ރިޕޯޓް / ރަމަޟާން 2025 މީހުން

ކުއްލިއަކަށް ބިކަވެ ދަރިފުޅުގެ އިންތިޒާރުގައި

29 މާޗް 2025 - 09:09

10 comments

އެންދަމަށް މ. އަތޮޅަށް ގޮސް އޮތް ދޯނީގެ ފާހާނާގައި އޭނާ ހުރީ ވަރަށް ހަމަޖެހިލައިގެން ފެންވަރާށެވެ. ކުއްލިއަކަށް ކަނާތާއި އެއް ފައިން ވާގި ދޫވެ ފާހާނާތެރެއަށް ވެއްޓުނީ އެވެ.

އަލީ ނަސީރު (އައްޔަ) އޭނާގެ އުފަން ރަށް ދ. މާއެނބޫދޫގައި ބިނާކުރަމުން ދިޔަ އުފާވެރި، ތަނަވަސް ދިރިއުޅުން އެ ހިސާބުން ހުއްޓުނީ އެވެ. އުމުރުން 46 އަހަރުގައި އޭނާއަށް ޖެހުނީ ސްޓްރޯކެކެވެ.

އޭގެ ކުރިން އައްޔައަކީ ސޮނެވާ ގިލީގައި ރޫމްބޯއީއަކަށް އުޅުނު މީހެކެވެ. ރަނގަޅު އާމްދަނީއަކާ އެކު އުޅުނީ އުފާވެރި، ހިތްހަމަޖެހޭ ވަރުގެ ދިރިއުޅުމެކެވެ.

އިންޑިއާ މީހަކާ ކައިވެނި ކޮށްގެން، މިހާރު އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރިއިރު ރިސޯޓުން ލިބޭ ކޮންމެ ޗުއްޓީއެއްގައި އޭރު އާއިލާގެ ގާތަށް ގޮސް އުޅުނެވެ. އަނބިދަރިންގެ ހަރަދުތައް ފަސޭހަކަމާ އެކު ބަލަހައްޓަމުން ދިޔަ އެވެ. އައްޔަ އަކީ އޭނާގެ އާއިލާގެ އެންމެ ހަގު މީހާއަށް ވިޔަސް ޒިންމާދަރުކަމާ އެކު އެ އާއިލާ އަށް ވެސް އަޅާލުން ދިނެވެ.

މި ދިރިއުޅުން އިތުރަށް ފުރިހަމަކުރުމަށް، މެދުނުކެނޑި ރިސޯޓުގައި 15 އަހަރު އަދާކުރި ވަޒީފާ ދޫކޮށްލައި ރަށަށް ބަދަލުވީ ދެ މިލިއަން ރުފިޔާގެ ލޯނެއް ނަގައި، ބޮޑު މަސްދޯންޏެއް ބަނދެ އެ ދުއްވަމުންނެވެ. އައްޔަގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހުނީ އޭގެ ތިން އަހަރެއްހާ ދުވަސް ފަހުންނެވެ.

"މަހަށް ގޮސް ހުއްޓާ ފާހަނަ ތެރެއަށް ވެއްޓުނީ [ސްޓްރޯކެއް] ޖެހިގެން. ޖެހުނު ގޮތަށް ހޭ ނެތުނީ. ނޭނގޭ ކިތައް ދުވަސް ކަމެއް ހޮސްޕިޓަލުގައި ވެސް. އެ ހިސާބުން މުޅި ދިރިއުޅުން ބަދަލުވަނީ. ދަރި އާއި އަންހެނުންނާ ގެއްލި،" މީގެ ހަ އަހަރު ކުރިން ޖެހުނު ސްޓްރޯކުގައި ހަޔާތް ބަދަލުވި ގޮތުގެ ވާހަކަ އޭނާ ފެށީ ވެސް ރޮމުންނެވެ.

