10 މާޗް 2025 - 09:02
ދ. ބަނޑިދޫ ހަދީޖާ ހުސައިންގެ ގެއަށް އަހަރެމެން މެންދުރެއްހާއިރު ވަތްއިރު ވެސް އޭނާ އިނީ ފޯނު އަތަށް ލައިގެން އޮންލައިން ކްލާހެއްގައި ބައިވެރިވެގެން ގުރުއާން އިތުރަށް ދަސްކުރާށެވެ. މަހެއްގެ މައްޗަށް 400ރ. ހޭދަކޮށްގެން، ގަޑިއިރެއްހާއިރުގެ އެ ކްލާހުން ވެސް ގުރުއާނުގެ ފިލާވަޅުތައް އިތުރަށް ނަގައި ދަސްކުރަނީ އެވެ.
މިހާރު ވެސް ގާރީ ކޯހުގެ ލެވެލް ތިނަކާ ހަމައަށް ކިޔަވައިގެން ހުއްޓަސް އުމުރުން 55 އަހަރުގެ ހަދީޖާ ގަބޫލުކުރާ ގޮތުގައި އަދިވެސް އިތުރަށް ދަސްކުރަންޖެހެ އެވެ. ބަޔަކަށް ފިލާވަޅެއް ނަގައިދޭއިރު، މަހުރަޖާއި ގުރުއާނުގެ ހަމަތަކާއި އަކުރުތަކުގެ ސިފަތައް ފުރިހަމަ އަށް އެނގެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
އެހެންވެ، ކުދިންނަށް ކިޔަވައިދެމުން އޭނާ އަމިއްލަ އަށް ވެސް އަންނަނީ އުނގެނެމުންނެވެ.
ބަނޑިދޫގެ އެކި ގެތަކުގެ ކުދިންނަށް ހިލޭ ސާބަހަށް ހަދީޖާ ގުރުއާން ކިޔަވައިދޭތާ ތިރީހަކަށް އަހަރު ވެދާނެ އެވެ. އޭނާގެ އުމުރު ހުސްކުރަމުން ދަނީ އެ މަސައްކަތުގަ އެވެ. ވަރަށް ޅަ އުމުރުގައި ޕޯލިއޯ ޖެހި، ހިނގާބިނގާވެ އުޅުމުގައި އުނިކަމެއް ހުއްޓަސް ގުރުއާން އިތުރަށް އުނގެނުމާއި އެހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަސައްކަތަކަށް ހުއްޓުމެއް ނަ އެވެ.
ހަދީޖާ ކިޔައިދިން ގޮތުގައި އެހާ ބޮޑަށް އެ މަސައްކަތަށް ލޯބި ޖެހުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި އަސާސީ ތައުލީމު ޕްރޮގްރާމުގެ ތެރެއިންނެވެ.
ހަދީޖާ، އޭނާގެ ގޭގައި ކުދިންނަށް ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭރު ރަށުގައި ތިބި އެންމެން ގެންގޮސް ލިޔަންކިޔަން އެނގޭ މީހުންނާއި ނޭނގޭ މީހުން ހޮވި އެވެ. އެއްވެސް ވަރަކަށް ލިޔަންކިޔަން ނޭނގޭ މީހުންނަށް ކިޔަވައިދޭން ހަވާލުކުރީ އެއްޗެހި ލިޔާށާއި ކިޔަން އެނގޭ މީހުންނާ އެވެ.
އެކަމަކު، އެ ފަހަރު ހަދީޖާ އަށް ޖެހުނީ އޭނާގެ މަންމައަކީ ލިޔަންކިޔަން ނޭނގޭ މީހަކަށް ވާތީ، މަންމަ އަށް ކިޔަވައިދޭށެވެ. އެއީ މިއަދު ހަދީޖާ، ހަދީޖާއަކަށް ވާން މެދުވެރިވި ސަބަބެވެ.
"މަންމަ އިންނަނީ ލިޔަންކިޔަން ނޭނގޭ ބައިގައި. ދެން އަޅުގަނޑުމެން ޖެހުނީ މަންމަަ އަށް ކިޔަވައިދޭން. އެ ހިސާބުން ހިތް ޖެހުނީ، ރޫހު އުފެދުނީ ކިޔަވައިދޭން،" ހަދީޖާ ބުންޏެވެ.
ލޯބިވާ މަންމަ އަށް ކިޔަަވައިދޭން ފެށި ގޮތަށް ހަދީޖާ ފަހަތަކަށް ނުބަލަ އެވެ. ސްކޫލްތަކުގައި ކިޔަވާ ކުދިން ކިޔަވައި ނިންމުމަށް ފަހު، އަންނަން ވާއިރަށް ކައިގެން އޭނާ ފަށަނީ އެ ކުދިންނަށް ގުރުއާން ކިޔަވައިދޭށެވެ. މީހަކާ އިނދެ ދަރިން ލިބި އަދި މާމަ ދަރިން ލިބުނުއިރު ވެސް އޭނާ ކުރާ ކަމަކީ ގުރުއާން ކިޔަވައި ދިނުމެވެ.
މިހާރު ހަދަމުން އަންނަ ހަދީޖާގެ ގޭގެ ފެންޑާގައި މޭޒާއި ގޮނޑި ބަހައްޓައިގެން ކުދިންނަށް ކިޔަވައިދެމުން އަންނައިރު 13 ވަރަކަށް ކުދިން އެ ކުލާހުގައި އެބައުޅެ އެވެ.
ހަދީޖާ ބުނީ، ކިޔަވައިދިނުމަށް ވަކި ގަޑިއެއް ނޯންނަ ކަމަށެވެ. ސްކޫލު ނިންމާފައި އަންނަ ގޮތަށް އެ ކުދިން އަމިއްލަ އަށް ފޫހިވަންދެން ވެސް ހަދީޖާ ވަރުބައްޔެއް ނުވެ އެވެ. ފޫއްސެއް ވެސް ނުވެ އެވެ.
"ފޫހި ނުވާ ކުއްޖެއް ވިއްޔާ ކިތަންމެ އިރަކު ވެސް އިންނާނެ. ދެން [ކުއްޖަކު] ހަމަ ފޫހިވީމާ ހުއްޓާލަނީ."
ހަދީޖާގެ ގާތަށް މިހާރު ކުދިން ދަނީ ފިލި ފޮތުގެ ސޫރަތްތައް ދަސްކުރާށެވެ.
ހަދީޖާ ކުދިންނަށް ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އޭނާ ބުނީ، ގުރުއާން ކިޔަވައިދޭ އިތުރު މީހުން ވެސް މި ރަށުގައި މިހާރު ތިބުމުން، އަކުރާއި ފިލިތައް ދަސްވުމުން، އެ ހިސާބުން ހުއްޓާލާފައި އެހެން މީހުންގެ ގާތަށް ދަަސްކުރަން ދާ ކަމަށެވެ. އެކަމަކު، ކުދިންނަށް ގުރުއާން ދަސްކޮށްދިނުމުގެ ފުރަތަމަ މަރުހާލާގައި އޭނާ އަށް ހުރެވުމުން އެ ލިބޭ ހިތްހަމަޖެހުން ބޮޑެވެ.
އަގެއް ނަގައިގެން ގުރުއާން ކިޔަވައިދޭން ވެސް ބެލެނިވެރިން އެދެ އެވެ. ނަމަވެސް އަގާ ގުޅޭ އެއްވެސް ޝަކުވާއެއް އަޑުއަހަން ހަދީޖާ ބޭނުމެއް ނުވެ އެވެ. ގުރުއާން ކިޔަވައިދިނުމުން ފައިދާ ނެގުމަކީ ކޮށްގެން ވާނެ ކަމެއް ކަމަށް އޭނާ ގަބޫލެއް ނުކުރެ އެވެ.
"ގުރުއާނަކީ އެންމެ މާތް ކަލާމްފުޅު، އެހެންވީމާ އޭގެއިން ފައިދާއެއް ނަގާކަށް އެގޮތަށް ބޭނުމެއް ނޫން. އެކަން އެންމެ ރަނގަޅު ގޮތަށް ގެންދަން ބޭނުންވަނީ، ދައްތަ އަށް އެނގިފައި އޮތް އެއްޗެއް ވިއްޔާ ކިޔައިދޭން،" ހަދީޖާ ބުންޏެވެ.
