުމު އަތަށް ކަހާލާގެން ތަހުތަށްއަރާ
މެންގްރޫވް
28 January 2025
ތަހުޤީގުކޮށް ބަލަންވީ ތިޔަ އިމާރާތް އެޅުމުގެ ތެރޭގައި ހިންގާފައިހުރި ޖަރީމާތައް އެކަންޏެއް ނޫން. ނުހައްގުން ތިތަނުން ފުލުހުންގެ ވެރިން ފްލެޓާއި ޕެންޓްހައުސް ހޯދިގޮތްވެސް ބަލާފަ ރައްޔިތުންނަށް ހާމަކޮށް ފިޔަވަޅުތައް އަޅަންވީ. ވިޔަފާރި ކުންފުނި ހަދައިގެން އުޅެނީ ވިޔަފާރިއާއިގެން. ޙިދުމަތް ހަމަ ސުމެއް.
ޒަރީރު
28 January 2025
ފްލެޓް ބެހިއިރު ޕޮއިންޓް ދިން އުސޫލް ހަދާފަ އޮތީވެސް ވަރަށް ބޮޑަށް ބޭއިންސާފުން، ވެރިންނަށް ގިނަޕޮއިންޓް ދިނުމުގެ ގޮތުން ކޮންމެ ރޭންކަކަށް ޕޮއިންޓް ލިބޭގޮތަށް. އެހެން ހެދީމަ ގިނަދުވަހު ޚިދުމަތްކުރި އަދި ގިނަ ދަރިން ތިބި މީހުންނަށް ފްލެޓް ލިބުމުން މަހުރޫމުވި.
ކަމަ
28 January 2025
ސިފައިންގެ ފުލެޓްތައްވެސް ހިމަނަންޖެހޭ
ޙައްގު
28 January 2025
ސިފައިންގެ ފްލެޓްތައްވެސް އޮޑިޓެއް ހެދުން ރަގަނޅު! އެއްމައްޒަރެއް ފެންނާނީ! މީގައި ތަފާުތުވީގޮތަކީ މިދިޔަ ދައުރުގައި މިދެތަނުގެ މިކަން ކުރަން ޙަވާލުވެތިބި ފަރާތްތަކާއެކު ވެވިފައިވާ އެއްބަސްވުން އުވާލާ އާބަޔަކަށް ޙަވާލުކުރަން ލިބުނު ފުރުސަތުގައި ސިފައިން ރަގަނޅު ބަޔަކާ ޙަވާލުކޮށް ފެންވަރު ރަގަނޅުކޮށް ފްލެޓް ނިންމާލީ! ފުލުހުން ހެދިގޮތަކީ އަދިވެސް ކުރިން "ކަމުން" އައިގޮތަށް ކާންދިމާކޮށް ޕްރޮޖެކްޓް ބައިބައިކޮށް ދެ ބަޔަކާ ޙަވާލުކުރީ! ނުނިމޭ އަދިވެސް!
އެލޮކޮސް
28 January 2025
ސަރުކާރުގެ މުއައްސަސާތަކުން ކުންފުނިހަދައިގެން ތީ ޖަހާ ބޮޑު ސަކަރާތެއް. ކަމެއް ރަގަޅަށް ނުކުރެވި ހުރިހާކަމެއް ބޮއްސުނަލާފަ. ތިހިރުހާ ކުންފުނިތައް އުވާލާ!
ހުސްނުބާނޫ
28 January 2025
ސަރުކާރުން ވިޔަފާރީގެ ތެރެއަށް ވަންވަރަކަށް ތިކަންތައް އިތުރުވާނެ. ސަރުކާރު ޖެހޭނީ ވިޔަފާރިއާއި ދުރަށްދާން. އެތެރޭގެ އިގުތިސޯދު ކުރިއަރާނީ އޭރުން.
އަލްސް
28 January 2025
މިހެންވެގެން ދޯ އިދިކޮޅު މާ އެކްޓިވޭޓް ވެގެން މިއުޅެނީ. ޕިކަޕެއްވެސް ނެރިއްޖެ މިހާރު. އަނެއްކާ މިކަން ނުނިމެނީސް ސަރުކާރު ވައްޓާލާނެކަމަށް ބެލެވެނީ.
ކޯޑިނޭޓަަރ
28 January 2025
ފުލުހުންގެ އަދި ސިފައިންގެ މުއައްސަސާ އޮތީ ޒަމާނުއްސުރެ ކޮރަޕްޓްވެ ފުޅަ އަޅާފައި. ސަރ ގެ ގެއަށް މަސް ގެނެދީ ބަޒާރުކޮށް ދީ ހަދާ ކުދިން އަދި ވެސް މިދެ މުއައްސަސާގައި އެބަ އުޅޭ.
ޢަހްމަދ
28 January 2025
ތީ ޕޮލްކޯއިން ކޮށްފަ އޮތް އެންމެ ކަމެއް ބެލީމަ ފެންނަން އޮތް މަންޒަރު. ޕޮލްކޯއިން ކޮށްފައޮތް ހުރިހާ ކަމެއްގަވެސް ފެންނާނީ ކަމަ ތިމަންޒަރު. ކަންކަން ހުއްޓުވުމުގެ ނިޔަތުގަ ބަލަންޏާ ބަލަންވީ މުޅި ޕޮލްކޯ އޮޑިޓު ކޮށްފަ ހުރިހާ ކަމެއް.
ހާނިމް ދީދީ
28 January 2025
ލާރިގަނޑު ކާލައިގެން ފިލީ ، ދެން ހޯދާނީ ހިމާޔަތް ، އެތާ އުޅޭ މީހުން މިޖެހެނީ ލިފްޓް ނުލައިގެން ތަކްލީފުގައި އުޅޭން ، މުޅިބިލްޑިންގ ގައި ހުންނަނީ އެންމެ 06 މީހުންނަށް ކިރިޔާ އެރޭ ވަރުގެ ލިފްޓެއް، ހަދަން ފަށާފައި ލާރި ހުސްވެގެން މިހާރު ހުރީ ހުއްޓާލާފައި ، ރައްޔިތުން ނިކަމެތި ވެގެން ދަނީ މިކަހަލަ ހިޔާނާތްތެރިވާ މީހުން ކީއްވެ ފޮޓޯ އާންމު ނުކުރެވޭންވީ، ނަންހާމަ ނުކުރެވޭންވީ އަދަބު ނުދެވޭންވީ