ތިލަމާލެ ބްރިޖު ހަދަން ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރުމަތީގައި: މި ޕްލެޓްފޯމް ފަރަށް އަރައިގެން ކުރި ބޮޑު ޖޫރިމަނާގެ ފައިސާ އަދިވެސް ދައުލަތަށް ނުލިބޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
10 ފެބުރުއަރީ 2025 - 13:51
ތިމާވެށްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މައްސަލާގައި، އެފަދަ ވިޔަފާރިތައް ހުއްޓުވަން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ފަށަން ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެ ކޮމިޓީއަށް މި ހުށަހެޅުން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމެވެ. އޭނާ ވަނީ ތިން ކަމެއް ކޮމިޓީއަށް ހުށަހަޅުއްވައިފަ އެވެ. އެއީ؛
• ޓްރާންސްޕޯޓް މިނިސްޓްރީގެ ވެރިން ކޮމިޓީއަށް ހާޒިރުކުރުން.
• ވިޔަފާރިތައް ހުއްޓުވަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިކޮނޮމިކް މިނިސްޓްރީއާ އެއްވެސް މަޝްވަރާއެއް ކޮށްފައިވޭތޯ ބެލުން.
• އެފަދަ ވިޔަފާރިތައް ހުއްޓުވޭނެ ގޮތެއް އޮތްތޯ ބަލައި މަޝްވަރާ ކުރުމާއި އެކަން ކުރެވޭނެނަމަ ސިޓީއަކުން އެންގުން.
ކޮމިޓީގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ އެގޮތަށް ފާސްކޮށްފަ އެވެ.
މުސްތަފާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ޖެހެނީ ރާއްޖޭގެ ސަރަހައްދުގައި އުޅޭ ބައެއް އުޅަނދުތައް ގަވާއިދާ ހިލާފަށް އޮޕަރޭޓްކުރާ މައްސަލަ އާއި މިފަދަ އުޅަނދުތައް ހުއްޓުވުމަށް ގާނޫނުތަކުން ދަށުން ހަދަން ޖެހޭ ގަވާއިދުތައް މިނިސްޓްރީން ހަދާފައި ނުވާތީ ކަމަށެވެ.
"ކީއްވެތޯ މިއަށް [އުޅަނދުތަކުން ޖޫރިމަނާ ނުދައްކާ ނަމަ އަޅާނެ ފިޔަވަޅުގެ] ގަވާއިދެއް ނުހެދިގެން މި އުޅެނީ،" އޭނާ ސުވާލު ކުރެއްވި އެވެ.
މުސްތަފާ ވިދާޅުވީ ތިމާވެށީގެ ޖޫރިމަނާތަކުން ނުލިބޭ ފައިސާ ހޯދަން، އެ މީހުންގެ ވިޔަފާރިތައް ހުއްޓާލެވޭނެ ގޮތެއް އޮތްތޯ ބެލުމަކީ ކުރެވިދާނެ ކަމެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ކުރިން އެ ކޮމިޓީގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެ މިނިސްޓްރީ އާއި އީޕީއޭ އަށް ގާނޫނީ ގޮތުން ކުރެވޭނެ ކަމަކަށް ނުވާތީ، އެކަން ކުރަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމާވެށީގެ ޖޫރިމަނާތައް ނުލިބޭ މައްސަލާގައި އީޕީއޭ އާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އިސްވެރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ އެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
އީޕީއޭ އިން އެ ކޮމިޓީގައި އޭރު ބުނި ގޮތުގައި ތިމާވެއްޓަށް ގެއްލުން ދިނުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބި ދިގުލައިގެން ދާއިރު، އެ ފައިސާ ހޯދުމަށް ކޯޓަށް ދިއުމުގެ ބާރު އެ އެޖެންސީ އަށް ނެތުމަކީ އެ ފައިސާ ހޯދުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
އޭޖީ އޮފީހުން ބުނީ ރާއްޖޭގެ ފަރުތަކަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާ ކުރުމުން އެ ފައިސާ ނުދައްކާ ރާއްޖެއިން ބޭރަށް ފުރައިގެންދާ މައްސަލަ ވޭތުވެދިޔަ ތިން އަހަރު ވަރަށް ބޮޑަށް ދިމާވަމުންދާ ކަމަށެވެ.
ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭކަން އީޕީއޭ އިން މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
10 February 2025
ވިޔަފާރިތަށް ހުއްޓުވާ ބަގުރޫޓު ކޮށްލުމުން ޖުރިމާނާ ފައިސާ ނުލިބޭނެ. އޭގެ ބަދަލުގަ އެފަދް ކުންފުނިތަކުގެ އެކައުންޓުތަކަށް ވަންނަ ދައިސާ އިން ބައެއް ނަގަމުން ދާންވީ ޖުރިމާނާ ހަމަވަންދެން. ފައިސާއެއް ނުލިބޭނަމަ ބިޔަފާރި ހުއްޓުވާފް މުދާ ވިއްކުން އޯކޭ.
ޛސޖސިު
10 February 2025
ދިވެހި ކުލާހަކަށް ދާންވީނު؟
ޚސކދ
10 February 2025
އެހެން ކަމަކާ އުޅޭ
އިހްސާސް
10 February 2025
ވިލިގިލި މާލެ ބުރިޖު ހުއްޓުވޭނެބާ؟
މިއައު
10 February 2025
މޮހަން މުއްތާގެ ވަރަށް ސަލާން. މިތިބީ ބަލަން ކުރަން ކެރޭ ވަރު
ސަންތިި
10 February 2025
ނެކުސްޓު ޖޯކު ޕުލީޒް.
ޟީހަން
10 February 2025
މޯހަންމުތާ ހުއްޓުވަން ކެރޭނެ މީހަކު މިރާއްޖެ އަކު ނުހުންނާނެ! ޑަށުނަދަމާ ކުލެން ނިކަން މޮޅުވާނެ
ބަރުދާސްތު
10 February 2025
ކޮބާހޭ އެފްކޮން އިން ވިލިނގިލި ފަރަށް ދިން ގެއްލުމުގެ ބަދަލު، އެމީހުން ވިޔަފާރި ހުއްޓާފަ ބޭރުކޮށް ކަން ކަން ކުރެވޭ ބަޔަކާ ހަވާލުކޮށްބަލަ.
މަބުނީ
10 February 2025
އިންދިއާ ކުންފުނިތައް ގިނައީ. ހުއްޓުވާފަ ބޭރުކުރޭ. ބުރިޖެއްވެސް އެޅުނީނޫން. އަދިވެސް ދައްކަނީ ބަހަނާ.
ސުންބުލި
10 February 2025
ނުކުރެވޭވަރު ކަންތައްތަކުގެ ވާހަކަ ނުދައްކާށެވެ. މުޅި ގައުމު މިއޮތީ އިންޑިއާގެ އެމްއެމްއެއްގެ އަތްދަށުވެ ހިރިނުލެވޭވަރު ވެފައެވެ. ސަރުކާރަށް ނުދައްކާ އެތައް ޖުރިމަނާއެއް އޮތްއިރު ސަރުކާރުގަވެސް އަމިއްލަ ކުންފުންޏެއްގައިވެސް މިމީހުންގެ ބައިނޭޅި، ދަށުނުވެހުރި ހަރު މީހަކު މަދުވާނެއެވެ. ސަރުކާރު ކޮންމެ ބޮޑު ޕްރޮޖެކްޓެއްގައި ކޮންމެވެސް ނަމެއްގައި މިމީހުން ނުހިމެނި ނުދެއެވެ.
އަހުމަދުބޭ
10 February 2025
ތިމާވެށީގެ ޖޫރިމަނާ ފުރަތަމަ ޖެހެނީ މުރާޖާކުރަން، ޖޫރިމަނާތަށް ހުންނަންޖެހޭނީ ބަޔަކަށް ކުޅަދާނަވަރަކަށް 100 މިލައަނުން 500 މިލިއަނުން ޖޫރިމަނާތަށް ހުރުމުން މިއިނގުނު އެއްޗަކީ މިއީ ހަމަ ކަރުދާހުގައި ލިޔެލެވޭ އަދަދެއްކަން، އޭގެ ބަދަލްގައި ބަޔަކަށް ދެއްކޭވަރުގެ އަދަދު ތަކަކަށް ބަދަލް ކުރުމުން ހުރިހައި ގޮތަކުން މަގުސަދު ހާސިލްވާނެ އަދި ދައުލަތަށް އާމްދަނީ ލިބޭނެ، މިހާރު މިލިބެނީ ކޯއްޗެއްތޯ