އޮންލައިންކޮށް ގުރުއާނުގެ ތިން ކޯސް ފުރިހަމަކޮށް، ގާރީ ކޯޯހުގެ ލެވެލް ހަތަރެއްގައި ކިޔަވަން ވެސް ހަދީޖާ ބޭނުންވެ އެވެ. ނަމަވސް ކްލާހަކަށް ހާޒިރުވުމާއި ޓެސްޓުތަކުގައި ބައިވެރިވުމަކީ މި ވަގުތަށް ދަތި ކަމަކަށް ވާތީ އޭނާ ހުރީ ކިޔަވަން ނުފެށިފަ އެވެ.
"ހަތަރެއް [ގުރުއާން ކޯހުގެ] ކިޔަވަން ބޭނުންވެފައި މި ހުރީ، އޮންލައިންކޮށް ހެދިޔަސް ކްލާހަކަށް ހާޒިރުވާން ޖެހޭ، ޓެސްޓް ހަދަން އެބަޖެހޭ ހާޒިރު ވެގެން. އެހެންވެގެން އުނދަގުލީ. ހާޒިރު ވެގެން ކިޔަވާ ހިތްވޭ ވަރަށް. އެއްޗެއް ބޮޑަށް އެނގޭނީ ހާޒިރު ވެގެންތާ."
ގުރުއާން ކިޔަވައި ދީގެން އާމްދަނީއަކަށް ވުރެ އެ ލިބޭ އުފަލާއި ހިތްހަމަޖެހުމުން އޭނާ އަށް ފުދެ އެވެ.
ހަދީޖާ ކުދިންނަށް ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"މީހެއްގެ ކަމެއް ކޮށްލަން ނޫނީ ކިޔަވައިދޭން ލިބެންޏާ ވަރަށް އުފާ ލިބޭ. ދައްތަގެ ނިކަމެތިކަމުން ވެސް ބޭނުންވަނީ މީހަކަށް ކަމެއް ކޮށްލަދެވޭތޯ ބަލަން،" ހަދީޖާ ބުންޏެވެ.
ދުވާލުގެ ގިނަ ވަގުތު ކިޔެވުމާއި ކިޔަވައިދިނުމުގައި ހޭދަކުރުމަށް ފަހު، އެ ލިބޭ ހުސް ވަގުތުތަކުގައި ވެސް ހަދީޖާ އުޅެނީ ކޮންމެވެސް މަސައްކަތެއްގަ އެވެ. ގޭގެ އެއް ފަޅީގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ފަން ވިނުމުގެ މަސައްކަތް އޭނާ ކުރެ އެވެ. މިއީ އޭނާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމެވެ.
ހަދީޖާ އަށް އެނގިފައި އޮތް އެއްޗެއް އެހެން މީހުންނަށް ކިޔައިދިނުމަކީ މިހާރު އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތެވެ. އެ މަސައްކަތުގައި އޭނާ ހުރީ ދެގޮތެއް ނުވެ އެވެ. މަރު ދުވަހާ ހަމައަށް ވެސް އޭނާ ހުރީ ހިލޭސާބަހަށް ކިޔަވައިދިނުމުގެ ވިސްނުމުގަ އެވެ. އަސާސީ ކްލާހުގައި މަންމަ އަށް ކިޔަވައިދޭން ފެށި ފެށުން މިއަދު ވެފައި ވަނީ ހަދީޖާ އެންމެ ކުރާ ހިތްވާ މަސައްކަތަކަށެވެ. އެކަމަކު، ޒަމާން ބަދަލުވިޔަސް އޭނާ ބޭނުންވަނީ ހިލޭސާބަހަށް ކުރާ ކަމެއްގެ ގޮތުގައި ދެކި އެ ގޮތުގައި ދެމިހުންނާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑަކު
10 March 2025
ވަރަށް ރަގަޅު. ދަރުމަހުރި އިންޝާ ﷲ.
ޖަލީލީ
10 March 2025
އާހިރަތް ހޯދުމަށް ދުނިޔެ ވިއްކާލާ މީހުންވެސް މީސްތަކުންގެ ތެރޭގައި އުޅޭ. މަތިވެރި އިލާހުގެ ކަލާމްފުޅު އުނގަނައިދިނުމުގެ އުޖޫރައަށް ވެސް މި ދައްތަ ހަމަ އެ އެދެނީ މަހުލޫގުން ފިޔަވާ އެއިލާހުގެ ހަޟުރަތުން. މި ދައްތަގެ ހެޔޮކަމުގެ މީޒާނަށް ގިނަ ކުރައްވާ ފިރުދައުސްގައި ލައްވާށި. އާމީން