ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާ ނަމަ މަޖިލިހުގެ ކޮމިޓީގެ ބައްދަލުވުން ހުޅުވާލައިގެން ބާއްވަން ވެސް ބާ ކައުންސިލުން އެދުނު.
ބާ ކައުންސިލްގެ ރައީސް ހުސެއިން ސިރާޖް: ފަނޑިޔާރުންނަށް މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދޭން ބާ ކައުންސިލުން ވަނީ އެދިފައި - ފޮޓޯ: މިހާރު
05 މެއި 2025 - 19:51
ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބާ ކައުންސިލުން އެދިއްޖެ އެވެ.
އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގި ތަހުގީގުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވޭތޯ ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގައި ބާ ކައުންސިލުން މިއަދު ދަންނަވާފައިވާނެ ކަމަށެވެ.
ފަނޑިޔާރުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބިދީ، ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ނިންމާފައިވާ މައްސަލައެއްތޯ އާއި އެ ނިންމުމަށް ވާސިލް ވެފައިވަނީ ބުރަދަން ހުރި ހެކީގެ މައްޗަށްތޯ އަދި ޑިއު ޕްރެސެސް ފުރިހަމަ ކޮށްފައިވޭތޯ ކަށަވަރު ކުރުމަށް ވެސް ބާ ކައުންސިލުން މަޖިލިހުގައި އެދުނެވެ.
މި މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ގޮތެއް ނިންމާއިރު، އަދުލުވެރި ނިންމުމަކަށް ވާސިލްވުމަށްޓަކައި ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށާއި ކަންބޮޑުވުންތައް ހިއްސާ ކުރައްވަން ފުރުސަތު ދެއްވުމަށް ބާ ކައުންސިލުން އެދިފައިވެ އެވެ. އަދި ފަނޑިޔާރުން އިއުތިރާޒު ނުކުރައްވާ ނަމަ އެ ބައްދަލުވުން ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ވެސް އެދިފައިވެ އެވެ.
މީގެއިތުރުން މި މައްސަލައާ ގުޅިގެން ބާ ކައުންސިލްގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ކޮމިޓީއަށް ހާޒިރުވުމުގެ ފުރުސަތަކަށް ވެސް އެ ކައުންސިލުން މަޖިލީހުގައި އެދިފައިވެ އެވެ.
ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވައި ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވަނީ އެދިވަޑައިގެންފަ އެވެ.
އެ ސިޓީގައި އޭނާ ވިދާޅުވީ، ޖޭއެސްސީގެ ނިންމުމަކީ ކަނޑައެޅިގެން ގާނޫނު އެއްފަރާތްކޮށް އަދުލުއިންސާފުގެ އެންމެ އަސާސީ އުސޫލުތަކާ ވެސް ހިލާފަށް ޣައިރު ދުސްތޫރީ އިޖުރާއަތްތަކެއްގެ މައްޗަށް ހިންގާފައިވާ ތަހުގީގަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު މަގާމުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމައި މަޖިލީހަށް ފޮނުވީ އިއްޔެ އެވެ. އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފަހު، ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައި ވާއިރު ކޮމިޓީ މަރުހަލާ ވެސް މިއަދު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފު ރަޝީދު ހުށަހެޅުއްވީ ކޮމިޓީގެ މެންބަރުން ރިޕޯޓް ދިރާސާކުރުމަށް ފަހު، އެއްވެސް ފަރާތެއް ހާޒިރުކުރަން ޖެހޭ ނަމަ އެކަން ކުރުމަށެވެ. އެގޮތަށް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ޖޭއެސްސީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމީ އެ ދެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ކޮމިޝަންގެ މައްސަލަ ބަލާ ކޮމިޓީން ބެލި ސުލޫކީ މައްސަލައިގެ ރިޕޯޓް ބަލައިގަނެ، އެ ރިޕޯޓުގައި ބަޔާންކުރާ ފިޔަވަޅު ފަނޑިޔާރުންގެ މައްޗަށް އެޅުމަށެވެ.
