ފ. އަތޮޅުގައި ހިންގާ ހަމައެކަަނި ރިސޯޓް ކަމަށްވާ ފިލިތެޔޮ ރިސޯޓްގެ ބޭރުގައި ޑައިވިން ދޯންޏެއް މަޑު ކޮށްލައިގެން --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު
20 މާޗް 2017 - 06:23
ފާއިތުވި ދުވަސްތަކުގައި، ސިޔާސީ މައިދާނުގައި އެންމެ ގިނައިން އިވުނު އަޑަކީ ފ. އަތޮޅު ވިއްކާލަން އުޅޭ ވާހަކައިގެ އަޑެވެ. ސަރުކާރުން އެ ވާހަކަ ދޮގުކުރައްވާ އިރު ވެސް އެ އަޑު މަޑެއްނުވެއެވެ. ސަރުކާރުގެ އެންމެ އިސްފަރާތްތަކުން ފެށިގެން އަޅުގަނޑުމެންނަށް އަބަދުވެސް ހެޔޮ އެދޭ އަޅުގަނޑުމެންގެ ޙައްޤުތަކަށް އިޚްލާޞްތެރިކަމާއި އެކު މަސައްކަތްކުރައްވާ ފަރާތްތަކުގެ ބަސްވިކޭ ބޭފުޅުން ވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ކުޑަކުޑަ ބިންކޮޅެއް ވެސް ބޭރު ބަޔަކަށް ވިއްކާ ނުލާނެ ކަމަށެވެ. އަޅުގަނޑުމެންނަށް އެބޭފުޅުން ދައްކަވާ ވާހަކަ ޤަބޫލު ނުކުރެވެނީ ކީއްވެގެން ބާވައެވެ؟ މާޒީގައި ކަންތައް ހިނގާފައި އޮތްގޮތުން ކަމަށް ވެސް ވެދާނެ އެވެ. ރައީސް މައުމޫނުގެ ދައުރުގައި ބާވައެވެ؟ ރައީސް ނަޝީދުގެ ދައުރުގައި ބާވައެވެ؟ ރައީސް ވަޙީދުގެ ދައުރުގައި ބާވައެވެ؟
ރާއްޖެ އަކީ ބިން މަދު، ބިން ކުޑަ، ޖަޒީރާ ޤައުމަކަށް ވުމާ އެކު ރާއްޖޭގެ ރައްކަލަކަށް، ރައްޔިތުންގެ ރައްކާތެރިކަމަށް، ރާއްޖޭގެ ކިތަންމެ ކުޑަނަމަވެސް ބިންކޮޅެއް ބޭރުގެ ބަޔަކަށް ވިއްކާ ނުލެވޭގޮތަށް ޤާނޫނު ފާސްކުރާ މަޖިލީހުގައި ތިއްބެވި ބޭފުޅުން ވަނީ ޤާނޫނު ފަރުމާ ކުރައްވާފަ އެވެ. ރާއްޖޭގެ ބޮޑުބައެއް ރަނގަޅު އަގެއްގައި ގަނެވޭނެ ބައިވަރު ފުޓްބޯޅަ ތަރިންނާއި، ފިލްމީ ތަރިން ދުނިޔޭގެ ޤައުމުތަކުގައި އެބަ ތިއްބެވެ. ބޮޑެތި ބިޔަ ސައުދާގަރުންގެ އިތުރަށެވެ.
