ސަސްޕެންޑްކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު.
07 މާޗް 2025 - 22:25
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރު ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ނިންމައިފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު ސްލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ނިންމީ އިއްޔެ އެވެ.
ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން އިތުރު މައްސަލައެއްގެ ގޮތުގައި ބަލަން ޖޭއެސްސީގެ ފަހުގެ ބައްދަލުވުމުގައި ނިންމީ ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވުމުންނެވެ.
އެހެންވެ، އޮކްޓޫބަރު 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު، އޭނާ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
ހައި ކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ހަނީފްއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަން ފެށީ 2022 ގަ އެވެ. އެކަމަކު، އެ މައްސަލާގައި ކޮމިޝަނުން 2022 އިން ފެށިގެން މިހާތަނަށް ވެސް ވަކި ގޮތެއް ނުނިންމައި އޮތީ "ޕާކް" ކޮށްފަ އެވެ. ނަމަވެސް، މައްސަލަ ބެލި ކޮމިޓީން ވަނީ އެއީ ޖޭއެސްސީން ވަކި ގޮތެއް ނިންމަންޖެހޭ ކަމަށް ފެންނަ މައްސަލައެއް ކަމަށް ބަޔާންކޮށް، ހުށަހަޅައިފަ އެވެ. އެހެންވެ، ޖޭއެސްސީގެ އަޣުލަބިއްޔަތުން ނިންމީ ސުއޫދު ފަނޑިޔާރުކަމުން ވަކިވެވަޑައިގަތަސް އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ ބަލާށެވެ.
އެއާ އެއްކޮޅަށް ވޯޓު ނުދެއްވަނީ އިއްޔެގެ ބައްދަލުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް އިންތިހާބު ކޮށްފައިވާ މުހައްމަދު ނިޔާޒާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޮމިޝަނަށް އިންތިހާބު ކޮށްފައިވާ ފަރުހާދު ރަޝީދެވެ.
ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅި އިރު އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލް އަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށްދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާކުރުމަށް ހައި ކޯޓުގައި އެދުމުން އެކަން ނުކޮށް ލަސްވުމުން، މުއްދަތުގެ ތެރޭގައި އިސްތިއުނާފް ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީން މިހާރު ވެސް ދަނީ މައްސަލައެއް ބަލަމުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި މަހާޒާއި އަޒްމިރަލްދާ ޖޭއެސްސީން ސަސްޕެންޑްކުރީ މިދިޔަ މަހުގެ 26 ގަ އެވެ.
ޖޭއެސްސީގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ޏ) ގެ ދަށުން އެ ބޭފުޅުން ސަސްޕެންޑްކުރީ އޭސީސީން ބަލާ މައްސަލައިގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާ ކޮށްފައިވާތީ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އެކަމަކު، އެ މައްސަލައިގެ ތަފުސީލެއް އަދި ނޭނގެ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން ރައްޔިތުންގެ މަޖިލީހުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްގައި އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރިއިރު އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ވެސް އެ ދުވަހު އޮތީ ތާވަލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙޮނުގުގުރި
08 March 2025
ތި ފަޑިޔާރުން ފެންބޮއެފަ ވައެއްލި މައްސަަލަވެސް ބަލަން ފެނޭ އަދިއެެއީ ފަޑިޔާރުކަމުން ވަކިކުރަންޖެހޭވަރުގެ ކަމަކަށްވެސް ނިންމަންޖެހޭ
ހުއްޓޫބެ
08 March 2025
އެ ތިން ފަޑިޔާރުން ފަރުމަސް ކޭ މައްސަލައެއް އެބަ އުޅޭ. އެވެސް ރަތްމަސް.
ޢަލިކޮއެ/ހުޅުމާލެ
08 March 2025
ޢަޒްމިރާލްދާ ޒިބްރާ ކުރޮހަށް ނާރާ މަގު ހުރަސްކުރުން. މަހާޒު ސިގްނަލް ނުދީ ގޯޅިއެޅުން. ބަނާނާ ރިޕަބްލިކް ތަކުގަ ހުންނާނީ މިހެން. ޢަހަރެމެން އެދޭ ވެރިކަމެއްގައި ރިޒާޖެހޭނެ ޖަވާބުދާރީވާން. ޝާމިލުވެސް. ރާއްޖެ ދުވަހަކުވެސް ހަމަ މަގަށް އެޅޭކަށްނެތް ރައްޔިތުންގެ ލާރިނަގައިގެން މަގާމުގެ ބޭނުން ހިތުހުރި ގޮތަކަށް ހިފާ މީހުންނަށް އަދަބު ނުލިބިއެއް.