ރިޕޯޓުގައި ކޮމިޓީން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒުއާ ބައިވެރިވެވަޑައިގެން އަަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ބަންދުން ދޫކޮށްލުމަށްޓަކައި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް، ބަންދު މަޖިލިސް ބެލެހެއްޓެވި ގާޒީ އިބްރާހިމް ޒިހުނީ އަށް ނުފޫޒު ފޯރުވިކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި، ފަނޑިޔާރު އަޒްމިރަލްދާ އަދި މަހާޒު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީން ނިންމި އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލިހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިއ
05 May 2025
އިބްރާހީމް އެތާތިބި އެންމެން ވަކިކޮށް ރަށުކޯޓް ތަކުގެ މެޖިސްޓްރޭޓުންގެ ސްލޫކީއޭ ކިޔައިގެން ބިރުވެތިކަމެއްގެ ތެރޭގައި ބައިތިއްބައި އުޅުނުއިރު ތިބޭޅުން ކޮބައިތޯ؟ މީހަމަ ވަކިކުރަންވީބައެއް ނުފޫޒު ހިންގިވަރު އެނގޭ މިމީހުން މިއުޅޭވަރުން.
ޕޫރުބެ
05 May 2025
އެއީ ތެދެއް! ޝިރާޖުމެން ސަޕޯރޓްކުރި މީހުންގެ ދައުރުގަވެސް ސްޕްރީމްކޯޓް އެއްކޮށް ބަދަލުކޮށް، މުޅި ފަނޑިޔާރުގެ ހޫނުފެނުލައި ކައްކައި ބަޔަކު ވަކިކޮށް، ވަކިވާން މަޖުބޫރުކުރިއިރު ހޭވެރިކަމެއް ނެތުނީތޯ؟ މިހާރު އެކުރާ ކަންކަމަކީވެސް ގޯހެއް! މަށެއް ތާއިދެއް ނުކުރަން، އެތަނަށް ހުކުމް ވިއްކައިގެން އައި މަންމަނުން އެތބީ ނޫންތަ؟
ލޯޔަރު ނިއްޓޭ
05 May 2025
ބާރ ކައުންސިލްގެ ސްލޫކީ މައްސަލަ ބަަލަން ކިހާ ވަގުތެއް ނަގާނެބާ.
ދިއްދޫމީހާ
05 May 2025
ސިރާޒޫ ކަލޭމެން މީގެކުރިން ތިޔަކަހަލަ ސިޓީއެ މަޖިލިސްއަ ނުފޮނުވީ ހިޝާން ހުސެއިން ޖޭއެސްސީގެ ރައީސްކަމަށް ހުރީމަތޯ؟މީގެކުރިންވެސް ތިޔަ ބޯ ކައުންސިލްއޮތް އެކަމް ސިޓީއެ ބިޓީއެ ނުފޮނުވާ..0
ހެޔޮނުވާނެ
05 May 2025
މިގައުމަށް ހެޔޮ އިސްލާހެއް ގެންނަން ބޭނުމިއްޔާ ފުރަތަމަ ކަމަކަށް ހުރިހާ ނުލަފާކަމެއް ދަމަހައްޓަން ގެންގުޅޭ "މީގެކުރިންވެސް" އޭ މިކިޔާ ލައިސަންސް ބާޠިލު ކުރަންވީ!
ދިދޫސޭކު
05 May 2025
ހިސާންމެން ޖޭއެސްސީން ހިންގި ތަހްޤީޤުތައް ޓީވީން ދެއްކި. ފަނޑިޔާރުންނަށް ސުވާލުރކުމުގެ ފުރުޞަތު އޮތް. ޖަވާބުވެސް ދިން. އެފޮޓޯތައް ސަރޗްކޮށްލީމަ ފެންނާނެ އަދި މަޖިލީހަށް ޙާޒިރުވުމުގެ ފުރުޞަތުވެސް ދިން.
