ޖޭއެސްސީ މެމްބަރުކަމުގެ ހުވާ، ރައީސް ޑރ. މުއިއްޒުގެ ކުރިފުޅުމަތީގައި ފަނޑިޔާރު ޝަހީދު ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
07 އެޕްރީލް 2025 - 14:45
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފަނޑިޔާރު ޝަހީދު، އެ މަގާމަށް އައްޔަންކުރެއްވީ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އެންމެ ފަހުން ހުންނެވީ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފެށި މައްސަލައަކާ ގުޅިގެން ކަމަށް ބުނެ މިދިޔަ މަހު އޭނާ ސަސްޕެންޑް ކުރުމުން އޭނާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ ވެސް ސުއޫދުގެ އިސްތިއުފާއާ އެކު ގޮނޑިއެއް ހުސްވުމުން މިދިޔަ މަހުގެ 19ގަ އެވެ.
އޭގެ ފަހުން، ފަނޑިޔާރުންގެ މަޖިލީހުން ވަނީ ޖޭއެސްސީ އަށް ޝަހީދު އައްޔަންކުރަން ނިންމައިފަ އެވެ.
އެންމެ މަތީ ކޯޓަށް އައްޔަންކުރެއްވުމުގެ ކުރިން ޝަހީދު ހުންނެވީ ހައި ކޯޓުގެ އިސްފަނޑިޔާރުކަމުގަ އެވެ. އޭގެ ކުރިން ކްރިމިނަލް ކޯޓުގެ ގާޒީކަމާއި އައްޑޫ ފޭދޫ މެޖިސްޓްރޭޓުކަން ވެސް ކުރެއްވި އެވެ.
ޝަހީދު ވަނީ އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާ އިން މާސްޓާސް އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލް ކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ އިތުރުން ހައި ކޯޓާއި ދަށު ކޯޓުތަކުން ވެސް ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮޕީކެޓް
07 April 2025
ކޮފީ އެޅިދާނެބާ