އަހުމަދީ
08 March 2025
3 ބާރު ތެރެއަށް 2 ބާރު ވަދެ ތާށިވެފަ. މީކީ 3 ބާރު ވަކިވެފައިވާ ނިޒާމެއްނޫން. ޔައުނީ ސަރުއީ ކޯޓުތަކަށް ބާރުފޯރުވުމުގެ ބާރު ޖޭއެސްއީއަށް ލިބޭތީ އިންސާފުވެރިއެއްނޫން
ކަތްދައްތަ
08 March 2025
2022 ގެ މައްސަލައެއް މަތާރަންފިލާ މައްޗަށްލައި ހިރަފުސް އަރަން ބޭއްވީ ހިސާން ހުސައިން ކަމަށް ދައިތަ މިޖެހި ހިސާބުން މިދައްކަނީ 17 ނޮވެމްބަރު 2023 ގައި މުޢިއްޒު ވެރިކަމަށް އެރިފަހުންވެސް ހައެއްކަމަހު ހިސާނު ޖޭއެސްސީގަ އިން. އަދި ސޫދުވެސް އެދެމެދުން ކޮމިޝަނަށް ހަމަޖެއްސި. ވީމާ ހިސާނު ފޮރުވާފަ މިބޭނުމަށް ބޭއްވި އެއްޗެއް ކަމަށް ނުވިޔަސް އިއްތިފާގަކުން މިއޮތީ އެމައްސަލަ ހިލަންޖެހިފަ.
ލޮލްސް
08 March 2025
މިކަން ދެން މިހާރު ކާޓޫނަކަށް ވެއްޖެ.
ރައުޔު
08 March 2025
ރައްޔިތުންގާތަށް ވޯޓް ހޯދަން އަންނަން ލަދުގަންނަން ޖެހޭނެ
ފަރަންޖީ
08 March 2025
ރައީސް މުޢިއްޒު ދެން ހާދަ ހަޑިކޮށޭ ދޯ މިއުޅެނީ.. މީކީ ރައީސްގެ ފަރާތުން އުންމީދު ކުރިކަމެއް ނޫން. ތިއުޅެނީ ޔާމީނު އުޅުނުގޮތަށް. ޖުޑީޝަރީ އަތްބޭނުން ހުއްޓާލަންޖެހޭ. ތި ކުޅީވަރު ކޮންމެ ސަރުކާރަކުން ކުޅެންވެއްޖެނަމަ ހައެްދެއް ނެތް.
ޢާނދޯ
08 March 2025
ހާދަ ކަޑައޭ
އަނހަ
08 March 2025
ތިމައްސަލަ ޖޭއެސްސީ އަށް ފުރަތަމަވެސް ހުށަހެޅި ހައިކޯޓު ފަނޑިޔާރު ނިޔާޒު. ދެން ނޫންލަމަށް ހެދެން މިހާރު ވޯޓުނުދިނީ؟
ފަޅުމަސް
08 March 2025
ނިޔާޒު ވޯޓު ނުދިނީ އެ މަޖުލީހުގައި ހުރީތީއޭ ކިޔާފައި، އެކަން ނުކުރާ ބަޔަކަށް ފިޔަވަޅު އެޅުމަށް ވޯޓު ނުދޭން ވެގެން..
ރޯގް ސްޓޭޓް އޮްން ސްޓެރޮއިޑް
08 March 2025
2022 ގައި ބަލާ އަދި ޖޭ.އެސް.ސީ އިން ގޮތެއް ނިންމަންޖެހޭ ކަމަށް ކަނޑައަޅާފައިވާ މައްސަލައެއް ޕާރކް ކޮށްލައިގެން އެތައް އަހަރެއްވަންދެން ބާއްވާފަ ކުއްލިއަކަށް "މިކަންތައްގަނޑު" ގެ ތެރޭގައި އެއަށް ދިރުން އައިމަ އޭގެން ދޭހަވަނީ، ޖޭއެސް.ސީ އަކީ ނާޤާބިލު ނުވަތަ އިޚްލާސްތެރިކަމެއްނެތް އިދާރާއެއްކަން. އެހެނީ ތިގޮތަށް ކަންކަން ހޯދާފަ ވަގުތުޖެހުނީމަ ގޮއްވާލަން ނުވަތަ ފިތަށް އޮއްބާލަން ކަންކަން ބެހެއްޓުމަކީ ސިޔާސީ ހަތުރުވެރިން ކުރާކަހަލަ ކަމެއް
ޙިސް
08 March 2025
ކުރީގެ ޖޭއެސްސީ މެންބަރުން މި މައްސަލަތައް ނުބަލާ ބާއްވާފަ އޮތީ، ބޭނުން ޖެހޭ ދުވެހެއް އަތުވެދާނެ ކަަމަށް ބަލާފަ! އޭރު ފަނޑިޔާރުންނާ ސަރުކާރުގެ ހިޔާލު އެއްގޮތްވީމާ ބޭނުމެއް ނުޖެހުނު! މިއަދު މި އޮތީ އެ ދުވަސް އައިސްފަ! ސުލޫކީ ނުވާ ކަމަކަށް ނުވާނެ!
ކުރިން
08 March 2025
އިންސާފު މެކުހައް. ބަތްކައްކާ ކުޅޭ ޖުޑިޝަރީތަކުގެ ޑްރާމާ ސީރީޒްގެ ބައެއްބާ؟ ސަސްޕެންޑް ކުރި މައްސަލައިގަ ބަޔާންނެއްވެސް ދޭނެ މީހަކު ނުވީބާ؟ ސަސްޕެންޑް ކޮށް ނިންމާފަ ސަސްޕެންޑް ކުރި ސަބަބު ހޯދަނީތަ؟