ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު: އޭނާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ވަނީ ފާސްކޮށްފައި - ފޮޓޯ: މިހާރު
19 މާޗް 2025 - 11:53
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދަށް ރައްޔިތުންގެ މަޖިލިހުން މިއަދު ރުހުން ދީފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވާށެވެ. އެހެންވެ، ރައީސް ވަނީ ޝަހީދުގެ ނަން ދިރާސާކުރަން މަޖިލީހަށް ފޮނުއްވި އެވެ.
އެ މައްސަލަ ދިރާސާ އިއްޔެ ޖުޑިޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާގުން ނިންމީ ޝަހީދުގެ ނަން ފާސްކުރުމަށެވެ. ކޮމިޓީގެ އެ ނިންމުމާ މެދު މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އެހުމުން، އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުން އިއްތިފާގުން ފާސްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރަން ރުހުން ދޭން ފެންނަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޑޫ ހިތަދޫ އަށް އުފަން ޝަހީދު އައްޔަން ކުރެއްވުމެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިނާން
19 March 2025
ތިމާ ބޭނުންވާހެން ހުކުމް ކުރުމަށް މިއަދު އިންސާފުވެއްޖެ
ގފދ
19 March 2025
ދެތިން އަހަރުން ކެރިއަރު ނިމޭނެ ބްރޯ.
ކޮލަމާހުއްޓާ
19 March 2025
މީ ތަޖުރިބާކާރު ހުސްނުސޫދު ބޭރުކޮއްފަ ލާންއުޅޭ ފަނޑިޔާރު. ތަޖްރިބާއާއި ޙިލްމަކީ ވަރަށް ބޭނުންތެރިކަންކަންތައް. އެކަންވެސް މިމަޖްލިހަށް ޚާއްސަކޮށް މުއިއްޒުއަށް މުހިންމު ކަމަކަށްނުވި.
ސިލްމާ ޒާހިރު
19 March 2025
ބަލި މީހަކު ފުރާނަޔާ ހަނގުރާމަކުރަމުންދާއިރު އާސަންދަ ހަަމަނުޖެހޭހާ އަވަހަށް މިކަން ނިންމާލައިފި! މިއޮތީވާ ސަރުކާރެއް!
އަލިކޮއެ/ހުޅުމާލެ
19 March 2025
ރާއްޖެއަށް ރަނގަޅަކަށް ހަދާފަހުރި ހުރިހާ ކޮންޓްރޯލެއް ވެރިމީހާ އަތަށް އޮޅާލައިގެން ހިތުހުރިހާ ކަމެއް ކުރެވޭނެކަން ދައްކުވައިދީފި. ރައްޔިތުން ކުޅަކުޅޭ ފަސްގަނޑަށްގޮސް މިކަމަށް ގޮތެއް ކިޔަންވެއްޖެ
ކޮވެލި
19 March 2025
ބަރ ކައުންސިލްވެސް އުވާލާ. އަލުން މިނިސްޓްރީ އޮފް ޖަސްޓިސް އުފައްދާފައި ކުރީގެ ގޮތަށް ގާޒީން ފަނޑިޔާރުން ތަމްރީނު ކުރީމަ އޯކޭވާނެ. ގާނޫނުގެ ވެރިކަން ނުހިނގާ ގައުމަކަށް ބޭނުންވާނީ ޝަހީދުކަހަލަ މީހުން. ޢަލީ ޙަމީދުވެސް ގެނޭ. ހަމަ ބެސްޓްވާނެ
ރަދީފްއޮފިޝަލް / ހަނދަށް ދެވޭނެކަމަށް ނާސާއަށް ލިޔެގެން ހުރީމޭ
19 March 2025
ހާދާ ފާސްޓޭ ދޯ. ކަމެއް ކުރަން އުޅުނީމަ ވާނެކަން މިކަމުން އެބަ ދޭހަވޭ. އިއުލާން ކުރަން 1 ދުވަސް ، ދިރާސާ ކުރަން 15 މިނިޓް ، އިންޓަވިއުއަށް 5 މިނިޓް ، ކޮމިޓީން ނިންމަން 2 މިނިޓް ، ލަފާ އަރުވަން 1 މިނިޓް ، މަޖްލިހުން ރަބަރު ސްޓޭމްޕް ޖަހާލަން 1 މިނިޓް. މިފެންވަރުގަ މިކަހަލަ ކަމެއް އެމެރިކާ މީހުންނަށް ވެސް ކުރެވިދާނެކަމަށް ގަބޫލުނުކުރެވޭ.ނަމަވެސް އެމީހުން ރޭގަ ވެސް ޖައްވުގަ 9 މަސް ދުވަސް ހޭދަކުރި 2 އިންސާނުން ފްލޮރިޑާއަށް ގެނައި.ވ.ވެދުން
އުދުހޭ
19 March 2025
ފަޓާސްބަރިއެއްހެން ކުރިއަށް މިދަނީ. މީކީ އަޅުގަނޑު އުންމީދުކުރިގޮތެއްނޫން. އެންމެންނަށްވެސް ނާނުވާ އެނގޭ.
އަނީސް
19 March 2025
އަޒމިރަލަދާ މެންނަށްވުނެއް މާ ރަނގަޅުވާނެ މި މީހުން
ކަލާމު
19 March 2025
ޝާހިދަކީ ވަރަށް ކުޅަދާނަ ފަނޑިޔާރެއް
ކަލާމާ
19 March 2025
ކޮންތާކުން އަނެއްކާ އައި ޝާހިދެއް؟
މާލުމޭން
19 March 2025
ކުޅަދާނައީ ކޮން ކަމަކަށްކަން އެނގޭނެ އެންމެނަށްވެސް ދޯ
ސުހާނާ
20 March 2025
ކަލާމު. ޝަހީދެއް، ޝާހިދެއް ކަލާމަށް ވަކިކުރާކަށް ނޭނގުނުދޯ؟ އެކަމަކު، އެވަރުންވެސް ކޮމެންޓު ކުރާތި.