ތަކުރާރުކޮށް ސަރުކާރުން ބުނަމުން ގެންދަނީ ފ. އަތޮޅުން ވެސް އަދި އެހެން ތަނަކުން ވެސް ރާއްޖޭގެ ބިންކޮޅެއްހާ ހިސާބު ވެސް އެކުވެރި މުސްލިމް ޤައުމަކަށް ވެސް، ނުވަތަ އެ ޤައުމުގެ މުއްސަނދި ސައުދާގަރަކަށް ވެސް ނުވިއްކާނެ ކަމުގަ އެވެ. މިހާ ސާފުކޮށް މިކަން ފެންނަން އޮންނަ އިރު ރައްޔިތުން މިހާ ކަންބޮޑުވަނީ ކީއްވެބާވަ އެވެ؟
އަޅުގަނޑަށް ވިސްނޭގޮތުގައި މިކަމާއި، މިހާ ކަންބޮޑުވަނީ ޖީ1އެފް1 ގެ ސިންޑްރޯމްގެ މީހުންނެވެ. ނުވަތަ އެ ރޯގާ ޖެހިފައި ތިބި މީހުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޤައުމިއްޔަތާއި ފ. އަތޮޅުގެ ރޯގާ ޖެހިފައި ތިބި މީހުންނެވެ.
ޖީ1 އެފް1 ރޯގާގެ މީހުންގެ ބަލިމަޑުކަން އެހާ ބޮޑުވަނީ ބޭރު ބަޔަކަށް ބިން ވިއްކުން ޤާނޫނުން މަނާކުރެވިފައި އޮއްވާ، އެކަމަށް މަގުފަހިކުރެވޭ ގޮތަށް ޤާނޫނަށް ބަދަލުގެނެވުނު ބޭނުން ސާފުނުވާތީ އެވެ. ރާއްޖެ އިން ކުޑަނަމަވެސް ބިންކޮޅެއް ބިދޭސީންނަށް ވިއްކަން ބޭނުން ނުވާނަމަ ކުރިން އޮތްގޮތަށް ޤާނޫނަށް ބަދަލެއް ނުގެނެސް ބޭއްވުމުގެ މައްސަލަ އަކީ ކޮބައިބާވަ އެވެ؟ ޖަވާބު ބޭނުންވާ ބައިވަރު ސުވާލެވެ.
ތެދުފުޅެކެވެ. ބިޔަ އިންވެސްޓްމަންޓަށް ދިގު މުއްދަތެއް ބޭނުންވާނެ އެވެ. ކޮންމެހެން ބިން ވިއްކާ ނުލިއަސް ދިގު މުއްދަތެއް ދެވިދާނެ އެވެ. ނުވަދިހަ ނުވަ އަހަރަށް ކުއްޔަށް ދޫކުރެވުނަސް، ފަހުން ހޮންގްކޮންގަށް ދިމާވި ފަދަ މައްސަލަ އާ ކުރިމަތިވާނެ އެވެ. ހޮންގްކޮން އޮތީ އިނގިރޭސިންނަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފަ އެވެ. ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ޑިމޮކްރަސީ ހިނގާ ގޮތަށް ރާއްޖޭގައި އަމަލުކުރަން ނުޖެހޭ ގޮތަށް ބައެއް ކަހަލަ އިޤްތިޞާދީ ނިންމުންތައް ވެސް ދުނިޔޭގެ ބައެއް ޤައުމުތަކުގައި އޮންނަ ގޮތަށް ނިންމާކަށް ނުޖެހެއެވެ. ރާއްޖެ ކުޑަކަމުންނެވެ. ޘަޢީފް ކަމުންނެވެ. ނާޒުކު ކަމުންނެވެ.
