އިއްޒުއްދީން ފާލަން ތަރައްގީކޮށް އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ
27 ފެބުރުއަރީ 2025 - 23:01
މާލޭގެ ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން ބާވެ ހަލާކުވެފައިވާތީ އެތަން އަލުން ހަދައި ރަސްމީކޮށް މިރޭ ހުޅުވައިފި އެވެ.
ފާލަން އަލުން ހުޅުވައިދެއްވީ މިރޭ އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރަސްމީ ފާލަމަކީ، ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ފިކުރު ބިނާކުރުން ހިމެނޭ ގޮތަށް، މި ސަރުކާރުގެ ގައުމީ ތަރައްގީގެ ސިޔާސަތާ ގުޅިލާމެހޭ ގޮތަށް ފަރުމާކޮށްފައިވާ ފާލަމެއް ކަމަށެވެ.
ފާލަން ފަރުމާކުރުމުގައި ދިވެހި ސަގާފަތާއި، ދިވެހީންގެ އަމިއްލަވަންތަކަން ދައްކުވައިދިނުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އާ ފާލަން ފަރުމާކޮށްފައިވަނީ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބޭނުންކުރެއްވި ރަސްމީ ފާލަމުގެ ފަރުމާއަށް ބަލައިގެންނެެވެ.
އަދި އެންމެ ފަހުން ރަސްކަންކުރެއްވި މުހައްމަދު ފަރީދު ދީދީގެ ތޮފިކޮޅު ސިފަވާފަދަ ނިޝާނެއް ވެސް ފަރުމާގައި ހިމަނާފައިވެ އެވެ.
އިއްޒުއްދީން ފާލަން ތަަރައްގީކޮށް އަލުން ހުޅުވައިދެއްވަނީ
މިރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ ޖުމްހޫރީ މައިދާނުގެ ފައްވާރާއި، އިއްޒުއްދީން ފާލަން އަދި ސަލްޓަން ޕާކު ހިމެނޭ ސަރަހައްދަކީ މާލޭގެ ރައްޔިތުންގެ ހިތްހަމަޖެހުމަށް އޮތް އެންމެ ބޮޑު އެއް ސަރަހައްދަށް ވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ސަރަހައްދު ތަރައްގީ ކުރަން ގެންގުޅުއްވާ ބައެއް ވިސްނުންތައް އެ މަނިކުފާނު ހާމަކުރެއްވި އެވެ.
އެގޮތުން ސަލްޓަން ޕާކު ތަރައްގީ ކުރުމާއި ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު އިއުލާން ކުރެއްވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ވެސް ރަސްމީ ފާލަން އަލުން ހެދި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރު ފާލަމުގެ ޑިޒައިން ހެދީ ރިޔަލެއްގެ ގޮތަށެވެ. ފާލަމުގެ ޑިޒައިން އެއްކޮށް ބަދަލުކޮށް، އެތަން ހުޅުވައި އިއްޒުއްދީން ފާލަމުގެ ނަން ދިނެވެ.
އެ ފާލަން ހުޅުވުމަށް ފަހު ދެ ފަހަރެއްގެ މަތިން އެތަން މަރާމާތުކުރި އެވެ. އެންމެ ފަހުން މަރާމާތުކުރީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ.
ނަމަވެސް އޭގެ ފަހުން މަރާމާތު ނުކޮށް ގިނަ ދުވަސް ވުމުން ފާލަމުގެ ދަގަނޑުތަކުގައި ދަބަރުޖަހައި އެ ތަން ހުރީ ބޮލަށް ވެއްޓޭ ހިސާބުގަ އެވެ. އެހެންވެ މި ސަރުކާރުން އެތަން މަރާމާތު ކުރަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އަހަރު މޭ މަހު އެވެ.
ފާލަން މަރާމާތުކުރަން 11.7 މިލިއަން ރުފިޔާ ހަރަދު ވާއިރު އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވި ގޮތުގައި، ބަދަލު ގެނެސް މަރާމާތު ކޮށްފައި ވަނީ ފާލަމުގެ މަތީބައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލީމާ
02 March 2025
11.7 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރި ބޭކާރު ޚަރަދެއް. މިއިން ކަޓަށް ދިޔައީ ކިހާވަރެއްބާ.