"ދެން އެ ހިސާބުން ހުރިހާ ރައްޓެހިން ވެސް ގެއްލި. މިހާރު ވަރަށް ހާލުގައި މި އުޅެނީ،"

ސްޓްރޯކަށް އައިޖީއެމްއެޗުގައި ދިން ފަރުވާއަށް ފަހު، އޭނާ އިތުރު ކުރިއެރުން ލިބޭތޯ ތެޔޮ ދެމުން ފަދަ އެކި ފަރުވާތައް ވެސް ހޯދި އެވެ. ފަހުން ރަށުގައި ދުވަސްތަކެއް ވަންދެން ހުރުމަށް ފަހު، އިންޑިއާ އަށް ގެންގޮސްގެން ވެސް ފަރުވާކުރި އެވެ. އެކަމަކު އަވަހަށް، ރަނގަޅު ފަރުވާއެއް ނުދެވި ހުރުމުގެ ސަބަބުން، ހިނގައި އުޅުމުގައި އޭނާ އަށް ވަރަށް އުނދަގުލެވެ.

"ނިލަންދޫގައި ތެޔޮ ދެމިން. ދެން އައިސް [މާއެނބޫދޫގައި] މޫދަށް އެރުނީ. އިންޑިއާގައި ވެސް ދެތިން މަސް ދުވަސް ވަންދެން ފަތްޕިލާވެލީގެ ބޭސް ކުރީ. ކޮށްގެންވީ ވަރު މިއީ،" ހަ މަސް ދުވަސް ވަންދެން ދިން ފަރުވާތައް އޭނާ ކިޔައިދިނެވެ.

"އެއްފަޅި އެއްކޮށް ވާގި ދިޔައީ. ހިނގައި އުޅެވޭ ގޮތަކަށް މިހާރު. އެކަމަކު އިތުރު ކަމެއް ނެތް."

އައްޔަ ބުނިގޮތުގައި ސްޓްރޯކް ޖެހުމުގެ ކުރިން އޭނާގެ ހަކުރާއި ލޭ މަތިކަން އެނގިފައިވެ އެވެ.

"ރިސޯޓުގައި އުޅުނުއިރު ސިނގިރޭޓު ބުއިން. އާދައިގެ ގޮތަކަށް ސައި ކޮފީ އޮންނާނެ ދެން. ހަމަ ޓައްކިޔާފައި ޖެހުނީ. އޭރު ހަކުރާއި ލެޔާއި ހުރީ މަތީގައި. އެކަން އެނގޭ. އެހެން ހުއްޓާ ދޯނީގައި ހުއްޓާ ހަމަ ޖެހުނީ."

އައްޔަ ބުނީ ސްޓްރޯކް ޖެހުނު ވަގުތު އަތާއި ފައިގެ ބާރު ދޫވެ ވެއްޓުނުކަން އެނގޭ ކަމަށާއި އެ ވަގުތު ހަޅޭއްލަވައިގެންފައި ފާހާނާގެ ދޮރުގެ ތަޅުގައި ހިފާލެވުނުކަން އެނގޭ ކަމަށެވެ. ދެން އޭގެ ފަހުން ވީ އެއްވެސް ކަމެއް ނޭނގެ އެވެ.

އެކަމަކު އެ ހުރިހާ ކަމަކަށް ވުރެ އައްޔަގެ ހިތްދަތިކަމަކީ ބަލިވިތާ ކުރީކޮޅު އެންމެންގެ ފަރާތުން ލިބުނު އޯގާތެރިކަމާއި އަޅާލުން މިހާރު ނުލިބުމެވެ. އެ ހިތްދަތިކަމުގައި އޭނާ ގުނަން ޖެހޭ ދުވަސްތައް އިތުރުވެ، މަޑުމަޑުން މީހުންގެ ލޯބި ފަނޑުވީ އެވެ.

"ދެން ގިނަ ދުވަސް ވަންޏާ މީހުން ވެސް އޮޓޮއިން ބަދަލުވޭދޯ. އެގޮތަށް ގޮސް އަޅާލާ މީހުން ހަމަ އެއްކޮށް ގޮސް މަދުވެއްޖެ،" އުމުރުން މިހާރު 52 އަހަރުގެ އަލީ ބުންޏެވެ.

"އެއް ބަޔަކު ވިސްނީ ނުކުޅެދޭ މީހެއްގެ ހާލުގައި މީނަ އޮންނާނީއޭ. ވާނުވާ ނޭނގި ހޮސްޕިޓަލުގައި ތިބީ. އަނެއް ބަޔަކު ވިސްނާނީ މީނަ ދެން މި ދިޔައީއޭތާ."

