ފުލުހުންގެ މައި އިދާރާ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
20 އެޕްރީލް 2025 - 16:34
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) އާއި އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބައިރު (މަންދީ) ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ އެހެން ހުރިހާ ތަނެއްގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅޭ މައްސަލަ ފުލުހުން ބަލަމުން އަންނައިރު، އެ މައްސަލައިގެ ތަހުގީގަށް މާޒް ސަލީމާއި މަންދީ ފުލުސް އޮފީހަށް ހާޒިރުވާން އަނެއްކާވެސް އަންގައިފަ އެވެ.
މީގެ ކުރިން ވެސް އެ މައްސަލާގައި އެ ދެ މީހުން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ދެވަނަ ފަހަރަށް ހާޒިރުކުރާ ސަބަބެއް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެ ދެ މީހުންގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރު ފޮޓޯ ނެގުމަށާއި އަޑުގެ ސާމްޕަލް ނެގުމަށެވެ.
ފުލުހުން ކޯޓުގައި އެފަދަ އަމުރަކަށް އެދުނީ މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ދެއްކި ކަމަށް ބުނާ ވާހަކަތަކުގެ ވީޑިއޯ ފުލުހުންނަށް ލިބިފައިވާތީ، އެ ވީޑިއޯ އިން ފެންނަނީ އެ ދެ މީހުންކަން ދެނެގަތުމަށް ބުނެފައި ވެ އެވެ.
ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރަންޖެހޭ ގަވާއިދުގައި، ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި އަމަލު ކުރަންޖެހޭ ވަކި ހާއްސަ އުސޫލުތަކެއް އޮވެ އެވެ.
ފުލުހުން މާޒް ސަލީމާއި މަންދީއާ ގުޅޭ މައްސަލާގައި ފަހުން ކޯޓު އަމުރަށް އެދުނުއިރު، "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނެގުން" ކަމަށް ޖަހާފައި ވަނީ ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި ވަކި އުސޫލުތަކެއް "ޖިނާސީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަރުގެ ގަވައިދު" ގައި ހިމަނާފައިވާތީ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ފޮޓޯ ނެގުމުގެ ވާހަކަ ނޯންނާތީ އެ ގޮތަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް ހަށިގަނޑުގައި ފެންނަން ހުންނަ ތަފާތު ނިޝާންތައް މިހެން ލިޔެފައި އޮވޭ. އެއީ ސްޕެސިފިކް ކުރުމުގެ ގޮތުން ކަން ފާހަގަކުރެވޭ،" ޖިނާއީ ތަހުގީގުތަކުގައި އަމަލުކުރަން ޖެހޭ ގޮތުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުން އަމާޒުވެފައި ވާއިރު، ފުލުހުން މިކަމުގައި އެއްޗެއް ރަސްމީކޮށް ނުބުނެ އެވެ.
ޗިޓްގައިވާ ގޮތުން އެ ދެ މީހުން ހާޒިރުކުރަން އަންގާފައިވަނީ އިއްޔެއަށެވެ. ނަމަވެސް، ފުލުހުން ފަހުން ވަނީ އިއްޔެ ހާޒިރުކުރަން ނިންމި ނިންމުން ކެންސަލްކޮށް، ދެން ހާޒިރުވާން ޖެހޭ ދުވަސް ފަހުން އަންގާނެ ކަމަށް ބުނެފަ އެވެ.
އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކާ ގުޅިގެން މަންދީ އާއި މާޒް ސަލީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ މަންދީއާ ދެކޮޅަށް ސިވިލް ކޯޓުގައި އަބުރުގެ ދައުވާކޮށް، ފެމެލީ ކޯޓުގައި ވެސް މަންދީގެ މައްޗަށް ދައުވާކޮށްފަ އެވެ.
ފުލުހުން މާޒް ސަލީމާއި މަންދީއާ ގުޅޭ މައްސަލާގައި ފަހުން ކޯޓު އަމުރަށް އެދުނުއިރު، "ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނެގުން" ކަމަށް ޖަހާފައި ވަނީ ޖިންސީ ގުނަވަން ފޮޓޯ ނެގުމުގައި ވަކި އުސޫލުތަކެއް "ޖިނާސީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަރުގެ ގަވައިދު" ގައި ހިމަނާފައިވާތީ ކަމަށް ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ. ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލްގެ ތެރޭގައި ފޮޓޯ ނެގުމުގެ ވާހަކަ ނޯންނާތީ އެ ގޮތަށް އެދުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސްގެ އާއިލާގެ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ލޯ ފާމުން ކުރިން ބުނެފައިވަނީ ރައީސްގެ ދަރިކަލުން އުމައިރު މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް މަންދީ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، އުމައިރުގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިވެ، އުމައިރުގެ ކިޔެވުމަށާއި މުސްތަގުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށެވެ.