އިންސާފު ގާއިމްކުރޭ
05 May 2025
އިންސާފަށް ލޯބިކުރާ ފަރާތްތަކުން ފަނޑިޔާރުންނަށް އިންސާފު ހޯދަދޭން އަޑުއުފުލާ ގަދަޔަށް ނިކުންނަންވީ. މިކަން މިނޫންގޮތަކަށް ނުވާނެ. ބޭއިންސާފަކީ އަނިޔާވެރިވުން. އެކަން ހުއްޓުވަން ޖެހޭ.
ސިލްމާ ޒާހިރު
05 May 2025
މިފަދަ ހައްސާސް މައްސަލަތައް ލައިވްކުރަންވާނެ. ރައްޔިތުންނަށް ކަންކަން ސާފުވާންވާނެ!
ދެރަސޮރު
05 May 2025
ޑިއު ޕޮރޮސިސް ދިޔަ ގޮތް ބަލާނެ ކަމެއްނެތް މަޖިލިސް ގެ މެޖޯރިޓީ ކޮމެޓީގެ މެޖޯރިޓީ އޮތް ގޮތަށް ނިންމާލާ, ވާނެގޮތެއް ވާނީ ފަހުނެއްނު
ބޭ-އިންސާފު
05 May 2025
ސްޕުރީމް ކޯޓުގެ ބާރު ޖުޑިޝަރީން ބާރު ކަނޑުވާލައި ސިޔާސީ ބާރު ގަދަވީމާ ހިގާ ޖަރީމާ މިފެންނަނީ! ނިޒާމު ހަރުދަނާވެގެން މެނުވީ ނެތް ރަނގަޅު ކޮޅެއް ފެންނާކަށެއް
އަފްރާސިޔާބު
05 May 2025
ޖުޑީޝަރީގައި ރައީސުލްޖުމްހޫރިއްޔާގެ ބާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އޮންނަހާ ދުވަހަކު އެތަން މިނިވަން ތަނެއްގެ ގޮތުގައި މަސައްކަތެއް ނުކުރާނެ. އެހެންކަމުން ޖޭއެސްސީ ގައި މި ދެބާރު ނުހިމަނައި މެންބަރުން ނެގޭނެގޮތެއް ހޯދުން މުހިންމު. 1. ބާ ކައުންސިލުން ގާނޫނީ ވަކީލަކު.2 ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ވޯޓުން މީހަކު. 3. ދީނީ ޢިލްމުވެރިންގެ ތެރެއިން މީހަކު. 4. ވެރިކަމުގައި އޮތް ޕާޓީން މީހަކު. 5. އިދިކޮޅު މައި ޕާޓީން މީހަކު. މިގޮތް ކިހިނެތްވާނެ.
މަން ނަތު
05 May 2025
އެ ބުނާހެން! ޢެ 2 ތަނުން މީހުން ލައިގެން ހަލުވަން އޮންނަ ބޭކާރު ތަނެއް ދޯ އެއީ؟
ވޯލް
05 May 2025
ހުރިހާ ރައްޔިތުންނަށް ފެންނާނެހެން ޖުޑިޝަލް ކޮމިޓީގެ ބައްދަލުވިންތައް ގެންދަންޖެހޭ މިފަދަ މައްސަލަތަކުގައި، ކުރީގެ ސަރުކާރުގެ މެޖޯރިޓި އޮތްއިރު މަޖިލިސް ކޮމިޓީ ކުރިގޮތައް ކުރުން ލާޒިމެއް ނޫން. ވެރިކަން ބަދަލުކޮށް އެހެން ޕާޓީއަކާ އާ މެމްބަރުން، ހޮވީ ކުރިން ކަންކުރިގޮތް ގޯސްވެގެން. އަބަދުވެސް ކުރިން ކުރީތީކިޔާ ކުރަންވެއްޖެޔާ ދުވަހަކުވެސް މި ޤައުމު ކުރިނާރާނެ. ތިމާ އާ ޕާޓީއަށްވުރެ ގައުމު ބޮޑުވެފަ މިހިންމުވާންވާނެ.