އަލީގެ ހަޔާތަށް އައި ބޮޑު ރާޅާ އެކު އޭނާއަށް އާމްދަނީ ލިބޭނެ ގޮތްތައް ހުސްވެއްޖެ އެވެ. ދުއްވަމުން އައި ދޯނީގެ މަސައްކަތްކުރާނެ އާއިލާ މީހަކު ނެތި ދޯނި ފަޅުގައި އޮވެ ވީރާނާ ވަނީ އެވެ. އެއިން އާމްދަނީ ލިބޭނެ ގޮތެއް ނެތެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ 3،000ރ. އޭނާ އަށް ވެސް ލިބެ އެވެ. އިންޑިއާގައި ހުރި ދަރިފުޅު ނާސިން ކިޔަވަމުން ދާއިރު އެ ހުރިހާ ފައިސާއެއް ފޮނުވަނީ ދަރިފުޅަށެވެ. އެކަމަކު އެއިން 200 ޑޮލަރު ވެސް ހަމައެއް ނުވެ އެވެ.

އަލީ ނަސީރު "މިހާރު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އައްޔަ ބުނީ ސަރުކާރުން ދޭ ފައިސާ އިތުރުކޮށްދޭން އެދި ހުށަހެޅި ކަމަށާއި އެކަމަކު އޭނާގެ ބެލެނިވެރިންގެ ގޮތުގައި ފޯމުގައި ޖެހި ދެ މީހުން ވެސް ޖަވާބެއް ނުދީގެން އެ ފޯމު ރިޖެކްޓް ވެފައިވާ ކަމަށް ވަނީ އަންގައިފަ އެވެ.

ރިސޯޓުގައި މަސައްކަތްކުރި ދުވަސްވަރު އައްޔަ އެއްކުރި ފައިސާ އާއި ސުނާމީގައި ގެއްލުންވި އާއިލާތަކަށް ދިން ފައިސާގެ އިތުރުން އޭނާގެ ބައްޕަގެ ފައިސާގައި، އެ މީހުން މާއެނބޫދޫގައި ދިރިއުޅޭ ގެ ހުރީ ރީއްޗަށް ދެ ބުރިއަށް ހަދައިފަ އެވެ. އައްޔަން ބުނީ އާއިލާގެ އެހެން މީހުންނަށް ގޯތި ލިބި ވަކިން އުޅެމުން އަޔަސް، ބައްޕަގެ ގޭގައި ހަދާފައި ހުރި ތަން ކުއްޔަށް ދީގެން ވެސް އާމްދަނީއެއް ލިބެން ނެތީ އެގޮތަށް އެންމެން އެއްބަސްނުވާތީ ކަމަށެވެ.

އައްޔަގެ އަނބިމީހާއަކީ ވެސް ތަނަވެސް މީހަކަށް ނުވާތީ އޭނާ ކައިރިއަށް އިންޑިއާ އަށް ގޮސްގެން ވެސް ބެލޭނެ ގޮތެއް ނެތެވެ. އެކަމަކު އޭނާގެ ދަރިފުޅު ކިޔަވައިނިމިގެން ރާއްޖެ އަށް އައިސް ވަޒީފާ އަދާކުރަން ހުންނާނެ ކަމަށް ބުނާތީ އައްޔަގެ ކުޑަނަމަވެސް އުންމީދެއް އެބަ އޮތެވެ.

އައްޔަ ބުނީ ހަޔާތުގައި އެންމެ އުނދަގޫ ވަގުތުގައި ވެސް ދެގޮތެއް ނުވެ ތިބީ ދެތިން ރައްޓެހިން ކަމަށެވެ.

އޭނާއަށް އާމްދަނީ ލިބޭނެ ގޮތެއް ހޯދައިދޭން އެ މީހުންގެ ގެއާ އިންވެެގެން ހުރި ކުޑަކުޑަ ތަންކޮޅެއްގެ ތެރޭގައި ކޮފީ އާއި ހެދިކާ ވިއްކޭނެ ގޮތެއް ހޯދައިދޭން އެ މީހުން އަންނަނީ މަސައްކަތް ކުރަމުންނެެވެ. އެއީ އެތަނުގައި އިނދެ އޭނާއަށް އެކަނި ކޮށްލެވޭނެ ކަމެކެވެ.

