ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް: އެސްޓީއޯ އިން ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ގާއިމުކުރަން ވަނީ ނިންމާފައި.
18 ފެބުރުއަރީ 2025 - 15:22
އާސަންދަ އިން ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އެސްޓީއޯ މެދުވެރިކޮށް ލިބެން ހުންނަ ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ގާއިމް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީން ހުށަހެޅި ކަރުދާހެއްގައި ބަޔާން ކޮށްފައިވާ ކަންކަމާ މެދު މަޝްވަރާކޮށް އެ އަށް އަމަލުކުރަން ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
އެ މަޝްވަރާތަކުގެ ތެރޭގައި ރައީސް ކަނޑައެޅުއްވީ ރާއްޖޭގައި ޕްރިސްކްރައިބް ކުރެވޭ ހުރިހާ ބޭހަކީ އާސަންދާގައި ރަޖިސްޓްރީ ކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.
ރައީސް ވަނީ ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުމާއި އެސްޓީއޯގެ ފާމަސީތަކުގައި ލިބެން ހުރި ބޭސްތައް މިހާރު ތައްޔާރު ކުރަމުން އަންނަ "ޑޭޝްބޯޑު" ޑޮކްޓަރުންނަށް ފެންނާނެ އިންތިޒާމެއް ހަމަޖެއްސުމާއި އެ ބަދަލަށް ޑޮކްޓަރުން އަހުލުވެރިކުރުވުމަށް ވެސް ނިންމަވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެފްރޫވްޑް ޑްރަގު ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މެދުނުކެނޑި އެސްޓީއޯގެ ފާމަސީތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އާސަންދަ އެމްޕެނަލްކޮށްފައިވާ ރާއްޖެއިން ބޭރު ހޮސްޕިޓަލުތައް މެދުވެރިކޮށް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޭނުންވާ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ އުސޫލުތަކުގެ ތެރެއިން އެސްްޓީއޯ އަށް އަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް ވެސް ނިންމެވި އެވެ.
އެކަމަށް ދާއިމީ ހައްލެއްގެ ގޮތުން، ބޭސް އުފައްދާ ފަރާތްތައް މެދުވެރިކޮށް އެސްޓީއޯ އިން ބޭސް ގެނެވޭނެ ނިޒާމެއް ގާއިމުކުރުމަށް ވެސް ރައީސް ކަނޑައެޅުއްވި އެވެ.
ރައީސް އޮފީހުން ބުނީ މާލޭގައި ގާއިމުކުރުމަށް ނިންމާފައިވާ 4 ޖީޕީ ކްލިނިކުން އެސްޓީއޯގެ ފާމަސީ މެދުވެރިކޮށް މެދުނުކެނޑި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އެ ނިޒާމު ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލުތަކުގައި ގާއިމުކުރުމާއި ރަށްރަށުން ލިބެން ނުހުންނަ ބޭސްތައް ބަލި މީހާގެ އެދުމުގެ މަތިން އެސްްޓީއޯ އިން ފޯރުކޮށްދޭނެ އިންތިޒާމެއް ހަމަޖެއްސުން ވެސް ހިމެނެ އެވެ.
ހެލްތު މިނިސްޓަރު ނާޒިމް މިދިޔަ އާދިއްތަ ދުވަހުގެ ކެބިނެޓުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ބޭރުން ބޭސް އެތެރެކުރުމަށް ކުރާ މަސައްކަތުގައި ފޮރިން މިނިސްޓްރީގެ ދައުރު އިތުރުކުރުމަށް ވެސް ރައީސް މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ މައްސަލަތައް ހެލްތު މިނިސްޓްރީއަށް ހުށަހެޅުމުން، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ލަސްވާ މައްސަލަ ހައްލުކުރުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ރައީސް އޮފީހުން ބުނީ އެސްޓީއޯ މެދުވެރިކޮށް އިންޕޭޝަންޓުންނަށް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އެތެރެ ކުރާ ކޮންމެ ބޭސް ގުޅައެއް ޓްރޭސް ކުރެވޭނެ ގޮތަށް، އެމްއެފްޑީއޭގައި ޑިޖިޓަލް ސިސްޓަމެއް ގާއިމުކުރުމާއި ބޭސް ސިޓީން ޕޭޝަންޓަށް ބޭހުގެ އެވެއިލަބިލިޓީ އަދި ހުރި ތަން އެނގޭނެ ގޮތް ފަހިކުރުން ވެސް މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ކަންކަން ތަންފީޒު ވުމުން، އާސަންދަ އިން ބޭސް ހޯދުމުގައި ރައްޔިތުންނަށް އެއްވެސް ދަތިކަމެއް، ތަކުލީފެއް ނެތި ބޭސް ހޯދޭނެ އެވެ.
