އޭސީސީގެ ރައީސް: ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އޭސީސީއަށް މީހުން ހާޒިރުކޮށް ބަޔާން ނަގަން ވަނީ ފަށާފައި - ފޮޓޯ: މިހާރު
08 މާޗް 2025 - 23:23
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު ކުރެވޭ މައްސަލާގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މީހުން ހާޒިރުކޮށް ބަޔާން ނަގަން ފަށައިފި އެވެ.
އޭސީސީގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭސީސީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލާގައި ސުވާލު ކުރަން ބައެއް މީހުން އެ ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ. އަދި ބައެއް މީހުންގެ ބަޔާނުގައި ސޮއިކުރަން މިރޭ ވެސް ހާޒިރުކޮށްފައިވެ އެވެ.
ހާޒިރުކޮށް ސުވާލުކުރި މީހުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބައެއް ގާޒީން ވެސް ހިމެނެ އެވެ.
އޭސީސީން ބަލަމުންދާ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
އެ ދެ ފަނޑިޔާރުންނަށް ތުހުމަތު ކުރަނީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން، އޭނާ ބަންދުން ދޫކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅައި ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގެ އިތުރުން ޖޭއެސްސީން ގެންދަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ.
އޮކްޓޫބަރު، 2022 ގައި ހަނީފު ހާޒިރުކޮށް ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްވަރަށް އަޒްމިރާލްދާ އާއި މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމީ އެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު، އޭނާ މިދިޔަ ހަފުތާގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުން ކުރިން ވެސް އަމަލުކުރާ އުސޫލުގެ ދަށުން ދެން އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
ސުއޫދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ މިދިޔަ ހަފުތާގައި ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައިވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގު ކުރައްވާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާސިމް
09 March 2025
އޭސީސީ އަކީ ތިކަހަލަ ކޮރަޕްޝަން ހިންގާ މީހުންގެ މައްސްލަ ބަލަން ހުންނަ ތަނެއް. އެމީހުންނަށް އެއްބާރުލުން ދޭންޖެހޭނެ. އަވަހަށް މައްސަލަޔާގެން ކުރިޔަށް.
މަނާލް މޫސާ
09 March 2025
ވަރަށް ރަނގަޅު އޭސީސީ. ތި ހުރިހާ މީހުންގެ މައްސަލަ ބަލާ ފޮޅާ ސާފު ކުރަންވީ އަވަހަށް.
ނަބީލް އަލީ
09 March 2025
ރާއްޖޭގެ ސުޕުރިމް ކޯޓުގައި ތިބި ފަޑިޔާރުންނަށް އަހަރެން އިތުބާރެއް ނުކުރަން. ވަރަށް ވިކޭ ބަޔެއް އެއީ.
އަބުދުލް ޤާދިރު
09 March 2025
ވަކި މީހަކު ބުނީމާ ބުނި ކަމެއް ކުރަން އައްޔަން ކޮށްފައި ތިބޭ ބަޔަކަށް ކުރެވޭނީ ކޮންތަހުޤީގެއް.
ސައިޚް
09 March 2025
ފުރަތަމަ އޭ.ސީ.ސީ. މީހުނގެ ބަޔާން ނަގަންވީ، ކޮރަޕްޓް ބޮޑުތަނެއް.
އަންދަލޫސިޔާ
09 March 2025
ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގެ އިތުރުން ޖޭއެސްސީން ގެންދަނީ އެ ދެ ފަނޑިޔާރުންނާ ގުޅޭ އިތުރު މައްސަލައެއް ވެސް ބަލަމުންނެވެ. އެއީ ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހުގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލަ އެވެ. މަޖާ ބައެއް!
މުސްނިދު
09 March 2025
ފަޑިޔާރުގެ ފޮޅާ ސާފްކުރަން ޖެހޭ. މިހުރީ އެއްމެ މަތީ ކޯޓްގެ ފަޑިޔާރުން ފޯރުވާ ނުފޫޒް
މަފާޒް ސަލީމް
09 March 2025
ކޮންމެ ގޮތެއް ވިޔަސް ޝަކުވާއެއް ކުރެވޭ ނަމަ ޖެހޭނެ އެކަން ބަލަން. އެމީހުންނަށް އޭގެ ޖަވާބު ދާރީވެސް ވާން އެކަމަކު ފުރުސަތު ދޭންވާނެ. އެކަމަކު ކުޑަމީސް ޝަކުވާއެއް ކުރެވޭ އިރު އެމީހުން ޖެހޭނެ ބޭރު ކުރެވެން.
މުހައްމަދު ޔައީޝް
09 March 2025
ކޮރަޕްޓް ފަޑިޔާރުން ބޭރުކުރުމަށް ގޮވާލަން!
ބަޔާން މިއުނިކް
09 March 2025
ރައީސްގެ ބަޔާންތަ؟