އަލީ ނަސީރަށް، އޭނާގެ ދެތިން ރައްޓެހިން ހަދައިދެމުންދާ ކޮފީ ވިއްކާ ތަނުގައި އޭނާ އިށީނދެލައިގެން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއީ ކުޑަ އާމްދަނީއެއްގެ އިތުރުން އައްޔަ އަށް ކުޑަ ކަސްރަތެއް ލިބޭނެ ކަމެއްގެ ގޮތުގައި ވިސްނައިގެން އެ މީހުން ކޮށްދޭ ކަމެކެވެ.

އަބަދު މަސައްކަތުގައި ހަރަކާތްތެރިކޮށް އުޅުނު އައްޔަަށް މިހާރު އޮތީ ފޫހި ދިރިއުޅުމެކެވެ. އެ ދެ ރައްޓެހިން ނެތް ނަމަ ކުރާނެ ކަމެއް ރަށުގައި ނޯވެ އެވެ. ވާހަކަ ދައްކާލައި ސަކަރާތް ޖަހާލާނެ މީހަކު ނެތެވެ. އެކަހަލަ ކޮންމެ ދުވަހަކު ކުޑަކޮށް ހިނގާލާފައި ދެން ގޮސް އޮވެވެނީ ހިތްދަތި ފިކުރެއްގެ ތެރޭގަ އެވެ.

"އެކަމަކު އެތަން [ކޮފީ ވިއްކާ ތަން] ހެދީމާ ރައްޓެހިން ވެސް އައިސް ދިމާވާނެތާ. ފައިސާ ވެސް ލިބޭނެތާ ކޮންމެވެސް ވަރަކަށް. ދެން އަހުމަދިއްޔާގައި ކިޔެވިއިރުގެ ރައްޓެއްސެއް ބުނި އޭނާ މިތަނަށް ބޭނުންވާ ބައެއް އެއްޗެހި ހޯދައިދޭނަމޭ." އެ ދެތިން ރައްޓެހިންނަށް ތައުރީފު ކުރަމުން އޭނާ ބުންޏެވެ.

މި އެކަނިވެރިކަމުގައި ވެސް އައްޔަ އަށް ލިބޭ ހިތްވަރަކީ އޭނާގެ ދަރިފުޅު އޭނާގެ ކައިރިއަށް އައުމެވެ. އެ ދުވަހެއް މިންވަރު ކުރައްވާތޯ އޭނާ ހުރީ އުންމީދުގަ އެވެ.

10 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 97%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފެކްޓް1

30 March 2025

ބައެއް ފަހަރު އަމިއްލަ ފެމިލީ އަށް ތުރެ ދުރުތާ ރައްޓެހުންވެސް މާހެޔޮ އެދޭނެ. އާއިލާ ކިޔަސް ނަފުރަތާ ހަސަދައިގެ ތެރެއިން އެއްބަނޑު މީހާ ވެސް އެއްބަނޑު އަށް ނުބަލާ ޒަމާން މީ ކަލޭނޭ.

The name is already taken The name is available. Register?

ސަމާ.

29 March 2025

އައްޔާއެވއ. ދެގޮތެއްނުވެ އެހީވި ރައްޓެހިންނާ ގާތްމީހުނާ ދުރުނުވެ ގުޅުން ދަމަހައްޓާ. ދޫކޮއްލާފަ ދިޔަ ރައްޜެހިން އެނބުރި އަޔަސް ގާތް ނުކުރޭ. ދޫކޮއްފަ ދިޔަ ތިމާގެ މިީހުންނާ ވާހަކަ ދައްކާ ވީވަރަކުން ހެޔޮކޮށް ހިތާ. ލޭގެ ގުޅުން ކެނޑުމަކީ ފާފައެއް. އެކަމަކު އެމީހުންނަކީ ކޮންބައެއްކަން ދަނެގެން އުޅޭ

The name is already taken The name is available. Register?