ބައެއް ފަހަރު ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ވަކި ބްރޭންޑެއްގެ ބޭސް ލިޔެފައި ހުރުމުގެ ސަބަބުން ބޭސް ދޫކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާ ކަމަށް އެސްޓީއޯ އިން ވެސް ބުނެ އެވެ. އެކަމަކު ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި ވަކި ބްރޭންޑެއްގެ ސަބަބުން ބަލި މީހާއަށް އެލާޖީއެއް ކުރިމަވެދާނެ ހާލަތްތަކުގައި އެހެން ބްރޭންޑުތަކުގެ ބޭސްތައް ވެސް ދޭނެ އެވެ.
ބޭހާ ގުޅޭ ޝަކުވާތައް ބޮޑުވެ މި ފަހުން ވަނީ އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްޓީއޯ އާއި އާސަންދަ އާއި އެމްއެފްޑީއޭ އާއި ޑޮކްޓާސް ޔޫނިއަން އަދި މެޑިކަލް އެސޯސިއޭޝަން ހިމެނޭ ގޮތަށް ހުރިހާ މުއައްސަސާއެއް ބައިވެރިވާ ޖޮއިންޓް ކޮމިޓީއެއް އުފައްދަން ވެސް ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
19 February 2025
މިއުޅެނީ ޑޮކްޓަރުންނަށް ބޭސްނޭނގި ގެނެއްނޫން، ވޭތިވެދިޔަ އަހަރުތަކުގަވެސް ލިބުނު އާދައިގެ ބޭސްތަށްވެސް ނެތިގެން ނުލިބޭތީ؟. ތިޔަލިސްޓުން މިހާރު ޑޮކްޓަރުންނަށް ފެންނާނީވެސް ހުރިއެއްޗެއް އެއީ ޕެނަޑޯލް.
ޑރ ވާންޗޯ
19 February 2025
އާތްރައިޓިސްގެ ސަބަބުން ހުޅުތަކުގަ ރިއްސާމީހުން ބޭނުންކުރަމުންއައި ބޭހެއް، ކާޓިޕްލަސް، ނޫނީ ޖޮއިންޓޭސް ސްޕޯޓްސް. މީގެން އެކައްޗެއްވެސް މިހާރު ނުލިބޭ. ފާމަސީ އަކަށްދާއިރަށް ބުނަނީ އެސްޓީއޯއަށްދާށޭ. ކިހިނެއްތޯމިވަނީ؟.
ފިޔާޒް
19 February 2025
މެޑިކަލް މާފިޔާ ނައްތާލާ ރައްޔިތުންގެ އަތްފޯރާ ފަށުގައި ބޭސް ލިބޭނެ ގޮތްތައް ހަދާތީ ވަރަށް އުފާވޭ
މައުސޫމް
19 February 2025
އެސްޓިއޯއިން ރައީސް މުއިއްޒުގެ ވައުދުތައް ރަނުން ރަނަށް ފުއްދަވަން ތިކުރާ ބުރަ މަސައްކަތައް ޝުކުރު ހައްގު. ޝިމާދު އަކީ ހަގީގަތުގަވެސް މޮޅު އެމްޑީއެއް
އަހްމަދު ސަނީހް
19 February 2025
ހުރިހާ ކަމަކަށްވެސް ހައްލު ހޯދަމުން އަދުގެ ސަރުކާރުން މިދަނީ. މީ އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ކަންކަން. ނުބަލާ ހުރި ކަންކަން.