ފަންސާހުގެ އަހަރުތަކުގައި އައްޑު އަތޮޅަށް ވީ ގޮތް ހަނދުމަފުޅު އެބަހުރިތޯ އެވެ؟ އޭރު ބޮޑުވަޒީރަކަށް ހުންނެވީ އިބްރާހީމް ފާމްލަދޭރި ކިލެގެފާނެވެ. އެ ކިލެގެފާނު ބޭނުންފުޅުވީ އައްޑު އަތޮޅު ގަން، އިނގިރޭސިންނަށް ސަތޭކަ އަހަރަށް ކުއްޔަށް ދެއްވާށެވެ. އެ މުއްދަތު ދިގު ކަމުން އެ މުއްދަތާ އެންމެ އިދިކޮޅު ހެއްދެވި އެއް ބޭފުޅަކަށް ވީ އޭރު ކިލެގެފާނުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ނުފޫޒު ގަދަ ވަޒީރެއް ކަމަށް ވާ އަޅުގަނޑުމެންގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މަރުޙޫމް އިބްރާހިމް ނާޞިރެވެ. ކިލެގެފާނު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ވެސް އެ މައްސަލައިގަ އެވެ. އާ ބޮޑުވަޒީރަކަށް އިސްވެވަޑައިގަތީ މަރުޙޫމް ނާޞިރެވެ. އައްޑު އަތޮޅުގެ ގަން ކުއްޔަށް ދިނުމުގެ މުއްދަތު 100 އަހަރުން 30 އަހަރަށް ކުޑަ ކުރެއްވި އެވެ. މާޒީގެ ތާރީޚަށް ބަލާލާއިރު ބިދޭސިންނަށް ދިގު މުއްދަތަކަށް ދިވެހި ބިން ކުއްޔަށް ދިނުމުގައި "ސިޔާސީ ލޭ" އޮހެރިފައިވެ އެވެ.
ބިން ވިއްކާލުމުން އެކަމުގައި އުފުލަންޖެހޭ ބުރައެއް ނުވަތަ ދަތިކަމެއް އޮންނަ ކަމަށްވާނަމަ ސީދާ އެކަމުގެ އަސަރު އެންމެ ފުރަތަމަ އެންމެ ބޮޑަށް ކުރާނެ ބަޔަކީ ފ. އަތޮޅުގެ ރައްޔިތުންނެވެ. ފ. އަތޮޅުގެ ރައްޔިތުން ބުނާކަމަށް ނޫސް ރިޕޯޓުތަކުން އަޅުގަނޑުމެންނަށް އެނގެނީ ތަރައްޤީ އަތޮޅަށް އަންނަ ކަމަށް ވާނަމަ އެ މީހުން މަރުޙަބާ ކިޔާނެ ކަމަށެވެ. އެއީ ރަނގަޅު ޚިޔާލެކެވެ. އޭރުން ކުޑަކުޑަ ފ. އަތޮޅު ފ. ސިޓީ އަށް ބަދަލުވުމުގެ ފުރުޞަތު ވެސް އެބައޮތެވެ. ފ. އަތޮޅު ވިއްކާލެވޭ ކަމަށް ނުވަތަ ކުއްޔަށް ދެވޭ ކަމަށް ވާހަކަ ދެކެވެނީ ވެސް މުސްލިމަކަށެވެ. ނުވަތަ މުސްލިމް ޤައުމަކަށެވެ. މުސްލިމުންގެ އެންމެ މުޤައްދިސް ބިން އޮންނަ ޤައުމަށެވެ. ފިލްމީ ތަރި ޓޮމްކުރޫޒަކަށް ނޫނެވެ. ނުވަތަ ފުޓުބޯޅަތަރި ރޮނާލްޑޯ އަކަށް ވެސް ނޫނެވެ. އެފަދަ ތަރިއަކަށް ވިއްކިއްޖެއްޔާ ވެރި ފަރާތަކީ ކާކުކަން ނޭނގޭ ހިސާބަށް ވެސް ހިނގައިދާނެ އެވެ. އެއީ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި އޭޖަންޓަށް ވެސް ރަށް ދީފާނެތީވެ އެވެ.