ޙާމް

29 March 2025

އާއިލާ މީހުން މިއީ މިހާރު ބޭނުން ބައެއް ނޫން. ހަޤީ ގަތަކީ އަނގަމަތީ ބަހަކަށް ބުނެއުޅޭ " އާއިލާ މީހުން ނަށް ވުރެ ރައްޓެހީން ވެސް މާ ރަގަނޅު" މި ބަހުގެ ތެދުކަން.

The name is already taken The name is available. Register?

ފަޅުމަސް

29 March 2025

ދަރިއާއި އަންހެނުން ގެއްލި ދިޔައޭ ބުނީމަ ކަމަކު ނުދޭ.. އަންހެނުން އެ ހުރީ، ދަރިއަށް ކިޔަވައި ދިނުމަށް އިންޑިޔާގައި.. ދަރި ކިޔަވައި ނިމިގެން ވަޒީފާއަށް އަންނާނަމޭ އެބަ ބުނޭ.. އެހެންވީމަ އެއީ ދަރިއާ އަންހެނުން ގެއްލުމެއް ނޫން.. އެ މީހުންވެސް އެ ވަނީ ޤުރުބާނީއެއް..

The name is already taken The name is available. Register?

ހަސަނާހާ

29 March 2025

ވަރަށް ދެރަ. ދުނިޔޭގެ އާދަ މީ.

The name is already taken The name is available. Register?

ކިއްލާ2222

29 March 2025

ސޯ ސޭޑް ! މޭ ގޯޑް ބުލެސް ހިމް!

The name is already taken The name is available. Register?

ހިފެހެއްޓުމެއްނެތްކަރުނަ

29 March 2025

އައްޔަގެ އުންމީދުގާ ކުލަޖެހުމީ އަހަރެންވެސް އެދޭ އެދުމެކެވެ. އެކަމަކު މިހާރު ކަންކަން ތިޔަދާގޮތުން އެކަމުގެ ކޮޅުމަތި މާ ސާފެއްނޫނެވެ. ދަރިޔަކުލިބި ދަރިޔަކު ބޮޑުވާއިރު ދަރިފުޅުގެ ލޯބި އޭގެ އިންތިހާއަށް ލިބެންވާނެއެވެ. ދަރިފުޅުގެ މަންމައަކީ ރަނގަޅު އިޚްލާސްތެރި، ފިރިމީހާއަށް އަޅާލާމީހަކަށްވީނަމަ، ކިތަންމެ ހާލުގާވެސް އައްޔައަށް ދަރިފުޅުގާތުގާ ހުރުމުގެ ނަސީބު ލިބުނީހެވެ. އައްޔައަށް ފައިސާ ލިބުނުއިރު އެމީހުނަށް އެހީތެރިވި މިންވަރު ހަނދާންނެތުން.....!

The name is already taken The name is available. Register?

ވޮޗްމޭން

29 March 2025

ބުނާނެ ދައްކާނެ އިތުރު ވާހަކަ އެއް ނެތް. މީ ގައުމުގެ ހާލަތު. އާއިލީ ގުޅެމެއް، އިޖުތިމާއީ ގުޅެމެއް، އަހުވަންތަ ކަމުގެ ގުޅުމެއް ނެތް. އެމީހަކާ އެމީހެއް. އުންމީދުކުރަނީ ދަރިފުޅު އެންބުރި އައިސް ބައްޕައަށް އެހީތެރިކަން ދޭނެ ކަމަށް.

The name is already taken The name is available. Register?

ޓިންކް

29 March 2025

2020 ވަނަ އަހަރު އިންސާނީޔަތުކަންނެތިގޮސް ދުނިޔޭގެ ދިރިއުޅުން އެހެން މިސްރާބަކަށް ބަދަލުކޮށްލައިފި. ޥިސްނާބަޔަކަށް މިކަމުން އިބްރަތްތަކެއް ލިބޭނެކަން ކަށަވަރު.!

The name is already taken The name is available. Register?

ލަބުޖީ

29 March 2025

ޕާޓީ ޕާޓޭން ގިނަވާނީ މިހާރު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454