އެ ވާހަކަތަކުގެ ސަބަބުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއިން ކަށަވަރު ކޮށްދީފައިވާ ރައްކާތެރިކަމާއި ކަރާމާތް ގެއްލިފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މަންދީ އާއި މާޒް ސަލީމް އެއްވުމުގައި ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި ވޭޕް މަނާކުރަން ޖެހުނީ ރައީސްގެ ދަރިކަލުން ވޭޕްކުރަން ފެށުމުން ކަމަށް ދޭހަވާ ގޮތަށެވެ. އެކަމަކު، އެ ތުހުމަތުތައް ރައީސް މުއިއްޒުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އަދި އެއީ ދުވަހަކު ވެސް ވޭޕް ބޭނުންކުރި ކުއްޖެއް ނޫން ކަަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާހިމްބެ
20 April 2025
ދެންބުނާނެ ވައްކަންކުރާމީހާ ގަޔައް ދަވާދު އަޅާވާހަކަ ނޫނީ އަނިޔާ ކުރާވާހަކަ. މިފެންވަރައް ކޯޓުތައް ވެއްޓި އަދުލު އިންސާފު ގާއިމުވަންޔާ ރައްޔިތުން ތިބޭނެ ހާލު ވިސްނާ.
ދިއްދޫމީހާ
20 April 2025
ބަޔަކު މީހުން އަނގަބަހުން ދެއްކި ވާހަކައަކަށް މިކަހަލަ ބަހުރުވައަކުން އަމުރެއް ނެރެންޖެހޭތޯ؟ފަނޑިޔާރުގެ ކުރިމަތީގައި ދައުވާ ލިބޭ އަދި ދައުވާ ރައްދުވާ ފަރާތް ވާނީ ހަމަހަމަ ހުކުމް ކުރާނީ ހުށަހަޅާ ހެކި ޤަރީނާއަ މިއީ ޔުނިވާސް ސިޓީއަކަށް ނުދިޔަސް އުސްތާޛް އަދުރޭގެ ދަރުހުންވެސް އެނގޭ ކަންކަން
ސިންގިރެޓު ސސ
20 April 2025
ސިންގިރެޓު އަދި ވޭޕު އަދި މަސްތުވާތަކެތިވިޔަސް، ބެލެނިވެރިންނަށް އާންމުކޮއް އެންގެނީ ވަރަށް ފަހުން.. ކޮންމެވެސް ގޮތަކަށް ބަސްޓުވެގެން.. ބެލެނިވެރިން ދީގެން ނޫންވިއްޔާ ބޯން ފަށަނީ.. ގިނަފަހަރަށް ބެލެނިވެރިން ނުކުނަނާނީ ދުވަހަކުވެސް ކުރިކަމެށް ނޫނޭބުނެ ޑިފެންސަށް ފުރަތަމަ.. މިއީ ވަރަށް ޖެނެރަލްކޮށް ބުނެލިވާހަކަޔެއް..
ނަންގާ ރާޖު
20 April 2025
ފުލުހުން އެދިފައި އޮތީ އޮރިޔާން ނުކޮށް ދެން ހުރި ތަން ތަން ފޮޓޯ ނަގަން؟ މައްސަލައިގެ ބާވަތުން އޮރިޔާ ކުރާ ފުރަތަމަ ފަހަރު ގަދަ
ވަޒަންބެ
20 April 2025
ރއައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ނެރެފައިވާ އަމުރެއް ކަމަށް ފެންނަނީ.
ފަހުދު.
20 April 2025
ސަދޫމް
ދެއުޅި
20 April 2025
މިދެން ހައްދު ފަހަނައަޅާ ދިއުން. އާންމުތަނެއްގަ އެތައްބައެއްގެ ކުރިމަތީގަ ދެއްކިވާހަކައެއް ކާކުކަން ނޭންގިގެން އޮރިޔާންކޮށް ފޮޓޯނަގާ އެ އެނަލިސިސް ކުރާން ކޯޓުން އަމުރެއް ދިނުމަކީ ކޯޓުތަކުގެ ހާލަތު ވަޒަންކުރެވޭ ސާފު ހެއްކެކެވެ. ޖުޑިޝަރީއަތް އަތްބޭނުން ނިންމާލީމާ މިކަހަލަ ނާތަހުޒީބު ކިތައްމެ އަމުރެއް ފެންމަތިވާނެ
ރާވެރިބެ
20 April 2025
އިސްލާމް ދީނުގަ އަންހެނާގެ އައުރަ އަކީ މޫނާ ދެއަތްތިލަ ފިޔަވައި މުޅި ހަށިގަޑު ކަމަށް ބުނާ އަޑުއަހަން.
އަސްލު.......
20 April 2025
މަރިއަމް އެއްބަސްވާނެތަ؟.....
ޖުމްހޫރީޖުމްހޫރީ ދުވަސް ދުވަސް
20 April 2025
ކަލޯގަޔާ... މިއޮތީ ވާ ވެރިކަމެއް..