ފ. އަތޮޅުގައި އޮތް މަދު ފަޅުރަށްތަކުގެ ތެރެއިން ރަށެއް. --ފޮޓޯ އަހްމަދު އަބްދުﷲ ސައީދު/މިހާރު
ފ. އަތޮޅު ގަންނަން ނުވަތަ ކުއްޔަށް ހިފަން އުޅޭ ކަމަށް ބުނާ ޤައުމަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ. އަޅުގަނޑުމެންގެ ބަޖެޓް ތާށިވުމުން އެ ކަމަށް ވެސް އެހީވެ އެވެ. އެއަރޕޯޓު ތަރައްޤީ ކުރުމަށް ވެސް އެހީވެ އެވެ. ބޮޑެތި މިސްކިތްތައް އަޅައިދިނުމަށް ވެސް އެހީވެ އެވެ. އުނގަންނައިދޭ ބައެއް ތަންތަން އިމާރާތްކުރުމަށް ވެސް އެހީވެ އެވެ. އަޅުގަނޑުމެންގެ ޤައުމުގައި ކިޔަވައިދޭނެ މުދައްރިސުން ހޯދައިދިނުމަށް ވެސް އެހީވެ އެވެ. ރަމަޟާން މަހުގައި ރައްޔިތުންނަށް ބެހުމަށް ކަދުރު ވެސް ފޮނުވަ އެވެ. ވަޢުޘު ބުނުމަށް ޢިލްމްވެރިން ވެސް ފޮނުވަ އެވެ. އިމާމްވެ ތަރާވީޙް ނަމާދު ކުރުމަށް ޙާފިޒުން ވެސް ފޮނުވަ އެވެ. ޙައްޖު ކޯޓާ އިތުރުކުރުމަށް އެދުމާއި އެކު އެކަން ވެސް ހަމަޖެހެ އެވެ. މުޤައްދަސް ބިމުގައި އޮންނަ އިސްލާމީ ވިސްނުން ރާއްޖޭގައި އަށަގެންނެވުމަށް ވެސް ތަފާތު މަސައްކަތްތައް ވެސް ކުރެވެ އެވެ.
އިރާދަކުރެއްވިއްޔާ ސްކޫލުތަކުގައި ޢަރަބި މީޑިއަމުން ކިޔަވައިދޭން ފެށުމާ އެކު އެކަން ވަރަށް ކާމިޔާބުވާނެ އެވެ. އެކަމަކު އެ ޤައުމުގެ މަސްއޫލުފަރާތަކުން ވިދާޅުވީ ރަށެއް ގަތުމަށް ވެސް ނުވަތަ ކުއްޔަށް ހިފުމަށް ވެސް އެ ޤައުމުގެ އެއްވެސް ޝަޢުޤެއް ނެތް ކަމުގަ އެވެ. ޤަބޫލުކޮށްފީމެވެ. ފަހަރެއްގައި ފ. އަތޮޅުގެ ހުވަފެނީ ތަރައްޤީގެ މުގުލުގައި ހުންނެވީ އަޅުގަނޑުމެންނަށް އެހީތެރިވެދެއްވާ ޤައުމުގެ މުހިއްމު، މާތް ސައުދާގަރަކަށް ވެސް ވެދާނެ އެވެ.
ފ. އަތޮޅު ތަރައްޤީކުރަން އުޅޭ ކަމަށް ވާހަކަ ދެކެވޭ ޤައުމަކީ ވެސް އަޅުގަނޑުމެން ކަހަލަ ޑެމޮކްރަސީއެއް އޮންނަ ޤައުމެކެވެ. ކަންކަން ނިންމަނީ ޝުޢަރާ މަޖިލީހުންނެވެ. އަޅުގަނޑުމެން ވެސް ކަންކަން ނިންމަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މިކަމުގައި އަޅުގަނޑުމެން ކޮށިއަރަންވީ މައްސަލައެއް އަޅުގަނޑަކަށް ނުފެނެ އެވެ. އެކަމަކު ސާފު ނުވާ އެއްޗެއް އެބައޮތެވެ. ފ. އަތޮޅޭ ކިޔައިގެން ލިޔާމީހުން (އަޅުގަނޑު ކަހަލަ) ހިތަށް އެރި އެއްޗެއް ހިތަށް އެރި ގޮތަކަށް ލިޔަމުން ގެންދާއިރު ސަރުކާރުން މިކަމުގެ ޙަޤީޤަތް ހާމަ ނުކަރަނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންނަކީ ފުރިހަމަ ޤާނޫނުއަސާސީއެއް ފައްކާ ކަމާއެކު ތަރުޖަމާ ކުރެވިގެން ކުރިއަށްދާ ފައްކާ ޑެމޮކްރަސީ އެކެވެ. ޙަޤީޤަތް ހާމަކުރަން ޖެހިލުން ވަނީ ކީއްވެތޯ އެވެ؟ ރައްޔިތުންނަށް ވާނުވާ ގޮތް އެނގެން ބޭނުންވެ އެވެ. ރައްޔިތުންނާ ސީދާ ގުޅޭ ކަމެއްގައި އިޤްތިޞާދީ ސިއްރެއް، އެހެން ސިއްރެއް ނުއޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
20 March 2017
އިގިރޭސީންނަށް ބިން މިލްކުކޮށްދީފައެއްނޫން އޮތީކީ. އެވަރުންވެސް އައްޑު އިން އެވެރިން ބާލަން ޖެހުނީ ގަދަކަމުން ކަހަަގޮތަކަށް. ބަލަގަ ކިހިނެތްތަ 2 ލައްކަ، ތިން ލައްކަ ދީފަ ބިންގަންނާނީ ނިކަމެތިން. ކޮންމެ ތަނެއްގަވެސް މުއްސަދިންނަށް ނުވަތަ ކަރަޕްޓް މީހުންނަށް ގަނެވިދާނެ. ނަގާ ޓެކްސްތައް ގިނަކަމުން މިއުޅެނީ އަތާއަގަޔާ ދިމާނުވެގެންު. ކުރިންވެސް މައުމޫނު ދައުރުގަ އާއި ނަޝީދު ދައުރުގަ ދިވެހިރައްޔިތުންނަށް ހިލޭދޫކުރިގޮތަށް ރަށްރަށުން ހިލޭދޫކުރަންވީނު. ކޮންމެހެން ބިދާސީންނަށް ނުވިއްކިއެއްކަމަކު. މާލޭގަ ކޮޓަރިގަޑެއްގަ ދަރީންނާއި އެކު އުޅެންޖެހޭތީ ވަރަށް ބޯގޮވާ. މިނޫން ދުވަހެއް ފެންނާނެބާ.
ކާފަ
20 March 2017
ފާފުގެ ވާހަކަ ދެން ނުދައްކާ އެކަން ނިމިއްޖެ ފާފު ވިއްކާތީ ދެން އުޅޭކަށް ނުޖެހޭނެ އެތާ އިންވެސްޓް ކުރަން އުޅުނު މީހުންނާދިމާލަށް މިގައުމުގެ ރައްޔިތުން ގޮވި ކުނިހުތުރު އެމީހުންގެ ކަންފަތް ތަކުން އަހައިފި އެވެރިން ދެކިގެންތިބީ ދިވެހިންނަނީ ހިތްހެޔޮ އެކުވެރި މާތް އަހުލާގެއްގެވެރި ﷲ އަށް ބިރުވެތިވާ ބައެއްކަމަށް އެކަން އެއީ ކުންހީއެއްކަން އެވެރިންނަށް އެނގިއްޖެ . ދިވެހިންގެ މިނިވަންކަންމަތީ ދިވެހިން ތިބެން އެވެރިން ދޫކޮށްލައިފި އެކަމަކު ބުނެލަން ބޭނުން ވާހަކައަކީ . މެލޭޝިއާ އާއި އިންޑަނޭޝިޔާ އާއި އަދި އެމެރިކާ ޖަޕާން ފަދަ ގައުމުތަކުގައި އެވެރިން މަލްޓިބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަށް ކުރިއަށް އެގެންދަނީ އެމީހުން ދާއިމީ ގޮތެއްގައި އެތަންތަނުން ބިން މިލްކްކޮށްގެންނޭ..
އަޚު
20 March 2017
ބައްލަވާ ތިވިދާޅުވާ މަލްޓިމިލިއަން ޑޮލަރުގެ އިންވެސްޓްމަންޓިން އެޤައުމުތަކުގެ ވެރިންގެ ޖީބައްވައިން ބައިގެވާހަކަ ތިބޭފުޅާއަށް ނޭނގޭކަމަށް ޔަގީންކުރެވިއްޖެއެވެ.
