ސްޓެލްކޯ ކަރަންޓު ފޮއްޓަށް ގެއްލުންދީގެން ހައްޔަރުކުރި މީހާ.
25 މެއި 2025 - 10:56
ޗާނދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބުރިކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ތަހުގީގުގެ ބޭނުމަށް 10 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ށ. މިލަންދޫ، ނަސީމީވިލާ، އިސްމާއިލް ސަމީމް، 29 އެވެ.
ފުލުހުން ބުނީ ސަމީމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އިއްޔެ 10 ދުވަސް ދީފައިވާ ކަމަށެވެ.
ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް، ގެއްލުން ދިނުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތް ގެއަކުން ކަރަންޓު ކެނޑުނެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްލާފައި ވަނީ އެމްޑީޕީން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުއްލި އެއްވުމެއް ހަރުގެއިން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ. އެހެންވެ އެއީ އެކަމާ ގުޅުވައިގެން ބަޔަކު ކުރި ކަމެއްގެ ގޮތުގައި ވެސް ތުހުމަތު ކޮށްފައިވެ އެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްގެން ވަގަށް ނެގުމަކީ ވަރަށް އާންމުކޮށް ކުރާ ކަމެކެވެ. މިކަން ކުރަނީ ކޭބަލްގައި ހުންނަ ލޮއެ ވިއްކައިގެން ފައިސާ ހޯދުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ.
25 May 2025
ތީނަޔަށް ސްޓެލްކޯގެ މަސައްކަތްތަކުގައި ކޭބަލް ބުރިކޮއްދެން އަމުރެއްނެރެދީ