އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއް ފުލުހުން ކޮންޓްރޯލް ކުރަނީ.-- ފޮޓޯ: މިހާރު
16 މާޗް 2025 - 20:45
އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ބާއްވާ އެއްވުންތަކުގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯ ބްރޮޑްކާސްޓުކޮށް، ދައުރުކުރަމުން ދާތީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފި އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާނޫނުއަސާސީގައި ކުޑަކުދިންނަކީ އާއިލާގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ކޮންމެ މީހަކަށް ލިބިދީފައި ވިޔަސް، އެ ހައްގު ބޭނުންކުރުމުގައި އެއްވެސް މީހެއްގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ އަބުރު ރައްކާތެރިކުރުމަށް މުހިންމު އުސޫލުތައް ކަނޑައަޅާފައިވާއިރު އަދި ގާނޫނުއަސާސީގައި ކޮންމެ މީހަކަށް ވެސް އެމީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ދީފައިވާ ހިނދު، ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީއަކުން ހިންގި ހަރަކާތެއްގައި ކުޑަކުއްޖެއް ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ވާހަކަދެއްކުން ކުށްވެރިކުރާ ކަމަށެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާއަކުން އެ މަންޒަރާއި އަޑު ދައްކާފައި ވާތީ، ކުޑަކުއްޖަކާ މެދު ހިންގާފައިވާ އެ އަމަލު ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"ކުޑަކުދިންނާ މެދު ހިންގާ މިފަދަ އަމަލުތަކަކީ އޭގެ ސަބަބުން އެ ކުދިންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވެ، ނަފުސާނީ ގޮތުން އެ ކުދިންނަށް ބޮޑެތި ނޭދެވޭ އަސަރުތައް ތަހައްމަލުކުރުވާ ފަދަ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެ މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް މުޖުތަމައު އާއި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އިލްތިމާސްކޮށްފަ އެވެ. އަދި އެމްޑީޕީގެ އެއްވުމުގައި ހިނގި ކަންކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، މި މައްސަލަ ގާތުން ބަލަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.
އެމްޑީޕީގެ އެއްވުންތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކަށް ނިސްބަތްކޮށް ވާހަކަދެއްކި މައްސަލާގައި އެ ޕާޓީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ)ގެ އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން ރައީސްގެ އާއިލާއިން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދަ ފަހަކުން ރެއަކާތިލީ!
17 March 2025
އެންމެން އެކަން ކުށްވެރިކޮށް ބަޔާންނެރެ، މިހާރު ފުލުހަށް ވެސް ޚާޟިރު ކުރަނީ އެވެ. ކަލޭމެންނަށް ތިރެއަކާލީ ހާދަ ފަހަކުންނެވެ!
ކިރުސައި
17 March 2025
މީގެ ކުރީގެ ރައީސުންގެ ވެސް ކުޑަކުދިން ތިބި. ނުކިޔާކަށް އެއްޗެއް ނެތް. މިހާރު މިތިބީ މާ މަތިވެރި މާތް ބަޔަކީތަ ތިވަރު ތިކުރަނީ.
ހަމަ.
17 March 2025
ކަރާމާތް އޮތީ ހަމަ އެންމެ ކުއްޖެެއްގެތަ؟ ތިޔަ ކޮމިޝަން މިދިޔަ 5 އަހަރު އޮތީ ނިދާފައި. ބަޔާނެއް ނުދެކެން
ހައިލަމް
17 March 2025
މި އެއްވުންތަކުގަ އެކަހަލަ ގޮތަށް ބަސް ހުރި މީހުންނަށް ފިޔަވަޅު އަޅަން ވާނެ. ސިޔާސީ އެއްވުންތަކުގެ ތެރެއަށް ކުޑަކުދީންގެ ނަންތައް ނުވައްދާވެސް އުޅެވޭނެ. އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް.
މަރްޔަމް ހަސީނާ
17 March 2025
ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނެ އޭ ބުނާ ބަސް އަޑު އަހަން. އެމްޑީޕީ އަކީ އޭގެ ނަމޫނާ މިސާލެއް. އެއްވުންތައް ބާއްވާއިރު އަނގައިން ނުކުންނަ ބަސްތަކަށް އެއްވެސް ކަހަލަ ވިސްނުމެއް ނުހުރޭ.
ަމަޤޭހިޔާލު
17 March 2025
އެއަށް ވުރެންވެސް ނުލަފާ ބައެއް. މި ބަރަކާތް ތެރި ރޯދަމަހުގެ ހުރުމަތް ކަނޑަމުންދާ ބައެއް އެމީހުންނަކީ. މީ އަޅެފަހެ މުސްލިމުން މި މަހު ކަންކުރަންވީ ގޮތް ތައް؟ މަޑުމޮޅިކަމާއެކު އަޅުކަމުގަ އުޅެންވީ ދުވަސްކޮޅެއް ނޫންތޯ މީ.
ކާމިލް ދީދީ
17 March 2025
މީތަ އެމްޑީޕީ މީހުން ރައްޔިތުންގެ ހައްގުގަ ނުކުމެ ކުރާ ކަންތައްތަކަކީ؟ އަދި މިކަންތައްތަކަށަ އެމްޑީޕީ ބޮޑެތި މީހުން އެއްބާރުލުން ދޭތީ ދެރައީ.
އަހްމަދް ޔާސީން
17 March 2025
އެ ކުދީންގެ ކޮން ކުށެއް އޮވެގެން އެކުދީންގެ ކަރާމާތަށް ހުތުރު ވާގޮތަށް ފާޅުގަ ތި ބަސް ބުނަނީ؟ ތީ ހަމަ އެއްވެސް ކަހަލަ ރީތި އުޅުމެއް ނެތް ބައެއް.
ހަނީފާ
17 March 2025
އެއްވެސް ކަހަލަ ގޮތެއް ފޮތެއް ހުރި ބަޔެއް ނޫން ތި އެމްޑީޕީ މީހުންނަކީ. ނަމަކަށް ސުލްހަވެރި އެއްވުންތަކޭ ކިޔައިގެން އުޅެނީ.
މޫކޭ
17 March 2025
ޕާޓީ ނިޒާމުން ގައުމު ހަލާކުވަނީ
ދުރުމި
17 March 2025
ހެސްހިޔާފަ ބޮޑު މުސާރައެއް ދީފައި މި ބަހައްޓަނީ “ ކުށްވެރި ކޮންފިން” މިހެން ބުނެލަން .