އެމް.އެމް.ޖީ އިބޫ
20 March 2017
މިޤައުމަކު ނެތެއްނު މައްސަލައެއް؟ ހުރިހާ ބާރެއް ރައީސް މުށުގަ...ހުރިހާކަމެއްދަނީ ބަރާބަރަށް...ރައީސް ނަޝީދުގެ ހުކުން ހިންގާލި ސްޕީޑްގަ ހުރިހާ ކަމެއް މިއޮއް ހިނގަނީ....ކަމެއް ދިމާވާއިރަކު މިނިސްޓރެއް މިސްޓްރީއެއް ނުހުރޭ....ޝުކުރިއްޔާ
ބަދަވި
20 March 2017
އައްޑޫ ގަން އެބަޖެހޭ އަނެއްކާވެސް ބޭރުގެ އަސްކަރީ މަރުކަޒަކަށް ބަަދަލުކުރަން. މިހާރު ތަރައްގީ ހުރިގޮތުން މީގެ 50 އަހަރު ފަހުން ބަލާއިރު އައްޑުއަށް ތަރައްގީގެ މަގުގައި ލިބިފައި އޮންނާނީ 50 ބަށިކޯޓާއި 50 ފުޓްސެލް ދަނޑު.
ތަރައްގީ
20 March 2017
މީގަ އެބައުޅެ ޔާމިން މިކަން ކުރާތި ހަސަދަ ވެރިވާމީހުން ވަރައްގިނައިން ކޮމެންޓު ކުރޭ މިމީހުންނައް ހެޔޮވިސްނުން ދެއްވާންދޭ.
Rafaa
20 March 2017
ތިބޭފުޅާއަށް ހެޔޮވިސްނުން ދެއްވާށި... އާމީން
މިލިޓަރީ
20 March 2017
ނަޝީދު ކުރަންއުޅުންނަމަ މިރިޕޯޓައް ޑިސްލައިކް ދޭކުދިން ވަރައް ތާއީދުކުރާނެ މީމަސްސަލައަކީ ގިނަ ދިވެހިން ބޭނުމީ ފާފު އަތުޅު ތަރައްގީވާން ﷲއިރާދަ ކުރެއްވީޔާ މިކަންވާނެ.
ސޮކްތެރެޕީ
20 March 2017
އަހަރެން ބޭނުމީ ފާފު އަތޮޅު ތަރައްގީވާން މިކަމައް ހުރަސް އަޅާ މީހުން ބޭނުމެއް ނުވާނެ މިރާއްޖެ ތަރައްގީ ކުރަން.
އާމިނަތު
20 March 2017
އަސްލު މުޅިގައުމު އެމީހުންނަށް ދީފަ ސައުދީން އަހަރުމެން ވަޒަންވެރިވާން ތަންކޮޅެއް ހޯދާނީ. މިހާރު މިޖިރަ ގޮތުންމިވިސްނުން މާ ތަގަޅުހެން ހީވެ
ސޫދު
20 March 2017
މިސާލަކަށް އަހަރެން ބޭނުންވީޔޯ ސައުދިއެރެބިޔާގެ ބިމުން ތަންކޮލެއްގަންނަން. ތެޔޮނަގަން. ޥިއްކާނެބާ؟
ހޯލި
20 March 2017
އިކްއިޒަޝަން ކޮސްޓްގެ ގޮތުގައި އެންމެ ތިން ބިލިޔަން ޑޮަލަރު ދައުލަތައް ލިބުމުން މާކުޑައެވެ. އަސްލު އަގު މާލިއްޔަތައް ވަންނަ ގޮތަށް ނަމަ ރަގަޅެއެވެ. އޭރުން ރާއްޖޭގެ ޗާޓޫން ފާފު ފުހެލިޔަސް އަހަރެމެންނަށް އުފާވެރިކަންމަތީ ދެމިތިބެވޭނެެއެވެ.