ބޭސް
19 February 2025
މިދެން ހާދަ ދެކޮލުނުޖެހޭ ކަންތައްކުރާ ބައެކޭ! ޑރ ދޭންޖެހެނީ ބަލިރަގަޅުކުރާ ބޭސްތަ ނޫނީ އެސްޓީއޯއިން ފޮނުވާ ލިސްޓުގައި ހުންނަ ބޭސްތަ! ހޮސްޕިޓާތަކުގެ ޑޮކްޓަރުން ކައިރިން އެއްމެފަހުގެ ބޭސްލިސްޓެއް ހޯދައިގެން އެލިސްޓަށް ބޭސް ގެނެސްބަލަ.
ސިއްބަތް އަޒީޒް
19 February 2025
މީ ސަރުކާރުން ކުރާނެ އެއްމެ މުހިއްމު އެއްކަމަށް ވާނެ. ސަބަބަކީ މީގެ ސަބަބުން ބޭސް ނުލިބިގެން ރައްޔިތުން ޝަކުވާ ނުކުރާނެ.
ފަރުވާ ފަހަތަށް
19 February 2025
އެސްޓީއޯގައި ކޮލަސްޓްރޯލް ބޭސް، ލޭ މައްޗަށްދާތީދޭ ބޭސް ވެސް ނުހުރޭ. ދެން ކޯޗެއްތޯ ޑޮކްޓާރުން ލިޔާނީ؟؟؟ ރަނގަޅުބޭސް ކުރިންވެސް ގެނަގޮތަކަށް މިހާރުވެސް ގެނެވޭނެ. އެގޮތަކަށް ގެނެސް ބަލަ ޕލޒ. ހުރިއެއްޗެއް ނުލިޔެ ރަނގަޅު ބޭސް ލިޔުނީމާ އެސްޓީއޯގައި ނެތަސް އޭޑީކޭއިންވެސް ގަނެވޭ. މާލޭ ހުރި މީހަކުލައްވާވެސް. ބަލަންޖެހޭނީ ލޔާބޭސް ލިބެން ހުރުމަށްވުރެ އެ ބައްޔަކަށް އެންމެ ރަނަގަޅު ބޭސް ފޯރުކޮށް ދިނުމަށް.މީގެކުރީސަރުކާރުތަކުންކިހިނެއްބާބޭސްހުސްނުކޮށްގެނައީ؟
ޑިއަރ މޭން
19 February 2025
ލިބެން ހުރި ބޭސްތައް ފެންނަގޮތެއްހެދީމަށްވުރެ ބޭނުންވާ ހުރިހާ ބޭހެއް ގެނައްޔާ މާރަނގަޅުވާނެ. އެންމެފަހުން ހުރިހާކަމަކަށް ޕެނެޑޯލްދޭ ހިސާބަށް ގޮސްފާނެ ތި ބަދަލާއެކު. އެއީ ހުރިއެއްޗެއްވިއްޔާ ދެވޭނީ. އެކަމަކު ދޮކްޓާރ ލިޔުނު ބޭސް ނުލިބިގެން އުޅޭކަށް ނުޖެހޭނެ. ޔޭސް. މީގެ ކުރިން ބޭސްތައް ލިބުނީ ކިހިނެއްހޭ އަހާލަންވީނު އިބޫމެންކައިރީ.
ޑޮކްޓަރު
19 February 2025
ޑޮކްޓަރުން ލިޔާ ބޭސްތައް ލިބޭނެގޮތް ހެދުމުގެ ބަދަލުގައި އެވަގުތު އަތުގައި ހުރި އެއްޗެއް ނޫނީ ޕްރިސްކްރައިބް ނުކުރެވޭ ގޮތް ހެދުންތޯ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަކީ؟ ސަޅި.
ޑޮކްޓަރ2
19 February 2025
ބައެެއް ފަހަރު ބޭރުން ބޭސް ގެންނަން ޖެހިދާނެ ދެއްތޯ. އެހެން ވީމާ ނެތް ބޭސް ވެސް ލިޔެވޭ ގޮތަށް ސިސްޓަމް ހުންނަންވާނެ ކަމަށް އަހަރެން ދެކެނީ. އަދި ހުރި ބޭސްތައް އެގެންޏާ ވަރަށް ފަސޭހަވާނެވެސްމެ!