އަހުމަދުބޭ
02 March 2025
ތިތަން ދެން ބަލަހައްޓާނެ މެކޭނިޒަމެއް ގާއިމްކޮއްބަލަ ދާއިމަށް ތިއީވެސް ކޮންމެ 5 އަހަރަކުން ހަދަންޖެހޭތަނަކަށް ނަހަދަބަލަ؟
ފާލަން
01 March 2025
ފާލަމުގެ ފަރުމާގެ އިންސްޕިރޭޝަން ހިތްގައިމު.. އެހެން ނަމަވެސް ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި ހުށަހަލައިދިނުން ވަރަށް ފީކަޅާ. ކުލަތަކާއި ބޭނުންކޮށްފައިވާ މެޓީރިއަލްތައް ވަރަށް ފީކަޅާ.. އެއްވެސް ޒަމާނީ ކަމެއް ނެތް.. މިއަށްވުރެ މާ ބޮޑަށް ރަގަޅުވާންޖެހޭ.
އ
28 February 2025
ރައްޔަތުމީހާ އަރަން ޖެހެނީ ތޮށިގަނޑުގައި އެލިގަނެގެން ވެހޭހާ ވާރެއެއްގައި ދޭހާ އައްވެއްގައި..
ކަނު
28 February 2025
ކޮންމެ ރައީސަކު އައިސް ފާލަމާ އަޅާއިގަނެގެން މިއުޅެނީ ކީއްވެބާ؟ ދެއްކުންތެރިކަން ބޮޑު ކުރަން ކުރާކަމެއްހެންހީވަނީ! އިސްރާފު. 11 މިލިއަނުން ކުރަން ޖެހިފަ ހުރި އެތަށްކަމެއް އެބަހުރި!
އަޅި އަލީ
28 February 2025
ތިއީ ކޯއްޗެއް! ތިޔަށްވުރެ ރަނގަޅު 2 ބިހުގެ ބިސްގަނޑެއްވެސް! ޔާމީނު ހެދި ފެންވަރާއި ގާތް ވެސް ނުކުރެވެ! މެކުނު ފުމުނަކަށް ގާހަކަޔަކަށް ނުފުމެވޭނެ!
މުނާހު އަހުމަދު
28 February 2025
ޝުކުރިއްޔާ ސަހުލާން ގެ ބުރަ މަސައްކަތައް.
އޮނަރަބްލް އަފީފު ދީދީ
28 February 2025
މަދުދުވަސް ކޮޅެއްގެ ތެރޭގައި ދެން އޮތީ 18 ވަރަކަށް މިލިޔަން ރުފިޔާ ހަރަދު ކޮށްގެން ހެދި ފާލަން ތަޅާލާފައި ފާލަމާއި ގުޅިފައިވާ ފަޅު ހިއްކައިގެން 4 ލޭނަށް ދުވާ އަގުބޮޑު މަގެއް ހެދުން. ކ.މާލޭގައި ކަންކަން ކުރަން އެގިތިބެގެން ދައުލަތުގެ ޙަޒާނާގައި ހުރި ފައިސާ މިހެން އިސްރާފް ކުރާއިރު ރާއްޖޭގެ އެތައް ރަށެއްގެ ރައްޔިތުނަށް ދައުލަތުންދޭންޖެހޭ އަސާސީ ޙިދުމަތްދީފަައިނުވާކަން މާލޭސަރުކާރަށް އިގޭ. މިސާލަކަށް އައްޑޫސިޓީގެ ކަރަންޓްގެ ކަންކަން ބަލާލަމާ.
ތުއްތޮންބެ
28 February 2025
ރާއްޖެތެރޭން މާލެއަންނަ ބަލިމީހުންނާ އުމުރުން ދުވަސްވީމީހުންނާ އަދި ކުޑަކުދިންނަށް ވަކިއުސޫލެއްގެދަށުން ތިފާލަން އަރާފައިބަން ބޭނުންކުރެވޭނެގޮތް ހައްދަވައިދެއްވާނެކަމަށް އުއްމީދުކުރަން.
ފަހުދު.
28 February 2025
މިސަރުކާރުގެ ފުރަތަމަ މެގަ ޕޮރޮޖެކްޓު. ފާލަމެއް ހިޔާކޮއްލަން ދޮޅުއަހަރު. އެކަމް މަރުޚަބާ.