ހައި ކޯޓުގެ އިސް ފަނޑިޔާރު ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާ އެކު: އޭނާގެ ނަން ދިރާސާ ކުރަން ކޮމިޓީއަށް ވަނީ ފޮނުވާފައި - ފޮޓޯ: މިހާރު
18 މާޗް 2025 - 11:33
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އައްޔަން ކުރުމާ މެދު ގޮތެއް ނިންމައިދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަން ކޮމިޓީ އަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މައްސަލަ ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖޭއެސްސީން ދެ ބުރަށް އިއުލާން ކުރުމުން ނަން ހުށަހެޅުއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ތިން ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު، ޖޭއެސްސީން ނިންމީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ޝަހީދު އައްޔަންކުރަން ފެންނަ ކަމަށް ރައީސަށް ލަފާއަރުވާށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރުހުން ލިބުމުން ދެން އޮންނާނީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރަކަށް އައްޑޫ ހިތަދު އަށް އުފަން ޝަހީދު އައްޔަން ކުރެއްވުމެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދު އައްޔަންކުރީ ޖުލައި 24، 2018 ގަ އެވެ. އޭނާ އެ ކޯޓުގެ އިސް ފަނޑިޔާރަކަށް އައްޔަންންކުރީ އޮކްޓޫބަރު 26، 2023 ގަ އެވެ. ފަނޑިޔާރު ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރުކަމާއި ފޭދޫ މެޖިސްޓްރޭޓްކަމާއި ކްރިމިނަލް ކޯޓުގެ ގާޒީކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy